ވިހަ ތީރު (69)

(23 ފެބުރުވަރީ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( " މަންމަމެންވެސް މަންމަމެންގެ ގެ ، އާބާދުކުރީ އެބީދައިންނެވެ. ދަރިފުޅުވެސް އެގޮތުގައި ކުރިޔަށްދާށެވެ ! އެއްދުވަހަކުން ، ދިލްނަޝީނަކީވެސް ، ދިލްނަޝީންގެ ދަރިފުޅުގެ ބޯ ، ދިލްނަޝީންގެ ކޮނޑުގައި އަޅާލައިގެން އޮންނާނެ މީހަކަށް ވާނެއެވެ. އެހާރުން ، އެދަރިފުޅުގެ އުއްމީދުތައް ނެތިކޮށްލުމަށް ދިލްނަޝީން ބުންޏެވެ. " އަނީސާގެ މޫނު ދިލްނަޝީންގެ ބޮލުގައި ޖައްސާލަމުން ބުންޏެވެ.)

މެހެމަލްއާއި ކުލްސޫމްވެސް ޙައިދަރު އަންނާނެ ވަގުތަކަށް ބޭރަށް ނުކުމެ ތިއްބެވެ. ދިލްނަޝީންވެސް އޭނާގެ މަންމަގެ ގެއިން އެނބުރި އައެވެ. ދިލްނަޝީން ގެޔަށް އައިތަން ފެނިފައި ދިލްނަޝީނަށް ކުލްސޫމް ގޮވައިލިއެވެ.

" ދަރިފުޅާއެވެ ! ގެޔަށް އައީ ހެއްޔެވެ ؟ " ކުލްސޫމް އަހައިލިއެވެ.

އޭނާ ގެޔަށް އައީކަމަށާއި އަވަހަށްގޮސް މަންމަޔަށް ގުޅާފައި އޭނާ ގެޔަށް އައިތޯ ޗެކްކުރުމަށް ކުލްސޫމް ގާތު ދިލްނަޝީން ބުންޏެވެ. ދިލްނަޝީންގެ ބަސްމަގު ހުރިގޮތުން ، ކުލްސޫމް ކަންބޮޑުވިއެވެ. އަދި ، އެއީ ކީއްވެތޯ ދިލްނަޝީނާ ސުއާލުކުރިއެވެ.

" އެއީ ، އަހަރެން ގެޔަށް ދިޔަތޯ ޗެކްކުރިގޮތަށް ، އެނބުރި ގެޔަށް އައިމަވެސް އައިކަން ، މަންމަޔަށް އަންގާލަން ވާނެ ނޫން ހެއްޔެވެ ؟ ކާރު އައީކޮންމަގަކުންތޯ އާއި އެމަގުން ގެޔަށް އަންނަން ނަގާނީ ކިހާވަގުތެއްތޯވެސް ބަލަންވާނެ ނޫން ހެއްޔެވެ ؟ " ދިލްނަޝީން ބުންޏެވެ.

ދިލްނަޝީން އޭނާއާ އެގޮތަށް އެވާހަކަ ދައްކަނީ ކީއްވެތޯ ކުލްސޫމް ސުއާލު ކުރިއެވެ.

" އަދި އެއަށްވުރެ މާ ރަނގަޅުގޮތެއް އެބައޮތެވެ. އަހަރެން ބޭރަށްގޮސް އައިމަ ، ދިޔައީ ކޮންތާކަށްތޯއާއި އައީ ކޮންމަގަކުންތޯ އަދި އެމަގުން އަންނަން ހޭދަވީ ކިހާ ވަގުތެއްތޯ ބަލަން ކީރިތިޤުރުއާން ގެނެސް ، އަހަރެން ލައްވާ ހުވާކުރުވަންވީ ނޫންހެއްޔެވެ ؟ އަހަރެންކުރާ ހުރިހާކަމެއް އެންމެންގާތު ކިޔައިދޭކަށް އަހަރެންނަކަށް ނުޖެހެއެވެ. " ދިލްނަޝީން ބުންޏެވެ.

