
އަޅުގަނޑުމެންގެ ހަޔާތުން އަނެއްކާ ވެސް ރޯދަމަހެއް އައީއެވެ. 1446ވަނަ އަހަރުގެ ރަމަޟާންމަހެވެ. ބަރަކާތްތެރި މި މައްސަރުގެ ހެޔޮ އެދުމާއި މުބާރިކުބާދު ތިޔަ ބޭފުޅުންނަށް އަރިސްކުރަމެވެ.
މިހާރުގެ ރޯދަމަސް އެހާރާ ވަރަށް ބޮޑަށް ތަފާތެވެ. ރޯދަވީއްލުމާއި ހާރުކެއުން ވެސް ތަފާތެވެ. ކާ އެއްޗެހި ވެސް ތަފާތެވެ. ކިޔާ ނަންތައް ވެސް ތަފާތީއެވެ. އަޅުގަނޑުމެން ކުޑައިރު ރޯދަވީއްލުމަށް ވުރެ އާންމީ ކޯދޮވުމެވެ. އެކަމަކު މަޑުމަޑުން ބަދަލުވަމުން އައިސް ރޯދަވީއްލުމަށް ބަދަލުވީއެވެ. އަދި މިފަހަކަށް އައިސް ރޯދަވީއްލުމަކަށް ދައުވަތެއް ލިބުމަކީ ނާދިރުކަމެކެވެ. ދައުވަތެއް ލިބެންޏާ ލިބެނީ އިފުޠާރަކަށެވެ. ކާރުކެއުން ވެސް މަޑުމަޑުން ސުހޫރަށް ދަނީ ބަދަލުވަމުންނެވެ.
މިސްކިތްތަކުގައި ވެސް މިހާރު ހެން ރޯދަވީއްލުމުގެ މޭޒުތަކެއް ނުހުރެއެވެ. އޭރު އަޅުގަނޑުމެންނަށް ރޯދަ ވީއްލަން އާންމުކޮށް ލިބެނީ ރޯފެންތައްޓެކެވެ. ފެންފޮދަކުން ތިން ފަހަރު ކޯދޮވެލުމުން ރޯދަވީއްލުނީއެވެ. ކަދުރު ވެސް މިހާރު ލިބެން ހުންނަ ވަރަކަށް އަދި މިހައިގިނަ ވައްތަރުތަކެއް ނުހުރެއެވެ. އާންމުކޮށް ވިއްކަން ހުންނަނީ ކަދުރުގަނޑެވެ. ކަދުރުގަނޑަކީ ނައިލޯނު ބަސްތާއެއް ގޮތަށް ބަންދުކޮށްފައި އޮންނަ ކަދުރެވެ. ކުރިން އަޑުއަހާ ގޮތުގައި ކަދުރުގަނޑު ބާއްވާފައި މަތިން ކަފައިލައި ހާމައަށް ބާޒާރުގެ ފިހާރަތަކުގެ ދޮރުމަތީގައި އޮންނައިރު އޭގެ މަތީގައި ރަޖައެއްހެން މެހިތައް އޮވެއެވެ. ކަދުރު ގަންނަން މީހަކު ދިއުމުން އަތުން ނުވަތަ ބޯކަރުދާސްގަނޑަކުން މެހިތައް ފައްސައިލުމަށް ފަހު ކަދުރު ވިއްކަނީއެވެ. އެއީ އޭރަކު މާބޮޑުކަމެއް ނޫނެވެ.
ރޯދަވީއްލުމުގެ މައިކެއުމަކަށް އެންމެ އާންމު އެއްޗެއްސަކީ، ހެދިކާއެވެ. ކުޅިބޯކިބަލެވެ. ގުޅައެވެ. ބަޖިޔަލެވެ. ނުވަތަ ހަވާދުލީބިސް ނޫނީ މަސްރޮއްޓެވެ. ފޮނިއެއްޗަކަށް ފޮނިފޮޅި ނޫނީ ފޮނި ބޯކިބަލެވެ. ރޮއްޓަކީ ރޯދަވީއްލުމަށް އެހައި އާންމު އެއްޗެކޭ ނުދެންނެވޭނެއެވެ. ޖޫސް ވެސް އެހައި އާންމެއް ނޫނެވެ. މާލޭގައި ކުރުނބައެއް ލިބޭނީ ވެސް މަދު ފަހަރަކުއެވެ.
ތަރާވީސްދަމުގެ ބުއިމަކީ، ކޮންމެވެސް ކަހަލަ ފަންޏަކާއި ހެދިކާއެވެ. ނުވަތަ މަސްކުރޮޅިއާއި ބަތްޕެނެވެ.
ހާރުކާން އާންމުކޮށް ހުންނަނީ، ގަރުދިޔައާއި ބަތެވެ. ފިހުނު މަހެވެ. ދޯބުރާލިހަކުރު ނުވަތަ ދިޔާހަކުރާއި ބައެއް ފަހަރަށް ކަރުހަކުރާއި ދޮންކޭލާއި ކިރެވެ. އާދެ، ކިރުހަކުރު ބަތެވެ. އަދި ބަތްޕެނަކީ ހާރުކެއުމުގެ ފަހުން ބުއިމަށް ވަރަށް ހިނގާ އެއްޗެކެވެ.
މިހާރުގެ ވާހަކަ ދައްކާނެކަމެއް ނެތެއް ނޫންތޯއެވެ. އަޅުގަނޑުމެން އެންމެންނަށް މިހާރު، އެބަ އެނގޭނޫންތޯއެވެ.