
ކާބޯތަކެތި އިޝްތިހާރުކުރުމަށް އެދޭ ފަރާތްތަކުން އެމްއެފްޑީއޭގެ ހުއްދަ ނެތި އިޝަތިހާރުކުރުން މަނާކޮށްފިއެވެ.
މިގޮތަށް ނިންމާފައިވަނީ ކާބޯތަކެތި އިޝްތިހާރުކުުރުމާއި ބެހޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި ޤަވާޢިދުގައެވެ.
މި ޤަވާޢިދުގައި ވާގޮތުން، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކާބޯތަކެތި އިޝްތިހާރުކޮށްފިނަމަ އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ބޮޑު ޖުރިމަނާއެއް ކުރެވޭނެއެވެ.
އެގޮތުން ފުރަތަމަ ފަހަރު ކުށްކުރި ނަމަ، 10,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކަނޑައަޅާފައިވާއިރު ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 100,000 ރުފިޔާއިން ޖޫރިމަނާކުރުން، ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 300,000 ރުފިޔާއިން ޖޫރިމަނާކުރުން، އަދި ތިންވަނަ ފަހަރަށް އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު، 500,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ކަނޑައަޅާފައެވެ.