ރޯދަމަހުގެ ނަޒަރުން ރޯދަމަސް (6)

ރޯދަމަހު އެންމެ ގިނަ މީހުން އެންމެ ބޮޑަށް ތައްޔާރުވާ އެއްކަމަކީ، ރޯދަވީއްލުމެވެ. ކޮންމެ ގެއެއްގައި ވެސް އެބައެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން ތަފާތު ބާވަތްތަކުގެ ތަކެތި ތައްޔާރު ކުރެއެވެ. ބައެއް ތަކެތި އެއީ ތަރާވީސް ދަމަށާއި ވެސް އެއްކޮށް ތައްޔާރުކުރާ ތަކެއްޗެވެ.

ރޯދަމަހު ބާޒާރަށް ގޮސް ތަފާތު ތަކެތި ގަތުމަކީ، އަޅުގަނޑުމެންގެ ސަގާފަތާ ގުޅިފައިވާ ކަމެކެވެ. ބައްޕަމެން ކާފަމެން ކުޑަކުދީން ގޮވައިގެން ބާޒާރަށް ގޮސް ދެ އަތްފުރެންދެން ތަކެތި ގަނެގެން އައުމަކީ ވަރަށް އުފަލާ އެކު ކުރާކަމެކެވެ.  އަޅުގަނޑުމެން ކުޑައިރު އެއީ ރޯދަ ކުރުކޮށްލަން ވެސް ކޮށް އުޅުނު ކަމެކެވެ. އޭރުގެ ހާލަތުގެ ގޮތުން ބާޒާރަށް ދާނީ ވެސް ހިނގައިފައެވެ.

މިއަދު އެ މަންޒަރު ފެންނަލެއް އިހުނަށްވުރެ މަދެވެ. މުޅިން ނުފެންނަނީއެއް ނޫނެވެ.

ރޯދަވީއްލުމަށް މިއަދު އައިސްފައިވާ އެއް ބަދަލަކީ އާއިލާތައް ވެސް އެކުވެލައިގެން ކޮންމެ ވެސް އެއް ދުވަހަކު ނުވަތަ ދެތިން ދުވަހަކު، ބައެއް އާއިލާތަކުން، އެއަށް ވުރެ ވެސް ގިނައިން ކޮންމެ ވެސް ރެސްޓޯރަންޓަކަށް ރޯދަވީއްލަން ދިއުމެވެ. އެއީ، ރަހަތައް ތަފާތުކޮށްލުމެއް ވެސް މެއެވެ.

ދެން އޮތީ މިސްކިތްތަކުގެ ރޯދަވީއްލުމެވެ. 1990ގެ ތެރޭގައި ވެސް މި ފެންވަރަށް މިސްކިތްތަކުގެ ރޯދަވީއްލުމެއް ނޯވެއެވެ. އަޅުގަނޑުމެން ކުޑައިރު މިސްކިތުން ބައެއް ފަހަރު ނޫސްކަރުދާސްކޮޅަކަށް ލާފައި އޮންނަ ތިން އޮށް ކަދުރު ލިބެއެވެ.

މިހާރު މި ވަނީ މިސްކިތްތަކުގެ ރޯދަވީއްލުން އާދައިގެ ގޭގެއަށް ވުރެ މާ މަތީ ފެންވަރުގައޭ ދެންނެވިދާނެއެވެ. މިސްކިތު ރޯދަވީއްލުން ފެށުއިރު ފުރަތަމަ ހުންނަނީ ކަދުރު އެކަންޏެވެ. ފަހުން ފެންފުޅިއާ ޖޫސްޕެކެޓާ ބައެއް ވައްތަރުގެ މޭވާއާއި ޖޫހާއި ހެދިކާއާއި ކުކުޅުބިސް ފަދަ ތަފާތު ބާވަތްތައް ހުރެއެވެ. ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތިކަން ވަރަށް ވެސް ބޮޑެވެ. މިސްކިތު ރޯދަވީއްލުން ފެށުނު އިރު ދިވެހީން އެ ސުފުރާތަކުން ފެނުނު ވަރާ ގާތަށް ވެސް މިހާރަކު ނުފެނެއެވެ.

އަޅުގަނޑަށް ގަބޫލު ކުރެވޭ އެއް ސަބަބަކީ ދިވެހީންގެ ތަނަވަސްކަން އިތުރުވުމެވެ. އަނެއް ސަބަބަކީ ބިދޭސީން ޚާއްސަ ބަނގުލާދޭޝް މީހުން އިތުރުވެ، އެ މީހުންގެ ޒަރޫރީ ހާލަތު ހުންނަ ގޮތުން އެ މީހުން އެކަމަށް ހާޖަތްތެރިވެފައި ވާލެއް ބޮޑުކަމުން، އެ ކާރޫބާރޫގެ ތެރެއަަށް ނުވަނުމަށް ޓަކައި، ބައެއް ދިވެހީން އަމިއްލައަށް ރޯދަވީއްލުން ހިފައިގެން މިސްކިތަށް ދިއުމެވެ. އިޚުލާސްތެރި ހިތަކައިގެންނެވެ.

ނަމަވެސް ވަރަށް މަދުން ނަމަވެސް، ހިތާމަވެރި މަންޒަރުތައް ވެސް ފެނެއެވެ. ރޯދަވީއްލުމުގެ ސުފުރާމަތި ބަލަހައްޓަން އިސްކޮށް ތިބޭ ބައެއް މީހުން، ބިދޭސީންނާ މެދު  ތަންކޮޅެއް ރުންކުރުކޮށް މުއާމަލާތު ކުރާތަން ފެނެއެވެ. އެއީ ބައެއް ފަހަރަށް އެ މީހުންގެ އަމަލުތައް ހުންނަ ގޮތުން ނޫނެކޭ ވެސް އަޅުގަނޑު ނުދަންނަވަމެވެ.

ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް ހަ ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝަކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.