
( 4 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
" މެހެމަލް އެވެ ! ދިލްނަޝީނާދޭތެރޭ މެހެމަލް ކަންތައް ތިކުރަނީކީ ރަނގަޅަކަށް ނޫނެވެ. މެހެމަލްއާއެކީ ރަޙުމަތްތެރިކަން އުފެއްދީ އަހަރެންނެވެ. އެކަމަކު ، އެއީ މެހެމަލް ހަތިޔާރަކަށް ހަދައިގެން ދިލްނަޝީނަށް އަނިޔާއާއި ތަކުލީފު ދޭކަށް ނޫނެވެ. ދިލްނަޝީންގެ ލޮލުން ، އެންމެ ކަރުނަތިއްކެއް ވެއްޓެންވެސް އަހަރެން ބޭނުމެއްނޫނެވެ. އަދި ވެއްޓުނަކަވެސް ނުދޭނަމެވެ. އަދި އަހަރެންނަކީ ، އެކަމުގެ ސަބަބަކަށްވެސް ނުވާނަމެވެ. " ޙަމްޒާ ބުނަމުން ގެންދިޔައެވެ.
ތަންކޮޅެއްބޮޑަށް ވިސްނައިލައިގެން ވާހަކަ ދެއްކުމަށް މެހެމަލް އެދުނެވެ. ޙަމްޒާގެ އަޑުގައިހުރި ހަރުކަށިކަމާއި އަޑުގަދަކަމުން ، ރެސްޓޯރެންޓްގައިތިބި އެންމެންވެސް ތިބީ ، މެހެމަލްމެންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. ޙަމްޒާ މޮޔަވީތޯ މެހެމަލް އަހައިލިއެވެ.
ނޫނެކެވެ. ޙަމްޒާ ބުންޏެވެ. ނޫނެކެވެ. އޭނާ މޮޔަވީއެއްނޫނެވެ. އެހެނަސް ، ދިލްނަޝީނަގެ ހިތަށް ތަކުލީފު ލިބޭގޮތަށް ދުނިޔެއަށް ނޭވާލައި އުޅޭކަށް ޙަމްޒާ ބޭނުމެއްނޫނެވެ. ޚައްޞަކޮށް ، މެހެމަލްމެންފަދަ ގޮތްކުޑަ އަންހެނުން ، ދިލްނަޝީނާ ދިމާކޮށްލައިގެން ދިލްނަޝީންގެ އަގުވައްޓާލަންދެން ، ޙަމްޒާ މަޑެއްކޮށެއް ނުހުންނާނެއެވެ.
" ދިލްނަޝީން އޭނާގެ ފިރިމީހާޔާއެކީ ދިރިއުޅެނީ އުފަލުންކަމުގައިވާނަމަ ، އެކަމުގައި މެހެމަލްގެ މައްސަލަޔަކީ ކޮބައި ހެއްޔެވެ ؟ " ޙަމްޒާ ސުއާލު ކުރިއެވެ.
ޙަމްޒާ މިހާރު އެ ބަދަލުވީ ، ދިލްނަޝީންގެ ލޯބިވެރިޔާގެ ދަރަޖައިން ، ބެލެނިވެރިޔެއްގެ ދަރަޖަޔަށްކަމުގައި މެހެމަލް ބުންޏެވެ. ޙަމްޒާގެ ލޯތްބަކީ އެހާ އަމިއްލަ އެދުމުން ފޯވެފައިވާ ހަޑިމުޑުދާރު އެއްޗެއްނޫނެވެ. ދިލްނަޝީނަށް އަނިޔާއެއް ދިނުމަކީ ، އެލޯބި އޭނާއަށް މަނާކޮށްފައިވާ ކަމެކެވެ. ތަކުލީފުތަކުން ފުރިގެންވާ ރޭވުންތަކުން ، އަނޔާދީގެން ދިލްނަޝީން ޙާޞިލްކުރުމަކީ ، ޙަމްޒާ ކުރަން ބޭނުންކަމެއްނޫނެވެ. މިއަދާހަމަޔަށް އެހިނގި ހުރިހާކަމެއް އެހިނގީ ޙަމްޒާއަށް އެކަން ނުވިސްނިއޮވެގެންކަމުގައި ޙަމްޒާ ބުންޏެވެ.
