ވިހަ ތީރު (99)

( 29 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

މެހެމަލްއާ އޭނާއާ ދެމެދުގައި އޮތީ  ، ކޮން ލޯތްބެއްތޯ ޙައިދަރު ސުއާލު ކުރިއެވެ. އެއީ ކޮންއިރަކު ޤާއިމްވި ކޮން ގުޅުމެއް ހެއްޔެވެ ؟ މެހެމަލްގެ ހިތުގައި އެއްޗެއް އޮވެގެން ޙައިދަރު ކުށްވެރިވާންވީ ކީއްވެގެން ހެއްޔެވެ ؟ އެކަނިވެރި މަޔެއްގެ ގޮތުގައިހުރި ދެބެންގެ ދެދަރި ކުއްޖަކަށް އަޅައިލުމަކީ ، ކުރިން އޮތް ލޯތްބެއް އަލުން އަނބުރާ އިޢާދަވުންކަމުގައި މާނަކުރެވޭކަމަށް ވަންޏާ ބަސްފޮތުގެ މައްސަލައެއް އެބަ އުޅެއެވެ. ގުޅުމެއް ހިންގަނީ އޭނާ ނޫންކަމަށާއި ، ނާޖާއިޒް ގުޅުމެއް ހިންގަނީ ދިލްނަޝީންކަމުގައި ޙައިދަރު ބުނަމުން ގެންދިޔައެވެ. ޙައިދަރުގެ އަޑުވެސް ބާރުވިއެވެ. ރުޅިވެސް ގަދަވިއެވެ. ކުރީގެ ލޯބިވެރިޔާއާ އިންނަން ބޭނުންވެގެން އެއުޅެނީ ދިލްނަޝީން ކަމަށާއި އޭނާ ނޫންކަމަށް ޙައިދަރު ބުންޏެވެ.

މެހެމަލްވެސް އެންމެތަންކޮޅެއްވެސް ޙައިދަރަކަށް ދުލެއް ނުކުރެއެވެ. ޙައިދަރު ބޭނުންވަނީ މެހެމަލްއާ ކައިވެނިކުރަންކަމުގައި ބުނެ ، ދިލްނަޝީންވެސް އަޑުގަދަ ކޮށްލިއެވެ. އެކަމަކު ޙައިދަރުގެ ދުލުން އެވާހަކަ އެގޮތަށް ބުނެފަ އެބައޮތްތޯ ޙައިދަރު ސުއާލު ކުރިއެވެ. ކޮންމެ ވާހަކަޔަކީ ، ދުލުން ބުނަންޖެހޭ ވާހަކައެއް ނޫނެވެ. ބަހާއި ޢަމަލުންވެސް އަދި ވަރަށް ގިނަގޮތްގޮތުންވެސް އެކަން ޙައިދަރު ސާބިތުކޮށްދީފައި އެބައޮތްކަމަށް ދިލްނަޝީން ބުންޏެވެ.

ފޯނަށް މެސެޖް އަންނަނީ ދިލްނަޝީނަށެވެ. ޙައިދަރަކަށް ނޫނެވެ. އިރުއިރުކޮޅުން ، ވޮއިސްކޯލާއި ވީޑިއޯ ކޯލް އަންނަނީ ދިލްނަޝީނަށެވެ. ޙައިދަރަކަށް ނޫނެވެ. މާބޮނޑިތައް އަންނަނީ ދިލްނަޝީނަށެވެ. ޙައިދަރަކަށް ނޫނެވެ. ނުވިތާކަށް ދިލްނަޝީންގެ ލޯބިވެރިޔާ މިގެޔަށް އައިސް ޙައިދަރާ ކުރިމަތިލައި ދިލްނަޝީންގެ ޟަޢީފުކަން ސާބިތުކޮށްދީފިއެވެ. މިހުރިހާ ކަންކަމެއް ވެދިޔައިރު ، ވަފާތެރިކަމާއި ތެދުވެރިކަން އޮތީ ކާކުގެތޯ ވިސްނައިލުމަށް ބުނެ ، ޙައިދަރުގެ ހިތުގެ އުދާސްތައް އެއްފަހަރުން ބަންޑުން ކޮށްލިއެވެ. ޙައިދަރަށް ދޮގުހަދަމުން ދޮގުހަދަމުން ، އެހެންމީހަކާއެކީ ގުޅުން ހިންގަމުން ގެންދިޔައީ ދިލްނަޝީނެވެ. ޝޮޕިންގއަށާއި މަންމަމެން ގެޔަށް އަދި ސެލޫނަށް ދާކަމަށްބުނެ ދޮގުހަދައި މަކަރުހަދައި އޮޅުވާލައިގެން ، ލޯބިވެރިޔާއާ ބައްދަލުކުރަން އިރުއިރުކޮޅުން ދިޔައީ ޙައިދަރެއް ނޫނެވެ. ދިލްނަޝީނެވެ. އެވަރުންވެސް ދިލްނޝީން އެބުނަނީ ، ބޭވަފާތެރިޔަކީ އޭނާކަމަށްތޯ ޙައިދަރު ސުއާލު ކުރިއެވެ. ޙައިދަރަކީ ދަތްޔޫދަކަށް ވެގެން ، ދިރިއުޅުމަށް މަޖުބޫރު ކުރުވަނީ ދިލްނަޝީން ނޫންހެއްޔެވެ ؟ އެ ހުރިހާކަމެއް އެނގިހުރެމެ ، ދިލްނަޝީން ދޫކޮށްލެވޭކަށް ، ޙައިދަރަކަށް މިވަގުތަކު ނެތެވެ. މަންމަގެ ފުރާނައަށްޓަކައެވެ.

