ރޯދަމަހުގެ ނަޒަރުން ރޯދަމަސް (3)

ަރޯދަމަހުގެ ދުވަސްތައް ކުރިޔަށް ދަނީއެވެ. ތަފާތު އިހުސާސްތަކާ އެކުގައެވެ. ކެއިންބުއިމުން އެކަހެރިވާން ޖެހުމުން އެކަމުގެ ހިތާމައިގައި ނުވަތަ އެކަމުން ދިރިއުޅުމަށް އަންނ ބަދަލުގައި ބައެެއް މީހުން ހެއިލާނީ ވެސް އަސުރުން ތިރިވީމައެވެ. ހެއިލައިގެން ނުކުންނާނީ ފިނިބުރަކަށެވެ. އެނބުރި އަންނާނީ ބަންގީގެ އަޑާ އެކުގައެވެ. އެއަށް ފަހު، ރޯދަވީއްލުމާ އެކު ބަނޑުދަމައިލަން ޖައްސައިލަނީއެވެ. ހޭލެވޭނީ ނުވަތަ ހޭލާނީ ޢިޝާ ވަގުތު ދާ ފަހުންނެވެ. ތަރާވީސް ކައި ބޮއިގެން އެވީ، ކުޅިވަރަށްދާށެވެ. އެ މީހަކު ގަޔާވާ ދިމާއަކަށެވެ. ފުޓުބޯޅައެވެ. ކޮންޕިއުޓަރު ގޭމުތަކެވެ. ތާސްބައިގެ ކުޅިވަރުތަކެވެ. އެހެން ގޮސް ނަން ހުސްކޮށެވެ.

މިއީ އެއްބައެއްގެ ރޯދަމަހުގެ ދިރިއުޅުމެވެ. ރޯދަމަހޭ ކިޔާފައި ރޯދަހިފުން ފިޔަވައި އަޅުކަމަށް ސަމާލުކަން ނުދޭ މީހުން ވެސް މަދެކޭ ދެންނެވޭކަށް ނެތެވެ. ބައެއް މީހުން ބައެއް ނަމާދުތަކަށް އަރައިލައެވެ. ރޯދަމަހުގެ ކުރީކޮޅު ކުޑަކުޑަ ރޫހެއް ހުރެއެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިހުއޮތްދަރަށް ބަދަލުވެއެވެ.

ދެން އަންނަނީ ވަރަށް ޚާއްސަ ރެއެކެވެ. އެއީ، ރޯދަމަހުގެ 27 ވިލޭރެއެވެ. ހިޔަރަކާތް ވިލޭރެއެވެ.  ރަމަޟާން މަހުގެ 27 ވިލޭރޭ އެއީ ހިޔަރަކާތް ވިލޭރޭ ކަމީ ޝައްކެއްނެތި އެތައް ބަޔަކު ގަބޫލުކުރާ ކަމެކެވެ. ހަމައެކަނި ރާއްޖެއަކު ނޫނެވެ. ދުނިޔޭގެ ގިނަ މުސްލިމުން ގަބޫލުކުރާ ގޮތަކީ އެއީއެވެ. ހަމައެކަނި އެ ރޭ އަޅުކަންކޮށްލައިގެން އުމުރުގެ ބާކީ އޮތްބައި ނުވަތަ ދެން އަންނަ ރޯދަމަހަކާ ހަމައަށް ފުދޭނެކަމަށް ގަބޫލުކޮށްލަނީއެވެ.  އަދި އެވަރު ވެސް ނުވާ "މުސްލިމުން" އުޅޭކަމީ ވެސް ފެންނަ ހަގީގަތެކެވެ. މި ހެންވަނީ ކީއްވެގެން ތޯއެވެ. ހަރުދަނާ ބިންގަލެއް އެޅިފައި ނުވާތީތޯއެވެ. މައިންބަފައިންނާއި ބެލެނިވެރިންގެ އިހުމާލުން ތޯއެވެ. ނުވަތަ އެކުގައި އުޅެވޭ ރަހުމަތްތެރިންގެ ސަބަބުންތޯއެވެ.

ކޮންމެ ގޮތެއްގައި ނަމަވެސް މައުލޫމާތާއި ހޭލުންތެރިކަމުގެ މި ޒަމާނުގައި މިސްރާބު ހިފަން އުނދަގޫވެގެން ނުވާނެއެވެ. "ޖީޕީއެސްތައް" މި އޮތީ އަތުތެރޭގައެވެ. ބުއްދި ސަލާމަތުން ހުރި މީހެއް ނަމަ، ތިމާގެ މާދަމާގެ ޒިންމާ އޮންނާނީ ތިމާގެ އިޚުތިޔާރުގައެވެ.

ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް ހަ ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝަކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.