" މީގެފަހުން ، މެހެމަލްއާ އެއްވެސް ގުޅުމެއް ބާއަވާކަށްވެސް އަދި އެއްވެސްކަމެއްގައި މެހެމަލްގެ އެހީތެރިކަމެއްވެސް ، އަހަރެން ބޭނުމެއްނޫނެވެ. އަދި އެއްވާހަކައެކެވެ. ދިލްނަޝީންގެ ދުޝްމަނަކު އެއީ އަހަރެންގެ ރައްޓެއްސަކަށް ނުވާނެއެވެ. " ދަތްކުނޑިވިކައިގެންފައި ޙަމްޒާ ބުންޏެވެ.
މެހެމަލްއާ ދިމާލަށް އެތިވަރު ގޮވައިގެންފައި ، ރެސްޓޯރެންޓުން ނިކުމެގެން ޙަމްޒާ ދިޔައެވެ. މެހެމަލް އިނީ ލަދުންގޮސް ، އިންގޮނޑިން ތެދުވާންވެސް ނޭނގިފައެވެ. ރެސްޓޯރެންޓް ތެރޭ ތިބިއްޔާ ތިބިހާ ބަޔެއްގެ ކަޅިހުރީ މެހެމްއަށް އަމާޒު ކުރެވިފައެވެ. މަލާމާތުގެ ހިނިތުންވުންތަކުން ލަދުގަންނުވައިލަމުންނެވެ. ދެން ދުވަހަކުވެސް ، އޮޅުމަކުންވެސް ، އެތަނަށް މެހެމަލް ނާންނާނެވަރު ކޮށްލައިފިއެވެ.
ކޮޓަރިތެރޭގައިހުރި ލޯގަނޑުން ، ދިލްނަޝީން އޭނާގެ މޫނުމަތީގައިވާ ނިޝަންތަކަށް ބަލަމުން ގެންދިޔައެވެ. ކޮލުގެ ދެފަރާތްވަނީ ރަތްވެފައެވެ. އޭނާގެ ހިތުގެ ވޭނާއި މޭގެ ތަދު ، ދިލްނަޝީންގެ މޫނުމަތީގައިވާ ލައްތަކުން ދޭހަވެއެވެ. އެ މޫނަކީ ވޭނާއި ތަދާ އަދި ލަދުވެތިކަމުން މަސްހުނިވެފައިވާ ޖަޒުބާތުތަކުން އެއްކުރެވިފައިވާ އިޙްސާސެއް ލިއްބައިދޭ އެއްޗަކަށް ވެއްޖެއެވެ. ނުކުރާ ކަންކަމުގެ އިލްޒާމް އެޅުވި ، އޭގެ އަނިޔާލިބެމުން ލިބެމުންގޮސް ، ހިތުގައި އުފެދުނު ފާރުތައް ނުހިކޭވަރަށް ފުން ވެއްޖެއެވެ.
ޙަމްޒާއާ ޙައިދަރުގެ ތަފާތު ، ދިލްނަޝީނުގެ ހިތަށް ވަންނަމުން އެދިޔައީ ކީއްވެގެންކަމެއް ނޭނގެއެވެ. އެއީ ، ހަމަގައިމުވެސް ، އޭނާގެ ހިތަށް އިބިލީސް ވައްދާ ވަސްވާހެއް ނޫނެވެ. ހުރިހާކަމެއް ފާޅުވަމުން އެދަނީ އޭނާގެ ލޮލުގެ ކުރިމަތީގައެވެ.
