
މައުމޫން ފައުންޑޭޝަނުން އިހުޔާ ޕުރޮގުރާމު ބާއްވަވަނީ އިސްލާމް ދީނަށް ލޯބިކުރައްވާ އިސްލާމީ ހިދާޔަތުގައި ދެމިތިއްބަވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެ މަގު އިތުރަށް ހުޅުއްވައިދެއްވޭތޯ ބެއްލެވުމަށް ކަމުގައި، މައުމޫން ފައުންޑޭޝަންގެ ޗެއަރމަން، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް މިހެން ވިދާޅުވީ، މި އަހަރުގެ ރަމަޟާންމަހުގެ ރޭތަށް އިހުޔާ ކުރެއްވުމަށް މައުމޫން ފައުންޑޭޝަނުން ބޭއްވެވި ދެވަނަ ޖަލްސާގައި ދެއްކެވި ވާހަކަފުޅު ފައްޓަވަމުންނެވެ.
އެ ޖަލްސާގައި މަނިކުފާނު ދެއްކެވި ވާހަކަފުޅު ބިނާ ކުރެއްވީ އިސްލާމް ދީނުގައި ޒަކާތަށް ދެއްވާފައިވާ މަގާމުގެ މައްޗަށެވެ. އިސްލާމް ދީނުގައި ކޮންމެ ރުކުނެއް ވެސް ވާޖިބު ކުރައްވަނީ، ބާލިޣުވެފައިވާ

ތިބޭ ހަމަބުއްދީގެ އަހުލުވެރިންނަށް ކަމުގައިވީ ނަމަވެސް ޒަކާތަކީ، ހުރިހާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެން އަޅުކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ޒަކާތާ މެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެކަމަށް ވެސް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ މުއްސަނދިކަމަކީ ހަމައެކަނި އަޅުގަނޑުމެންގެ އަމިއްލަ ޒާތަށް ލިބޭ މުއްސަނދިކަމެއް ނޫންކަމަށާއި އެ މުއްސަނދިކަމަކީ މުޅި މުޖުތަމައަށް ލިބިފައި އޮތް މުއްސަނދިކަމެއްކަމަށާއި މުޅި މުޖުތަމައުގެ ހައްގު، އަޅުގަނޑުމެންނަށް ލިބިފައި އޮންނަ މުއްސަނދިކަމުގައި ހިމެނިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހުރިހާ މުސްލިމުންނަށް އެ ހައްގުތައް އަދާކުރަން ޖެހޭނެކަމަށާއި އެއީ ޒަކާތުގެ ވަރަށް މުހިންމު ބައެއްކަމުގައި ވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޒަކާތަކީ އިސްލާމް ދީނުގެ އިޖުތިމާއީ އަދާލަތުގެ ބިންގަލެވެ.
އެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި، ސްލާމް ދީނުގައި ގިނައީ ހުއްދަކަންތައްތައް ކަމަށާއި ހަރާން ކަންތައްތައް ވަރަށް މަދުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަރާމޭ ކިޔާފައި މުޖުތަމައަށް ފައިދާހުރި ކަންތައްތަކުން ރެކެން ނުވާނެކަމަށާއި އެންމެންނަށް މަންފާ ލިބޭ ކަންތައްތަކުން ދުރުހެލި ވާކަށް ނުވާނެކަމަށް ވިދާޅުވިއެވެ. އަދި މުޖުތަމައަށް ފައިދާހުރި ކޮންމެ ކަމަކީ ހަލާލުކަމެއް ކަމަށާއި މާތްﷲ ހަރާންކުރައްވާފައިވާ ކަމެއްގެ މައްޗަށް އަރައި ނުގަންނަ ނަމަ ހުރިހާ ކަމަކީ ވެސް ހަލާލުކަންތައްތައް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ފުރަތަމަ ވާހަކަފުޅުދެއްކެވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އެމަނިކުފާނު ވާހަކަފުޅުދެއްކެވީ އިޖުތިމާއީ އަދާލަތު ގާއިމު ކުރުމުގައި ޒަކާތުގެ ދައުރުގެ މައްޗަށެވެ.
ރަމަޟާން މަހުގެ ރޭތައް އިހުޔާކުރުމުގެ ޕުރޮގުރާމަކީ، ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ވަރަށް ކުރީކޮޅު، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ މުލީއާގޭގައި ފެއްޓެވި ޕުރޮގުރާމެކެވެ. ޕުރޮގުރާމް ފެއްޓެވީ ހިޖުރައިން 1400ވަނަ އަހަރުގެ ރަމަޟާން މަހުގެ 2ވަނަ ރެއިގައެވެ. އޭރު ކޮންމެ ރެއަކު ވެސް ދީނީ މައުޟޫއަށް ވާހަކަދެއްކެވުމާއި ކީރިތި ޤުރްއާން ކިޔެވުން ކުރިޔަށް ގެންދެވިއެވެ. 1405ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން ޖަލްސާތައް ބާއްވަވަމުން ގެންދެވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. ޚާއްސަކޮށް ފުރަތަމަ އަހަރުތަކުގައި ގިނަ ރޭރޭ ވާހަކަފުޅުދައްކަވާފައިވަނީ ވެސް ރައީސް މައުމޫން ޢަބްދުލްޤައްޔޫމެވެ.