
އަޞްލު ލިޔުއްވީ: ޑޮކްޓަރ މުޙައްމަދު އިޤްތިދާރު ޙުސައިން ފާރޫޤީ
ތަރުޖަމާކުރީ: ޢަބްދުالله ފާރޫޤް ޙަސަން
އެންމެ ފުރަތަމަ އަޅުގަނޑު ބަލައިލާނީ މަންނަ އާއި ސަލްވާގެ ނަންތަކުގެ މައްޗަށެވެ. ދިވެހިބަހުން ވާހަކަ ދެއްކުމުގައިވެސް ލިޔެކިޔުމުގައިވެސް މަންނަ އާއި ސަލްވާގެ ވާހަކަ ވަރަށް އާންމެވެ. އެހެންކަމުން މިދެބަސްވެސްވަނީ ދިވެހިބަހުގެ ރަދީފަށް ވަދެފައެވެ. ދިވެހިބަސްފޮތުގައި ސަލްވާގެ މާނަވަރަށް ރަނގަޅަށް ވަނީ ބަޔާންކޮށްފައެވެ. ދިވެހިބަސްފޮތުގައިވާ ގޮތުން ސަލްވާ އަކީ ކޮތަރަށްވުރެ ބޮޑެތި ކުކުޅަށްވުރެ ކުޑަ ދޫންޏެކެވެ. މިއީ ބަނީއިސްރާއީލް ބާގައިގެ މީހުން ސައިނާގައި ތިބި ދުވަސްވަރު މާތް الله އެބައިމީހުންނަށް ފޮނުއްވި ޚާއްޞަކާނާއެކެވެ. ދިވެހިބަސްފޮތުގައި މަންނަ މިބަސް އޮތްކަމުގައިވިޔަސް އަޅުގަނޑުމެންކުރާން މިއުޅޭމާނައެއް ރަދީފަކު ނެތެވެ. މަންނައިގެ މާނަޔަކަށް އޮތީ ތާސްބައިގެ ހަތަރު ރަނގައިގައިވެސް އެކެއްކަމުގައި ބަލާގަނޑެވެ. މިފަދައިންނެވެ. އެހެންކަމުން ދިވެހި ބަހުގެ ރަދީފުގައިވާ މަންނައިގެ މާނަ އިތުރަށް ތަފްސީލުކުރާން ޖެހޭކަމުގައި ދެކެމެވެ.
މަންނައިގެ ޤުރްއާނީ ނަމަކީ المَنَّ އެވެ. އެހެނިހެން ބަސްބަހުގެ ނަންތަކަށް ބަލާއިރު އިނގިރޭސި ބަހާއި ޔޫނާނީބަހާއި އިޓަލީ ބަހުން ކިޔަނީ MANNA އެވެ. ފަރަންސޭސި ބަހުންކިޔަނީ MANNE އެވެ. ރޫސީ ބަހުން ތަރަންގަބީން، ތަރަންޖަބީން، ގުރެންތަބީން، ގުރަންޖަބީން އެވެ. ޢަރަބި ބަހުގައި ތަރަންޖަބީނެވެ. އުރުދޫބަހުންވެސް ތަރަންޖަބީނެވެ. ޕަންޖާބީ ބަހުން ޝެރީ އެވެ. ހިންދީބަހުން މީނާއެވެ. މަލިޔާޅަން ބަހުން މަނާ އެވެ. މަންނައިގެ ނަބާތީ (ބޮޓެނިކަލް) ނަންތަކަކީ:
(1) Alhagimaurorum Medic
(Family: Leguminosae
(2) Tamarix mannifera Bunge
(Family: Tamaricaceae)
އެވެ.
1- سورة البقرة ގެ ފަންސާސްހަތްވަނަ އާޔަތުގެ މާނައިގައިވެއެވެ.
"އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް އެވިލާގަނޑުން ހިޔާއެޅުއްވީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް މަންނަ އާއި ސަލްވާ ބާވައިލެއްވީމެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ޙަލާލުތަކެތީން ތިޔަބައިމީހުން ކައިއުޅޭށެވެ. (އެންގެވީމެވެ.) އެއުރެން އެނިޢުމަތަށް ކާފަރުވެ އުރެދުމަކުން، އެއުރެންނަކަށް ތިމަންރަސްކަލާނގެއަކަށް އަނިޔާއެއް ނުކުރެވުނެވެ. އެހެނެއްކަމަކު އެއުރެން އަނިޔާކުރާކަމުގައިވީ ހަމައެކަނި އެއުރެންގެ އަމިއްލަ ނަފުސުތަކަށެވެ. " (البقرة: 57)
ދިވެހިބަހުން ޝާއިޢު ކުރެވިފައިވާ އަލްޤުރްއާނުލް ކަރީމުގެ ތަރުޖަމާގައި މަންނަ އާއި ސަލްވާ އާމެދު އިތުރު ބަޔާނެއް ދެއްވައިފައިވެއެވެ. އެބަޔާނުގައިވާގޮތުން މަންނަ އަކީ ބައެއް މުފައްސިރުން ވިދާޅުވާގޮތުގައި ފިނިފައިބާ ގޮތަށް ފައިބާއެއްޗެކެވެ. އެއީ މާމުއިކަހަލަ ފޮނިއެއްޗެކެވެ. އަނެއްބައި މުފައްސިރުން ވިދާޅުވާގޮތުގައި އެއީ ގަނޑުފެނާ އެއްފަދަ، މާމުޔަށްވުރެ ފޮނި، ކިރަށްވުރެ ހުދު އެއްޗެކެވެ. ސަލްވާއަކީ ބާވަތެއްގެ ދޫންޏެކެވެ. (އަލްޤުރްއާނުލް ކަރީމުގެ ދިވެހިތަރުޖަމާ، ޞަފުޙާ: 17،652) ކޮންމެއަކަސް މިބަޔާން ބަޔާންލިޔުއްވި ބޭފުޅުންނަށެވެ. މިބަޔާނުގެ ޢިލްމީ ބުރަދަނާމެދު ވާހަކަ ދެއްކެވުން އަޅުގަނޑު ދޫކޮށްލާނީ ކީރިތި ޤުރްއާނުގެ ތަފްސީރާބެހޭ ޢިލްމުތަކުގެ މާހިރުންނަށެވެ.
