
( 24 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ކުޑަކުއްޖަކަށް ބޭސްދޭހެން ފިރިމީހާއަށް ބޭސްބޯން ދިނުމާއި ، ހެނދުނުހެނދުނާ އަތުގުޅާލައިގެން ކޮޓަރިން އެކުގައި ނުކުތުމާ ، އެހުންނަނީ ރޭގަނޑު ، ދެމަފިރިއެއްގެ ދެމެދުގައި ހިންގޭ މުޢަމާލާތުތަކުން އުފެދި ، ލޯބިކޮށް ފެންނަ މަންޒަރުކަމަށް ރިދާ ބުންޏެވެ. އެ ފޮޓޯތައް އެއީ ރިދާއަށް މެހެމަލް ފޮނުވި ފޮޓޯތަކެއްކަން އެނގޭކަމަށް ޙަމްޒާ ބުންޏެވެ. މެހެމަލްއަކީ ދިލްނަޝީންގެ ދުޝްމަނެކެވެ. ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.
އެއީ ދިލްނަޝީން ބުނިވާހަކަޔަކަށް ވެދާނެކަމަށް ބުޝްރާ ބުންޏެވެ. ކޮންމެ ގޮތެއްވިޔަސް ، އެއިން އެއްވެސްކަމަކުން ޙަމްޒާއަކަށް ތަފާތެއް ނާންނާނެއެވެ. އެހެނަސް ، ޤަބޫލުކުރަން ބޭނުންނޫނަސް ، ތަފާތު އަންނާނެއެވެ. ދިލްނަޝީން އެކުރި ކައިވެންޏެއްގެ މަތީގައި އޭނާ އެހުންނަނީ އުފަލުގައިކަން ޙަމްޒާއަށް އަންގާކަށް ، ދިލްނަޝީން ބޭނުމެއްނޫނެވެ.
އެކަހަލަ އެއްވެސްކަމެއް ނުހިނގާނެކަމަށާއި ، މެހެމަލް އެހަދަނީ ދޮގުކަމަށް ބުނަމުން ، ޙައިދަރު ކޮޓަރިން ނުކުތެވެ.
ހެނދުނު އެފެނުނު މަންޒަރުން ، މެހެމަލްގެ ރުޅިގަނޑު މައިތިރިކުރާނެގޮތެއް ނޭނގި ކޮޓަރިތެރޭގައި އެނބުރެމުން ގެންދިޔައެވެ. ބޮޑުދައިތަވެސް ހާދަ ގޮތެއް ނެތެވެ. ބަލިވީމަ ބަލަންވީ އަހަރެންނެވެ. އެކަމަކު ތަޢުރީފު ކުރަންވީމަ ، ޅީދަރިވަރެއްނެތެވެ. ޙައިދަރަށް ސަމާލުކަން ނުދީ ، ދިލްނަޝީން އެހެދީ ރަނގަޅަށެވެ. އެއީ ފިރިހެންވަންތަ ފިރިހެނެއްނޫނެވެ. ދިލްނަޝީންގެ ހިތް އެދުނީމަ ، ލޯބިވެރިޔާ ޙަމްޒާއާ ބައްދަލުކުރަން ދާންވީއެވެ. އެއީވެސް ޙައިދަރަށް އެންމެ ރަނގަޅު ގޮތެކެވެ. މެހެމަލްގާތަށް އައިއްސިއްޔާ އޭނާވެސް ދެނެއް ޙައިދަރަކާ އަޅައެއް ނުލާނެއެވެ. ތެޅިތެޅި ހުރެދާނެ ނޫންހެއްޔެވެ. މެހެމަލްގެ ހިތުގައި ފާޑުފާޑުގެ ވަސްވާސްތައް އުފެދި އަމިއްލަ ނަފްސަށް އެއްޗެތި ކިޔަމުން ގެންދިޔައެވެ.
