
ރޯދަމަސް ވަރަށް ބާރަށް ކުރިޔަށް އެބަ ދެއެވެ. ރޯދަމަހުގެ ނަޒަރުން ރޯދައާ މެދު ވިސްނާ މީހުން ތަފާތު ވިސްނުމުން ވިސްނަމުން ދެއެވެ. ފުރަތަމަ ރޯދަވިލޭރޭގެ ފަތިސްނަމާދުގެ ޖަމާޢަތުން ފެނުނީ ރޯދަމަހުގެ ކުރީގެ ރޭތަކާ މުޅީން ތަފާތު މަންޒަރެކެވެ.
ބަންގިގޮވުމުގެ ފަނަރަވަރަކަށް މިނެޓު ކުރިން މިސްކިތަށް ދިޔައިރު ވެސް ގާތްގަނޑަކަށް މިސްކިތް ފުރިއްޖެއެވެ. ކުރިން ދިޔައީ ވެސް ކުރީ އަހަރުތަކުގެ ތަޖުރިބާއަށް ވިސްނައިފައެވެ. އެކަމަކު އެހެންޏާ އާންމުކޮށް ނުފެންނަ އެތައް ބަޔަކު މިސްކިތުން ފެނުނެވެ. ވަރަށް އުފާވެރި މަންޒަރެކެވެ.
ދެން އައީ ފުރަތަމަ ދުވަހުގެ މެންދުރު ނަމާދެވެ. ވަރަށް އުފާވެރިއެވެ. ރޯދަމަހުގެ ފުރަތަމަ ދުވަސްކަމުން، ރަސްމީ ބަންދު ދުވަހަކަށް ވާތީއާއި ވެސް އެކުގައެވެ. މޫސުމީ ނުތަނަވަސްކަމާ އެކު ވެސް ނަމާދުގެ ޖަމާއަތަށް ދޭ އިސްކަން ފެނުނެވެ.
ނަމަވެސް މިހާރު ވެސް ތަފާތުވާން ފަށައިފިއެވެ. މިސްކިތުން ޖާގަލިބެން ފަސޭހަވާން ފަށައިފިއެވެ. ނަމާދުގެ ޖަމާޢަތަށް ދޭ ސަމާލުކަން ކުޑަވާން ފަށައިފިއެވެ.
ނަމަވެސް، އެހެން ނަމާދުތަކުގެ ޖަމާއަތަށް ހާޒިރުވާ މީހުންނަށް ވުރެ އެތައް ގުނައަކަށް އިތުރަށް ތަރާވީޙު ނަމާދަށް މީހުން ދެއެވެ. ތަރާވީޙް ނަމާދު ރާއްޖޭގައި މިހާރު ކުރާކަމަށް އަޅުގަނޑަށް ފާހަގަ ވަނީ 4 ގޮތަކަށެވެ. އެއީ ރެޔަކު ފޮތެއް ކިޔަވައިގެން ޤުރްއާން ޚަތިމްކުރާ ގޮތަށާއި ތަންކޮޅެއް ދިގުކޮށް ކިޔަވައިގެން 8 ރަކުއަތް ކުރާ ގޮތަށާއި އަލްހާކުމުއްތަކާއިން ފެށިގެން ކޮންމެ ދެ ރަކުޢަތުން ފަހު ރަކުޢަތުގައި ޤުލްހުވަﷲ ކިޔަވައިގެން 20 ރަކުއަތް ކުރާ ގޮތަށާއި 8 ރަކުޢަތް ކުރާ ގޮތަށެވެ.
މި ދެންނެވި ގޮތްތަކުން އެ މީހެއްގެ ކެރިކުޅަދާނަކަން ހުރި މިންވަރަކުން ކުރަމުން ގެންދަނީއެވެ. ބައެއް މީހުންނަކީ ވަޒީފާގެ މަސްއޫލިއްޔަތުގެ ގޮތުން އަވަސްކޮށްލަން ޖެހޭ މީހުންނެވެ. ނަމަވެސް އަނެއްބައި މީހުންނަކީ، ހަމަ އިތުރު އެއްވެސް ސަބަބެއްނެތި ތަރާވީޙް ނަމާދު ކުރުކޮށްލާ މީހުންނެވެ.
މާލޭގައި އަވަސްކަމަށް ފާހަގަކޮށްލެވޭ ބައެއް މިސްކިތް ކުރެއެވެ. ބައެއް މީހުން އެއީ "އެކްސްޕްރެސް" މިސްކިތްތައް ކަމަށް ވެސް ކިޔައެވެ. ކުރިން އިވިފައި އޮތް ގޮތުގައި ހުޅުމާލޭން ވެސް ބައެއް މީހުން އަވަސް މިސްކިތަށް އާދެއެވެ. އެ މީހުންގެ މުހުތާދުތަކާ ގުޅުވައިގެންނެވެ. ކޮންމެއަކަސް ތަރާވީޙްގެ ޖަމާޢަތުން ރޭއަޅުކަމުގެ ފުރިހަމަ ސަވާބަށް އެތައް ބަޔަކު އެދަނީ އުންމީދުކުރަމުންނެވެ. މާތް ﷲ އަޅުގަނޑުމެންގެ އަމަލުތައް ގަބޫލުކުރައްވާށިއެވެ.