2- سورة الأعراف ގެ ސަތޭކަ ފަސްދޮޅަސްވަނަ އާޔަތުގެ މާނައިގައިވެއެވެ.
" އަދި ތިމަންރަސްކަލާނގެ ބާރަޤަބީލާއަށް، ޖަމާޢަތްތަކަކަށް، އެއުރެން ބައިކުރެއްވީމެވެ. އަދި މޫސާގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނުގެ އަރިހުން ފެނަށް އެދުނުހިނދު، ތިމަންރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ހިލައިގައި ޖައްސަވާށެވެ! ދެން (އެކަލޭގެފާނު އެހިލައިގައި ޖެއްސެވި ހިނދު) އެހިލައިން ބާރަ ފެންއާރު އަރައިގެންފިއެވެ. ހަމަކަށަވަރުން ކޮންމެބަޔަކު، އެބަޔަކު ފެންބޯންވީ ޖާގަ ދެނެގެންފޫއެވެ. އަދި ވިލާގަނޑުން، އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ ހިޔާއެޅުއްވީމެވެ. އަދި އެއުރެންގެ މައްޗަށް، ތިމަންރަސްކަލާނގެ މަންނަ އާއި ސަލްވާ ބާވައިލެއްވީމެވެ. (އަދި އެންގެވީމެވެ.) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ރަނގަޅު ތަކެތީން، ތިޔަބައިމީހުން ކައިއުޅޭށެވެ! އެއުރެން ތިމަންރަސްކަލާނގެއަކަށް އަނިޔާވެރިޔެއް ނުވެއެވެ. އެހެނެއްކަމަކު އެއުރެންގެ އަމިއްލަ ނަފުސުތަކަށް އަނިޔާވެރިވާ ކަމުގައި އެއުރެންވޫއެވެ." (الأعراف: 160)
3- طه سورة ގެ އަށްޑިހަވަނަ އާޔަތުގެ މާނައިގައިވެއެވެ.
"އޭ އިސްރާއީލުގެ ދަރީންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ޢަދުއްވުންގެ ކިބައިން ތިޔަބައިމީހުން ސަލާމަތްކޮށްދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް (އެބަހީ، މޫސާގެފާނަށް) ޠޫރުފަރުބަދައިގެ ކަނާތްފަރާތުން (ވަޑައިގަތުމަށް) މީޢާދެއް ކަނޑައެޅުއްވީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް މަންނަ އާއި ސަލްވާ ބާވައިލެއްވީމެވެ." (طه : 80)
ބަހަވީގޮތުން ބަލާއިރު މަންނައިގެ މާނައިގެތެރޭގައި އިޙްސާންތެރިވުމާއި، ދޭއިނާމުވެސް ހިމެނެއެވެ. ނަމަވެސް އިޞްޠިލާޙީ މާނައިގައި އެއީ ބާވަތެއްގެ ޝަބްނަމީ ކިރެކެވެ. ސައިނާގެ ސަހަރާގައި މަގުއޮޅިގެން ދަތުރުކުރަމުންދިޔަ އިސްރާއީލީންނަށް ކާނާއެއްގެ ގޮތުން އަރަހުށި މާތް الله ބާވައިލެއްވި އެއްޗެކެވެ. އެކިރު ޖަމާވަނީ ގަހެއްގެ ފަތްތަކުގެ މަތީގައެވެ. އިސްރާއީލްބާގައިގެ މީހުން ކޮންމެދުވަހަކުވެސް، އެނަގައިގެން ކައިއުޅުނެވެ. އެއީ عيسى عليه السلام ގެ 1451 އަހަރުކުރީގެ ޙާދިސާއެކެވެ. موسى عليه السلام އިސްރާއީލު ބާގައިގެ މީހުން ފިރުޢައުނުގެ އަނިޔާއިން ސަލާމަތް ކުރައްވައިގެން ކަންޢާނަށް (ފަލަސްތީނަށް) ގެންދެވުމަށްޓަކައި ސައިނާއަށް ގެންދެވި ދުވަސްވަރާގުޅޭ ޙާދިސާއެކެވެ.
އިސްވެ ދެންނެވިފަދައިން އަރަހުށި މާތް الله ކީރިތި ޤުރްއާނުގައި މަންނައިގެ ވާހަކަ ގެންނަވައިފައިވަނީ ތިންތަނެއްގައެވެ. މަންނައާބެހޭގޮތުން ސަބްކޮންޓިނެންޓްގެ ގިނަ މުފައްސިރުން ޚިޔާލުކުރައްވާގޮތުގައި، މަންނައަކީ ޣައިރު ޠަބީޢީ (މުޢުޖިޒާތީ) އެއްޗެއްނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ ގަހަކުން ލިބޭ އެއްޗެކެވެ. ވަރަށްފޮނި އަދި ނުހަނު މީރު އެއްޗެކެވެ. ފައިދާހުރި އެއްޗެކެވެ.
مولانا عبد الماجد ދެރިޔާބާދީގެ ޚިޔާލުފުޅުގައި މަންނައަކީ ޤުދުރަތީ ކާނާއެކެވެ. އެއީ އިސްރާއީލުބާގައިގެ މީހުން ސައިނާގައި ދަތުރުކޮށް އުޅުނުދުވަސްވަރު އެބައިމީހުންނަށް ދެއްވި ކާނާއެކެވެ. ބުރަމަސައްކަތްކުރުމަކާއި ވަރުބަލިކަން އުފުލުމަކާ ނުލައި ލިބެމުންދިޔަ އެއްޗެކެވެ. "އަންޒަލައި"އިގެ މުރާދަކީ ކޮންމެހެން އެއްޗެއް މުޢުޖިޒާތީ ގޮތެއްގައި ބާވައިލެއްވުމެއް ނޫނެވެ." މައުލާނާ އިތުރަށް ވިދާޅުވާގޮތުގައި ގިނަބަޔަކު ދެކޭގޮތުގައި "މަންނަ" އަކީ ތަރަންޖަބީނާ އެއްމާނައެއްގެ ބަހެކެވެ.
