
އީދަކީ، ކޮންމެ ބަޔަކަށް ވެސް އަންނަ މުހިންމު މުނާސަބަތެކެވެ. އެކި ކަހަލަ އެކި އީދެވެ. ނަމަވެސް މުސްލިމުންނަށް އަންނަ އެންމެ މުހިންމު އީދުގެ ގޮތުގައި ބެލެވެނީ ފިތުރު އީދާއި އަޟްހާ އީދެވެ. އަޅުގަނޑުމެން އާދަކާދައިން އީދުގެ ގޮތުގައި ފާހަގަވަނީ، ރޯދަ ނިމިގެން އަންނަ ކުޑަ އީދާއި ހައްޖުގެ ފަހުން އަންނަ ބޮޑު އީދެވެ.
ޒަމާނާއި ހާލަތުގެ ގޮތުން އީދުތައް ފާހަގަ ކުރުމަށް ބަދަލުތަކެއް އަންނަމުން ދެއެވެ. އެއީ ކަން ހިނގާނެ މަގު ވެސް މެއެވެ.
އަޅުގަނޑުމެން ހަނދާން ހުންނަން ފެށިއިރު އީދު މިހާ "ކުލަގަދައެއް" ނޫނޭ ދަންނަވަން ކެރިދާނެއެވެ. ނަމަވެސް އިޖުތިމާއީ ގުޅުންތައް މާ ބަދަހިކަން ޔަގީނެވެ.
އޭރު އީދު ވެއްޖެކަން އެނގެނީ، ހަނދު ފެނުމުން ޖަހާ ބަޑިޖެހުމުންނެވެ. ހަނދު ސާބިތުކުރުމަށް ބާއްވާ ޚާއްސަ ޖަލްސާއެއް ނޯވެއެވެ. ރަމަޟާން މަހުގެ ފަހުކޮޅުގައި އޭރުގެ މިނިސްޓްރީ އޮފް ޖަސްޓިހުން ހަނދާ ބެހޭ އިއުލާނެއް ކުރައްވާނެއެވެ. ރޭޑިއޯއާއި އޭރުގެ ނުކުންނަ ނޫހުގައެވެ. ރާއްޖޭގެ ރަށަކުން ހަނދު ފެނިއްޖެ ނަމަ، އެރަށެއްގެ ރަށު ކޯޓަށް ރަށު ކޯޓު ނުހުންނަ ރަށްރަށުގައި ރަށު އޮފީހަށް، މާލޭގައި ނަމަ، މިނިސްޓްރީ އޮފް ޖަސްޓިހަށް ހާޒިރުވެ ހަނދާ ބެހޭ މައުލޫމާތު ދިނުމަށް އެދިވަޑައިގެންނެވެ.
ހަނދު ފެނި، އީދު ވެއްޖެކަން އިއުލާނު ކުރެވުމާ އެކު ރަށުތެރޭގެ ހަލަބޮލިކަން އިތުރުވެގެން ދެއެވެ. އީދަށް ކެއްކުމަށް ޓަކައި ތައްޔާރީތައްވުމާއި އީދު ހެދުން ނުނިމޭ ނަމަ، ނިންމުމުގެ ކަންކަން އިތުރު ހަލުވިކަމަކާ އެކު ހިނގައިގަންނާނެއެވެ. އަދި ފަޓާސްޖެހުމާއި އަލިނަރުއެރުވުމާއި ފައިދަށު ފުރޭތަ ދުއްވުމަކީ ވެސް އީދު ވިލޭރެއާއި އީދު ދުވަހު އޮންނަ ކަމެކެވެ. އަޅުގަނޑުމެންގެ ހަނދާނުގައި 3 ސައިޒެއްގެ ފަޓާސް ގެން ގުޅުނެވެ. ވަރަށް ކުދި ފަޓާހާއި މެދު ސައިޒަކާއި ބޮޑެތި ފަޓާހެވެ. ފަޓާސް ބަރިބަރި ގޮއްވުމާއި ދަޅުއެއްޗެހީގެ ތެރެއަށް ލާފައި ފަޓާސް ގޮއްވުމަކީ ވެސް ވަރަށް ފޯރިގަދަ ކަމެކެވެ. ފަޓާސް މަނާވީ 1988 ނޮވެންބަރު 3ގެ ފަހުންނެވެ. އޭގެ ފަހުން ފަޓާހުގެ ކުޅިވަރު ނިމުނީއެވެ.
