މެރިން ބަޔޮލޮޖިސްޓް އަލްފާޟިލް ޙަސަން ޝަކީލަކީ، އެ ދާއިރާގެ ތަޖުރިބާކާރު ޚިދުމަތްތެރިއެކެވެ.

 ދާދި އިހަކަށް ދުވަހު އަޅުގަނޑުމެންނާ ވަކިވެވަޑައިގެން ދެމި އޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވި، މަޝްހޫރު މެރިން ބަޔޮލޮޖިސްޓް، ހދ.ވައިކަރަދޫ ބްރީޒްވިލާ، އަލްފާޟިލް ޙަސަން ޝަކީލު (ރަޙިމަހުﷲ) އަކީ، ފަހަކަށް އައިސް ރާއްޖޭގައި އުފެދުނު އެ ދާއިރާގެ އެންމެ ބޮޑު ތަޖުރިބާކާރެވެ.

ޙަސަން ޝަކީލު، އުފަން ރަށުން އޭރުގެ ފެންވަރަށް ތައުލީމު ހާސިލު ކުރެއްވުމަށް ފަހު، މާލެ ވަޑައިގެން ސާނަވީ ތައުލީމު ފުރިހަމަ ކުރެއްވީ އީޕީއެސް ސްކޫލުންނެވެ. އެއަށް ފަހު މަތީ ސާނަވީ ތައުލީމު ފުރިހަމަ ކުރެއްވީ، އޭރުގެ ސައިންސް އެޑިޔުކޭޝަން ސެންޓަރުންނެވެ.

ޝަކީލު ފުރަތަމަ ވަޒީފާއަކަށް ވެންނެވީ ވެސް ފިޝަރީޒް މިނިސްޓްރީއަށެވެ. އެ މިނިސްޓްރީގައި އުޅުއްވަނިކޮށް ލިބިވަޑައިގަތް ކޯހެއްގައި ކަނޑުގެ ދިރުންތަކުގެ ދާއިރާއިން ރަޝިޔާއިން މަތީ ތައުލީމު ހާސިލުކުރެއްވުމަށް ފަހު، މެރިން ރިސާޗް ސެންޓަރުގައި 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވިއެވެ. ޝަކީލަކީ، ރަސްމީ ވަޒީފާގެ އިތުރުން މާލޭގެ ބައެއް ސުކޫލުތަކުގައި ފިޝަރީޒް ސައިންސް ކިޔަވައިދެއްވާފައިވާ، ވަރަށް ގިނައިން ރޭޑިޔޯ ޕްރޮގްރާމްތަކުގައި ވެސް އެ ދާއިރާއިން މައުލޫމާތު ހިއްސާކޮށް ދެއްވަމުން ގެންދެވި ޚިދުމަތްތެރިއެކެވެ.

ދިވެހިރާއްޖޭގެ އަޑުގެ ވަރަށް ގިނަ ދުވަސްވީ ޕްރޮޑިއުސަރެއްކަމުގައިވާ ރުޤިއްޔާ ވާފިރު ވިދާޅުވި ގޮތުގައި ޝަކީލަކީ، ރޭޑިޔޯއާ ވަރަށް ގާތްކަން ބެހެއްޓެވި މަސްވެރިކަމުގެ ދާއިރާގެ މައުލޫމާތު މުއްސަނދި ވަރަށް އެހީތެރި ބޭފުޅެކެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަން ފެށުމާ އެކު އޭރު ކޮންމެ އަހަރެއްގެ މަސްވެރިންގެ ދުވަހު، މަސްވެރިކަމާ ބެހޭ ވުޒާރާއިން ޝާއިއު ކުރައްވަމުން ގެންދެވި، "ރަސްއައިން" މަޖައްލާގައި ޝަކީލު ވަނީ، މަސްވެރިކަމާއި ކަނޑުގެ ދިރުންތަކުގެ ތަފާތު މައުލޫތަކަށް ގިނަ ލިޔުންތަކެއް ލިޔުއްވައިފައެވެ.

ކުރިން ފިޝަރީޒް މިނިސްޓަރުކަން ވެސް ކުރެއްވި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް ޢަބްދުއްރަޝީދު ޙުސައިން ވިދާޅުވި ގޮތުގައި " ޙަސަން ޝަކީލުގެ ބައެއް ލިޔުންތައް ފޮތަކަށް ހެދިޔަސް އެއީ ގިނަ ބަޔަކަށް ބޭނުންތެރި އެއްޗަކަށް ވާނެއެވެ. މިސާލަކަށް މަހުގެ ބައޮލޮޖީ އެއީ ކޮން އެއްޗެއްކަން ބަޔާން ކުރައްވައި ރަސްއައިނުގެ އަށެއްކަ އަދަދުގައި ކޮންމެ އަދަދެއްގެ ދިހަވަރަކަށް ސޮފުހާގައި ލިޔުއްވާފައިވާ ލިޔުން ހަމައެކަނި ފޮތަކަށް ހެދިޔަސް، އެއީ ވަރަށް އިލްމީ ޚަޒާނާއަކަށް ފުދޭނެއެވެ. "

ޝަކީލުގެ ކޮއްކޮ ޙުސައިން ޝަކީލު މައުލޫމާތު ދެއްވި ގޮތުގައި ޝަކީލު ވަނީ ފޮތްތަކެއް ވެސް ލިޔުއްވައިފައެވެ. އޭގެތެރެއިން ބައެއް ފޮތްތަކުގެ ބޭރުގަނޑުގެ ކުރެހުންތައް ވެސް ނިންމަވައި، އެ ފޮތްތައް ޗާޕު ކުރެއްވުމަށް ވަނީ ތައްޔާރު ކުރައްވައިފައެވެ.