موضع القرآن ގައި މަންނަ އާއި ސަލްވާއާ ބެހޭގޮތުން ލިޔުއްވައިފައިވެއެވެ. އިސްރާއީލުބާގައިގެ މީހުން ފިރުޢައުނުގެ ކިބައިން ސަލާމަތްވެގެން ސައިނާގެ ޖަންގައްޔަށް ވަންއިރު އެބައިމީހުންގެ އަތަކު ކާނެއެއްޗެއް ނެތެވެ. މަންނަ އާއި ސަލްވާއަކީ އެހިނދު މާތް الله އެބައިމީހުންނަށްޓަކައި ކާނާއެއްގެ ގޮތުގައި ދެއްވިއެއްޗެކެވެ. މަންނައަކީ ކަފަގޮތަށް ހުންނަ އެއްޗެކެވެ. ފޮނިއެއްޗެކެވެ. ސަލްވާއަކީ ދޫންޏެކެވެ. މީސްތަކުން އެދޫނި ކަވާބުކޮށްގެން ކައިއުޅުނެވެ.
مولانا آزاد ވިދާޅުވާގޮތުގައި މަންނައަކީ ގަހެއްގެ ދިޔައެކެވެ. ކިރެކެވެ. އެކިރު ކިރުގަނޑެއް ފަދައިން ގަނޑުވެއެވެ. އެއީ ވަރަށްމީރު އަދި ހަކަތަލިބިދޭ ކާނާއެކެވެ. علاّمة محمد ثناء الله عثمانى ވިދާޅުވާގޮތުގައި މަންނައަކީ ތަރަންޖަބީނެވެ. ސަލްވާއަކީ ދޫންޏެކެވެ.
ތަފްސީރެ ޙައްޤާނި އާއި ތަފްހީމުލް ޤުރްއާނާއި ތަފްސީރެ އުޘްމާނީ އާއި ބަޔާނުލް ޤުރްއާނުގައިވެސްވަނީ މަންނައަކީ ގަނޑުވެފައިހުންނަ ފޮނިއެއްޗެއް ކަމުގައެވެ. ނަމަވެސް "އެކިރުގަނޑު" ލިބޭ ގަހުގެ ތަފްސީލު ދީފައެއް ނުހުރެއެވެ. عبدالله يوسف على އޭނާގެ އިނގިރޭސި ތަފްސީރުގައި ލިޔުއްވާގޮތުގައި މަންނައަކީ "ޓެމެރިކްސް" އޭކިޔާ ގަހަކުން ލިބޭއެއްޗެކެވެ.
ތަފާތު އެކިއެކި ތަފްސީރުތަކުން ޔަޤީންކަމާއެކު ބަޔާންވެއެނގޭ ގޮތުގައި މަންނައަކީ ގަހަކުންލިބޭ އެއްޗެކެވެ. އެކަމަކު އެއީ ކޮންގަހަކުން ލިބޭއެއްޗެއްކަމާއި އޭގެ ކީމިޔާވީ ބާވަތަކީ ކޮބައިކަމާ މިބާވަތުގެ ތަފްސީލުތަކެއް ޢާންމުކޮށް ލިބޭކަށެއް ނުހުރެއެވެ.
ތަފްސީރެ ޙައްޤާނި އާއި ތަފްހީމުލް ޤުރްއާނާއި ތަފްސީރެ އުޘްމާނީ އާއި ބަޔާނުލް ޤުރްއާނުގައިވެސްވަނީ މަންނައަކީ ގަނޑުވެފައިހުންނަ ފޮނިއެއްޗެއް ކަމުގައެވެ. ނަމަވެސް "އެކިރުގަނޑު" ލިބޭ ގަހުގެ ތަފްސީލު ދީފައެއް ނުހުރެއެވެ. عبدالله يوسف على އޭނާގެ އިނގިރޭސި ތަފްސީރުގައި ލިޔުއްވާގޮތުގައި މަންނައަކީ "ޓެމެރިކްސް" އޭކިޔާ ގަހަކުން ލިބޭއެއްޗެކެވެ.
ތަފާތު އެކިއެކި ތަފްސީރުތަކުން ޔަޤީންކަމާއެކު ބަޔާންވެ އެނގޭ ގޮތުގައި މަންނައަކީ ގަހަކުން ލިބޭ އެއްޗެކެވެ. އެކަމަކު އެއީ ކޮންގަހަކުން ލިބޭއެއްޗެއްކަމާއި އޭގެ ކީމިޔާވީ ބާވަތަކީ ކޮބައިކަމާ މިބާވަތުގެ ތަފްސީލުތަކެއް ޢާންމުކޮށް ލިބޭކަށެއް ނުހުރެއެވެ.
