މާލެ ސިޓީގެ 24 މިސްކިތެއްގައި ޙިފުޡްކޮށް ތަރާވީޙް ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފި

ކުރިއަށް އޮތް ރަމަޟާން މަހު މާލެ ސިޓީގެ 24 މިސްކިތެއްގައި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

މިގޮތުން މާލޭގެ 16 މިސްކިތެއްގައި ޙިފުޡްކޮށް ތަރާވީޙު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު ހުޅުމާލޭގެ 7 މިސްކިތެއްގައި އަދި ވިލިމާލޭގެ 1 މިސްކިތެއްގައި ޙިފުޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ރަމަޟާން މަހު މާލޭގެ ގިނަ މިސްކިތްތަކެއްގައި ޒުވާން ޙާފިޡުން ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރަމަޟާން މަހު މާލޭގެ އެންމެ ބޮޑު މިސްކިތްކަމަށްވާ އިސްލާމީ މަރުކަޒުގައި ތަރާވީޙު ނަމާދު ކުރައްވާނީ، މަރުކަޒުގެ އިމާމު އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި، އަލްޙާފިޒް ޢުވައިސް ބިން އިނާޒް، އަލްޙާފިޒް ޚިޟްރު ބިން ޢިމާދުގެ އިތުރުން އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފްއެވެ. މީގެ އިތުރުން، ފަހު ދިހައިގައި ދަމު ނަމާދު އިމާމުވެ ކުރައްވާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަޠިފްއެވެ.

ސަލްމާނު މިސްކިތުގައި ރަމަޟާން މަހު ތަރާވީޙު ނަމާދާއި ދަމު ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވަނީ އަލްޙާފިޒް އާދަމް މިޝްއަލް ޝާމިން، އަލްޙާފިޒް މުޙައްމަދު މިޝްއަލް އާޡިމްގެ އިތުރުން އަލްޙާފިޒް އަބްދުﷲ އަޙްސަން ސަޢީދުއެވެ.

ރާއްޖޭގެ އެންމެ ބޮޑު ދެ މިސްކިތުގައި ރަމަޟާން މަހު ޒުވާން އިމާމުންނަށް ފުރުސަތު ދެއްވާފައިމިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ލީޑަރުން އުފެއްދެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.