
މި ޙަޤީޤަތް ދުނިޔެއަށް ، ޚާއްޞަކޮށް ހުޅަނގަށް ޙަޖަމް ކުރެވިދާނެބާވައެވެ ؟ ނުވަތަ ، ޗައިނާއިން ބިންގާއަޅާ ، ދުނިޔޭގެ މާލީ ނިޒާމަށް ތަބާވެ ބާކީވެގެންދާނީ ބާވައެވެ ؟ ޗައިނާއިން ބަދަލުކޮށްލާ ދުނިޔޭގެ މާލީނިޒާމްގެ ޤާނޫނުތަކަށް ތަބާނުވެ ، ހުޅަނގުން ވާންނާނީ ކޮންތާކަށް ބާވައެވެ ؟ މުސްތަޤްބަލްގައި ޗައިނާއިން ބިނާކުރާ ޑިޖިޓަލް ޔުއާންގެ ނިޒާމަށް ދުނިޔެ ހޭލުންތެރިވާން އެބަޖެހެއެވެ. އެހެނީ ، ޑިޖިޓަލް ޔުއާންގެ ދައުރަކީ ، މުސްތަޤްބަލްގައި ދުނިޔޭގެ މާލީނިޒާމް އެއްކޮށް ބަދަލުކޮށްލާނެ ވަރުގަދަ ނިޒާމެކެވެ.
ދުނިޔޭގެ މާލީނިޒާމަށް އަންނަމުންދާ މިބަދަލު ، މިހާރު އެއަންނަނީ ފެނި ޙަޤީޤަތަކަށް ވަމުންނެވެ. ޗައިނާގެ ޕީޕަލްސް ބޭންކުން ، ދާދި މިދާކަށްދުވަހު އެވަނީ ، ދުނިޔޭގެ އެހެން ޤައުމުތަކުން ، ޑިޖިޓަލް ޔުއާނުން ޗައިނާއާއެކީ ވިޔަފާރި ކުރުމުގެ ފުރުޞަތު ހުޅުވައިލާފައެވެ. ޗައިނާގެ ޕީޕަލްސް ބޭންކްގެ މި ވަރުގަދަ އިސްނެގުމަކީ ، ހަމައެކަނި ޓެކްނޮލޮޖީގެ އުފެއްދުމެއް އެކަންޏެއްނޫނެވެ. މިއީ ، ދުނިޔޭގެ މާލީ ބާޒާރުތަކަށް ގުޑުން އަރައި ، ޔުއާންގެ ބާރު މުޅިދުނިޔެއަށް ހިންގިދާނެ ވަރުގަދަ ފިޔަވަޅެކެވެ. އެމެރިކާ ޑޮލަރުގެ މައްޗަށް ޔުއާން ގަދަވެ ، ވިޔަފާރީގެ މުޢާމަލާތުތަކުގެ މިނިވަންކަން ޗައިނާގެ އަތްމައްޗަށް ދޫވެގެންދާނެ ކަމެކެވެ.
ބައިނަލްއަޤްވާމީ ވިޔަފާރީގެ މުޢާމަލާތުތައް ސްވިފްޓް މެދުވެރިކޮށް ހިންގާތާ ބައިޤަރުނެއްހާ ދުވަސް ވެއްޖެއެވެ. ސްވިފްޓް އުފެދުނީ 1973 ގައެވެ. ސްވިފްޓްގެ މާލީ ނިޒާމަށް ޢަމަލުކުރަން ފެށުނީ 1977 ގައެވެ. އެމެރިކާ ޑޮލަރުން އެކަނި މުޢާމަލާތު ކުރެވޭ ސްވިފްޓްގެ ނިޒާމުގައި ، އެއްޤައުމުން އަނެއްޤައުމަށް ، ފައިސާ ފޮނުވަން ތިނެއް ނުވަތަ ފަސްދުވަސް ވެއެވެ. މި މުޢާމަލާތުގައި ގިނަބޭންކްތަކެއް މެދުވެރި ކުރެވެއެވެ. ފައިސާފޮނުވަން ބޮޑުފީއެއް ނަގައެވެ.