މަންނައަކީ "الحاج" އެވެކިޔޭ ގަހަކުންލިބޭ (ކިރެއް / ކިރުގަނޑެއް) ކަމަށް އެންމެފުރަތަމަ ޚިޔާލުފާޅުކުރެއްވި ބޭކަލެއްކަމުގައި ބެލެވެނީ أبوالرّيحان محمد البيرونى (1050- 973 މ.) އެވެ. އެކިރުގަނޑުގެ ނަމަކީ ތަރަންޖަބީން ކަމަށާއި އެއީ މަންނައިގެ ބަދަލުނަމެއް ކަމަށާއި ތަރަންޖަބީނަކީ ފާރިސީބަހެއްކަމުގައިވާ ތަރަންގަބީންގެ ނުބައިކޮށް ބޭނުންކުރެވޭ ތަލައްފުޒެއް ކަމުގައި البيرونى ލިޔުއްވިއެވެ. އަންގަބީނަކީ ފާރިސީބަހުން މާމުޔަށްކިޔާ ނަމެކެވެ. އެހެންކަމުން ތަރަންގަބީނަކީ އިނގިރޭސިބަހުގައި ބޭނުންކުރާ Honey Dew ކަހަލަ އެއްޗެކެވެ. "حاج" ގަހުން ނުކުންނަ ކިރުގަނޑަކީވެސް މާމުއިފަދަ ފޮނި އަދި ފައިދާހުރި އެއްޗެކެވެ. البيرونى ގެ ހޯއްދެވުމަށްފަހު އެތައް ސައްތައެއް ފާއިތުވާންދެންވެސް ސައިންސީގޮތުން މަންނައާމެދު ތަޙްޤީޤީ ނަޒަރުން ބެލިފައެއް ނެތެވެ. އެހެންކަމުން ސައިނާ އާއި ޢަރަބިބައްރުގެ އެހެނިހެން ސަރަހައްދުތަކުގެ ގަސްގަހާގެއްސާ ބެހޭގޮތުން ސައްޙަ މައުލޫމާތެއް ހޯދިފައެއްނެތެވެ.
1822 މ. ގައި ސްވިޓްޒަރލޭންޑްގެ ސައްޔާޙެއް އަދި ޖޯގްރަފީގެ މާހިރެއް އަދި މުސްތަޝްރިޤެއްކަމުގައިވާ ޔޮހާން ވުޑްރިގް ބުރުކްހާޓް މިސުރުގައި އޭނާ މަޝްހޫރުވީ ޝައިޚް ބަރަކާތުގެ ނަމުންނެވެ. އޭނާ ލިޔުއްވިފޮތެއް ކަމުގައިވާ Travelling Syria and Holy Land ގައި ލިޔުއްވައިފައިވެއެވެ. "މަންނަ އުފެދުމުގެ ޒިންމާދާރަކީ ޚާއްޞަބާވަތެއްގެ ފަންޏެކެވެ. އެފަނި ބައެއް ސަރަޙައްދުތަކުން ފެންނަ ގަހެއްގެ ތޮށިގަނޑުބޮއި ލޯވަޅެއް ތޮރުފައެވެ. ދުވާލުގެ ގަދައަވީގެ ހޫނުގެ ސަބަބުން އެލޯވަޅުން ދިޔައެއް ނުކުމެއެވެ. އެދިޔަ ރޭގަނޑުގެ ފިނިވުމުން ކިރުގަނޑެއްހެން ގަނޑުވެއެވެ. ބުރުކްހާޓުގެ ޚިޔާލަށް އިތުރު ބަދަހިކަމެއް ލިބުނީ އަހްރަންބަރގު އާއި ހީމްޕްރޭޝާ ދެސައިންސްވެރީން 1829 ގައި ޝާއިޢުކުރެއްވި ރިޕޯޓަކުންނެވެ. އެ ދެސައިންސްވެރީން ލިޔުއްވައިފައިވާގޮތުގައި ސައިނާގައި ހެދޭ ޓަމާރމިކިސްއެވެ ކިޔުނު ގަހަކުންވަނީ Cocus maniparus އެވެ ކިޔޭފަންޏެއް ފެނިފައެވެ. މަންނަ އުފެދުމުގެ ޒިންމާދާރަކީ އެފަންޏެވެ. ނަވާރަވަނަ ސައްތައިގެ ދެބައިން ފަހުބައިގައިވަނީ ސައިނާ ސަހަރާގައި ހެދޭގަހަކުން މަންނަ އުފެދޭކަމާއި އެއީ ވަރަށް ފޮނިއެއްޗެއްކަން ބަޔާންވެފައެވެ. އޭގެ ދުވަސްކޮޅެއްގެ ފަހުން އެނގުނުގޮތުގައި އެސަހަރާގައި ދިރިއުޅޭމީހުން އެގަހުން ނުކުންނަ ކިރުގަނޑު (މަންނަ) ފޮނިއެއްޗެއްގެ ގޮތުން ކައިއުޅެއެވެ.
މިކަމާ ގުޅޭގޮތުން މިހައިތަނަށް ކުރެވިފައިވާ ތަޙްޤީޤުތަކުން ކޮންމެވެސް މިންވަރެއްގެ ޔަޤީންކަމެއް ލިބިފައިވާ ގޮތުގައި ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާ މަންނަ ލިބެނީ ދެވައްތަރެއްގެ ދެގަހަކުންނެވެ. އޭގެތެރެއިން އެއްވައްތަރަކީ އަރަބީން "الحاج" ނުވަތަ "عاقول" އެވެ ކިޔާގަހެވެ. އެގަހުގެ ނަބާތީ (ބޮޓަނިކަލް) ނަމަކަށް ކިޔައިފައިވަނީ Alhagi maurorum އެވެ. މިއީ ކަށިހުންނަ ގަހެކެވެ. މިގަސްވަނީ އަރަބިކަރައިގެ ސަރަހައްދުގައި ޖަމަލަށް ކާންދޭން ވަރަށް ރަނގަޅު އެއްޗެއްގެ ގޮތުގައި މަޝްހޫރުވެފައެވެ. އެހެންކަމުން މިބާވަތުގެ ގަހަށްކިޔާ އެއްނަމަކީ "شوك الجمل" އެވެ. ފާރިސީބަހުން މިގަހަށްކިޔަނީ "خارش" އެވެ. މިގަސްތައް ހެދެނީ ތިރިކޮށް ހެދޭ ގަސްބޮނޑިތަކެއްގެ ސިފައިގައެވެ. އާންމުގޮތެއްގައި މިގަސްތަކަކީ ތިންފޫޓަށްވުރެ އުސްކޮށްހެދޭ ގަހެއްނޫނެވެ. އެގަސްތަކުގެ މޫތައް ދުވަނީ ދިހަވަރަކަށް ފަނަރަވަރަކަށް ފޫޓަށެވެ. މިބާވަތުގެ ގަސްތައް އަރަބިކަރައިގެ އިތުރަށް އީރާނާއި އަފްޣާނިސްތާނާއި ތުރުކީގައިވެސް ވަރަށްގިނައިން ހެދެއެވެ. މިޒަމާނުގައި މަންނަ އުފެދޭ ނިސްބަތަށް ބަލާއިރު އީރާނުގެ ޚުރާސާނުގެ ސަރަހައްދުގެ އަހަންމިއްޔަތު ވަރަށް ބޮޑެވެ. މިސަރަހައްދުގައި ހެދޭ މަންނަ (އީރާނުގައި ކިޔަނީ ތަރަންޖަބީނެވެ.) ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރެއެވެ.
