ﷲ ވޮޑިގެންވާކަމުގެ ހެކިތައް (12)

ދުނިޔެ

ދިރޭތަކެތި ޚަލްޤު ކުރައްވައި ފުރާނަ އެޅުއްވުމުގެ ބާރު ، ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ލިބިގެންނެއް ނުވެއެވެ. އިންސާނާ ޚަލްޤު ކުރައްވައި ، ﷲ ތަޢާލާ ދުނިޔެއަށް ފޮނުއްވައެވެ. އަދި ، އޮކްސިޖަންއާ ލައިގެން ނޭވާގެ ނިޒާމުން ދިރިލަހައްޓަވައި ، ނޭވާ ގެންދަވައި ، ދުނިޔެއިން އެއިންސާނާ ނެތިކުރައްވައި ، އެކަލާނގެ ޙަޟްރަތަށް ގެންދަވައެވެ. ނޭވާ ލުމަށްޓަކައި އިންސާނާއަށް އޮކްސިޖަން  ބޭނުންވެއެވެ. އޮކްސިޖަން ނެތިއްޖެނަމަ ، އިންސާނާގެ ނޭވާ ހުއްޓި ދެއެވެ. އިންސާނާއަށް ނޭވާލާން ދަތިވާ ޙާލަތުގައި ، ފަސޭހަކަން ހޯދެނީ ވެންޓިލޭޓަރުފަދަ މެޝިންތަކުން އޮކްސިޖަން މެދުވެރިކޮށްގެންނެވެ. ވެންޓިލޭޓަރުގައި އޮތެއްކަމަކު ، ހަށިގަނޑުގައި ފުރާނައެއް ނުހިފެހެއްޓޭނެއެވެ. އެއީ އަޖަލު ޖެހުމުން ލަހެއްފަހެއްނެތި ، ހަށިގަނޑާ ވަކިވެގެންދާ އެއްޗެކެވެ. ބިމުއަޑީގައްޔާއި ކަނޑުއަޑީގައި ދިރިއުޅޭ އެންމެހައިތަކެތީގެ ތެރެއިން އޮކްސިޖަންއާ ލައިގެންނާއި އޮކްސިޖަންއާ ނުލައި ނޭވާނުލާ އެއްވެސް އެއްޗެއް ނުވެއެވެ. މަސްމަހާމެހި ނޭވާލަނީ ، ތާފަތްގަނޑުންލާފައި ކަރުގަނޑުގެ ތެރެއިންނެވެ. އިންސާނާ ނޭވާލަނީ ނޭފަތުންނާއި އަނގައިންނެވެ.

ސައިންސްވެރިންނަށް މިހާތަނަށް ހޯދިފައިވަނީ ނޭވާލާން އޮކްސިޖަން ބޭނުންނުވާ ، ހަމައެންމެ ދިރޭ އެއްޗެކެވެ. އެއީ ، ހެނެގޫޔަ ސާމިނިކޯ ( Henneguya salminicola ) އެވެކިޔޭ ސޫތްޕެކެވެ. އެއީ 8 މިލިމީޓަރުގެ ހުދުކުލައިގެ ސޫތްޕެކެވެ. މި އެއްޗަކީ  ، ޗިނޫކް ސަމަންގެ މަހަށް ބަދަލުގެނުވާ ކުޑަކުޑަ ސޫތްޕެކެވެ. މިފަދަ ލޮލަށް ނުފެންނަ ކުދި ސޫތްޕަށްވެސް ދިރިއޮތުމަށްޓަކައި އޮކްސިޖަން ބޭނުން ވެއެވެ. މި ކުޑަކުޑަ ސޫފީގެ އުފެދުމުގައި ، އެއަށް ބޭނުންވާ އިނަޖީ އަމިއްލަ ޒާތުގައި އުފައްދައެވެ. ބޭރުން އޮކްސިޖަން ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ، ދިރިދެމިއޮތުމަށްބޭނުންވާ ބާރާއި ހަކަތަ ، މިސޫތްޕަށް ލިބެނީ ކޮން ގޮތަކަށް ކިހިނެއްކަމެއް ، ސައިންޓިސްޓުންނަކަށްވެސް ހޯދިފައެއް ނުވެއެވެ. ބެލެވޭގޮތުގައި ، މިސޫތްޕަށް ބޭނުންވާ އޮކްސިޖަން ލިބެނީ ، އޭތި ފޮރުވިފައި އޮންނަ އަޞްލު އެތިން ، ނުވަތަ ސަމަން މަހުންނެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވޮޑިގަތުމާއި ، އެކަލާނގެ ކުޅަދުންވަންތަކަން ގުޅެނީ މިހިސާބުންނެވެ. އިންސާނާގެ ސިކުނޑި ނުފޯރާ ހިސާބުން އެކަލާނގެ ވޮޑިގެންވާކަމުގެ ހެކިތައް ފެންނަން އެބަހުއްޓެވެ.  ކާއިނާތާއި ދުނިޔެ އުފެއްދެވުމާ އަދި ދުނިޔެއާ ބެހޭގޮތުން ކީރިތި ޤުރުއާނުގައި ވަރަށް ގިނަ އާޔަތް ބާވާލައްވާފައި ވެއެވެ. އޭގެތެރެއިން ، ދުނިޔެއަށް ޚާއްޞަކުރެވިފައިވާ ފަންސާހަކަށް އާޔަތް ފާހަގަ ކުރެވެއެވެ.