ދިލްނަޝީންގެ ވާހަކަ ހުރިގޮތުން ، ކުލްސޫމްވެސް ހިތްހަމަނުޖެހޭގޮތް ވިއެވެ. އަދި ، އޭނާއަކީ އެގޭގެ އެންމެ ދުވަސްވީމީހާކަމަށާއި އެއީ އޭނާގެ ދަރިފުޅުގެ ގެ ކަމުގައި ކުލްސޫމް ބުންޏެވެ. އެގޭގައި ދިރިއުޅޭ އެންމެންގެ ކަންކަން ބެލެހެއްޓުމަކީ އޭނާގެ ވާޖިބެކެވެ.

އޭނާއަކީ ، އެގޭގެ ޅީދަރިކަމުގައި ދިލްނަޝީން ބުންޏެވެ. އޭނާގެ ހުރިހާކަމެއް އެހެންމީހުންނަށް ސާފުކޮށްދީ އެންގުމަކީ ،  ދިލްނަޝީންގެ ވާޖިބެއްތޯ ދިލްނަޝީން ސުއާލު ކުރިއެވެ.

ދިލްނަޝީނަށް ވެގެންއުޅޭގޮތެއް ކުލްސޫމަކަށް ނުވިސްނުނެވެ. އެދެމައިންގެ ބަހުސްގެ އަޑުއަހަން ، އެއްމިޔަކަނުން ހެވިފައި މެހެމަލް ހުއްޓެވެ. އޭނާ އެހުރީ ، ކުލްސޫމާމެދު ދިލްނަޝީންގެ ހިތުގައި މެހެމަލް އިންދި ، ނަފުރަތުގެ އޮށުން ނިރުފަޅާތަން ބަލާށެވެ. ކުށްހީއާއި ވަހުމަކީ ، މައްސަލަތައް އުފައްދާ ސަބަބުކަމުގައި ކުލްސޫމް ބުންޏެވެ. އެންމެ ރަނގަޅުގޮތަކީ މައްސަލައެއް ކުރިމަތިވެއްޖެނަމަ ، އެކަމެއް ވަގުތުން އޮޅުންފިލުވައި ހިތްވެސް ސާފުކޮށްލުމެވެ.

" އެހެން ހެއްޔެވެ ؟ މަންމަގެ ދަރިފުޅުކުރެން އެއްވެސް ވާހަކައެއް ނާހަމުނޫން ހެއްޔެވެ ؟ ޙައިދަރުގެ ލޯބިވެރިޔާ ކުރިމަތީ ބަހައްޓައިގެން ، ޙައިދަރުގެ ލޮލަށް ފިނިކަން ހޯދާއިރު ، ކުރީ ކޮން ސުއާލެއް ހެއްޔެވެ ؟ އެއީ ކާކަށް ތަޙައްމަލްކުރެވޭނެ ކަމެއް ހެއްޔެވެ ؟ އެއީ ، ކޮން އިންސާފަކުން މަޢާފުކުރެވިދާނެ ކަމެއް ހެއްޔެވެ ؟ އަހަރެންގެ ގެ ރައްކާތެރިކޮށް ކައިވެނި ދަމަހައްޓަން މަސައްކަތް ކުރާއިރު ، ހަމަ ކޮންމެ ދުވަހަކުވެސް ، އަހަރެންގެ އަތުގައި އެއަންހެނާގެ ޒަޚަމުން ވޭން އަޅައެވެ. އެހުރިހާ ކަމެއްގައި ބަދުނާމުވެ ، ހިތްހަލާކުވަނީ އަހަރެންގެ އެވެ. އެހެންމީހަކަށް ވާކަމެއް ހަރާމެވެ. އަހަރެންނަކީވެސް އިންސާނެކެވެ. މިކަމަކާ ހަނގުރާމަ ކޮށްކޮށް އަހަރެން ވަރުބަލި ވެއްޖެއެވެ. " ދިލްނަޝީން ބުންޏެވެ.