ޗައިނާގެ ޔުއާން ނުވަތަ އާރއެމްބީ އަކީ ބްލޮކްޗެއިން ޓެކްނޮލޮޖީގެ ތެރެއިން ހިންގޭ މުޢާމަލާތެކެވެ. މިނިޒާމަކީ ، ސްވިފްޓްގެ ނިޒާމް ނިމުމަކަށް ގެންނާނެ މާލީ ނިޒާމެކެވެ. ސްވިފްޓުން ނަގާ ތިނެއް ނުވަތަ ފަސްދުވަހުގެ ބަދަލުގައި އެންމެ ހަތް ސިކުންތުން ފައިސާ ޓްރާންސްފަރ ކޮށްލައެވެ. އަދި ސްވިފްޓުން ނަގާ ފީގެ 98 އިންސައްތަ ކުޑަކޮށްލައެވެ. އަލަށް އުފަންވާ މާރކެޓްތަކަށް ބޭނުންވާ ފަސޭހަކަމާއި އަވަސްމިނަށް ނިސްބަތްކުރާއިރު ، މިއީ ރަނުގެ ފުރުޞަތެކެވެ. ޗައިނާގެ ޑިޖިޓަލް ޔުއާން އަށް ބައިނަލްއަޤްވާމީ ފައިސާގެ ޓްރާންސްފަރ ތައް ބަދަލުކުރުމަށް ހިތްކިޔާނެ ޓެކްނޮލޮޖީގެ އުފެއްދުމެކެވެ. ޚަރަދުކުޑަ އަވަސް މިނިޒާމަށް ، ދުނިޔޭގެ ވިޔަފާރީގެ މުހިންމު ބައިވެރިން ، އަނބުރައިލާނެ ފުރުޞަތެކެވެ.
ވަގުތުން ޓްރާންސްފަރ ކޮށްލަދޭ ޑިޖިޓަލް ޔުއާންގެ ، ވިޔަފާރީގެ ފުރަތަމަ މުޢާމަލާތުތައް ބޭއްވުނީ ހޮންގކޮންގއާ އަބޫދާބީއާ ދެމެދުގައެވެ. އެ މުޢާމަލާތުތަކަކީ ، ވަރަށް ކާމިޔާބު ފަސޭހަ އަދި އަވަސް ، ވިޔަފާރީގެ ޙަރަކާތެއްކަން ދުނިޔެއަށްވަނީ ދައްކައިދީފައެވެ. ސްވިފްޓް ދޫކޮށްލައި ، އެތައްބޭންކެއް މެދުވެރިނުކޮށް ހިންގޭގޮތަށް ޗައިނާއިން ތަޢާރުފްކުރި މިނިޒާމްގެ ވިއުގަ ޗައިނާއިން އެވަނީ ކާމިޔާބުކަމާއެކީ ހިންގަން ފަށާފައެވެ. ސްވިފްޓް މެދުވެރިކޮށް ، އެމެރިކާ ޑޮލަރުން ހިންގޭ މާލީނިޒާމަށްވުރެ ވަރުގަދަ ނިޒާމެއް ތަޢާރުފްކޮށް ، ޗައިނާއިން އެވަނީ ، ދުނިޔޭގެ މާލީބާޒާރަށް އާ ދިރުމެއް ގެނެސްދީފައެވެ.
ޗައިނާއިން ތަޢާރުފްކުރި މިނިޒާމަކީ ، ހަމައެކަނި އަވްސްވެފައި ފަސޭހަ ވިއުގައެއް އެކަންޏެއްނޫނެވެ. އެތައް ޒަމާނެއްވަންދެން އެމެރިކާއިން ، އެކި ޤައުމުތަކަށް އަޅަމުންގެންދިޔަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އައްޑަނަޔަކަށް ސްވިފްޓް އޮތީ ހަދާފައެވެ. ދުނިޔޭގެ މާލީ ނިޒާމް ކޮންޓްރޯލްކޮށް ، އެމެރިކާ ޑޮލަރުގެ ބާރު ދުނިޔެއަށް ހިންގާ ހަތިޔާރަކަށް ގަދާފައި އޮތްއޮތުމަށްވެސް ނިމުމެއް އައީއެވެ. މިއީ ހުޅަނގަށް ޙަޖަމް ކުރެވޭނެކަމެއްނޫނެވެ. ޗައިނާއާ ހުރެ އެމެރިކާއަށް ނޭވާނުލެވިގެން އެއުޅެވެނީ މިފަދަ ކަންކަމާ ގުޅިގެންނެވެ. ޗައިނާގެ މި އުފެއްދުމަކީ ، އެމެރިކާގެ ވެރިންގެ ގަޔަށް ހިނިއަރައިގެން މަޑުން ތިބެވޭވަރަށްވުރެ ، އެމެރިކާއަށް ގެއްލުންބޮޑު އެއްޗެކެވެ. އެންމެބޮޑު އެއްމައްސަލަޔަކީ ، މާލީގޮތުންނާއި ސިޔާސީގޮތުން ، ދުނިޔެ ކޮންޓްރޯލްކުރުމަށް އެމެރިކާއިން ހިންގަމުންގެންދާ ޙަރަކާތްތަކަށް ، ހުރަސް އެޅުމެވެ.