ހިންދުސްތާނުގައިވެސް "الحاج" ގެބާވަތެއް ވަރަށްގިނައިން ހެދެއެވެ. އެއަށްކިޔަނީ ޖަވާސާއެވެ. ނަމަވެސް އެގަސްތަކުން މަންނައެއް ނުއުފެދެއެވެ. އޭގެ ސަބަބަކީ މަންނައިގެ އަސްލުކަމުގައިވާ ފޮނިއޮލަދިޔަ އުފައްދާ ފަނި ހިންދުސްތާނުން ނުފެންނަކަމެވެ. ހިންދުސްތާނުގައި طرفا އާ ވައްތަރު އެހެންގަހެއްވެސް ހުރެއެވެ. އެއަށް ކިޔަނީ "ޖާއޯ" ނުވަތަ Tamarix gallica އެވެ. ނަމަވެސް އެގަހުންވެސް މަންނަ އުފެދިފައި ހުއްޓައި ފެނިފައެއް ނުވެއެވެ.
موسى عليه السلام ގެދުވަސްވަރު الحاج ގެއިތުރުން މަންނައުފެދޭ އަނެއްގަހަކަށް ސައިނާގައި ގިނައަދަދަކަށް ހެދުނު ގަހަކީ "طرفا" އެވެ. ނަބާތީ (ބޮޓަނިކަލް) ސައިންސުގައި އެގަހަށްކިޔަނީ Tamarix mannifera އެވެ. އެގަހަށް އަރަބި ބަހުން "غاز" އެވެ ވެސްކިޔައެވެ. ފާރިސީބަހުން އެގަހަށް ކިޔަނީ "ގާޒު" އެވެ. އެގަހުން ލިބޭ ފޮނިކިރުގަނޑަށް އެގަހުގެ ނިސްބަތުން ކިޔަނީ ގުޒަންގަބީނާއި ގުޒަންޖަބީނެވެ. ނުވަތަ ޣަޒަންޖަބީނެވެ.
"الحاج" އާއި "طرفا" އިން އުފެދޭ މަންނައިގެ ވިއަފާރި މިހާރުވެސް ކޮންމެވެސްވަރަކަށް ކުރެއެވެ. އެކަމަކު އުއްދަނޑިހަކުރު އާންމުވުމުން މިދެންނެވި ދެބާވަތުގެ ގަހުން އުފެދޭ މަންނަ މެޓާ ހިލާށާއި ފޮނިކާއެއްޗެހި ހަދާކަށެއް ބޭނުމެއް ނުކުރެއެވެ. ނަމަވެސް އެވައްތަރުގެ މަންނައިގެ ބޭސްވެރިކަމުގެ އަހަންމިއްޔަތާހުރެ މިހާރުވެސް ޔޫނާނީ ބޭސްވެރިކަމުގައި ބޭނުންކުރެމެއެވެ. އެއީ އިންތިހާއަށް އުފާވެރިކަން ލިބިދޭ އަދި ހިތަށާއި މައިދާއަށް ހަކަތަ ލިބިދޭ އެއްޗެކެވެ.
ކީރިތި ޤުރްއާނުގައި މަންނަ އާއި ސަލްވާ (ކުއެއިލް ނުވަތަ ބަޓީރު) ގެވާހަކަ ބަޔާންކުރައްވައިފައިވަނީ ތިންތަނެއްގައެވެ. އޭގެތެރެއިން ދެތަނެއްގައިވަނީ ބަނީއިސްރާއީލުންގެ މައްޗަށް ވިލާގަނޑަކުން ހިޔާއެޅުއްވިވާހަކަވެސް ބަޔާންކުރައްވައިފައެވެ. އަދި ސަލްވާ (ކުއެއިލް ނުވަތަ ބަޓީރު) އާއި މަންނަ (ފޮނިއެއްޗެއް) ދެއްވުމުގެ ޒަރީޢާއިން ދީލަތިވަންތަވެ ވޮޑިގެންނެވި ވާހަކަވަނީ ބަޔާންކުރައްވައިފައެވެ. އެދެބާވަތަކީ ކޮންމެ ހައިސިއްޔަތަކުން ބެލިކަމުގައިވިޔަސް ފުރިހަމަ ޣިޒާއިއްޔަތެއް (ކަނާދު) ލިބޭ ދެބާވަތެވެ. މަންނަ އާއެކު ސަލްވާ ނުދެއްވިނަމަ ހުސްއެކަނި މަންނަ (ފޮނިއެއްޗެއް) ކައިގެން އެތަކެއްލައްކަ މީހުންނަށް ގިނައަހަރުތަކަކު ދުޅަހެޔޮކަމާއެކު ދިރިޔެއް ނުއުޅެވުނީހެވެ.