ބައެއް އަންހެނުންނަކީ ، ލޯބިވެރިން ގެންގުޅެމުން ، ފިރިމީހާވެސް މުށުތެރެޔަށް ލައިގެން އުޅެން އެނގޭ ބަޔެކެވެ. ދިލްނޝީނަކީ އޭގެތެރެއިން އެކެކެވެ. މެހެމަލްއަށް އެއުޅެނީ އަދި އުޅެން ނޭނގިގެންނެވެ. އަމިއްލަ ގެޔާއި ފިރިމީހާ އަދި ލޯބިވިމީހާވެސް ގެއްލި ދިޔައީއެވެ. އެއީ މެހެމަލްގެ މޮޔަކަމުންވީ ގޮތްތަކެއްކަމަށް ، އޭނާގެ ހިތް މެހެމަލްއަށް ކިޔައިދެމުން ގެންދިޔައެވެ. ލޯބި ޙާޞިލްކުރުމަށްޓަކައި ، ޙައިދަރުގެ ގެޔަށް އައިސް ޙާޞިލްކުރެވުނު އެއްވެސްކަމެއް ނެތެވެ. ލިބެނީ ހުސް ލަނޑެވެ. މެހެމަލް އަށް ލިބިފައިވާ މާޔޫސްކަމުގައި ރީތިވާ މޭޒުމަތީގައިހުރި އެއްޗެތިތައް ބިންމައްޗަށް އުކައިލިއެވެ. ހުރިހާކަމެއް އެންމެ ބަރާބަރަށް ނިމެމުންދަނިކޮށް ، މުޅި މަންޒަރު ބަދަލުވެގެން އެދިޔައީ މެހެމަލްއާ މުޅިން އިދިކޮޅަށެވެ.
ކުލްސޫމަށް ބޭސް ދިނުމަށްޓަކައި ދިލްނަޝީން މަސައްކަތް ކުރަމުން ގެންދިޔައެވެ. ކާންޖެހެނީވެސް އެއްބޭހެއް ދެބޭހެއް ނޫނެވެ. އެއީ މީގެ ކުރިން ކުލްސޫމަށް ކުރަންޖެހުނު ކަމެއްނޫނެވެ.
ބޭސްކައި ނިމުމާއެކީ ، ކަމެއްކޮށްދިނުމަށް ކުލްސޫމް އެދުނެވެ. އެއީ ސާރާއަށް ގުޅާފައި މަންމަ ބަލިވެ އުޅޭވާހަކަ ބުނެލަ ދިނުމެވެ. އޭރަށް ސާރާއަށްވެސް މަންމައަށް ޒިޔާރަތްކޮށްލެވޭނެއެވެ. މަންމަޔަށް ފޯނުކޮށް ނުލެވެނީކަމަށް ސާރާގާތު ބުނާށެވެ. ފޯނު ފެންނައިރަށްވެސް ކުލްސޫމްގެ ބޮލަށް އެނބުރުން އަރައެވެ. ކުލްސޫމް ވާހަކަ ދައްކަނިކޮށް ދިލްނަޝީނަށް ފޯނެއް އައެވެ. ބަލައިލިއިރު އެއީ ޙަމްޒާއެވެ. ފޯނުކޮށްލާފައި އެބައަންނަމޭ ބުނެ ، ދިލްނަޝީން ބޭރަށް ނުކުތްތަނުން ، އެދިމާވީ މެހެމަލް އާއެވެ. ދިލްނަޝީންގެ ފޯނަށް މެހެމަލް ބަލައިލިއެވެ.
" މައްސަލަޔަކީ ކޮބައި ހެއްޔެވެ ؟ ލޮލުން ބެލެނީ އެހެން ދިމާލަކަށެވެ. މަޤްޞަދަކީ އެހެން އެއްޗެކެވެ. އެނގޭ ހެއްޔެވެ ؟ ޙައިދަރަށް ޙައްޤީ ތިކަހަލަ ޗާލާކީ ، ބޭވަފާތެރި އަނތްބެކެވެ. " މެހެމަލް ބުންޏެވެ.