ދުނިޔެއަކީ އޭގެ އެއް މިސާލެވެ. ކީރިތި ޤުރުއާނުގެ އައްޛާރިޔަތު ސޫރަތުގެ 47 އަދި 48 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ ﴿47﴾  وَالْأَرْضَ فَرَشْنَاهَا فَنِعْمَ الْمَاهِدُونَ ﴿48﴾

މިދެއާޔަތުގެ މާނައަކީ ؛

" ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުން އުޑު ހެއްދެވީމެވެ. އަދި ހަމަކަށަވަރުން ، ތިމަންރަސްކަލާނގެއީ ، ތަނަވަސްކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. (47) އަދި ތިމަންރަސްކަލާނގެ ބިންގަނޑު ފެތުރުއްވީމެވެ. ފަހެ ، ތަންމައްޗެއްގެ ގޮތުގައި (ބިންގަނޑު) ފެތުރުއްވި ރަސްކަލާނގެ މޮޅުކަމާއެވެ! (48)

އަލްމުއުމިނޫން ސޫރަތުގެ 17 ވަނަ އާޔަތުން ފެށިގެން ކުރިޔަށްހުރި އާޔަތްތަކަށް ބަލައިލަމާތޯއެވެ.

وَلَقَدْ خَلَقْنَا فَوْقَكُمْ سَبْعَ طَرَائِقَ وَمَا كُنَّا عَنِ الْخَلْقِ غَافِلِينَ (17) وَأَنزَلْنَا مِنَ السَّمَاءِ مَاءً بِقَدَرٍ فَأَسْكَنَّاهُ فِي الْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابٍ بِهِ لَقَادِرُونَ (18) فَأَنشَأْنَا لَكُم بِهِ جَنَّاتٍ مِّن نَّخِيلٍ وَأَعْنَابٍ لَّكُمْ فِيهَا فَوَاكِهُ كَثِيرَةٌ وَمِنْهَا تَأْكُلُونَ (19) وَشَجَرَةً تَخْرُجُ مِن طُورِ سَيْنَاءَ تَنبُتُ بِالدُّهْنِ وَصِبْغٍ لِّلْآكِلِينَ (20) وَإِنَّ لَكُمْ فِي الْأَنْعَامِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِي بُطُونِهَا وَلَكُمْ فِيهَا مَنَافِعُ كَثِيرَةٌ وَمِنْهَا تَأْكُلُونَ (21)