"ވިލާގަނޑުން ހިޔާ އެޅުއްވުމުގެ" ވާހަކަޔަކީވެސް ވަރަށްބޮޑު ނިޢުމަތެއްގެ ވާހަކައެވެ. މަންނަ އުފެދޭ ގަހެއްކަމުގައިވާ "الحاج" އަކީ ވަރަށްބޯކޮށްހެދޭ ގަހެއްކަމުގައިވިޔަސް ހިޔާހޯދުމުގެ ނަޒަރުން ބަލާއިރު އެގަހަކީ ކުޑަވެސް ބޭނުމެއް ހިފޭގަހެއް ނޫނެވެ. "طرفا" އަކީވެސް ވަރަށްތިރިކޮށްހެދޭ ގަހެކެވެ. އެގަހުގެ ފަތްތައް ވަރަށްހިމައެވެ. ވަރަށް ހަންޏެވެ. އެހެންކަމުން ކިތަންމެ ގިނަޢަދަދަކަށް ހެދިފައި ހުއްޓަސް އެގަހަކުންވެސް ހިޔަލެއް ނުލިބެއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ސަހަރާވީ ބިމެއްގައި ދިރިއުޅޭން ޖެހިފައިވާއިރު ހިޔަލަކީ ވަރަށްވެސް ޒަރޫރީ އެއްޗެކެވެ. ނަމަވެސް "الحاج" އާއި "طرفا" އަކީ ހިޔާލިބޭ ދެގަހެއްނޫނެވެ. ނަމަވެސް އޭގެ ހިޔަލަކީ ސަލްވާ (ކުއެއިލް ނުވަތަ ބަޓީރު) އާލާވާން ވަރަށްފައްކާ ވެއްޓެކެވެ.
"ވިލާގަނޑުން ހިޔާ އެޅުއްވުމުގެ" ވާހަކަޔަކީވެސް ވަރަށްބޮޑު ނިޢުމަތެއްގެ ވާހަކައެވެ. މަންނަ އުފެދޭ ގަހެއްކަމުގައިވާ "الحاج" އަކީ ވަރަށްބޯކޮށްހެދޭ ގަހެއްކަމުގައިވިޔަސް ހިޔާހޯދުމުގެ ނަޒަރުން ބަލާއިރު އެގަހަކީ ކުޑަވެސް ބޭނުމެއް ހިފޭގަހެއް ނޫނެވެ. "طرفا" އަކީވެސް ވަރަށްތިރިކޮށްހެދޭ ގަހެކެވެ. އެގަހުގެ ފަތްތައް ވަރަށްހިމައެވެ. ވަރަށް ހަންޏެވެ. އެހެންކަމުން ކިތަންމެ ގިނަޢަދަދަކަށް ހެދިފައި ހުއްޓަސް އެގަހަކުންވެސް ހިޔަލެއް ނުލިބެއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ސަހަރާވީ ބިމެއްގައި ދިރިއުޅޭން ޖެހިފައިވާއިރު ހިޔަލަކީ ވަރަށްވެސް ޒަރޫރީ އެއްޗެކެވެ. ނަމަވެސް "الحاج" އާއި "طرفا" އަކީ ހިޔާލިބޭ ދެގަހެއްނޫނެވެ. ނަމަވެސް އޭގެ ހިޔަލަކީ ސަލްވާ (ކުއެއިލް ނުވަތަ ބަޓީރު) އާލާވާން ވަރަށްފައްކާ ވެއްޓެކެވެ.
ބައިބްލްގައިވެސް މަންނައިގެ ވާހަކަތައް ވަރަށް ގިނައިންވަނީ ބަޔާންކުރެވިފައެވެ. އެވާހަކަތަކާ ބެހޭގޮތުން ނަސާރާ ބައިބަލްގައި ބަޔާންކުރެވިފައިވާ ގަސްގަހާގެއްސާ ބެހޭގޮތުން ދިރާސާކުރެއްވުމުގައި ބާރައަހަރު ހޭދަކުރެއްވި ނަބާތިއްޔާތުގެ ޢިލްމުވެރިޔަކު ވަނީ ވާހަކަ ދައްކަވައިފައެވެ. އޭނާއަކީ ހެރާލްޑް ނޯމަން މޯލްޑެންކޭ އެވެ. އެމެރިކާގެ ބޭކަލެކެވެ.
އޭނާ ލިޔުއްވާ ގޮތުގައި މަންނައިގެ ތެރޭގައި ހިމެނެނީ ހަމައެކަނި ފޮނިރަހަދޭ "ކިރުގަނޑު" އެކަންޏެއްނޫނެވެ. ޚާއްޞަ ބާވަތެއްގެ ލައިކަން Lichen އަކާއި އަލްގީ Algae އެއްވެސް މަންނައިގެ ތެރޭގައި ހިމެނެއެވެ. މޯލްޑެންކޭ ވިދާޅުވާގޮތުގައި ބައިބަލުގެ ބުކްއޮފް ބެރޫކުގައި ހަވާލާދެވިފައިވާ މަންނައަކީ ފޮނިއެއްޗެއްކަން ކަށަވަރެވެ. ނަމަވެސް އެކްސޮޑަސާއި ނަންބަރސްގެ ބާބުތަކުގައި ހަވާލާދެވިފައިވާ މަންނައަކީ އުޑުން/މަތިން ވެހޭ އެއްޗެކެވެ. ނަމަވެސް އެއީ ފޮނިއެއްޗެއް ނޫނެވެ. ސައިންސީ އިޞްޠިލާޙުގައި Lichen އެވެ ކިޔާ އެއްޗެކެވެ. އެތަކެތި ފޭބުމުން ހިކިގެން ބިމާ ވަކިވެއެވެ. ބާރުވަޔާއެކު ފަޒާތެރޭގައި އުދުހެމުންގޮސް އެތައްހިސާބެއްގެ ދުރަށް ވެހެއެވެ. (ފައިބައެވެ.) ބަނީއިސްރާއީލުން އެތަކެތި އެއްކޮށްގެން ރޮށިފިހެއެވެ. ނުވަތަ ޕަކޯޅާ ހަދައެވެ. (ޕަކޯޅާ - ދިވެހިބަހެއްނެތް) އެތަކެތި ބަނޑުބޮޑުވާންދެން ކައިއުޅެއެވެ.