ނޭނގޭ މީހަކު މާބޮނޑިތަކެއް ފޮނުވީމަ އެކަމާ ރުޅިއައިސްގެން ، ޙައިދަރުގެ ދެމައިން އޭނާއާ ދިމާލަށް ނުގޮވާކަ އެއްޗެއް ނެތެވެ. ނުއަޅުވާކަ އިލްޒާމެއް ނެތެވެ. އޭނާގެ ބޮލުގައި މަންމަ އަޅުވަމުންދިޔަ އިލްޒާމު އެއީ ޙައްޤު އެއްޗެއްނޫންކަމަށް ބުނެލެވުނީތީ ، ޙައިދަރުގެ އަތްތިލައިގާ ހުރިބާރެއް އޭނާގެ މޫނުމައްޗަށް ބާލައިފިއެވެ. ފިރިމީހާގެ ގެއިން ލިބުނު އަނިޔާއަށް ކެތްނުވެގެން ، ހިތަށް ތަސައްލީއެއް ލިބޭތޯ މަންމަމެން ގެޔަށް ދިއުމުން ، މަންމަގެ ދެއަތުގައި ހުރިބާރެއްލައި ، އެދެއަތުން ދިލްނަޝީންގެ މޫނުމަތީގައްޔާއި ގައިގެ އެތަންމިތަނުގައި ތަޅައި އަނިޔާކޮށްފިއެވެ. މައިންގެ އަތްތިލަޔަކީ އެފަދަ އަނިޔާވެރި އަދި ނުޙައްޤު ޙުކުމްތައް ހިންގާ ގުނަވަނަކަށް ވާހިސާބުން ، އިންސާނެއްގެ ޙަޔާތުގެ ވޮށްކޮޅު އެހިސާބުން އެ ނިމުނީއެވެ. މައިންނަކީ ، އެހާ ރަޙުމެއްނެތް އަނިޔާވެރި ބަޔަކަށް ވެފައި ، މައިދައިތަގެ ނަފުރަތާއި ރުޅިޔާ ، އަދި ފިރިމީހާގެ އިތުބާރު ގެއްލި އަނިޔާ ލިބުމާ ، މެހެމަލްގެ މަކަރުވެރި ޙީލަތްތެރި ރޭވުންތަކުން ، އުފެދިފައި އޮތް ދިލްނަޝީންގެ އަދުގެ ދުނިޔޭގައި އޭނާގެ މައްޗަށް ރަޙުމެއް ، ޙަމްދަރުދީއެއް އޮތް އެންމެ ހިތެއްވެސް ނެތީ ހެއްޔެވެ ؟
ނޫނެކެވެ. އެކަކު އެބަހުއްޓެވެ. ދިލްނަޝީނާ ދޭތެރޭ ވިސްނާ ފިކުރުކުރާ އެކަކު އެބަހުއްޓެވެ. ދިލްނަޝީންގެ ހިތަށް ތަކުލީފެއް ލިބުނަ ނުދޭން ނިޔަތްގަނެގެންހުރި އެކަކު ދުނިޔޭގައި އެބަހުއްޓެވެ. ދިލްނަޝީންގެ އިޙްތިރާމް ކެނޑިގެންދާ ހިނދު ، އެކަމަށް އިދިކޮޅުހަދާ ދިލްނަޝީން ދިފާޢު ކުރަން ، ދުވެފައި އަންނާނެ މީހަކު އެބަހުއްޓެވެ. އެމީހާ ދިލްނަޝީނަށް ހާމަވެގެން އެދިޔައީ ، ޙަމްޒާގެ ފޯނުން ދެންމެ އެއަޑުއިވުނު ވާހަކަތަކުންނެވެ. ޙަމްޒާއާއި މެހެމަލްއާ ދެމެދު ދެކެވުނު ވާހަކަތަކުންނެވެ. އެއީ ޙަމްޒާއެވެ.
ދިލްނަޝީން އިތުރަކަށް ނުވިސްނައެވެ. ފޯނުނަގައި ޙަމްޒާއަށް ފޯނުކުރިއެވެ. އަދި ، އޭނާގެ ހަށިގަނޑުގައި އަޅަމުންދާ ވޭނަށް ފިނިކަމެއް ގެނެސްދީ ، ފާރުވެފައިވާ ޒަޚަމްތަކަށް ފަރުވާއެއް ދިނީތީ ޙަމްޒާއަށް ޝުކުރު އަދާކުރިއެވެ. ދިރިއުޅުމަށް އަހަރެންނަށް އިޚްތިޔާރުކުރެވުނު އިންސާނާއަކީ ، ( ޙަމްޒާއަކީ ) އެންމެ ރަނގަޅު މީހާކަން ސާބިތުކޮށްދިނީތީވެސް ، ދިލްނަޝީން ޙަމްޒާއަށް ތަޢުރީފް ކުރިއެވެ.
" އަހަރެންގެ ދިރިއުޅުމަށް ގޯސްމީހަކު އިޚްތިޔާރު ކުރީ ، އަހަރެންގެ މަންމައާއި ބޭބެއެވެ. " ދިލްނަޝީން ބުންޏެވެ.
