ﷲ ވޮޑިގެންވާކަމުގެ ހެކިތައް (12)

ތަދުގެ އިޙްސާސް

ވަރަށް ފަހަކާ ޖެހެންދެން ބެލެވިފައިވާގޮތުގައި ، ތަދަކީ ސިކުނޑިއަށް އިޙްސާސްވުމުން ހަށިގަނޑަށް ލިއްބައިދޭ ތަކުލީފެކެވެ. އެހެނަސް ، ސައިންސްގެ ފަހުގެ ހޯދުންތަކުން އެނގޭގޮތުގައި ، ތަދު އިޙްސާސްކޮށްދޭ ނިޒާމެއް ، ހަމުގައި ލެއްވިގެން ވެއެވެ. ތަދުގެ އިޙްސާސް އަންނަނީ ސިކުނޑި މެދުވެރިވެގެންނެއް ނޫނެވެ. ހަމުގައި ޤާއިމްކުރެވިފައިވާ އިޙްސާސް ކުރުވަނިވި ނިޒާމެއްގެ ތެރެއިންނެވެ. ﷲ ގެ ކުޅަދުންވަންތަވެރިކަމުގެ ބޮޑުކަމާއެވެ.

ކީރިތި ޤުރުއާނުގެ އައްނިސާ ސޫރަތުގެ 56 ވަނަ އާޔަތުގައި ﷲ ސުބްޙާނަނޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

إِنَّ الَّذِينَ كَفَرُوا بِآيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ ۗ إِنَّ اللَّهَ كَانَ عَزِيزًا حَكِيمًا

މިއާޔަތުގެ މާނައީ ؛

" ހަމަކަށަވަރުން ، ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފިރުވި މީހުން ނިކަންހުރެ ، އެއުރެން ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެހިނދަކު ، އެއުރެންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވަމެވެ. އެއީ ، އެއުރެން ޢަޛާބުގެ ރަހަ ލިބިގަތުމަށްޓަކައެވެ. ހަމަކަށަވަރުން ، ﷲއީ ، ޢަޒީޒުވަންތަ ޙަކީމްވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ. "

ޢިލްމުވެރިން ހާމަކުރައްވާގޮތުގައި ، ހަމުގައި ތަދު އިޙްސާސްވުމުގެ ނިޒާމު ލައްވާފައިވާކަން މިއާޔަތުން ސާބިތުކޮށް ދެއެވެ. އަނދައިގެން ޑޮކްޓަރަށް ގެންދާމީހެއްގެ ފާރުގައި ތަދު އިޙްސާސް ނުވާނަމަ އޭގެ މާނަޔަކީ ، ތަދު އިޙްސާސް ވުމުގެ ނިޒާމް އަނދައިފައިވާ އެ ފާރުގަނޑުގައި ނެތުމެވެ. ވޭންއަޅާފަދަ ފާރުގަނޑެއްނަމަވެސް ، ސިކުނޑިން އެ ފާރުގަނޑުގެ ތަދު އިޙްސާސެއް ނުކޮށްދޭނެއެވެ. ހަމުގައި ލެއްވިފައިވާ ތަދު އިޙްސާސްވުމުގެ ނިޒާމް ، ސައިންސްވެރިން ހޯދާފައިވަނީ ، މިފަދަ ދިރާސާ ތަކުންނެވެ.

ކީރިތި ޤުރުއާނުގެ ފުއްޞިލަތު ސޫރަތުގެ 20 ، 21 އަދި 22 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

حَتَّىٰ إِذَا مَا جَاءُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَارُهُمْ وَجُلُودُهُم بِمَا كَانُوا يَعْمَلُونَ (20) وَقَالُوا لِجُلُودِهِمْ لِمَ شَهِدتُّمْ عَلَيْنَا ۖ قَالُوا أَنطَقَنَا اللَّهُ الَّذِي أَنطَقَ كُلَّ شَيْءٍ وَهُوَ خَلَقَكُمْ أَوَّلَ مَرَّةٍ وَإِلَيْهِ تُرْجَعُونَ (21) وَمَا كُنتُمْ تَسْتَتِرُونَ أَن يَشْهَدَ عَلَيْكُمْ سَمْعُكُمْ وَلَا أَبْصَارُكُمْ وَلَا جُلُودُكُمْ وَلَٰكِن ظَنَنتُمْ أَنَّ اللَّهَ لَا يَعْلَمُ كَثِيرًا مِّمَّا تَعْمَلُونَ (22)