މޯލްޑެންކޭ ވަނީ އޭނާގެ ނަޒަރިއްޔާއަށް ވަކާލާތުކުރައްވަން 1854 މ. ގައި އައި ބޮޑުތަދުމަޑުކަމުގެ ވާހަކަ ބަޔާންކުރައްވައިފައެވެ. އެދުވަސްވަރު ގަދަވައިގެ ތޫފާނެއްގެ އެހީގައި Lecanora afinis އުދުހިފައި އައިސް ތަދުމަޑުކަން ފެތުރިފައިވާ ސަރަހައްދަށް ފައިބައެވެ. ބިންމަތީގައި އޭގެ ފަށަލަ ފަށަލަ އުފެދެއެވެ. އެހިސާބު ގަނޑުގެ މީހުން ލައިކަންގެ ޣިޒާއީ (ކަނާދީ) އަހަންމިއްޔަތު ދަނެއެވެ. އެހެންކަމުން އެހިސާބުގަނޑުގެ މީހުން އެތަކެއްޗަކީ "އުޑުން ބާވައިލައްވާ ނިޢުމަތެއް" ކަމުގައްޔާއި ރަޙްމަތެއް ކަމުގައި ބަލައިގެން އެލައިކަނުން ރޮށިފިހެގެން ކައިއުޅުނެވެ. އޭގެ ޒަރީޢާއިން ހައިހޫނުކަމުން ސަލާމަތްވެގަތެވެ.
މޯލްޑެންކޭ ފާހަގަކުރައްވާ މަންނައިގެ އަނެއް ވައްތަރަކީ ކުރިންވެސް ދެންނެވިފަދައިން އަލްގީއެވެ. (Algae) އެއީ ފަތިހަށްފައިބާ ޝަބްނަމާއެކު (މޮޅޮއް ފެނާއެކު) ފައިބައިފައި ބިންމަތީގައި ހުއްޓައިފެންނަ އެއްޗެކެވެ. މީހުން ފަތިހު އެއެއްޗެހި ޖަމާކުރެއެވެ. މީހުންނަށް ނުނެގިހުންނަ އެއްޗެހި އަވިގަދަވުމުން ވިރިގެން ހިނގައިދެއެވެ.
މޯލްޑެންކޭ ޚިޔާލުކުރައްވާގޮތުގައި މަންނައަކީ ހުސްއެކަނި ފޮނިއެއްޗެއްކަމުގައިވުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. އެހެނީ އެތަކެއްލައްކަ އިންސާނުންނަށް ދުވާލަކަށް އެންމެ މަދުވެގެން ދެހާސް ޓަނުގެ މަންނަ ބޭނުންވާނެއެވެ. އެހައިގިނަ ޢަދަދެއް އެއްސަރަހައްދަކުން ލިބުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. ހަމައެފަދައިން ސާޅީސްއަހަރުވާންދެން މެދުކެނޑުމެއްނެތި ލައިކަންގެ ސިފައިގައި ގަދަވަޔާއެކު މަންނަ ވެހެމުން ދިޔުމާއި ހުރިހާ މޫސުންތަކެއްގައި އަލްގީ އުފެދެމުން ދިޔުމަކީ ޚިޔާލަށް ގެނެވޭކަމެއް ނޫނެވެ.
މޯލްޑެންކޭ ވިދާޅުވާގޮތުގައި ބަނީއިސްރާއީލުން މަންނައާއެކު ސަލްވާ (ކުއެއިލް - ބަޓީރު) ގެ މަސްވެސް ފިހެގެން ކައިއުޅުނެވެ. އެސަރަހައްދަކީ ސަލްވާ އާލާވުމަށް ޒަމާނުއްސުރެ މަޝްހޫރު ސަރަޙައްދެކެވެ. ރަނެއްމަލެއްފަދަ ވެއްޓެކެވެ. (ރަނައްމަލައް، ޏ.ބަހެއް އެއްޗެއްގެ، ތަނެއްގެ، މީހެއްގެ ރަނގަޅުކަން ބަޔާންކުރަން ބޭނުންކުރާބަހެއް) މޯލްޑެންކޭ ކީރިތި ޤުރްއާނުގައި މަންނަ އާއި ސަލްވާގެ ވާހަކަ ބަޔާންކުރައްވާފައިވާ އާޔަތްތައް މުޠާލިޢާ ކުރެއްވިނަމަ މަންނަ އާއި ސަލްވާ އާ ބެހޭގޮތުން ނަޒަރިއްޔާއެއް ޤާއިމްކުރައްވާކަށެއް އޭނާއަށް ތުރާލެއް ނުވީހެވެ.
މިތާގައި ފާހަގަކޮށްލާންޖެހޭ ނުކުތާއެކެވެ. މަންނަ އާއި ސަލްވާއަކީ އެދުވަސްވަރު އިސްރާއީލީންގެ އާންމު ކެއުމެއްކަމުގައިވިޔަސް އެއާއެކު އެހެންއެއްޗެހިތަކެއްވެސް ކައިއުޅުމަކީ ކީރިތި ޤުރްއާނުގެ އިރުޝާދުތައް ނަފީކުރާ ކަމެއްނޫނެވެ. (ތަފްސީރު މާޖިދީ) ފޮނިއެއްޗެއް ކަމުގައިވާ މަންނަ (ތަރަންޖަބީން) އާއި ސަލްވާގެ އިތުރުން ލައިކަނާއި އަލްގީވެސް ކައިއުޅުމަކީ އެކަށީގެންނުވާ ކަމެއްނޫނެވެ. އެހެންކަމުން އިސްރާއީލުން ސައިނާގައި އުޅުނު ދުވަސްވަރު އެބައިމީހުންނަށް އަލަށްފެންނަ ކަނިކުރެއްވި (ކަނިކުރެއްވި ނަމެއް، ޏަވިޔަނި ބަހެއް، މާނައަކީ ކައިއުޅެވޭ / ކައިއުޅެވިދާނެ) ކޮންމެއެއްޗެއް ފެނުމުން އިސްރާއީލީން ހައިރާންކަމާއެކު އެއެއްޗަކަށް މަންނައޭ ކިޔާންފެށުމުގެ އެކަށޭނަކަންވެސް ނެތެއްނޫނެވެ. އެހެނީ ސާމީބަހާއި ޢިބްރާނީބަހާއި އަރަބި ބަހުގައިވެސް "މަން" ގެ މާނަތަކުގެ ތެރޭގައި ކޮންއެއްޗެއް، ކޮބާ މިފަދަ މާނަތައްވެސް ހިމެނެއެވެ.