ޙައިދަރުގެ ގޮތް ދޫކޮށްގެން ދިލްނަޝީނާއެކު ދިރިއުޅެވޭތޯ ޙައިދަރު މަސައްކަތްކުރާކަން ނޭނގެނީތޯ ކުލްސޫމް ސުއާލު ކުރިއެވެ. ކުލްސޫމްގެ އަޑުގައިވަނީ ހަރުކަށިކަމެވެ. ކުލްސޫމަށްވެސް ވާހަކަ ދެއްކުނީ އާދައިގެ ވަރަށްވުރެ ބާރަށެވެ.

" ޙައިދަރުގެ ލޯބިވެރިޔާ ޙައިދަރު ދޫކޮށްލާފައި އެހެންމީހެއްގެ ގާތަށް ދިޔައީއެވެ. އެކަމުގައި އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ ؟ ލޯބިވެރިޔާ އަނބުރާ އައިމަ ، އެކަމުގައިވެސް އަހަރެންގެ އޮތީ ކޮންކުށެއް ހެއްޔެވެ ؟ ކައިވެނި ކުރީއްސުރެ ، އަހަރެންގެ އަތަށް މީހަކު އައިސް ، އޮލިމްޕިކް ޓޯޗް ދީފައި އޮތް ކަހަލައެވެ. ހިފާށެވެ ! އަދި ދުވަމުން ގެންދާށޭ ބުނާ ކަހަލައެވެ. " " ދިލްނަޝީން ސުއާލު ކުރިއެވެ.

ކުލްސޫމްހުރީ ބުނާނެ އެއްޗެއްވެސް ނޭނގި ޙައިރާންވެފައެވެ. ދިލްނަޝީން އޭނާއާދިމާލަށް ގޮވާނެ އެއްޗެއް ގޮވުމަށްފަހު ގޭތެރެޔަށް ވަދެގެން ދިޔައެވެ. ކުލްސޫމްވެސް އިރުކޮޅަކުން ގޭތެރެޔަށް ވަދެގެންގޮސް ، އޭނާގެ ކޮޓަރިޔަށް ވަނެވެ.

ކުލްސޫމް ރޯންއިންދާ ، މެހެމަލް އައިސް ކުލްސޫމްގާތު އިށީނދެލިއެވެ. މެހެމަލްއަކީ ގޯސް އަދި ވިޔާނުދާމީހެއްކަމަށް މެހެމަލް ބުންޏެވެ. އެހެނަސް ، ބޮޑުދައިތަގެ ހިތާމަތައް ވިސްނައިގަންނަން ނޭނގޭވަރުގެ ގޯސްމީހެއްނޫނެވެ.

" ބޮޑުދައިތަގެ ޅީދަރިފުޅުގެ ދިރިއުޅުން ބަރުބާދުވެގެން އެދަނީ ، އަހަރެންގެ ސަބަބުންކަން ބޮޑުދައިތަގެ ހިތުގައި އޮންނާނެކަން އަހަރެންނަށް އެނގެއެވެ. އެބިރުވެރިކަން އެއީ ޖާއިޒް ކަމެއްކަންވެސް އަހަރެންނަށް އެނގެއެވެ. " މެހެމަލް ބުންޏެވެ.

ނޫނެކެވެ. ދިލްނަޝީނަކީ ވަރަށް ވިސްނުންތޫނު ކުއްޖެކެވެ. ކުލްސޫމް ހީކުރިވަރަށްވުރެ ދިލްނަޝީންގެ ވިސްނުން ތޫނެވެ. އެހާ މޮޔައެއްނޫނެވެ. ބޮޑުދައިތަގެ ހިތުގައި އޮތްއެއްޗެއް އޭނާގާތު ބުނެވިދާނެކަމަށް މެހެމަލް ބުންޏެވެ. އެކަމާ ، މެހެމަލް އެއްވެސް އެއްޗެއް ހިއެއްނުކުރާނެއެވެ.