އެމެރިކާގެ ނުފޫޒާއި ބާރު ހިންގައި ، މާލީދަތިތައް ފޯރާފައިވާ އީރާނާއި ރަޝިއާފަދަ ޤައުމުތަކަށް ، އެމެރިކާއަށް ނޭނގި ފައިސާގެ މުޢާމަލާތު ކުރުމަށް ޗައިނާއިން މިހޯދައިދިނީ ރަނުގެ ފުރުޞަތެކެވެ. ޑިޖިޓަލް އާރއެމްބީން ހޯދައިދިން މިފުރުޞަތުގެ ނަފާއާއި ފައިދާ އާސިއާންގެ ހަޤައުމަކުން މިހާރުވެސް ބޭނުންކުރަން ފަށައިފިއެވެ. މެލޭޝިއާއާއި ސިންގަޕޫރުގެ ބޭރުފައިސާ މާރުކުރާ ޖަމާގައި މިހާރުވެސް ވަނީ ، އާރއެމްބީ ހިމަނާފައެވެ. ތައިލޭންޑުންވަނީ ، އެޤައުމުގެ ފުރަތަމަ ، ތެލުގެ ޝިޕްމަންޓްގެ އަގު ، ޔުއާން ބޭނުންކޮށްގެން ޓްރާންސްފަރ ކޮށް ނިންމާފައެވެ.
ޑޮލަރުގެ މައްޗަށް ޔުއާންގަދަވެގެންފިކަމުގެ ޢަލާމާތްތައް ފެންނަމުން އެދަނީއެވެ. އާސިއާންގެ ޤައުމުތަކުން 2024 ވަނައަހަރު އާރއެމްބީން ހިންގި ފައިސާގެ މުޢާމަލާތުތައް ، ގާތްގަނޑަކަށް ނުވަ ޓްރިލިއަން ޔުއާނަށް އަރައެވެ. މިއީ 2021 ވަނައަހަރު އާސިއާންގެ ޤައުމުތަކުގެ މެދުގައި ޔުއާނުން ހިންގި ފައިސާގެ މުޢާމަލާތުގެ 120 އިންސައްތަ އިތުރު މިންވަރެކެވެ. ޗައިނާއިން އެ ޤައުމުގެ ޑިޖިޓަލް ޕޭމެންޓް ނެޓްވޯރކް ވަރުގަދަކުރަމުންދާއިރު ، އެމެރިކާ ޑޮލަރުގެ ދައުރު އެދަނީ ހަނިވަމުންނެވެ. އަދި އެއީ ޑޮލަރުން މުޢާމަލާތުކުރާ ޤައުމުތަކަށް ކުރިމަތިވި ގޮންޖެހުމެކެވެ.
ފައިސާ ފޮނުވުމަށްވުރެ ބޮޑު ފައިދާއެއް ، ޑިޖިޓަލް ޔުއާންއިން ޗައިނާއަށް ހޯދައިދެއެވެ. އެއީ ޗައިނާގެ އިޤްތިޞާދު ދުނިޔެއަށް ފުޅާކުރުމުގެ ހަރުދަނާ ފިޔަވަޅުތަކުން އެއް ފިޔަވަޅެކެވެ. ޗައިނާގެ " ބެލްޓް އެންޑް ރޯޑް " މިހާރުވަނީ ، ދުނިޔޭގެ 140 ޤައުމަކަށް ތަޢާރުފް ކޮށްފައެވެ. މިހާރު އެވަނީ ، " ޑިޖިޓަލް ސިލްކް ރޯޑް " އަށް މިޞްރާބު ޖަހަމުންނެވެ. މިހާރު ، ދުނިޔެ ތަޖުރިބާ ކުރަމުންގެންދާ ފައިސާގެ މުޢަމަލާތުގެ ފަސޭހަކަން ، 400 އިންސައްތަޔަށް ، ޗައިނާއިން އެވަނީ ކުޑަކޮށްދީފައެވެ. އެހެންކަމުން ، ދުނިޔޭގެ މާލީ ބޮޑެތި ވިއުގަތަކުން ، އެމެރިކާ ޑޮލަރު ދޫކޮށް ، ޑިޖިޓަލް އާރއެމްބީއާ ދިމާލަށް މިޞްރާބު ނުޖަހާ ވާނެ އެއްވެސްގޮތެއް ނޯންނާނެއެވެ.