މީގެ އިތުރުން ބޭރު ބަޔަކާ ގުޅިގެން މަސްވެރިކަމާ ބެހޭ މަސައްކަތްތަކެއް ފެއްޓެވުމަށް ވެސް ވަނީ ތައްޔާރުވެވަޑައިގެންފައެވެ.

ޝަކީލަކީ، ދިވެހިބަހާ މެދު ވެސް ފުންކޮށް ވިސްނަވާ ބޭފުޅެކެވެ. އޭގެ ހެއްކަކަށް، 1992 އޮކުޓޯބަރު މަހު، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރުއްވި "ފަތްތޫރަ" އިގެ 163ވަނަ އަދަދުގައި ލިޔުއްވާފައިވާ ދިރާސާ މަޒުމޫނު "ދިވެހިބަހުގެ ގެއްލިފައިވާ ފިލިތަކާއި ތާ ސުކުނުގެ ސިއްރު" ފުދެއެވެ.

" ޝަކީލަކީ، ވަރަށް މަޑުމައިތިރި އަދި ކުރައްވާ މަސައްކަތުގައި ވަރަށް "ޑެޑިކޭޓެޑް" ބޭފުޅެއް. ކުރައްވާ މަސައްކަތަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ، ކެތްތެރިކަމާއި ޝައުގާ އެކު މަސައްކަތް ކުރައްވާ ބޭފުޅެއް. ބަސްމަދު އެހެން ނަމަވެސް އެނގިވަޑައިގަންނަވާ އެއްޗެއް އެހެން މީހުންނަށް ވިދާޅުވެދެއްވުމަށް އަބަދުވެސް މަސައްކަތް ކުރެއްވި ބޭފުޅެއް. ޝަކީލަކީ، ރާއްޖޭގެ މެރިކަލްޗަރ ދާއިރާގެ މުގޫ، އެ ދާއިރާގައި ޝަކީލު ކުރެއްވި މަސައްކަތްތަކަކީ، އަގުނުކުރޭވަރުގެ ގިނަގުނަ މަސައްކަތްތަކެއް" ކަމުގައި، ކުރިން ޝަކީލާ އެކު، ފިޝަރީޒް މިނިސްޓްރީގައި މަސައްކަތްކުރެއްވި، މިހާރުވެސް މަސްވެރިކަމުގެ ދާއިރާއަށް މަދަރުސާ ކުދިންނާއި ޒުވާނުން ޝައުގުވެރިކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ، އަލްފާޟިލް ޢަބްދުﷲ ޝާކިރު މުޙައްމަދު ވިދާޅުވިއެވެ.

ޝަކީލުގެ ބައްޕައަކީ، ހދ. ވައިކަރަދޫ ބްރީޒްވިލާ މުދިމު ޢަބްދުއްރަހީމް އިބްރާހީމެވެ. މަންމައަކީ، ޖަމީލާ އިބްރާހީމެވެ. މަންމަ ނިސްބަތްވަނީ، ވައިކަރަދޫގެ މަޝްހޫރު އާއިލާއެއްކަމަށްވާ ކަނބުރު އާއިލާއަށެވެ.

ޝަކީލަކީ، އާއިލާއަށް ވަރަށް އެހީތެރިކަން ފޯރުކޮށްދެއްވި ދީލަތި ބޭފުޅެކެވެ. އެ ގޮތުން އާއިލާގެ ގިނަ ކުދީންނަށް ތައުލީމުގެ ފުރުސަތުތައް ހޯއްދަވައިދެއްވުމުގައި ޝަކީލު ވަނީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ. ޙޔާތުގެ ގިނަ ދުވަސްތަކެއް އެ ކުދީންނަށް ޓަކައި ގުރުބާން ކުރެއްވިއެވެ.

ޙަސަން ޝަކީލުގެ އަލަތު އަދި އެ ކައިވެނީގެ މަތީ ދެމިހުންނެވި، ހަޔާތުގެ ބައިވެރިޔަކީ، ޅ.ހިންނަވަރު، ފާޠިމަތު މުޙައްމަދެވެ. ކައިވެނި ބައްލަވައިގަތް އިރު ޝަކީލުގެ އުމުރުފުޅަކީ 45 އަހަރެވެ. ދެކަނބަލުންގެ ހަޔާތުގެ 19 އަހަރުގެ ތެރޭގައި ބޭފުޅަކު ލިބިވަޑައިގެންފައެއް ނުވެއެވެ.

ޝަކީލު އަވަހާރަވީ، އުމުރުފުޅުން 64 އަހަރުގައި 8 ފެބުރުވަރީ 2025 (9 ޝައުބާން 1446) ގައެވެ. އެ ދުވަހު ވަރަށް ހަވީރުވެފައި ހުއްޓައި ކުރިމަތިވެވަޑައިގަތް ސިއްހީ މައްސަލައެއްގައި އައިޖީއެމްއެޗަށް ވަޑައިގެން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އެރޭގެ 10 ޖަހައިކަންހާއިރުއެވެ.

ޝަކީލުގެ ޖަނާޒާ ބޭއްވުނީ، ޖެހިގެން އައި ދުވަހު މެންދުރު ނަމާދަށް ފަހު އާ ސަހަރާގައެވެ.

ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް ހަ ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝަކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.