" އަހަރެންވެސް ، މިހާރު މިމަސައްކަތްކުރަނީ ، އަހަރެންގެ ހިތުން ޙައިދަރު ފުހެލެވޭތޯއެވެ. އެއްވެސް މީހަކީ ، ގަދަކަމުން އަނެކާގެ ޙަޔާތަށް ގެނެވިދާނެ މީހެއްނޫންކަން އަހަރެންނަށްވެސް ވިސްނިއްޖެއެވެ. ލޯތްބަކީވެސް ވަގުތާއި ޙާލަތާ ގުޅިފައި އޮންނަ އެއްޗެކެވެ.  ވަގުތު ފާއިތުވެއްޖެނަމަ ، ޙާލަތު ބަދަލުވެއްޖެނަމަ ، ލޯބީގެ މަތިން ހަނދާން ނައްތައިލާން ޖެހޭނެއެވެ. " ފެންކަޅިވަމުން ، މެހެމަލް ބުނަމުން ގެންދިޔައެވެ.

މިހުރިހާކަމެއް ކުރިމަތިވަމުން އެދަނީ ، މެހެމަލްގެ ސަބަބުންކަމުގައި ކުލްސޫމް ބުންޏެވެ. ދުނިޔެ ބޭނުންވެގެން ، ދުނިޔޭގެ އެދުމަށް މެހެމަލް ނުހެއްލުނުނަމަ ، ކުލްސޫމްމެންނަށް އެލިބެމުންދާ އަނިޔާއާއި ތަކުލީފެއް ނުޖެހުނީއެވެ. ޙައިދަރަށް އަދި އެއުޅެވެނީ ޙަޔާތުގައި އޭނާ އަންނަންވީ ޕޮއިންޓަށް ނާދެވިގެންނެވެ. ކުލްސޫމްގެ ދުވަސްވީ ޙަޔާތުގައި ބުރަމަސައްކަތުން ،  އެންމެންވެގެން އެޅި ބިންގާ އެއޮތީ ރޫޅިފައެވެ. ބޮޑުވެގެންވާ މުޞީބާތެއް ކުރިމަތިވަމުން އަންނަ ފަދައެވެ. މެހެމަލްގެ ސަބަބުންނެވެ.

ކުމްސޫމްގެ ވާހަކަތަކުން މެހެމަލްއަށް ރޮވުނެވެ. ކުލްސޫމްގެ ހަމްދަރުދީ ހޯދައި ، ދިލްނަޝީނާމެދު ކުލްސޫމްގެ ހިތުގައި ރުޅިވެރިކަން އުފެއްދުމަށްޓަކައި ، އެއީ އޭނާއަށް ލިބޭނެ ރަނުގެ ފުރުޞަތެއްކަމުގައި މެހެމަލްއަށް ފެނުނެވެ. އޭނާއަށް މާފުކުރުމަށް ކުލްސޫމްގެ ކިބައިން މެހެމަލް އެދެމުން ގެންދިޔައެވެ. ޚުދު މެހެމަލްވެސް އެހުންނަނީ އުފަލުންނެއް ނޫނެވެ. އޭނާ އެހުރީ ދިރިދުނިޔޭގައިކަމެއް އަދި މަރުވެފައިކަމެއް ، ޚުދު މެހެމަލްއަކަށްވެސް ނޭނގެއެވެ. އެހެނަސް ، ދެން އިރާދަ ކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެކަމުގައި މެހެމަލް ބުންޏެވެ. މެހެމަލް ނޫންކަމަށް ވަންޏާ ، ޙައިދަރުގެ ޙަޔާތަށް ބާއްޖަވެރިކަން ލިބިގެން ދާނެއެވެ. ދެމީހުންކުރެ އެކަކަށްނަމަވެސް ، އެ ފުރުޞަތު ލިބިގެން ދިއުމަކީ ، ދުރުގައިވާކަމެއްނޫންކަމަށް މެހެމަލް ބުންޏެވެ. މިހާރުގެ ޙާލަތަށް ބަލާއިރު ، އެއްވެސްމީހަކަށް ހަމަޖެހުމެއް ނެތެވެ.

ރޮމުންރޮމުން މެހެމަލް އައިސް ކުލްސޫމްގެ ކޮނޑުގައި ބޯއަޅައިލިއެވެ. ކުލްސޫމްގެ ހިތް އޭނާގެ މައްޗަށް އަނބުރައިލެވިއްޖެކަމުގެ ހިތްހަމަ ޖެހުމާއެކީގައެވެ.