ޗައިނާގެ ޑިޖިޓަލް ޔުއާންގެ ނުފޫޒާއި ވިޔަފާރީގެ ފަސޭހަ މުޢާމަލާތަކީ ، ދުނިޔޭގެ އިޤްތިޞާދީ ބާރުތަކަށް ލޮޅުން އަރައިގެންދާނެ ނިޒާމެކެވެ. ޔޫރަޕްގެ ކާރު އުފައްދާ ކާރުޚާނާތަކުން ، މިހާރުވެސް އާރއެމްބީ ބޭނުންކޮށް ، އާރކްޓިކް މަގުން ކާރު އެކްސްޕޯޓްކޮށް ، ފްރައިޓް ކޯސްޓް ކުޑަކޮށްގެން ، ޑިޖިޓަލް އާރއެމްބީގެ މިނިޒާމުގެ ފައިދާ ނަގަމުން އެބަގެންދެއެވެ. މެދުއިރުމަތީގެ ހަކަތައިގެ ވިޔަފާރީގެ 75 އިންސައްތަ ، މުޢާމަލާތު މިހާރު ހިންގަނީ ޑިޖިޓަލް އާރއެމްބީ ބޭނުންކޮށްގެންނެވެ. މިކަން މިމަގުން ހިނގަމުންދާނަމަ ، އެމެރިކާ ޑޮލަރު ދުނިޔެއިން ނެތިގޮސް ، ޑިޖިޓަލް ޔުއާންގެ ބާރު މުޅިދުނިޔޭގައި ބޭނުންކުރަން ފެށުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.
ދުނިޔޭގެ 87 ޤައުމަކުން ، މިހާރުވެސްވަނީ ، ޗައިނާގެ އާރއެމްބީ ސެޓްލްމަންޓް ސިސްޓަމުގެ ތެރެޔަށް ޑިޖިޓަލްކޮށް ވަދެފައެވެ. މީގެ އިތުރަށް ޒަމާންވީ ، ބޭންކިން ނިޒާމަށް ޗައިނާއިން އެވަނީ އިންޤިލާބެއް ގެނެސްދީފައެވެ.
ޗައިނާގެ މި ކާމިޔާބީއަކީ ، އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުން ، ޑިޖިޓަލް ކަރަންސީގެ ވާހަކަ ދައްކަދައްކާ ތިއްބާ ، ކޮށްނިންމާލި އުފެއްދުންތެރި މާލީ އިންޤިލާބެކެވެ. ވޮޝިންގޓަނުން ފިރުކިފިރުކި އޮއްވާ ބޭޖިންގ އިން އެއޮތީ ކަންކޮށް ނިންމާލާފައެވެ.
ޑިޖިޓަލް ޔުއާން އުފަންވުމަކީ ، ހަމައެކަނި މާލީނިޒާމަށް އައި އިންޤިލާބެއް ނޫނެވެ. އެއީ ، މުޅި ދުނިޔޭގެ މާލީ ނިޒާމްގެ ބިންގާ އެކޮޅުކޮޅުން ޖަހާލައި ، އެމެރިކާ ޑޮލަރުގެ މައްޗަށް ޔުއާންގެ ނުފޫޒު ފެތުރިގެންދާނެ ކަމެކެވެ. މިހާރު އުފެދޭ އެންމެ ބޮޑު ސުއާލަކީ ، ޗައިނާއިން މިގެނައި މާލީ އިންޤިލާބަށް އެމެރިކާއާއި ހުޅަނގުން ބައިއަތު ހިފާނެތޯ އުފެދޭ ސުއާލެވެ. ނުވަތަ ދުނިޔޭގެ މާލީނިޒާމުގެ މައްޗަށް ޗައިނާ ގަދަވެ ގަނެ ، ޗައިނާގެ ބާރުގެ ދަށުގައިވާ މިނިޒާމަށް ޗައިނާއިން ހަދާ ޤާނޫނުތަކަށް ހުޅަނގުން ތަބާވާނެތޯ ކުރެވޭ ސުއާލެވެ. ޤަބޫލުކުރަންޖެހޭ އެންމެ ބޮޑު ޙަޤީޤަތަކީ ، މިބަދަލާގުޅިގެން އެމެރިކާ ޑޮލަރުގެ ބާރު ކެނޑިގެންދާނެ ކަމެވެ.