އަޅުގަނޑުމެން އީދުނަމާދަށް ދަނީ، ހުކުރު މިސްކިތަށެވެ. ނަމާދު ކުރަނީ، ހުކުރު މިސްކިތުގެ މައި މިސްކިތާއި އިރު ދެކުނު ކަނުގައި ހުންނަ ހަރުގެއާއި އުތުރު ފަރާތުގައި ހަދާފައިވާ ހަރުގޭގައެވެ. އޭގެ އިތުރުން ގޯތިތެރޭގައި ވެސް ކުނާ އަޅައިގެން ނަމާދު ކުރެއެވެ.
އީދުނަމާދަށް ފަހު އީދު މުބާރިކު ކިޔައި އެކަކު އަނެކަކާ ސަލާންކުރުން އޮވެއެވެ. އީދު ނަމާދުން ފޭބުމުން ކޮންމެ ގެއެއްގައި ހެން ސަލަވާތްޕުޅު ކިޔެވުން އޮވެއެވެ. މި ސަލަވާތުގައި ކެއުމަކަށް އާންމުކޮށް ހުންނާނީ، އަވެއްޔާއި ވަޅޯމަހެވެ. ދެން ބައެއް ފަހަރަށް ސައިފަތު ފެނެއެވެ. އާންމުކޮށް ހުންނަނީ، ދޮވެ ސާފުކޮށްފައި ހުންނަ އަވެއްޔާއި، ކާށި ހުންޏާއި ދޯބުރާލި ހަކުރާއި ދޮންކެޔޮ ވަކިވަކިން ތަށިތައްޓަށް އަޅައިފައެވެ. އެ އެއްޗެހި އެއްކޮށް އަވެލި މޮޑޭނީ ސަލަވާތުގެ އިމާމަކަށް އިންނަ މީހާއެވެ. އާންމުކޮށް ކައި އުޅޭނީ ވެސް އެންމެން އެއްތަށީގައެވެ. ބައެއް ފަހަރަށް ވަކި ތައްޓަށް އަޅައިގެން ވެސް ކައި އުޅެއެވެ. ސަލަވާތުގައި ބައިވެރިކުރާނީ 3 މީހުން ނުވަތަ 5 މީހުންނެވެ.
އޭރު ދާނީ، އީދު ސަލަވާތަށް ކެއްކުމުގެ ތައްޔާރީތައް ވަމުންނެވެ. ކުކުޅު ހާ ރޯއަޑު އިވެމުންދާނެއެވެ. ކޮންމެ ގެއެއްގައި ވެސް އީދަށް ކުކުޅެއް، ކަތިލުމަކީ ކޮންމެހެން ވެސް ކުރެވޭތޯ ބަލާކަމެކެވެ. އޭރު މާލޭގެ ބައެއް ގޭގޭގައި ކުކުޅު ގެންގުޅެއެވެ. ކުކުޅޭ މި ދަންނަވަނީ، ހާ ވެސް ހިމަނައިގެންނެވެ. އަދި ރަށްރަށުން އީދާ ކައިރިކޮށް ބޮޑެތި ކޮށިކޮށީގައާއި މުޅިމުޅީގައި ކުކުޅު ގެނެސް މާލޭގެ އޭރުގެ ދަރުމާރުކޭޓު ސަރަހައްދުގައި ވިއްކަން ބަހައްޓައެވެ. އެއީ މިހާރުގެ ރާއްޖޭގެ ތަކެތީގެ މާރުކޭޓުގެ ހުރި ސަރަހައްދެވެ. ބައެއް ފަހަރަށް ކޮށިން ނެރެ ފައިގައި ވާކޮޅެއްޖަހައިފައި ކޮންމެވެސް އެއްޗެއްގައި އައްސައިލައިފައި ވެސް ހުރެއެވެ. ވިއްސަކަށް ރުފިޔާއިން ފެށިގެން ފަންސާސް ފަސްދޮޅަސް ރުފިޔާއަށް ކުކުޅެއް ހާލެއް ލިބެއެވެ.
މެންދުރުގެ އީދު ސަލަވާތަކީ، ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން ތައްޔާރުވާކަމެކެވެ. އެންމެ އާދައިގެ ގޭގޭގައި ވެސް ކުކުޅުރިހައާއި މުގުރިހައާއި ބޮޑުފިޔާ ސަޓަންޏާއި ބޮނޑިބަތެއް ތައްޔާރު ކުރެވޭތޯ ބަލާނެއެވެ. އާންމުކޮށް ހުންނާނީ، ހަނޑުލު ބޮނޑިބަތެވެ. ނޫނީ ގޮދަން ބޮނޑިބަތެވެ. ބަނބުކެޔޮ މޫސުމުގައި ބަނބުކެޔޮ ބޮނޑިބަތް ވެސް ހުރެއެވެ. ތަނަވަސް ގޭގޭގައި ވަރަށް ފުރިހަމައަށް ގިނަ ވައްތަރުތައް ހުރެއެވެ. ކުކުޅު ރިހައަށް އަލުވި ނުވަތަ މަތިވައް ވެސް އަޅައި އުޅެއެވެ. އޭރު ކެއުމާ އެކު ޖޫހެއް ހުރުމަކީ އެހައި އާންމުކަމެއް ނޫނެވެ.
