
ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، އިންޓަގްރޭޓަޑް ޓޫރިޒަމަށް ހުވަދުއަތޮޅު ދެކުނުބުރީ ކަޑެވާރެހާ ތަރައްޤީކުރުމަށްޓަކައި އެ އަތޮޅު ހޯނޑެއްދޫގެ އިޚްތިޞާޞުން އެރަށް ވަކިކޮށް، ގދ. ހޯނޑެއްދޫގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެ މަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 56-1 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެ މަނިކުފާނު މިއަދު ނެރުއްވި، ނަންބަރު 10/2025 ވަނަ ޤަރާރުންނެވެ.
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.