ޙަމްޒާގެޔަށްގޮސް ، އެނދުމައްޗަށް ވެއްޓިފައި ލައިޓަރު ދިއްލައިގެން އޭގެ ހުޅުކޮޅަށް ބަލަހައްޓައިގެން އޮތެވެ. އެވަގުތު ، އޭނާގެ ހިތަށް އަރަމުން އެދިޔައީ ، ދިލްނަޝީން އޭނާއާ މުޚާތަބުކޮށް ދެއްކި ވާހަކަތަކެވެ. އެވާހަކަތައް ފަށްފަށްކޮށްފައި ޙަމްޒާގެ ކަންފަތްދޮށުގައި ގުގުމަމުން ދިޔައެވެ. ކުއްލިޔަކަށް ، ބުޝްރާ އައިސް ކޮޓަރިޔަށް ވަދެ ، ޙަމްޒާއަށް ގޮވައިލުމަށްފަހު ، މައްސަލަޔަކީ ކޮބައިތޯ ޙަމްޒާއާ ސުއާލު ކުރިއެވެ. މައްސަލަޔަކީ ، އޭނާގެ ޙަޔާތުގައި މިއަދު ، ދިލްނަޝީން ނެތުންކަމަށް ޙަމްޒާ ބުންޏެވެ.

" އަހަރެން މިހުންނަނީ ސަބަބެއްގެ ތެރޭގައި ބަންދު ވެފައެވެ. ޙައިދަރުގެ އެއްވެސް މައްސަލައެއް އެކައިވެނީގައި އޮތްނަމަ ، އަހަރެން ޙައިދަރު މަރައިލާނަމެވެ. އެކަމަކު ، ޙައިދަރުގެ އެއްވެސް ކުށެއްނެތެވެ. ހުރިހާވެސް ކުށެއްއޮތީ އަހަރެންގެ މައިންބަފައިންގެ ބޮލުގައި އެޅިފައެވެ. ފަހުން ކޮންމެގޮތެއްވިޔަސް ، އަހަރެން ، ޙައިދަރުގެ ދުވަސް ދުއްވައިލީމުހެވެ. އެކަމަކު ، ކުށްވެރިޔަކީ މަންމަކަން އަހަރެންގެ ހިތް އަހަރެންނަށް ހަނދާންކޮށްދޭ ކޮންމެ ފަހަރަކު ، ހިތަށް ތަދުވެގެންގޮސް ރޮވެއެވެ. " ޙަމްޒާ ބުންޏެވެ.

ކަންކަން ނިމޭނީ ، ނަޞީބުގައި ލިޔެވިފައި އޮތްގޮތަކަށެވެ. އެކަމާ ދެކޮޅު ހެދޭނެ އިންސާނަކު ނުހުންނާނެކަމަށް ބުޝްރާ ބުންޏެވެ. މަވްޟޫޢު ބަދަލުކޮށްލުމަށް ބުޝްރާ ވިސްނިއެވެ. އަދި ، ޙަމްޒާގެ ބޮޑުބޭބެ ޕާކިސްތާނަށް މިއަދު އަންނާނެވާހަކަ ބުޝްރާ ބުންޏެވެ. ބޭބެގެ ވިސްނުމުގައި އޮތްގޮތުން އަފްސިޔާ މިހާރުހުރީ ފިރިފުރާވަރަށް އަޅާފައެވެ. ޙަމްޒާއާ އަފްސިޔާގެ ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކަން ބޭބެ ބޭނުން ވެއެވެ. އެމެރިކާގައި ދިރިއުޅޭކަށް އަފްސިޔާ ބޭނުމެއްނޫނެވެ. އޭނާ ބޭނުންވަނީ ، ޕާކިސްތާނަށް އައިސް ޕާކިސްތާނުގައި ދިރިއުޅުމަށެވެ. ބޭބެގެ ވިސްނުމުގައި ޙަމްޒާގެ ކައިވެނީގެ އުއްމީދުއޮތް އެންމެ ބޮޑު ސަބަބަކީ އެއީކަމަށް ވެދާނެއެވެ. ކައިވެނީގެ ވާހަކަ ބުޝްރާއަށް ނުބުނެވިގެން އުޅެނިކޮށް ، އޭނާ ކައިވެންޏެއްކުރަން ބޭނުންނުވާކަމުގައި ޙަމްޒާ ބުންޏެވެ.