އީދު ދުވަހުގެ މެންދުރު ނަމާދުން ފައިބާއިރަށް ކޮންމެހެން ވެސް އީދު ސަލަވާތަށް ވަތްކުރެވޭތޯ ބަލާނެއެވެ. އަދި ގޭގޭ އިސް މީހަކު މެންދުރު ނަމާދުގެ ޖަމާއަތަށް ގޮސް، މެންދުރު ނަމާދަށް ހާޒިރުވި މީހުންގެ ތެރެއިން ހަރު މީހުންކޮޅެއް ސަލަވާތަށް ގެންދެވޭތޯ ބަލާނެއެވެ. އެ ފަދަ ބަޔަކު ނުލިބިއްޖެ ނަމަ، ތަންކޮޅެއް ޒުވާން ކުދިން ވެސް ހިމަނާނެއެވެ. އޭގެތެރޭގައި ސަލަވާތް ފަށައި ހުއްޓަން ދަންނަ އެކަކު ނަމަވެސް ހޯދޭތޯ ބަލާނެއެވެ. މީހުން ހަމަވަންދެން އެ ގެއެއްގެ މީހެއްގެ ކައިރީގައި އޭނާ ގެންދާ މީހުން މަޑުކޮށްލައިގެން ތިބޭނެއެވެ. އެ ގޮތަށް އެއް ގުރޫޕެއްގައި ރަނގަޅު މީހަކު ނެތިފައި އަނެއް ގުރޫޕެއްގައި ރަނގަޅު ދެ މީހަކު ތިބި ނަމަ ވާހަކަދައްކައިލައިގެން ބަދަލުކޮށްލާނެއެވެ. ބައެއް ފަހަރަށް ތަންކޮޅެއް ލަހުން ކެއްކުން ނިންމޭ ގޭގެއަށް ސަލަވާތަށް މީހުން ހަމަ ނުވެގެން ވަގުތު ނަގާތަން ވެސް އާދެއެވެ. ބައެއް މީހުންނާއި ގުރޫޕުތައް އެއް ގެއަށް ވުރެ ގިނަ ގެއަށް ސަލަވާތަށް ދާނެއެވެ. ކޮންމެ ގެއަކުން ވެސް ކޮންމެވެސް ވަރަކަށް ކެއުމުގައި ބައިވެރިވާނެއެވެ. ކޮންމެ ގޮތެއް ވިޔަސް ގޭ މީހުން ކާނީ ސަލަވާތް ކިޔަވައި ނިމުނީމައެވެ. އަދި ކެއްކި ތަކެތީން އެންމެ ފުރަތަމަ ނަގާނީ ސަލަވާތަށެވެ.
ދެން އޮންނަ ކަމަކީ، ގޭގެ ފިރިހެނުންނާއި ކުޑަކުދީން ކެއުމެވެ. އަންހެންވެރީން ކާނީ އޭގެ ފަހުންނެވެ. ގާތް ތިމާގެ ގޭގެއަށް ތަށިބަރި ފޮނުވުމަކީ، ވަރަށް ސަމާލުކަން ދިން ކަމެކެވެ. އޭރު ކޮންމެ ގެއެއްގައި ހެން ތަށިބަރިއެއް ހުންނާނެއެވެ. އެ ގޮތުން 3 ބަރިން ފެށިގެން 6 ބަރިއާ ހަމައަށް ހުންނަ ތަށިބަރި ވެސް ހުރެއެވެ. އާންކޮށް ހުންނަނީ ސިލްވަރު ކުލައިގެ ތަށިބަރިއެވެ. މަލުގެ ކުރެހުންތައް ހުންނަ ތަށިބަރި ވެސް މަދުމަދުން ހުރެއެވެ. ތަށިބަރި ނުހުންނަ ގޭގެއިން އަނބުރާ ގެންދާ ގޮތަށް ތަށިބަރި ގެންގޮސް އުޅުމަކީ ވެސް ކޮށް އުޅުނު ކަމެކެވެ.
