މިނިވަން އިންތިޚާބެއް ބާއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފި

ރާއްޖޭގައި މިއަހަރު ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިޚާބު މިނިވަން އިންސާފުވެރި އަދި ދެފުށްފެންނަ އިތިޚާބަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެޑިޔުކޭޝަން މިނިސްޓާރ ޑރ. އާއިޝަތު ޝިހާމް ބޭރުގެ ފަރާތްތަކަށް ދެއްވައިފިއެވެ.

އެކަމަނާ މިޔަގީންކަން ދެއްވީ އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލުގެ 37 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އިންތިޚާބު ކުރިޔަށް ދާގޮތްބައްލަވައި، އިންތިޚާބާ ގުޅޭ އެކި ކަންކަމުގައި ބައިނަލްއަގުވާމީ ފަރާތްތަކުން މިހާރުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ނިމުމެއްނެތް ގޮތުގައި ދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

އެކަމަނާ ވަނީ ދިވެހިރާއްޖޭގައި މިހާރު ކުރަމުންދާ އިސްލާހީ މަސައްކަތްތަކާއި ކުރިޔަށްއޮތްނުގައި ކުރުމަށް ރާވާފައިވާ މަސައްކަތްތަކާބެހޭ ގޮތުންވެސް ވާހަކަފުޅު ދައްކަވައިފައެވެ.

އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުވީ ދިވެހިރައްޔިތުނަށް އަސާސީ ހައްޤުތައް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދާ މަސައްކަތްތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އެ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނުވަތަ ހުއްޓުމެނައިސް ކުރިއަށް ދާންވާނެކަމަށްވެސް ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ރާއްޖޭގައި ކުށްކުރާމިންވަރު %35 މިހާރުވަނީ ދަށައްގޮސްފައި ކަމަށެވެ. އެއާއެކު މަތީ ތައުލީމު ހާސިލު ކުރާކުދިންގެ ޢަދަދު %11 އިތުރުވެފައިވާކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރަށް ބޯހިޔާވަހިކަން ފޯރުކޮށްދެވުނު މީހުންގެ ޢަދަދު %38 އިތުރުވުމުން އެއިން ދައްކުވައިދެނީ ގައުމު ތަރައްގީވަމުންދާ ކަން ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ގެ ބަޔާނުގައިވަނީ ޒަމާންތަކެއްވަންދެން ފަލަސްތީނުން ތަހައްމަލްކުރަމުންގެންދާ ބިރުވެރިކަމާއި، ނަފުރަތާއި، އަނިޔާވެރިކަމަކީ މިހާރުގެ ޖީލާއި ކުރިޔަށް އަންނަންއޮތް ޖީލުތަކަށްވެސް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ބޮޑތި މައްސަލަތަތަކަށް ދުނިޔެއިން ސަމާލުވުމަށް އެކަމަނާވަނީ ދުނިޔޭގެ ގައުމުތަކަށް ގޮވައިލައްވައިފައެވެ. އަދި ފަލަސްތީނަކީ ދައުލަތެއް ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގިވާމީ ދުނިޔެއަށް އެކަމަނާ ބާރުއެޅުއްވިއެވެ. މީގެ އިތުރަށް، ސިރިޔާގެ ރައްޔިތުންގެ އަޑުއަހާނެ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްނެތްކަން ހިތާމައާއެކު އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ކައުންސިލް ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޒަކީ، ޖެނީވާގައި ހުންނަ އދ. އޮފީހުގެ ދާއިމީ މަންދޫބް ޑރ. ހާލާ ޙަމީދު، މިނިސްޓްރީ އޮފް ފޮރެން އެފެއާޒްގެ އެޑިޝަނަލް ސެކެޓަރީ ޖާވިދު ފައިޒަލްގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ފަސްޓް ސެކެޓަރީ ޢާއިޝަތު ޝަހުލާވެސް މިނިސްޓަރ އާއިޝަތު ޝިހާމާއެކު ބައިވެރިވެވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.