ﷲ ވޮޑިގެންވާކަމުގެ ހެކިތައް (4)

ދުނިޔެއާއި ބިގް ބޭންގ ތިއަރީ

 

ކީރިތި ޤުރުއާނުގެ ސޫރަތުލްއަންބިޔާގެ 30 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

 

أَوَلَمْ يَرَ ٱلَّذِينَ كَفَرُوۤاْ أَنَّ ٱلسَّمَاوَاتِ وَٱلأَرْضَ كَانَتَا رَتْقاً فَفَتَقْنَاهُمَا وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَيْءٍ حَيٍّ أَفَلاَ يُؤْمِنُونَ

މިއާޔަތުގެ މާނައީ ؛

" ހަމަ ކަށަވަރުން އުޑުތަކާއި ބިން ، އެކަތިގަނޑަކަށް ވެފައި ވަނިކޮށް ، ފަހެ ، ތިމަންރަސްކަލާނގެ އެދޭތި ވަކިކޮށްލެއްވިކަން ، ކާފިރުވިމީހުން ނުދަންނަނީ ހެއްޔެވެ ؟ އަދި ، ދިރޭ ކޮންމެ އެއްޗެއް ، ތިމަންރަސްކަލާނގެ ، ފެނުން ހެއްދެވީމެވެ. ފަހެ ، އެއުރެން އީމާން ނުވަނީ ހެއްޔެވެ ؟ "

މީގެ 95 އަހަރު ކުރިން ، މީލާދީން 1929 ގައި ، އެމެރިކާގެ އެސްޓްރޮނޯޓެއްކަމުގައިވާ އެޑްވިން ހަބްލް ވަނީ ، ކާއިނާތުގެ މުހިންމު މަޢުލޫމާތެއް ހޯދާފައެވެ. ހަބްލް ހޯދި ، ކާއިނާތުގެ ސިއްރުތަކުގެ ތެރޭގައި ، ކާއިނާތުގައި ލެއްވިގެންވާ ކޮންމެ އެއްޗެއްވެސް ދަތުރުކުރަމުން ދައުރުވަމުންދަނީ ، އިންސާނާ ދިރިމިއުޅޭ ބިމާ ދުރަށެވެ. އެ އެއްޗެއް ދައުރުވާ ނުވަތަ ދަތުރުކުރާ ބާރުމިން ނިސްބަތްވަނީ އެއެއްޗެއްގެ ކުޑަބޮޑު މިނަށެވެ. އޭގެ ސައިޒް ބޮޑުނަމަ ދައުރުކުރާ ބާރުމިން ބޮޑުވެއެވެ. މިހޯދުމުގެ ފަހުން ، އެޑްވިން ހަބްލްވަނީ ހަމަ މިކަމާބެހޭ އިތުރު ހޯދުމެއް ޢާންމު ކޮށްފައެވެ. އެއީ ތަރިތަކާ ދުނިޔެއާ ބެހޭ މުހިންމު މަޢުލޫމާތެކެވެ. އެޑްވިން ބުނެފައިވާ ގޮތުގައި ، ކާއިނާތުގައި ނުވަތަ ޖައްވުގައިވާހައި އެއްޗެއް ދަތުރުކުރަމުން ދައުރުކުރަމުންދަނީވެސް އެކަތިއަނެކައްޗާ ދުރަށެވެ. އޭގެ މާނަޔަކީ ، ޖުމްލަ ގޮތެއްގައި ދުނިޔެ ފުޅާވަމުން ދިއުމެވެ.

 

މި މަޢުލޫމާތަށް ބަލާއިރު ، ބިގް ބޭންގ ތިއަރީގެ ޞައްޙަކަމާމެދު އުފެދޭ ސުއާލުތަކަށް ކޮންމެވެސް މިންވަރެއްގެ ޖަވާބެއް އެބަ ލިބެއެވެ. ބިގް ބޭންގ ތިއަރީއަކީ މީގެ 12 ނުވަތަ 15 ވަރަކަށް ބިލިއަން އަހަރުކުރިން ހިނގާފައިވާކަމަށް ބެލެވޭ މުޢުޖިޒާތެކެވެ. އެ ތިއަރީގައި ބުނާގޮތުން ، ދުނިޔެއަކީ ހޫނުގަދަ އަދި އެތައް މާއްދާތަކަކުން ތޮއްޖެހި އެކުވެފައި އޮތް އެކައްޗެކެވެ. ވަކިވަކި އެއްޗެތިތަކެއް ނޫނެވެ. ބިގް ބޭންގ ތިއަރީގައި ބުނާ ގޮވުމާއެކު ، އެކަތި އަނެކައްޗަށް ވަކިވެ ، ކާއިނާތުގެ ދިރުމާއެކު ޤުދްރަތީ ނިޒާމެއް އުފެދިގެން ދިޔައީއެވެ. އެހާ ހިސާބުން ފެށިގެން ދުނިޔެ އައީ ފުޅާވެ އަދި ބޮޑުވަމުންނެވެ.