ތަރަންޖަބީނާއި ގުޒަންޖަބީންގެ އިތުރަށްވެސް ފޮނިރަހަލާ ތަތްކިރުލިބޭ ބައެއްކަހަލަ ގަސްގަހާގެހި ދުނިޔޭގެ އެކިސަރަހައްދު ތަކުގައި ހުރެއެވެ. އެހުރިހައި އެއްޗެއްސަކީވެސް އިނގިރޭސި ބަހުގެ އިޞްޠިލާޙުގައި މަންނަ Manna އެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ދެކުނު ޔޫރަޕްގައި ހެދޭ މަޝްހޫރު ގަހެއްކަމުގައިވާ Fraxinus ornus އިންވެސް މަންނަ ލިބެއެވެ. ވިޔަފާރީގައި ބޭނުންވެސް ކުރެއެވެ. އެގަހުގެ އަސްލު ވަޒަނީ ސިސިލީގެ ފަރުބަދަތަކުގެ ސަރަހައްދެކެވެ. އެހިސާބުގަނޑަށް ކިޔަނީ ޖަބަލު މަންނަ Gibelman އެވެ. ސައިންސްވެރީންކުރެ ބައެއް އިލްމުވެރީން ވިދާޅުވާގޮތުގައި މިއީވެސް ބައިބަލުގައިވާ މަންނައެވެ.
އީރާނުގެ ފަރުބަދަމަތީގައިވެސް Contoneaster nummularia ނަމަކަށްކިޔާ ގަހެއް ހެދެއެވެ. އެގަހުންވެސް ވަރަށްފޮނިރަހަގަދަ ކިރެއް ނުކުމެއެވެ. އެކިރު ފަރުބަދަތަކުގެ މައްޗަށް ފައިބައިފައިވެސް ހުރެއެވެ. އެހެންކަމުން އިރާނުމީހުން އެއަށް "ޝޭރެ ޚިޝްތު" އެވެކިޔައެވެ. އާދެ، ފަރުބަދައިގެ ކިރޭކިޔައެވެ. އީރާނުގައި ހެދޭ އެހެން ގަހަކުންވެސް މަންނަ ލިބެއެވެ. އީރާނުމީހުން އެގަހަށް ކިޔަނީ ކަތީރާއެވެ. ހަމައެފަދައިން އިރާޤުގައި ހެދޭގަހެއް ކަމުގައިވާ Quercus incana އަކީވެސް މަންނަލިބޭ ޒަރީޢާއެކެވެ. މިއީ އިރާޤުގައި ވަރަށްގިނައިން ހެދޭ ބާވަތެއްގެ ގަހެކެވެ.
ކައުސާހިބާ صلى الله عليه وسلم ގެ ބަސްފުޅުންވެސް މަންނައިގެ އިތުރު ވައްތަރުތައް ހުންނަކަން އެނގެއެވެ. އިތުރުސާހިބާ صلى الله عليه وسلم ވަނީ މަޝްރޫމް (ހަންޑިކުޑަ) ގެ ބާވަތަކަށްވެސް މަންނައިގެ ވައްތަރެއްކަމުގައި ޙަދީސްކުރައްވައިފައެވެ. އެވައްތަރުގެ ހަންޑިކުޑައަށް ޢަރަބިބަހުން ކިޔަނީ ކަމްއަތު އެވެ. އުރުދޫ ބަހުން ކަމްބީއެވެ. މިވައްތަރުގެ ހަންޑިކުޑަ ބައެއް ޤައުމުތަކުގައި އެވެލޭޒަމާނުއްސުރެ ކާނާއެއްގެ ގޮތުގައި ބޭނުންކުރެއެވެ. މިއީ ވަރަށް ޕްރޮޓީންގިނަ އެއްޗެކެވެ. އޭގެ ފެނަކީ ލޮލުގެ ބަލިތަކަށް ވަރަށް ރަނގަޅު ފަރުވާއެކެވެ.
ކައުސާހިބާ صلى الله عليه وسلم ޙަދީސްކުރައްވައިފައިވެއެވެ.
1- "ކަމްއަތަކީ މަންނައިގެ ވައްތަރެކެވެ. އޭގެ ފެނަކީ ލޮލުގެ ބަލިތަކުގެ ޝިފާއެކެވެ." (راوى: جابر، نسائي ، راوى : أبوسعيد الخدري ، ابن ماجه)
2- "އަހަރެން رسول الله صلى الله عليه وسلم ޙަދީސްކުރައްވަނިކޮށް އަޑުއެހީމެވެ. ކަމްއަތަކީވެސް މަންނައިގެ ބާވަތެކެވެ. އޭގެ ފެނަކީ ލޮލުގެ ބަލިތަކުގެ ޝިފާއެކެވެ." (راوى : أبوسعيد الخدري ، بخاري ، مسند أحمد)
ސައިންސީގޮތުން ބަލާއިރު ކަމްއަތަކީ (ހަންޑިކުޑައިގެ ބާވަތެއް) ލައިކަނާއި، އަލްގީއާ ގާތްގުޅުމެއް ހުންނައެއްޗެކެވެ. ކާބޯހައިޑްރެޓްގެ ވަސީލަތެކެވެ. ސަލްވާ އަކީ (ކޮއެއިލް ނުވަތަ ބަޓީރަކީ) ޕްރޮޓީނާއި ސަރުބީ ލިބޭ އެއްޗެކެވެ. އެހެންކަމުން މިބާވަތްތައް ކާނާގެ ގޮތުގައި ބޭނުންކޮށްގެން ހަށިހެޔޮކަމާއެކު ދިގުމުއްދަތަކަށް ދިރިއުޅެވިދާނެއެވެ.
(ނިމުނީ)