" އަހަރެން ޙައިރާން ވެއްޖައިމެވެ. އެހާ ގޮތްކުޑަ ބޭވަފާތެރި ، އަދި އެހެން ފިރިހެނުންނާ ގުޅުންހިންގާ އަންހެންކުއްޖަކު ބަލިވެއިނީމަ ، އެދަރިފުޅު ޙައިދަރު ތި ބަލައިގަތީ ކީއްވެ ހެއްޔެވެ ؟ " ދިލްނަޝީން ސުއާލު ކުރިއެވެ.

ދިލްނަޝީނާގާތަށް ޙައިދަރު ޖެހިލިއެވެ.

" ދިލްނަޝީންގެ އުޅުމާއި ގުޅުމަށް އަހަރެން މިހުންނަނީ ސަމާލުވެގެންނެވެ. އަހަރެންގެ ހިތުން މެހެމަލް ނެރެލިތާ ކިތަންމެ ދުވަހެކެވެ. މެހެމަލް އެއީ އަދިވެސް މީހެއްގެ އަނތްބެކެވެ. އެގުޅުމަށް ، މެހެމަލް އިޙްތިރާމް ނުކުރިޔަސް ، ޙައިދަރު ، އެގުޅުމަށް އިޙްތިރާމް ކުރެއެވެ. ދިލްނަޝީންދެކެ އަހަރެން ލޯބިވެއެވެ. ދިލްނަޝީންގެ ބަނޑުގައި ގަރުބަގެންފައި ތިއޮތީ އަހަރެންގެ ދަރިއެއްކަން އަހަރެންނަށް އެނގެއެވެ. ޙަމްޒާއާ އިންނަންވެގެން އެދަރިފުޅު ދުނިޔެއަށް އުފަން ނުކުރަން ދިލްނަޝީން ނިންމުމަކީ ، ދިލްނަޝީންގެ ކަމެކެވެ. ވަކިގޮތަކަށް ނިންމުމުގެ ކުރިން ، އަހަރެންގެ މަންމައާމެދު ވިސްނައިލާށެވެ ! މަންމަޔަށް އެލިބުނު އުފާވެރިކަމުގައި މަންމަގެ ބަލި ހިތާއި ސިކުނޑިއަށް އެތައްތަނެއް ރަނގަޅުވެ އަރާމު ލިބިއްޖެއެވެ. އެ އުފާވެރިކަމަށް ނިމުމެއް އައިއްސިނަމަ ، މަންމަގެ ނިމުންވެސް އެއައީއެވެ. ޑޮކްޓަރ އޮތީ އެކަމަށް އަހަރެންނަށް އިންޒާރު ދީފައެވެ. ވިސްނާފައި ، ދިލްނަޝީން ނިންމާގޮތަކަށް ނިންމާށެވެ ! "

ބުނާނެ ވަކި އެއްޗެއް ނޭނގި ދިލްނަޝީން ހުއްޓާ ، ޙައިދަރު ކޮޓަރިން ނުކުމެގެން ދިޔައެވެ. ކޮޓަރިން ނުކުމެގެން ޙައިދަރު ދިޔައީ ޝާހިދާ ބައްދަލު ކުރުމަށެވެ. ހުރިހާ ވާހަކައެއް ޝާހިދަށް ކިޔައިދިނުމަށްފަހު ، އޭނާ ހަދަންވީ ގޮތެއްގެ ލަފަޔަކަށް ޝާހިދުގެ ކިބައިން އެދުނެވެ. ޙައިދަރުގެ ނަޞީބުގައި ބަދުނަޞީބުގެ ދުވަސްތައް ލިޔެވުނީ ކިހިނެއްކަމެއް ޝާހިދަކަށް ނޭނގެއެވެ.