ﷲ އީ ކޮންމެ ކަމެއްވެސް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ބިގް ބޭންގ ތިއަރީއާއި އެނޫންވެސް ތިއަރީތަކުން ސައިންސްވެރިން ހޯދަމުންދާ އާ ހޯދުންތައް ގުޅިދަނީ ، މީގެ ސާދަސަތޭކަ އަހަރުކުރިން ، ﷲ ބާވާލާއްވާފައިވާ ކީރިތި ޤުރުއާނުގެ އާޔަތްކުގެ ޙަޤީޤަތާއެވެ.

މަތީގައިވާ އާޔަތުގައި ބަޔާން ކުރައްވާފައިވާ ފަދައިން ، އުޑުތަކާއި ބިން ، އެކަތިގަނޑަކަށް ވެފައި ވަނިކޮށް ، އެކަލާނގެ އެދޭތި ވަކިކޮށްލެއްވިކަން ، އެ އާޔަތުން ސާބިތު ވެއެވެ.

ކީރިތި ޤުރުއާނުގެ އަލްއަޙްޒާބު ސޫރަތުގެ 54 ވަނަ އާޔަތަށް ބަލައިލަމާތޯއެވެ ؟ އެ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.

 

إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَمَاوَاتِ وَٱلأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِى ٱلْلَّيْلَ ٱلنَّهَارَ يَطْلُبُهُ حَثِيثاً وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلاَ لَهُ ٱلْخَلْقُ وَٱلأَمْرُ تَبَارَكَ ٱللَّهُ رَبُّ ٱلْعَالَمِينَ

މިއާޔަތުގެ މާނައީ ؛

 

ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއީ ، ހަ ދުވަހުގެ ތެރޭގައި އުޑުތަކާއި ބިން ހެއްދެވި ﷲ އެވެ. އެއަށްފަހު ، ޢަރްޝުގެ މައްޗަށް އެކަލާނގެ އިސްތަވާވެ ވޮޑިގެންވިއެވެ. އަދި ، އެކަލާނގެ ، ރޭގަނޑުން ދުވާލު ފޮރުއްވައިލައްވައެވެ. ( އެއިން ކޮންމެ އެއްޗެއް ) އަވަސްކަމާއެކު ( އަނެކައްޗެއް ) ހޯދައިގަނެއެވެ. އަދި ، އިރާއި ހަނދާ އަދި ތަރިތައް ، އެކަލާނގެ އަމުރުފުޅަށް ކިޔަމަންކުރައްވާފައިވާ ގޮތުގައި ހެއްދެވިއެވެ. ދަންނާށެވެ ! ހެއްދެވުމާއި އަމުރުކުރެއްވުން ވަނީ ، އެކަލާނގެޔަށް ޚާއްޞަ ވެގެންނެވެ. ޢާލަމްތަކުގެ ވެރި ﷲ ، މަތިވެރިވެ ވޮޑިގެންފިއެވެ.

 

ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ ! ޤުދްރަތީ ނިޒާމުގައްޔާއި ، ކާއިނާތުގައި ލައްވާފައިވާ ކަންކަން ހިނގުމުގެ ސިއްރުތައް ހޯދައި ، ޢިލްމު އުނގެނުމަށް ، ﷲ ތަޢާލާވަނީ ، އިންސާނާއަށް އަންގަވާފައެވެ. އެހެނަސް ، އިންސާނާއަށް ހޯދިފައިވަނީ އޭގެ ކުޑަމިންވަރެކެވެ. ލޮލަށް ފެންނަންހުންނަ ބައެއް ޢަޖައިބުތަކުގެ އަސްލާއި ގޮތްވެސް އިންސާނާއަށް ހޯދިފައެއް ނުވެއެވެ. އެހެނަސް ، ދިރިއުޅުމުގެ ފަސޭހަތައް ހޯދައި އައު ގޮތްތައް އުފެއްދުމުގައި ، ﷲ ގެ ކުޅަދުންވަންތަކަމުގެ ބާރުފުޅާއި އިރާދަފުޅާލައިގެން ، އެތައް ކަންތައްތަކެއްގައި އިންސާނާވަނީ ކުރިއެރުން ހޯދާފައެވެ.

 

މަތީގައި ބަޔާންކުރެވިފައިވާ މޫރިތި ދެއާޔަތުގައިވެސް ، ﷲ ގެ ވަޙީބަސްފުޅުން ، މާނަކުރެވޭ އެތައް މުޢުޖިޒާތެއް ވެއެވެ. އެއީ ، ﷲ ވޮޑިގެންވާކަމުގެ ހެކިތަކުން ސާފުވާންހުރި ބައެއް ހެއްކެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.