މި އާޔަތްތަކުގެ މާނައީ ؛

" ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާ ދިމާމަތީގައި ، ހަތް އުޑު ހެއްދެވީމެވެ. އަދި ޚަލްޤުތަކުންނާމެދު ޣާފިލު ވެވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ. (17) އަދި ތިމަންރަސްކަލާނގެ ، ވަކި މިންވަރަކަށް އުޑުން ފެންބާވައިލެއްވީމެވެ. ފަހެ ، އެ ފެން ތިމަންރަސްކަލާނގެ ބިމުގައި ހަރުލެއްވީމެވެ. އަދި ހަމަކަށަވަރުން ، އެ ފެން ( ތިޔަބައިމީހުންނަށް އަތުނުވާ ހިސާބަށް ) ގެންދެވުމަށް ، ތިމަންރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވަމެވެ. (18) ފަހެ ، އެ ފެނުގެ ސަބަބުން ކަދުރުރުކާއި ، މޭބިސްކަދުރުގެ ބަގީޗާތައް ތިޔަބައިމީހުންނަށްޓަކައި ، ތިމަންރަސްކަލާނގެ އުފެއްދެވީމެވެ. އެ ބަގީޗާތަކުގައި ތިޔަބައިމީހުންނަށްޓަކައި ، ގިނަ މޭވާތައްވެއެވެ. އަދި ތިޔަބައިމީހުން ކައިއުޅެނީ ، އެ ތަކެތިންނެވެ. (19) އަދި ޠޫރުސައިނާއެވެ ކިޔާ ފަރުބަދައިން ނުކުންނަ ގަހެއް ހެއްދެވީމެވެ. (އެއީ ޒައިތޫނިގަހެވެ.) ތެލާއި ، ކާމީހުންނަށްހުރި ، ލައިގެންކާއެއްޗެއްގެ ގޮތުގައި އެ ގަސް ހެދެތެވެ. (20) އަދި ހަމަކަށަވަރުން ، ނަޢަމް ސޫފީގައި ، ތިޔަބައިމީހުންނަށް ޢިބްރަތެއް ވާކަން ކަށަވަރެވެ. އެ ތަކެތީގެ ބަނޑުތެރޭގައިވާ ތަކެތިން ، ތިޔަބައިމީހުންނަށް ( ކިރުގެ ) ބުއިމެއް ތިމަންރަސްކަލާނގެ ދެއްވަމެވެ. އަދި އެ ތަކެތީގައި ، ގިނަވެގެންވާ މަންފާތައް ތިޔަބައިމީހުންނަށް ވެއެވެ. އަދި އެއިން ތިޔަބައިމީހުން ކައިއުޅެމުއެވެ. (21) "

އަލްޣާފިރް ސޫރަތުގެ 64 ވަނަ އާޔަތުގައި ﷲ ތަޢާލާ ވާޙީކުރައްވައި އަންގަވާފައި ވެއެވެ.

اللَّهُ الَّذِي جَعَلَ لَكُمُ الْأَرْضَ قَرَارًا وَالسَّمَاءَ بِنَاءً وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَرَزَقَكُم مِّنَ الطَّيِّبَاتِ ۚ ذَٰلِكُمُ اللَّهُ رَبُّكُمْ ۖ فَتَبَارَكَ اللَّهُ رَبُّ الْعَالَمِينَ

މިއާޔަތުގެ މާނައީ ؛

" ﷲ އީ ، ތިޔަބައިމީހުންނަށްޓަކައި ، ތިޔަބައިމީހުންނަށް ހަމަޖެހިގެން ދިރިއުޅެވޭނެ ތަނެއްކަމުގައި ބިންލެއްވި ރަސްކަލާނގެއެވެ. އަދި ބިނާއެއް ކަމުގައި އުޑުލެއްވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން ޞޫރަ ކުރައްވައި ، ތިޔަބައިމީހުންގެ ޞޫރަ ރީތިކުރައްވައި ، އަދި ހެޔޮތަކެތިން ތިޔަބައިމީހުންނަށް ރިޒްޤު ދެއްވި ރަސްކަލާނގެއެވެ. އެއީ ، ﷲ އެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ ، ޢާލަމްތަކުގެވެރި ﷲ މަތިވެރިވެވޮޑިގެންފިއެވެ. "

ދުނިޔޭގެ ކޮންމެ ދިމާލަކަށް ބަލައިލިޔަސް ، ﷲ ވޮޑިގެންވާކަމުގެ ހެކިތައް ފެންނަން އެބަހުއްޓެވެ. މައްޗަށް ބަލާލައިފިނަމަ ، ކާއިނާތުގައި ﷲ ތަޢާލާ ލައްވާފައިވާ 7 އުޑުގެ މަތިން ހަނދާން ވާނެއެވެ. ކަނޑުގެ އަޑިއެއް ނުފެނެއެވެ. އުދަރެހާ ހަމަޔަށް ގޮސް އޮބާލާފައިވާ ކަނޑުގެ ލޮނުގަނޑު ، ދުނިޔެ ބުރުއަޅަމުންދާއިރުވެސް ހަރުލައި އޮންނަ އޮތުމެވެ. ދުނިޔެ ބުރުއަޅަމުންދާއިރު ، ބިޔަ ބޮޑެތި ފަރުބަދަތައް ބިމުން ނުލުހި ހިފެހެއްޓިފައި ހުންނަ ހުރުމެވެ. ދުނިޔެއަށް އަލިކޮށްދެނިވި ވޮށެއްކަމުގައި އިރުހަނދާއި ތަރިތައް ލެއްވިއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

  1. ކީރިތި ޤުރުއާނުގެ ޢިލްމުން ތިޔަގެނެސްދެއްވާ އަގުހުރި ފިލާވަޅުތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ޖަޒާކަﷲ ޚައިރަން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.