ޙަމްޒާ ، އޭނާ ދުއްވަންއިންކާރު ، މަގުގެ އެއްފަރާތެއްގައި ޕާކު ކޮށްލިއެވެ. އަދި ދިލްނަޝީނާ ވާހަކަ ދައްކަން ފެއްޓިއެވެ. ދޭތެރެދޭތެރެއިން އޭނާއާ ވާހަކަ ދައްކައިލާ އުޅުމަށް ، ދިލްނަޝީންގެ ކިބައިން ޙަމްޒާ އެދުނެވެ. އެހެން ފިރިހެނެއްގެ ޒަޚަމްތަކުގައި ބޭސްއަޅައިދީ ، ފަސޭހަކޮށްދޭފަދަ ހިތްވަރެއް ޙަމްޒާގެ ކިބައިގާ އެބަހުރިތޯ ދިލްނަޝީން ސުއާލު ކުރިއެވެ.
އެ އިޙްސާސް އޭނާގެ އެބަހުރިކަމަށް ، ޙަމްޒާ ބުންޏެވެ. އެހެނީ ޚުދު އޭނާއަކީ ހިތާއި ނަފްސާ އަދި ޖިސްމަށް ލިބިފައިވާ އަނިޔާތަކުން ޒަޚަމްވެފައިވާ އެއްޗެކެވެ. އެހެން އިންސާނަކަށް އެފަދައިން ލިބޭ ޒަޚަމްތަކަކުން އަޅާނެ ވޭން އިޙްސާސް ނުވާންވީ ކީއްވެގެން ހެއްޔެވެ ؟ އެންމެންނަކީވެސް އިންސާނުންނެވެ. ވޭނާއި ތަކުލީފަކީ ކޮންމެ އިންސާނަކުވެސް ތަޖުރިބާކޮށް ، ކުރިމަތިލާން ޖެހޭނެ ހިތި އިޙްސާސެކެވެ. އެހެނަސް ، އެހާ ޅަޢުމުރުގައި އަދިޢަމްދުން ކައިވެންޏެއްގެ ކުރީކޮޅުގައި ދިލްނަޝީން އެއުފުއްލަމުން ގެންދާ ތަކުލީފަކީ ، ކޮންމެކޮންމެ އަންހެންކުއްޖަކަށް ކުޅަދާނަވެގެންވާނެ ކަމެއްނޫނެވެ.
ޙަމްޒާއާ އިތުރަށް ވާހަކަ ދެއްކުމުގެ ހިތި ނުފެނި ހިނގައިދާނެތޯ ، ދިލްނަޝީން ، ޙަމްޒާއާ ސުއާލު ކުރިއެވެ. ދިލްނަޝީންގެ ހިތުގައި އިތުރު ޒަޚަމްތަކެއް އުފެދިގެން ދާނެއެވެ. އޭރަށްލިބޭ ތަކުލީފު ، އަދިވަކިން ބޮޑުވާނެއެވެ. އިތުރަށް ވާހަކަ ދައްކައިލާ އުޅުމަކީ މައްސަލަޔަކަށް ނުވާނެކަމުގައި ޙަމްޒާ ބުންޏެވެ.
އެކަން އެހެން ނުވާނެކަމަށް ޙަމްޒާ ބުންޏެވެ. އެންމެ ދެރަވެގެން ، ކުރީގެ ޒަޚަމްތަކުގައި އަޅަމުންދިޔަ ވޭން ނިމުމަކަށް އަތުވެދާނެކަމުގައި ޙަމްޒާ ބުންޏެވެ. އެހެން ނޫނީ އެ ޒަޚަމްތަކުން ފައިބަމުންދިޔަ ލޭ އިތުރުވާނީއެވެ. ޙަމްޒާއަށް އިތުބާރުކުރުމަށް ދިލްނަޝީންގާތު ޙަމްޒާ އެދުނެވެ.
އެވަގުތަށް އޭނާ ފޯނުބާއްވަނީކަމުގައި ދިލްނަޝީން ބުންޏެވެ. އޭނާ މިހާރު އެހުރީ ހިތްބިރުގެންފައެވެ. އެކޮޓަރިޔާއި އެގެޔަކީ ، އޭނާއަށް ރައްކާތެރިކަން ލިބިގެންވާ ތަނެއްކަމުގެ ޔަޤީންކަންވެސް އޭނާގެ ނަފުސަކަށް ނެތެވެ.
