ފެން އިސްރާފު ވެދާނެ އެންމެހައި ޢަމަލުތަކުން ދުރުވެތިބޭ: މޭޔަރު އާޒިމް

ފެން އިސްރާފު ވެދާނެ އެންމެހައި ޢަމަލުތަކުން ދުރުވެތިބުމަށް، ދިވެހި ލޮބުވެތި ރައްޔިތުންނަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އިލްތިމާސްކުރައްވައިފި އެވެ.

މޭޔަރ ޢާޒިމް މިފަދައިން އިލްތިމާސް ކުރައްވާފައި ވަނީ، މިއަދު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ "ދުނިޔޭގެ ފެނުގެ" ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވެފައި ވަނީ، ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ފެނުގެ ދުވަހަކީ އެ ދުވަހާ މެދު ފުންކޮށް ވިސްނާލަންޖެހޭ ދުވަހެއް ކަމަށެވެ. އަދި ކީރިތި ޤުރުއާނުގައި الله ވަޙީކުރައްވާފައިވަނީ، ''ފުރާނަ ހުރި ދިރުން ހުރި ކޮންމެ އެއްޗެއެއް ހެއްދެވީ ފެނުންކަމުގައި.'' ކަމަށާއި، މި ބަސްފުޅަށް އެކަނި ވިސްނާލިޔަސް، ފެނުގެ މުހިއްމުކަން ވިސްނޭ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމްގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ، މީގެ 50 ވަރަކަށް އަހަރުކުރިން، ދިވެހިން ޢާއްމުކޮށް ބޭނުންކުރާ ފެނަށް އަގެއް ދައްކަން ނުޖެހޭ ކަމަށާއި ބޭނުންކުރަމުންއައީ ވަޅު ފެނާއި ވާރޭފެން ކަމަށެވެ. އެކަމަކު، މިއަދުގެ ޙާލަތަށް ބަލާއިރު، ފެނަށް ވަރަށް ބޮޑު އަގެއް ދައްކަންޖެހޭ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

‏މޭޔަރ ޢާޒިމް ވިދާޅުވީ ފެނަކީ މާތްالله ދެއްވި ވަރަށް މަތިވެރި ނިޢުމަތެއް ކަމަށާއި ފެން އިސްރާފުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރެއްވުމަށް އެދޭ ކަމަށެވެ.

ދުނިޔޭގައި ފެނުގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް، މާޗު މަހުގެ 22 ވަނަ ދުވަހުއެވެ.

މި އަހަރު ދުނިޔޭގެ ފެނުގެ ދުވަހުގެ ޝިއާރަކީ، އެކި ސަރަހައްދު ތަކުގައި ގަޑުވެފައިވާ ބޯން ބޭނުން ކުރާ ސާފު ބޯފެން ރައްކާ ކުރުމެވެ.

ދުނިޔޭގެ އެކި ސަރަހައްދު ތަކުގައި ބޯން ބޭނުން ކުރާ 70 އިންސައްތަ ފެން ހުރީ ގަނޑުވެ ތާށިވެފައެވެ. "ގްލެސިއަރ" އަކީ ދުނިޔޭގެ މީރުފެނުގެ ނިޒާމުތަކާއި މޫސުމީ ރައްކާތެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމުގައިވާތީ، އެ ތަކެތި ރައްކާތެރިކުރުމަކީ މި ވަގުތަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މިއީ ގްލެސިއަރތަކާއި ފެނުގެ ރައްކާތެރިކަމާ، ދިރޭތަކެތީގެ ނަސްލުތަކާ، އަދި މިލިއަން ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއްކަން އަޅުގަނޑުމެން ހަނދާންކުރަންޖެހެއެވެ.

މިކަމަށް ޓަކައި މުސްތަޤުބަލަށް ފެނުގެ ވަސީލަތްތައް ރައްކާތެރިކުރަން ޖެހެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.