" މިހާރު ކައިވެނިކުރާނެކަމެއް ނެތެވެ. ދެކުދިން އިހަށް ވާހަކަ ދައްކާލައި ، ހަމަޖެހިލައިގެން ކައިވެނީގެ ވާހަކަ ދައްކާނީއެވެ. އެމީހުން ތިބޭނީވެސް މިގޭގައެވެ. އެހެން ގެޔެއް ހޯދައިގެން އެގެޔަށް ބަދަލު ވެވެންދެނެވެ. " ބުޝްރާ ބުންޏެވެ.

ހެނދުނުގެ ފްލައިޓުން ޙައިދަރު ކަރާޗީއަށް އައިސް ގެޔަށް ވަތްތަނުން ، މުޅިގޭތެރެއިން މާމަލުގެ ގުލްދަސްތާތައް ފެނި ، ޙައިރާންވިއެވެ. އެ މާބޮނޑިތަކަކީ ، ދިލްނަޝީނަށް ކޮންމެވެސް މީހަކު ފޮނުވި އެއްޗެކެވެ. އެއިން އެއްވެސް މާބޮނޑިއެއްގައި ފޮނުވިމީހެއްގެ ނަންޖަހާފައެއް ނެތެވެ. ދިލްނަޝީން ހީކުރީ އެއީ ، އޭނާ ހައްދައިލުމަށްޓަކައި ޙައިދަރު ފޮނުވި މާބޮނޑިތަކެއް ކަމުގައެވެ. ދިލްނަޝީނަކަށް ޙައިދަރު އެއިން މާބޮނޑިއެއް ނުފޮނުވައެވެ. އެހިސާބުން މުޅިގޭތެރެ ހޫނުވެގެން ދިޔައެވެ.

އެއީ ކާކު ފޮނުވި މާބޮނޑިތަކެއްތޯ ޙައިދަރު ސުއާލުކުރިއެވެ. އޭނާބެލީ އެއީ ޙައިދަރު ފޮނުވި މާބޮނޑިތަކެއްކަމަށް ކަމުގައި ދިލްނަޝީން ބުންޏެވެ.

" އެވާނީ ޙަމްޒާ ފޮނުވި މާބޮނޑިތަކެއްކަމަށެވެ. އަހަރެން ރަށުން ފުރައިގެންދިޔަތަނުން ޙަމްޒާއާ ވާހަކަ ދައްކަން ފެށީދޯއެވެ ؟ " ޙައިދަރު ދިލްނަޝީނާ ދިމާލަށް ހަޅޭއްލަވައިގަތެވެ.

ކުލްސޫމްވެސް ، ދިލްނަޝީނާ ދިމާލަށް އެއްޗެތިކިޔަން ފެއްޓިއެވެ. ހަމައެކަނި އަނގައިން ނުބުނެހުރީ މެހެމަލްއެވެ. އެއީ ކާކު ފޮނުވި އެއްޗެއްތޯ އަހައި ، ﷲ އަށްޓަކައި އެމީހެއްގެ ނަންބުނާށޭ ބުނެ އަނެއްކާ ވެސް ދިލްނަޝީނާ ދިމާލަށް ޙައިދަރު ހަޅޭއްލަވައިގަތެވެ. އަދި ، ދިލްނަޝީންގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ. ދިލްނަޝީން ، ޙައިދަރުގެ އަތް ފޮޅުވައިލިއެވެ.