ދިލްނަޝީން ވަކިއެއްޗެކޭ ނުބުނެ ކުރިޔަށް ހިނގައިގަތެވެ. ކުލްސޫމްގެ ކޮޓަރިޔަށް ވަނުމުގެ ހުއްދަޔަށް މެހެމަލް އެދުނެވެ. އެއީ ހުއްދަ ހޯދަންޖެހޭކަމެއް ނޫންކަމަށް ކުލްސޫމް ބުންޏެވެ. އެކަމަކު ، ކުލްސޫމްގެ ކަންތައްތައް ބަލަހައްޓަން ބޮޑުދައިތަގެ ޅީދަރިފުޅު މިހާރު ހުންނާތީ ، އޭނާގެ ބޭނުމެއް ބޮޑުދައިތަޔަށް ނުޖެހޭނެކަމަށް ބެލީކަމުގައި މެހެމަލް ބުންޏެވެ.
ދިލްނަޝީން ކޮޓަރިޔަށްގޮސް ، ޙަމްޒާއަށް ގުޅިއެވެ. އެއީ ކޮން މުޞީބާތެއްތޯ ސުއާލު ކުރިއެވެ. ދިލްނަޝީންގެ މައްސަލަޔަކީ ކޮބައިތޯ އަހައި ދިލްނަޝީނާ ދިމާލަށް ޙަމްޒާ ހަޅޭއްލަވައިގަތެވެ. ޙަމްޒާ މިހާރުވެސް އެހުރީ އެއްޗެއް ކައިގެން ބުއްދި ސަލާމަތުން ނޫންކަމަށް ދިލްނަޝީން ބުންޏެވެ. އެއީ ، ދިލްނަޝީން އޭނާއަށް ކުރިމަތިކުރުވި ޙާލަތެއްކަމަށް ޙަމްޒާ ބުންޏެވެ.
" ދިލްނަޝީނަށް މިހާރު ފެންނަނީ އަހަރެންގެ މައްސަލަ ތަކެވެ. ހީވާގޮތުން ، ގޭގެ މާޙައުލު ބަދަލުވެ ، ކޮންމެވެސް ވަރެއްގެ ޢިއްޒަތަކާ އިޙްތިރާމެއް ލިބެނީކަންނޭނގެއެވެ. " ޙަމްޒާ ބުންޏެވެ.
ޙައިދަރަކީ ، ޤަދަރުވެރި ފިރިހެނެއްކަމަށް ދިލްނަޝީން ބުންޏެވެ. އާވާރާވެގެން ، ދުނިޔެ ކުޑަޔަށްލައިގެންނެއް ނޫޅޭނެއެވެ. ޢިއްޒަތް ދޭށާއި އިޙްތިރާމް ކުރަން އަދި ޢިއްޒަތާއި އިޙްތިރާމް ލިބިގަންނަން ޙައިދަރަށް އެނގޭނެކަމަށް ދިލްނަޝީން ބުންޏެވެ. ކުދިކުދިކަންކަމާ ދިލްނަޝީނަށް އެއްޗެތިކިޔައި ހަދަނީ އެހެންވެގެންތޯ ޙަމްޒާ ސުއާލު ކުރިއެވެ. އިންސާނާއަށް ގޯހެއް ހެދިއްޖެކަމަށް ވަންޏާ ، އެއްޗެތި ކިއުން އެއީ ގޯހެއްނޫންކަމަށް ދިލްނަޝީން ބުންޏެވެ. އޭނާގެ ލޯބީގައިވެސް ، ދިލްނަޝީން އެތައް ގޯހެއް ހަދާފައިވާކަމުގައި ޙަމްޒާ ބުންޏެވެ. އޭނާ ގޯހެއް ނުހަދާކަމަށާއި އޭނާއަށް އިޚްތިޔާރުކުރެވުނު މީހާ ގޯހީކަމަށް ބުނަމުން ދިލްނަޝީން ، ބޯހޫރައިލިއެވެ.
" އެހެންކަމަށް ވަންޏާ ގޯސްމިވީ އަހަރެންތާއެވެ. ގޯސްމިވީ ދިލްނަޝީނަށްޓަކައި ހުރިހާ އެއްޗެއް ދޫކޮށްލިމީހާއެވެ. " ޙަމްޒާ ބުންޏެވެ.
