ރާއްޖެ އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ވިދާޅުވީ ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 1.070 ކިލޯގްރާމްގެ ކެނެބިސް ބާވަތުގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށެވެ. އަދި މި ތަކެތި އަތުލައިގަނެފައިވަނީ އިއްޔެ ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ އަތުލައިގަނެވުނު މަސްތުވާތަކެތި އަދި ޕެކޭޖް ބަލައި ކަސްޓަމްސްއަށް އައި، 52 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުުހުންގެ އިދާރާއިން ތަހުގީގު ކުރަމުން އަންނައިރު މި އަހަރުގެ ޖެނުއަރީ މަހުގެ 09 ވަނަ ދުވަހު ވައިގެ މަގުން ދިވެއްސަކު އެތެރެކުރަން އުޅުނު މަސްތުވާތަކެތިވެސް ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސުން ވިދާޅުވީ، މިތަކެތި އަތުލައިގަތީ މިމަހުގެ 9 ވަނަ ދުވަހު އަބޫދާބީން ރާއްޖެއައި ޢުމުރުން 39 އަހަރުގެ ދިވެހި ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެ ފަސިންޖަރުގެ ލަގެޖުގައި މަސްތުވާތަކެތި ހޯދާފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮސިޓިވްވެފައެވެ.

މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 109 ގުރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 109000.00 (އެއްލައްކަ ނުވަހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން އޭރު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.