މިއާޔަތްތަކުގެ މާނައީ ؛

" އެ ނަރަކަޔަށް އެއުރެން ޙާޟިރު ވެއްޖައުމަށް ދާނދެނެވެ. އެހިނދު އެއުރެންގެ ކަންފަތާއި ، އެއުރެންގެ ލޯތަކާއި ،  އެއުރެންގެ ހަންތައް ، އެއުރެން ކޮށްއުޅުނު ޢަމަލުތަކަށް ހެކިދޭނެތެވެ. (20) އަދި އެއުރެންގެ ހަންތަކަށް އެއުރެން ބުނާނެތެވެ. ކަލޭމެން ތިމަންމެންގެ މައްޗަށް ހެކިދިނީ ކީއްވެގެންހެއްޔެވެ؟ އެތަކެތި ބުނާނެތެވެ. ކޮންމެ އެއްޗަކަށްވެސް ބަސްމޮށުންދެއްވި ﷲ ، ތިމަންމެންނަށް ބަސްމޮށުންދެއްވީއެވެ. އަދި އެކަލާނގެއީ ، ފުރަތަމަ ފަހަރަށް ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން އެނބުރި ރުޖޫޢަ ކުރައްވާހުށީ އެކަލާނގެ ޙަޟްރަތަށެވެ. (21) ތިޔަބައިމީހުންގެ ކަންފަތާއި ، ތިޔަބައިމީހުންގެ ލޯތަކާއި ، ތިޔަބައިމީހުންގެ ހަންތައް ، ތިޔަބައިމީހުންގެ މައްޗަށް ހެކިދީފާނެކަމަށް ތިޔަބައިމީހުން ( އެއްވެސްކަމެއް ) ވަންހަނާކޮށެއް ނޫޅެމުއެވެ. އެހެނެއްކަމަކު ތިޔަބައިމީހުންހީކުރީ ، ތިޔަބައިމީހުން ކޮށްއުޅޭ ޢަމަލުތަކުން ގިނަކަންތައް ﷲ ދެނެވޮޑިގެންނުވާނޭ ކަމަށެވެ. (22) "

ތަދު އިޙްސާސް ވުމުގެ ނިޒާމެއް ހަމުގައި ލައްވާފައިވާކަން ، ސައިންޓިސްޓުންވަނީ ހޯދާފައެވެ. ތަދަކީ ހަމައެކަނި ސިކުނޑިން އިޙްސާސްވާ އެއްޗަކަށް ނުވެއެވެ. ތަދު އިޙްސާސްވަނީ ހަމުގައި ލެއްވިފައިވާ ފުރިހަމަ ނިޒާމަކުންނެވެ. ހަމުގައި އެ ނިޒާމު ނެތްނަމަ ތަދެއް އިޙްސާސެއް ނުވާނެއެވެ. މިފަދަ ކޮންމެ މުޢުޖިޒާތަކީ ، ހެއްދެވި ފަރާތެއްވާކަން ސާބިތުކޮށްދޭ ސާފު ހެކިތަކެވެ. ކުޅަދުންވަންތަ ކަލަކު ވޮޑިގެންވާކަމުގެ ފުރިހަމަ ހެކިތަކެވެ.

ހަމުގައި ތިނަފަށަލައެއް ލެއްވިގެން ވެއެވެ. ފުރަތަމަ ފަށަލަޔަކީ ، އެންމެ ބޭރުގައި ލެވިފައިވާ ފަށަލައެވެ. އެއީ ފެން ހިފަހައްޓައިދޭ ފަށަލައެވެ.

ދެވަނަ ފަށަލަޔަކީ ހަމާއި މަހާ ގުޅުވައިދޭ ފަށަލައެވެ. އިސްތަށީގެ ބުޑު ހަރުލައި ހުންނަނީ މިފަށަލައިގައެވެ. އިސްތަށި އުފައްދައި ފަޅުވަނީ މިފަށަލާގައިވާ ނިޒާމަކުންނެވެ. ހަމަށް ބޭނުންވާ ލޭ ފޯރުކޮށްދެނީވެސް މި ފަށަލައިންނެވެ. އަދި ދާހިއްލުމުގެ ނިޒާމް އުފެދިފައިވަނީވެސް މިފަށަލައިގައެވެ. އެހެންކަމުން އިޙްސާސް ވުމުގެ ބާރު ޤާއިމްވެފައި އޮންނަނީ މިފަށަލައިގައެވެ.

ތިންވަނަ ފަށަލަޔަކީ ، އެންމެ އެތެރޭގައިވާ ފަށަލައެވެ. އިންސާނާގެ ހަށިގަނޑުގައި ޖަމާވާ ސަރުބީ ހުންނަނީ މިފަށަލައިގައެވެ. ލޭ ހިނގާ ނާރުތަކާއި މަހާ ގުޅުވައިދެނީ މިފަށަލައިންނެވެ. މަހާއި ކައްޓާ ގުޅުވައިދިނުމުގައިވެސް ، މިފަށަލަ މުހިންމު ދައުރެއް އަދާ ކުރެއެވެ. އިންސާނާގެ ހަށިގަނޑުގެ ބައެއް ގުނަވަނުގައި މިފަށަލަ ވަރަށް ތުނިވެފައި އަނެއްބައި ގުނަވަނުގައި ލިފަށަލަ ބޯކޮށް ހުރެއެވެ. މިސާލަކަށް ، ލޮލުގައި މިފަށަލަ ތުނިވެފައި ފައިގެ ދަށްފުށުގައި މިފަށަލަ ބޯކޮށް ހުރެއެވެ. އެންމެ އެތެރޭގައި އޮންނަ މިފަށަލަޔަކީ ، ހަމުގެ ކުލައާއި ހަލާކުވާ ހަމުގެ ބަދަލުގައި އާ ހަން އުފެއްދުމުގެ ނިޒާމް އެކުލެވިގެންވާ ފަށަލައެވެ. ﷲ ގެ ކުޅަދުންވަންތަ ވެރިކަމުގެ ބޮޑުކަމާއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.