މެންދުރު ކައި ނިމުމުން އީދުގެ އެބައި ނިމުނީއެވެ. ދެން އޮތީ ހަވީރުގެ ބައެވެ.
އަޅުގަނޑުމެންގެ ހަނދާނުގައި ހަވީރު ހެންވޭރު ދަނޑާއި ލޮނުޒިޔާރަތްކޮޅު ޕާކުގައި ތަފާތު ކުޅިވަރުތައް އޮވެއެވެ. ދިވެހި ކުޅިވަރުތަކުން، ފަންކުޅުމާއި ލެއްކުޅުމާއި ތިންމުގޯލި ކުޅުމެވެ. މިކަން ބައެއް މަގުމަގުގެ ހަތަރުއަނގޮޅި ކަންމަތީގައި ވެސް ބައެއް ފަހަރު ބާއްވައެވެ. ވޮލީ ބާސްކެޓް ފަދަ ކުޅިވަރުތައް ހިސާބަކަށް ދިގު ދެމިގެންދާ މުބާރާތްތެއްގެ ގޮތުގައި އޮވެއެވެ. މިކަން ހިނގަމުންދާނީ، ވަރަށް ރޭވުންތެރިކަމާ އެކު، ނާޞިރު ސްޕޯޓްސް އެކެޑަމީ (އެންއެސްއޭ) އިން އޮނަރަބްލް މުޙައްމަދު ޒާހިރު ނަޞީރު (ނ.ޢ.ޢ.ވ.) ގެ ބެއްލެވުމުމުގެ ދަށުންނެވެ. (އެންއެސްއޭގެ ނަން ފަހުން ބަދަލުވީ ނިއު ސްޕޯޓްސް އެކެޑަމީގެ ނަމަށެވެ.)
މީގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކުން އިންތިޒާމުކޮށްގެން ބައެއް ކުޅިވަރުތައް އޮވެއެވެ. އޭގެ ތެރެއިން އަޅުގަނޑުމެންގެ ސަރަހައްދުގައި އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، ބޮޑުމީހާއެވެ. މިއީ، ދިހަވަރަކަށް ފޫޓު (ފަހަރެއްގައި އެއަށް ވުރެވެސް އުސްވެދާނެއެވެ.) އުސްމިނުގައި ދަނޑިން އޮނިގަނޑު ހަދައިގެން ގޯނި ޖަހައިގެން ހަދައިފައި ހުންނަ ބޮޑު މީހެކެވެ. ބޮޑުމީހާ ތަންތަނަށް ގެންދާނީ އޭގެތެރޭގައި މީހުން ތިބެގެންނެވެ. އެ މީހާއާ އެކު ލަނގިރިޖަހާ ގުރޫޕެއް އޮންނާނެއެވެ. މި ކުޅިވަރު ކުޅެން ގޭގޭ ދޮށަށް ގެންދާނީ ހިސާބުގަނޑުގެ މީހުން އެކުވެގެން ގެއަކުން 5ރ، 10ރ ވަރު އެއްކޮށްގެންނެވެ. ހަނދާންވާ ގޮތުގައި 50 ހަކަށް ރުފިޔާއަށް މި ކުޅިވަރު ކުޅެދެއެވެ. މި ކުޅިވަރުގެ ތެރެއިން ދޭތެރެއަކުން ބޮޑުމީހާ އަތް ތަޅުވައިލައި ހަށިގަނޑު ތަޅުވައިލައި ހަދާނެއެވެ. މިކަންވަނީ ވަރަށް ޝައުގުވެރިކަމަށެވެ.
މީގެ އިތުރުން ހާބުރި ގުރޫޕާއި މި ނޫން ބައެއް ކުދިކުދި މިޔުޒިކާއި ތަމްސީލުތައް ދައްކައިދޭ ގުރޫޕުތައް އުޅެއެވެ. ބައެއް އީދުތަކުގައި ރަށްރަށުން ލަނގިރިއާއި ތާރަ ގުރޫޕުތައް ވެސް މާލެ އައިސް ކުޑަ ފީއަކަށް ގޭގޭ ދޮށަށް ގޮސް ކުޅިވަރުކުޅެދީ ހަދައެވެ.
މި ލިޔެވުނީ، ކުރީގެ އީދުގެ ހަނދާންތަކުން ކުޑަ މިންވަރެކެވެ. މި ވަގުތަށް ހުރި ހަނދާންތަކެކެވެ.
_____________
ފޮޓޯ: ސޯޝަލް މީޑިއާ