ޙައިދަރާއެކީ ދިރިއުޅޭކަށް ދިލްނަޝީން ބޭނުމެއް ނުވެއެވެ. އެއީ ކީއްވެގެންކަމެއް ، ޚުދު ޙައިދަރަކަށްވެސް ނޭނގެއެވެ. އަނެއްކޮޅުން ، މަންމަ އެހާބޮޑަށް ދިލްނަޝީންދެކެ ލޯބިވެއެވެ. ދިލްނަޝީނާ ދިމާލަށް ހިތްހަމަ ނުޖެހުމުގެ ކުޑަވެސް ބަހެއް މީހަކު ބުނާކަށް މަންމަ ބޭނުމެއް ނުވެއެވެ. މަންމަގެ ޙަޔާތުން ދެންއޮތީ ކުޑަ ދުވަސް ކޮޅެކެވެ. އަމިއްލަ ނަފްސަށް ތަދުކޮށްގެންނަމަވެސް ، ގޮތްދޫކުރުމަށް ޝާހިދު ލަފާދިނެވެ. އެހެނަސް ، މިހާރުވެސް ޙައިދަރު އެއުޅެނީ ، އޭނާގެ ހިތް ނޭދޭވަރަށް ދިލްނަޝީނަށް ދޫކޮށްގެންނެވެ.

" ކުޑައިރުކޮޅަކަށް ނަމަވެސް ، ދިލްނަޝީންގެ ވިސްނުމުން ވިސްނައިލަ ބަލާށެވެ. މެހެމަލްވެސް ތިގެންގުޅެނީ ދިލްނަޝީނާ އެއްގެޔެއްގައެވެ. މެހެމަލް އައިސް އެއުޅެނީ ޙައިދަރު ޙާޞިލް ކުރުމަށެވެ. މެހެމަލްގެ ގޮތް އެންމެ ބޮޑަށް އެނގޭނީ ޙައިދަރަށެވެ. ދިލްނަޝީނާއި ޙައިދަރާ ދުރުކުރެވޭނެ ކުޑަ ފުރުޞަތެއްވެސް މެހެމަލް ދޫކޮށެއް ނުލާނެއެވެ. " ޝާހިދު ބުންޏެވެ.

ދިލްނަޝީން އެހިންގާ ނާޖާއިޒް ގުޅުމަކީ ، ޝާހިދަށް ފާހަގަކުރެވޭކަމެއްނޫންކަމަށް ޙައިދަރު ބުންޏެވެ. ޝާހިދަށް އެކަން ފާހަގަ ކުރެވެއެވެ. އެކަމަކު ، އެ ގުޅުން އުފެދިގެން ދިޔައީ ، މެހެމަލް ގެނެސް އެގެޔަށް ލީފަހުންކަން ، ޝާހިދު ޙައިދަރަށް ހަނދާން ކޮށްދިނެވެ. އޭގެކުރިން ، ދިލްނަޝީނާއި ޙައިދަރުގެ ގުޅުން ރަނގަޅެވެ. ހުރިހާ ގޯހެއް ފެށިގެން އައީ ، މެހެމަލް އެގެޔަށް ގެނެސް ، ޙައިދަރާއި މެހެމަލްގެ ގުޅުމެއް އެބައޮތްކަން ، ޙައިދަރާއި މެހެމަލްގެ ޢަމަލުން ، ދިލްނަޝީނަށް އަންގައިދިނީމައެވެ.

ދިލްނަޝީނާ އަދިވެސް ވާހަކަ ދެއްކުމަށް ޝާހިދު އެދުނެވެ. ދިލްނަޝީނަކީ ޙައިދަރުގެ އަނބިމީހާކަން ވިސްނައިދޭށެވެ. މެހެމަލްއަކީ ޙައިދަރުގެ ދިރިއުޅުމުގައި ނެތްމީހެއްކަން ބަހާއި ޢަމަލުން ދިލްނަޝީނަށް ސާބިތުކޮށްދޭށެވެ. އެހެންނޫނީ ، އެ އޮޅިފައިވާ ކަންވާރުބޮޅު ސާފެއް ނުވާނެއެވެ. އަދި ، އެންމެ ފަހުން ޖެހޭނީ ކަންވާރުގަނޑު ބުރިކޮށްލާށެވެ.

