މިއަހަރުގެ އީދު ދިއްލުންތައް މާފުރިހަމަވާނެ: މިނިސްޓަރ

ކުރީއަހަރެކޭ އެއް ގޮތަށް، ވަރަށް ފުރިހަމައަށް ޢީދު ދިއްލުމުގެ ޙަރަކާތް މި އަހަރުވެސް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރުކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރޭ ޕީއެސްއެމަށް ދެއްވި އިންޓަރވިޔުއެއްގައެވެ.

މި އިންޓަރވިޔުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އިތުރަށް ވިދާޅުވީ، އީދު ދިއްލުމުގެ ޙަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރކަމުގައި ހުންނެވި އިރު ފެއްޓެވި ޙަރަކާތެއް ކަމަށާއި، އަދި ކުލަބޮކިތަކާއި، ގިޑިގެތަކާއި، ﷲއަކުބަރުގެ ނަޣުރާގެ އަޑުއިވޭހެން ކުރިއަށް ގެންދިޔަ މި ޙަރަކާތް ވެގެން ދިޔައީ މާލޭސިޓީގެ ގިނަ ބަޔަކު ބަލައިގަތް މުހިން ޙަރަކާތެއްގެ ގޮތުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިނިސްޓަރ ވިދާޅުވީ އެ މަންޒަރު އޭރު ބަލަންތިބި ރަށްރަށުގެ މީހުން އެ ކަމަށް ރައީސްގެ އަރިހުން އެދިވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުން މި ދިޔަ އަހަރު އެ ކަން އަތޮޅުތަކަށް ފުޅާކުރެވި މާލޭސިޓީގެ އިތުރުން އަތޮޅުތަކުގެ މައިރަށްރަށާއި، ސިޓީތައް ދިއްލުމުގެ ޙަރަކާތް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. އަދި އެ ބީދައިން މި އަހަރުވެސް އީދަށް ދިއްލުމުގެ ޙަރަކާތް، ރަށްތައް އިތުރުކޮށް ޖުމްލަ 65 ރަށެއްގައި ޢީދުދިއްލުން ކުރިއަށް ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޕީއެސްއެމަށް ދެއްވި މި އިންޓަރވިޔުގައި އަތޮޅުތެރޭގެ ތަފާތު ރަށްތަކުން މިހާރުވެސް ޢީދުލައިޓް ހޯދުމަށް ގުޅުއްވަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ދިއްލުމުގެ ޙަރަކާތުގެ އިތުރުން 200 އެންހައި ޕްރޮޖެކްޓް އެ މިނިސްޓްރީ މި އަހަރުތެރޭ ކުރިއަށް ގެންދަން ނިންމާ، ބައެއް ޕްރޮޖެކްޓްތަކުގައި ހިމެނޭ ބައެއް ތަންތަނުގެ ބިންގާ އެޅި، ސިވިލްވާރކް މަސައްކަތް ފެށުމަށް ކައުންސިލްތަކާ ގުޅިގެން މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ރަމަޟާން މަހުގެ ފަހު ދިހައިގެ ބަންދުތެރޭގައި ވެސް އޮފީސް ހުޅުވި، އެ ޕްރޮޖެކްތަކާ ގުޅޭ މަސައްކަތްތައް މިނިސްޓްރީގެ މުވައްޒަފުން ހުއްޓުމެއް ނެތި ކުރައްވަމުންދާކަން ފާހަގަ ކުރައްވާ، އެންމެހައި މުވައްޒަފުންނަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ޝުކުރު އަދާކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.