"އިސްލާމް ދީނުގެ ވަރުގަދަ އަސާސަކީ އިސްލާމީ އެއްބަނޑު އެއްބަފާކަމާއި އެކުވެރިކަން "- ރައީސް މައުމޫން

އިސްލާމް ދީނުގެ ވަރުގަދަ އަސާސަކީ  މުސްލިމުންނަކީ އަޚުންތަކެއްކަމުގައިވާކަން ކަމުގައި  މައުމޫން ފައުންޑޭޝަންގެ ޗެއަރމަން އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ޕްރޮގްރާމްގެ ދަށުން މައުމޫން ފައުންޑޭޝަނުން، ބޭއްވެވި ފުރަތަމަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިސްލާމް ދީނުގެ ކޮންމެ އަޅުކަމަކީ ވެސް ވަރަށް މަތިވެރި އަޅުކަމެއްކަމަށާއި އެއިން ލިބޭ ފައިދާތައް ވަރަށް ބޮޑުވާނެކަމަށާއި އެ އަޅުކަންތައް ދޫކޮށްލައިފިއްޔާ އެއިން ލިބޭ ގެއްލުން އެހައިމެ ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނަށް ލިބިދޭ އެންމެ  ވަރުގަދަ ވަސީލަތަކީ، އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބަނޑުއެއްބަފާކަންކަމާއި މުސްލިމުންނަކީ އަޚުންތަކެއްކަމުގައި ވާކަން ކަމުގައި ވިދާޅުވެ ކީރިތި ޤުރްއާނުން ދަލީލު ދެއްކެވިއެވެ. އެ ގޮތުން އެއް މުސްލިމަކު އަނެއް މުސްލިމަކަށް ކަމޭހިތަންވާނެކަމަށާއި ހެޔޮ އެދެންވާނެކަމަށާއި ލޯބިވާންވާނެކަމަށާއި ހެޔޮ ގޮތުގައި މުއާމަލާތު ކުރަންވާނެކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިސްލާމް ދީނަކީ ޚިޔާލުފާޅުކުރުމުގެ އުސޫލަށް ވަރަށް ބޮޑަށް ތާއީދުކުރާ ދީނެއްކަމަށާއި އިސްލާމް ދީނުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އިންތިހާއަށް އެބަ އޮތްކަމަށް  ވިދާޅުވިއެވެ. އަދި އިސްލާމް ދީނުގައި ތަފާތު މަޒުހަބުތައް އުފެދިފައި އޮތީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތްލެއްބޮޑުކަމުންކަމަށާއި ޚިޔާލު ފާޅުކުރުން ތަފާތު ވިޔަސް ބައިބައިވުން އުފެދިގެން ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ރަމަޟާން މަހަކީ އަޅުގަނޑުމެންގެ ގުޅުންތައް ބަދަހިކުރުމަށް އަހަރަކު އެއް ފަހަރު ލިބޭ ފުރުސަތެއްކަމަށާއި މިފުރުސަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ކުރަން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ.

މި ޖަލްސާގައި އިސްލާމިކް ޔުނިވަރސިޓީގެ އިސް ދާރިސެއްކަމުގައިވާ  ޑޮކްޓަރ މުޙައްމަދު ޤުބާދު އަބޫބަކުރު ވެސް ވާހަކަފުޅުދެއްކެވިއެވެ. އިސްލާމީ އަޅުކަމުގެ އަލީގައި، އިސްލާމް ދީނުގައި އަޚްލާޤަށް ދެވިފައިވާ މަތިވެރި މަޤާމުގެ މައްޗަށް ޑރ. ޤުބާދު ދެއްކެވި ވާހަކަފުޅުގައި ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުގެ އަލީގައި އިސްލާމް ދީނުގައި އަޚްލާޤަށް ދެއްވާފައިވާ މަތިވެރި މަޤާމުގެ މައްޗަށް އަލިވައިލެއްވިއެވެ. އެ ގޮތުން ނަމާދާއި ރޯދައާއި ޒަކާތާއި ޙައްޖުން މުސްލިމުންގެ އަޚްލާޤަށް ގެނެސްދޭ އަޚްލާޤީ ހެޔޮ ބަދަލުތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި އިސްލާމީ ތާރީޚުން އަޚްލާޤީ މުހިންމު ބައެއް ފިލާވަޅުތައް ހިއްސާކޮށްދެއްވިއެވެ.

މައުމޫން ފައުންޑޭޝަނަކީ، ދިވެހީންގެ މެދުގައި ދީނީ ރޫޙު އާލާކުރުމާއި އިސްލާމް ދީނަށް އޮންނަ ލޯބި އިތުރު ކުރުމާއި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމާއި އެއްބަޔަކު އަނެއްބަޔަކަށް އޮންނަ ގުޅުން ބަދަހި ކުރެއްވު ފަދަ ކަންކަން ކުރެއްވުމުގެ މަގުސަދުގައި ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައިގެން، 2010ވަނަ އަހަރު އުފެއްދެވި މުއައްސަސާއެކެވެ.

މައުމޫން ފައުންޑޭޝަނުން ވަނީ ބައެއް ދަރިވަރުންނަށް ތައުލީމު ހާސިލު ކުރުމުގެ ފުރުސަތުތައް ފަހިކޮށްދެއްވައިފައެވެ. އަދި އިސްލާމީ ބައެއް ފޮތްތައް ވެސް ވަނީ ޗާޕުކުރައްވައިފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ވެސް ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރެއްވުމުގެ ޖަލްސާތައް މައުމޫން ފައުންޑޭޝަނުން ވަނީ ބާއްވަވަމުން ގެންދަވައިފައެވެ.

ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް ހަ ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝަކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.