ފޯނުބޭއްވުމަށްފަހު ، ދިލްނަޝީން އިސްއުފުލައިލިތަނުން އަނެއްކާވެސް އެފެނުނީ އޭނާގެ މޫނުމަތީގައިވާ ޒަޚަމްތަކެވެ. އެ ޒަޚަމްތަކަކީ ، އޭނާ ފިރިހެނަކާ ގުޅުން ހިންގައިގެން ، ނުވަތަ ގުޅުމެއް ބާއްވައިގެން އުފެދުނު ޒަޚަމްތަކެއްނޫނެވެ. އެއީ ، އޭނާ ޙައިދަރާ ކައިވެނިކުރިކަމަށްޓަކައި ، އުފެދުނު ޒަޚަމް ތަކެކެވެ. ޙައިދަރާ އޭނާ ކައިވެނި ނުކުރިނަމަ ، ހަމަގައިމުވެސް ، ބަދުނާމުވެ ، އަބުރު ގެއްލި ، ދޮގު އިލްޒާމްއެޅުވިގެންގޮސް ، އޭނާގެ މޫނުމައްޗަށް އެ ޒަޚަމްތަކެއް ނައިހެވެ. އޭނާގެ މައްޗަށް ކިރިޔާވެސް ހަމްދަރުދީއެއް އުފެދިފައި އޮތް ހިތަކީ ޙަމްޒާގެ ހިތެވެ. މެހެމަލްއާ ގުޅުން ކަނޑައިލާ ، ދިލްނަޝީނަށް އަނިޔާ ނުކުރުމަށް މެހެމަލްއަށް އިންޒާރުދިނީ ޙަމްޒާއެވެ. ހުރިހާ ގުޅުންތަކެއް ދިލްނަޝީން ކަނޑައިލައިގެން ހުރި ޙަމްޒާއެވެ. ޙަލާލު ފިރިމީހާއަށް އޭނާ ދިފާޢުކޮށް ، އޭނާއަށް އިތުބާރު ކުރުމަށްޓަކައި ކުރެވުނު އެއްކަމެއްވެސް ނެތެވެ. ކުރީގެ ލޯބިވެރިޔާ ، ވަސްޖެހޭ ހިސާބުގައި ގޭގައި ބައިންދައިގެން ، ދިލްނަޝީނަށް ޖެއްސުންކުރުމަށްޓަކައި ، ފުރުޞަތުދީގެން ޙައިދަރު އެ ހުންނަނީ ، ހުރިހާކަމެއް އެނގިގެން ބާވައެވެ. ޙައިދަރުގެ ވެސް ބޭނުމަކީ ، ދިލްނަޝީންގެ ހިތްހަލާކު ކޮށްލުވައި ، މެހެމަލްއާ އެކީ ދިރިއުޅުމެއް ފެށުން ބާވައެވެ. ކުލްސޫމުގެ ފަރާތުންވެސް ދިލްނަޝީނަށް ލިބެމުން އެދަނީ ހުސް ތަކުލީފެވެ. މަންމަޔެއްކަމުގައި ބެލިމީހާ ، މިހާރު އެވަނީ މައިދައިތައަކަށް ބެދަލުވެފައެވެ.
މަންމަ ބުނިބަސް އަހައިގެން ، ޙައިދަރު ގެޔަށްއައީ ، އަގުބޮޑު ހާރަކާއި މާބޮނޑިއެއް ދިލްނަޝީނަށް ހިފައިގެންނެވެ. ޙައިދަރަށް ކާރުން ފޭބުނީ މެހެމަލްގެ ކުރިމައްޗަށެވެ. މެހެމަލް އެއައީ ޙަމްޒާއާ ބައްދުކޮށްފައި ، ހިތި ޒަހަރެއް ބޮއެގެންނެވެ. މެހެމަލް ފެނުމާއެކީ ، ހުރިހާކަމެއް ރަނގަޅުތޯ ޙައިދަރު ސުއާލުކުރިއެވެ. ( ނުނިމޭ )
މެހެމަލް ދެން ޖަހާނީ ކޮންފަދަ މަޅިއެއްކަމެއްވެސް ނޭނގެއެވެ. ތީރަކަށްފަހު ތީރެއް އުކަމުންގޮސް ، ވިހަތީރާ ޖެހުނު އިރު ، ޙަމްޒާވެސް މެހެމަލް ދޫކޮށްލައިފިއެވެ. ދިލްނަޝީންގެ ދިރިއުޅުމަށް ވާނީ ރަނގަޅެއް ބާވައެވެ. ޙަމްޒާގެ ކޮޅަށް ޖެހެމުންގޮސް ޙައިދަރާ ވަކިވާނީ ބާވައެވެ ؟