" އަޑުއަހަން ބޭނުންވަނީ ކޮންވާހަކައެއް ހެއްޔެވެ ؟ ބުނަންވީ ކީކޭ ހެއްޔެވެ ؟ އަހަރެންގެ އަމިއްލަ ނަފްސަށް ޔަޤީންކަން ދީ ، އެއްވާހަކައެއް ބުނެބުނެ ވަރުބަލި ވެއްޖެއެވެ. އެކަމަކު އެއްވެސްމީހަކަށް އަހަރެންގެ ވާހަކަ ޤަބޫލެއް ނުކުރެވެއެވެ. ޙައިދަރުމެންނަށް ހީވާގޮތުގައި ، އަހަރެން ފިރިހެނަކާ ގުޅުން އެބަ ބާއްވައެވެ. އެންމެ ރަނގަޅެވެ. އާނއެކެވެ. ގުޅުމެއް އެބަ ބާއްވަމެވެ. ދެން ، ޙައިދަރުކުރާނީ ކީއްހެއްޔެވެ ؟ " ކުލްސޫމް ބުންޏެވެ.

ފިރިމީހާއާ ވާހަކަ ތިދައްކަނީ ކޮން ކަހަލަގޮތަކަށް ހެއްޔޭ ބުނެ ، ކުލްސޫމްވެސް ދިލްނަޝީނާ ދިމާލަށް ހަޅޭއްލަވައިގަތެވެ. އެހެންކަމަށް ވަންޏާ ، އޭނާ ވާހަކަ ދައްކަންވީ ކޮން ބަހުރުވަޔަކުންތޯ ، ދިލްނަޝީން ، ކުލްސޫމާ ސުއާލު ކުރިއެވެ.

" ކަލޭމެން އެންމެން އަބަދު އަބަދު އަހަރެންގެ އަބުރާއި ޢިއްޒަތަށް އަރައިގަނެ ، ކިތަންމެ ވާހަކައެއް ދެއްކިޔަސް އެންމެ ރަނގަޅު ހެއްޔެވެ ؟ އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ހުންނަންވީ ހެއްޔެވެ ؟ އެއީ އިންސާފެއްނޫނެވެ. އަހަރެންނަކަށް އެއްވެސް ސުއާލެއް ނުކުރެވޭނެއެވެ. އެހެން ނޫންހެއްޔެވެ ؟ ލޯބިވެރިޔާ ގޭގައި ބަހައްޓައިގެން ، އަހަރެންގެ ލޯކުރިމަތީ ޙައިދަރު ކިތަންމެ ނާޗަރަގީއެއް ކުޅުނަސް އެއީ މައްސަލައެއްނޫނެވެ. ދެމީހުން އެކަނި ބައްދަލުވެސް ކުރަނީއެވެ. ދެމީހުން އެކީ ތަންތަނަށްވެސް ދަނީއެވެ. ކުރީގެ ހަނދާންތައް އާކޮށް ، އެކަކު އަނެކަކަށް ލޯބީގެ ޖަޒުބާތުގައި އޮޔާދަނީއެވެ. އެއިންކަމަކާ އެއްވެސް މީހަކު ސުއާލެއް ނުކުރެއެވެ. އެކަމަކު ، އަހަރެންނާމެދު އުފެދިފައިއޮތް ޝައްކެއްގެ މައްޗަށް ކޮންމެ މީހަކު ވަކިވަކިން ޙުކުމް އިއްވަނީއެވެ. އެއީ ކީއްވެ ހެއްޔެވެ ؟ ޙައިދަރަކީ ފިރިހެނަކަށްވާތީ ހެއްޔެވެ ؟ " ދިލްނަޝީން ބުނަމުން ގެންދިޔައެވެ.

ދިލްނަޝީން މިހާރު ތިޔަ އިމުން ބޭރުވަނީއޭ ބުނެ ، ޙައިދަރު އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. އަދި ދިލްނަޝީންވެސް ، އޭނާއަށް ކުރަންޖެހޭ އިތުބާރުން ، ޙައިދަރުއެހުރީ އިމުންބޭރުވެފައި ކަމަށްބުނެ ، ޙައިދަރާ ދިމާލަށް އަޑުގަދަ ކޮށްލިއެވެ. އަދި އިތުރަށް އެތަނުގައި މަޑުކުރަން ނުހަދައި ، މައްޗަށް އަރައިގެން ދިޔައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.