ޙަމްޒާގެ ހިތަށް އައި އެއްޗެއް ދިލްނަޝީނާ ދިމާލަށް ގޮވަމުން ގެންދިޔައެވެ. އޭނާއަށް އެބާލަނީ ، ކޮންކަމެއްގެ ރުޅިއެއްތޯ ދިލްނަޝީން ސުއާލު ކުރިއެވެ. އޭނާ އެއްވެސް ރުޅިއެއް ނުބާލާކަމަށް ޙަމްޒާ ބުންޏެވެ. އޭނާ އެ މަރުވަނީއެވެ. ދިލްނަޝީން ޙާޞިލްކުރުމަށްޓަކައި ތެޅި ބާލަނީއެވެ. ޙައިދަރާއެކީ ދިލްނަޝީން އެހޭދަކުރާ ވަގުތުތަކުން ، ޙަމްޒާގެ ހިތް ފޮތިފޮތިވަމުންދާކަމުގައި ޙަމްޒާ ބުންޏެވެ.
ދިލްނަޝީނަށް ކުރިމަތިވެފައިވާ މަޖުބޫރީ ޙާލަތު ޙަމްޒާއަށް ސާފުކޮށްދިނެވެ. އެހެނަސް ، އެއިން އެއްވެސް ވާހަކައެއް ޤަބޫލުކުރާކަށް ޙަމްޒާ ބޭނުމެއްނޫނެވެ.
" މައްސަލައެއް ނެތެވެ. ވަރީގެ ވާހަކަ ޙައިދަރާ ދެއްކިން ހެއްޔެވެ ؟ ޙައިދަރު ބުނީ ކީކޭ ހެއްޔެވެ ؟ ޙަމްޒާ ސުއާލު ކުރިއެވެ.
އެވާހަކަ ޙައިދަރާ ދެއްކިކަމަށާއި އެކަން ނިންމުމަށް އިތުރު ވަޤުތު ބޭނުންވާކަމަށް ޙައިދަރު ބުނިވާހަކަ ދިލްނަޝީން ބުންޏެވެ. އެއީ ކީއްވެ ހެއްޔެވެ ؟ ދިލްނަޝީން ބޭނުންވާކަމެއް ބޭނުންވަގުތަކު ކުރެވެން ވާނެއެވެ. އިތުރު ވަޤުތު ޙައިދަރަށް ބޭނުންވަނީ ކީއްވެތޯ އަހައި އަނެއްކާވެސް ޙަމްޒާ ހަޅޭއްލަވައިގަތެވެ. ޙައިދަރަށް އިތުރު ވަޤުތު ދިނުމަކީ ، ޙަމްޒާއަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވިއެވެ.
" އެ ހަދަން އުޅޭ އެއްޗެއް އަހަރެންނަށް އެނގިއްޖެއެވެ. ޙައިދަރު ބޭނުންވަނީ ، އޭނާގާތުގައި ދިލްނޝީން ބެހެއްޓުމަށެވެ. އޭނާ ދިލްނަޝީން ދޫކޮށެއް ނުލާނެއެވެ. އިތުރު ވަޤުތު ބޭނުންވަނީ ކީއްވެތޯ ދިލްނަޝީން އެހިން ހެއްޔެވެ ؟ ޙަމްޒާގެ ރުޅިގަނޑު ގަދަވަމުން ދިޔައެވެ.
އިތުރު ވަޤުތު ބޭނުންވަނީ ކީއްވެތޯ ދިލްނަޝީނެއް ނާހައެވެ. އަދި އެއީ ، ކޮންބޭނުމަކު ކަމެއްވެސް ދިލްނަޝީނަކަށް ނޭނގެއެވެ.
" އެހެން ހެއްޔެވެ ؟ އަހަރެންނަށް އޮޅުވައިލަނީ ހެއްޔެވެ ؟ ދިލްނަޝީންގެ އަތުން ޙައިދަރަށް މިއަދު ބޭސް ދިންކަންވެސް އަހަރެންނަށް އެނގިއްޖެއެވެ. " ޙަމްޒާ ބުންޏެވެ.
