
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ހއ. އަތޮޅުގެ ތިން ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތައް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މި ރަސްމިއްޔާތު އިފްތިތާޚްކޮށްދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމްއެވެ. މި ތިން ރަށަކީ ހއ. މާރަންދޫ، ހއ. މުރައިދޫ އަދި ހއ. ތަކަންދޫއެވެ.
މި އޭޓީއެމްތައް ޤާއިމްކުރުމުން އެ ރަށްރަށުގެ ރައްޔިތުންނަށް ފައިސާގެ މުޢާމަލާތްތައް ކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށާއި، އަދި ފުޅާ ދާއިރާއެއްގައި މާލީ ޚިދުމަތްތަކާ ގުޅުވައިދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރައީސް ޑރ.މުޢިއްޒުގެ ސިޔާސަތަކީ ކޮންމެ ރައްޔިތަކަށްވެސް ބޭންކިންގ ނިޒާމާއި މާލީ ޚިދުމަތްތަކަށް ފަސޭހަކަމާއެކު ވާސިލުވެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް ވިދާޅުވިއެވެ. އަދި ރަށުގެ އާބާދީއަށް ބެލުމެއްނެތި، ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް މި ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި އޭޓީއެމްތައް ޤާއިމްކުރުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.