" ދަރިފުޅުގެ ވާހަކަ ދައްތަގާތުވެސް ބުނެވިއްޖެއެވެ. ދެން އޮތްގޮތަކީ ދަރިފުޅު ..... "

ޝާހިދުގެ ވާހަކަ ޙައިދަރު ހުއްޓުވިއެވެ. އަދި އެ ދަރިފުޅަކީ އޭނާގެ ދަރިއެއްކަމަށާއި ، ދަރިފުޅު ދުނިޔެއަށް އުފަންނުވުމާބެހޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ޝާހިދުގެ ކިބައިން އެދުނެވެ.

ކޮޓަރިތެރޭ މެހެމަލް އިނީ ހަދާނެގޮތް ބޮޑުވެފައެވެ. އެގޭގައި މިހާރު މެހެމަލްއަކަށް އެއްވެސް ޖާގައެއް ނެތެވެ. އޭނާގެ ހިތުގައިވާ އެދުން ފުރިހަމަކުރުމުގެ ބޭނުމުގައި އެގެޔަށް އައިސް އެކަން ޙާޞީލް ކުރުމަށް ކުރި ހުރިހާ މަސައްކަތެއް ބޭކާރުވީއެވެ. އަންޞާބާ އެކީ އެ ހިތްދަތި ދިރިއުޅުމުގައި އުޅުނުނަމަވެސް މިއަށްވުރެ ރަނގަޅު ވީހެވެ. މިގޭގައިވެސް އުޅެން މިޖެހެނީ އެކަންޏެވެ. އަންޞާބުގެ ގޭގައިވެސް އުޅެންޖެހެނީ އެކަންޏެވެ. އެހެންކަމެއް ފުރިހަމަ ނުވިޔަސް ، އެންމެ ދެރަވެގެން އެގެޔަކީ ، މެހެމަލް އާއި މެހެމަލްގެ ދަރިފުޅުގެ ގެކަމަށް ވާނެއެވެ. ދިލްނަޝީންގެ މަގު ، އެގޭގައި ދުވަހެއްދުވަހަކަށް އެދަނީ ސާފުވެ އަލިވަމުންނެވެ. މެހެމަލް ރާވާ ކޮންމެ ރޭވުމެއް އެދަނީ ފަނުފުލުންނެވެ. މެހެމަލްއިނީ ދެބުމަ ގޮށްޖެހި ކުރާނެކަމެއް ނޭނގިފައެވެ.

ކޮޓަރިތެރޭގައި ދިލްނަޝީން އުޅެނިކޮށް ދޮރުގައި ޓަކިޖަހާލާފައި ސާރާ އައިސް ވަނެވެ. ދިލްނަޝީނާ ދިމާލަށް ބަލައިލުމަށްފަހު ، ދިލްނަޝީނަށް ރޮވިފައި އެހުރީ ކީއްވެތޯ ސާރާ ސުއާލު ކުރިއެވެ. ވަކިކަމެއް ނުވާކަމަށް ދިލްނަޝީން ބުނިނަމަވެސް ، ކޮންމެވެސް އެހެންކަމެއް އެބައުޅޭކަމަށް ސާރާ ބުންޏެވެ. ގޭތެރޭގައި އެއޮތީ އުފާވެރިކަމުގެ ޚަބަރެކެވެ. އެކަމަކު ، ދިލްނަޝީންގެ މޫނުމަތިން އެއުފާވެރިކަން ނުފެންނަނީ ކީއްވެތޯ ސާރާ ސުއާލު ކުރިއެވެ. ވެގެންއުޅޭކަމެއް ނުބުނުމަކީ ދިލްނަޝީންގެ އިޚްތިޔާރުގައި އޮތްކަމެއްކަމަށް ސާރާ ބުންޏެވެ. އޭނާއެއައީ ، ދިލްނަޝީން ތިރިޔަށް ނައިސްގެން މަންމަ ކަނބޮޑުވެގެން އުޅޭ ވާހަކަ ބުނެލުމަށެވެ. ދިލްނަޝީނަށް ތިރިޔަށް ނާދެވެންޏާ މަންމަ ، ދިލްނަޝީންގާތަށް މައްޗަށް ގެނެސްދިނުމަށް އެދި މަންމަ ގޮތްދޫނުކޮށްގެންނެވެ.