ދިލްނަޝީން ހީލިއެވެ. އޭގެ މާނަޔަކީ ، އަނެއްކާވެސް މެހެމަލްގެ މަސައްކަތް ފެށުނީއެވެ. މެހެމަލް ޙަރަކާތްތެރި ވީއެވެ.
މިފަހަރު އޭނާއަށް ދިލްނަޝީން ބޭވަފާތެރިވެއްޖިއްޔާ އެކަމުގެ ނަތީޖާ ވަރަށް ހިތިވާނެކަމަށް ޙަމްޒާ ބުންޏެވެ. މިހާރު ކަންތައް އެދަނީ މާމައްޗަށްކަމުގައި ހީވެ ، ދިލްނަޝީން ފޯނުކަނޑައިލިއެވެ.
ދިލްނަޝީންގެ ދިރިއުޅުން ނުލާހިކު ރަނގަޅަށް އާބާދުވަމުން ދަނިކޮށް ، މިކުރިމަތިވީ ކޮންފަދަ މުޞީބާތެއް ހެއްޔެވެ ؟ ޙަމްޒާ އެނބުރި އައިސް ، މުޅިން އެކޮޅުކޮޅުން ޖަހާލައިފިއެވެ. މެހެމަލް އުކަމުންދިޔަ ވިހަތީރުތައް ހެރި އެތައްބަޔެއްގެ ހިތް ހަލާކުވެ ، ކުރިޔަށްދާންވީ މަގު އޮޅިއްޖެއެވެ. ދެވަނަ ފަހަރަށް ، ދިލްނަޝީންގެ ޙަޔާތަށް ޙަމްޒާގެނެސް ވެއްދީ ، މެހެމަލްގެ ޙީލަތާއި މަކަރުވެރިކަމުންނެވެ. ޙައިދަރުގެ ޙަޔާތުން ދިލްނަޝީން ބޭރުކޮށްލައި ، ޙައިދަރު ޙާޞިލްކުރުމުގެ ދަހިވެތިކަމުގައެވެ.
ޙަމްޒާގެ ޙާލަތު އިހުއޮތްގޮތަށް ރުޖޫޢަވި ކަހަލައެވެ. ރުޅިއައިސް ރަތްވެގެންގޮސް ، އޭނާއަށް ހެދޭ ނުހެދޭއެއް ނޭނގެއެވެ. ސިނގިރޭޓެއް ރޯކުރަން އުޅެއުޅެ އެކަން ނުވެގެން ސިނގިރޭޓާއި ލައިޓަރު ، އަތުގެ ކޮޅަށް ހޫރައިލިއެވެ.
އައްވަލް ، އޮފީހަށްދާން ނުކުމެ ، ޢާފިޔާ ކާންހަދަން އުޅެނިކޮށް އައިސް ، މަންމަ މިއަދު ނުކަނީތޯ ސުއާލު ކުރިއެވެ. ޢާފިޔާ އަނގައިންނެއް ނުބުނެއެވެ. އެކަމާބެހޭގޮތުން އައްވަލް ސުއާލުކުރީމަވެސް ޢާފިޔާ ޖަވާބެއް ނުދިނެވެ. އަނީސާއަކީ އަވަހަށް ނިދާފަ އަވަހަށް ތެދުވާ މީހެކެވެ. އައްވަލަށްވުރެ ކުރިން ހެނދުނުގެ ނާސްތާވެސް ކުރާނެއެވެ. ގޭތެރޭގައި އެއުޅެނީ ކޮންކަމެއް ހިނގައިގެންތޯ އައްވަލް ސުއާލު ކުރިއެވެ. އެއްވެސްކަމެއް ނުވާކަމަށް ޢާފިޔާ ބުނިނަމަވެސް އައްވަލަކަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. ވެގެންއުޅެނީ ކީއްތޯ ސާފުކުރުމަށް ، ތަންކޮޅެއްބާރަށް ، ޢާފިޔާއާ އައްވަލަށް ސުއާލު ކުރެވުނެވެ. ( ނުނިމޭ )