އެހެން ހަދާނެކަމެއްނެތްކަމަށް ދިލްނަޝީން ބުންޏެވެ. އޭނާ ހަމަޖެހިލައިގެން އިރުކޮޅަކުން މަންމަގާތަށް ތިރިޔަށް ދާނެއެވެ. ސާރާ އެއައީ މަންމަގާތު އެވާހަކަ ބުނެފައެވެ. ހުރިހާ ކަމެއްގެ ކޮންޓްރޯލް ދިލްނަޝީންގެ އަތުގައި އެބައޮތެވެ. އެހެން ހީނުކުރުމަށް ސާރާގާތު ދިލްނަޝީން ބުނިތަނާ ޙައިދަރުވެސް އައިސް ކޮޓަރިޔަށް ވަނެވެ. އަދި ، ސާރާ ތިރިޔަށް ދިއުމަށް އެދުނެވެ. ދިލްނަޝީން އިރުކޮޅަކުން ތިރިޔަށް ދާނެއެވެ.

ބޭބެ ، ޙައިދަރުވެސް އެހުންނަނީ ހިޔަންޏެއްހެން ދިލްނަޝީންގެ ފަހަތުގައި ޖައްސާފައޭ ސާރާ ބުންޏެވެ. ﷲ ގެ އިރާދަފުޅުން ، ބޭބެ ، ލޯބިވާވަރަށް ދިލްނަޝީންވެސް ބޭބެދެކެ ލޯބިވާނެކަމަށް ހީކުރަމޭ ސާރާ ބުންޏެވެ. ސާރާއަށް މަންމަ އެބަގޮވައޭ ބުނެ ސާރާ ތިރިއަށް ފޮނުވައިލުމަށް ޙައިދަރު މަސައްކަތް ކުރިއެވެ.

" އަހަރެން މިދަނީއެވެ. އެކަމަކު ، ދިއުމުގެ ކުރިން އެއްވާހަކައެއް ބުނެލަން އަހަރެން ބޭނުމެވެ. އަހަރެންގެ މަންމަގެ ޢިއްޒަތާއި އިޙްތިރާމާ އަދި ލޯތްބަކީ ، އެހެންހުރިހާ ގުޅުމަކަށްވުރެ ، އަހަރެންނަށް މުހިންމު އެއްޗެކެވެ. " ސާރާ  ބުންޏެވެ.

ސާރާގެ ވާހަކަޔަށް ދިލްނަޝީންވެސް ޖަވާބު ދިނެވެ. ސާރާގެ ހިތުގައި މަންމަގެ މައްޗަށް އޮތް ލޯތްބާއި އިޙްތިރާމަށްވުރެ ، މާމަތިވެރި ލޯތްބަކާއި އިޙްތިރާމާ އަދި ޤަދަރެއް ، ޙައިދަރުގެ ހިތުގައި މަންމަގެ މައްޗަށް އެބައޮތެވެ.

" ސާރާ އެދެއްކި ވާހަކަތަކަށް ސާރާގެ ފަރާތުން އަހަރެން މަޢާފަށް އެދެމެވެ. އެހުރިހާ ކަންތައްތަކަކުން ދިލްނަޝީނަށް ލިބިދާނެ ތަކުލީފުތަކުން ، ދިލްނަޝީން ދުރުކުރެވޭތޯ އަހަރެން ވަރަށް މަސައްކަތް އެބަ ކުރަމެވެ. އެކަމަކު ، އަހަރެންގެވެސް މަޖުބޫރުތަކެއް އެބަހުއްޓެވެ. އަހަރެން މައްޗަށް އަރައިގެން އައިއިރު ، ފިރިހެންކުދިންނާއި އަންހެންކުދިންނަށް ކިޔާ ނަންނަމުގެ ލިސްޓެއް މަންމަ އެބަ ތައްޔާރު ކުރެއެވެ. އަހަރެންގާތު ބުނެބަލާށެވެ. އެހާ ގޯސްމީހެއްގެ ގޮތުގައި ދިލްނަޝީނަށް އަހަރެން ތި ސިފަކުރެވެނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ ؟ އަހަރެންނަށް ކޮންކަމެއް ކޮންގޮތަކަށް ކުރެވޭތީ ހެއްޔެވެ ؟ އަހަރެންނަކީ ހަމަ އެހާ ވިޔާނުދާ މީހެއް ހެއްޔެވެ ؟ " ޙައިދަރު ބުންޏެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.