ބައިނަލްއަޤުވާމީ އިޖުތިމާޢީ އަދާލަތުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މެސެޖެއް ފޮނުއްވައިފި

ބައިނަލްއަޤުވާމީ އިޖުތިމާޢީ އަދާލަތުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެސެޖެއް ފޮނުއްވައިފިއެވެ.

މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންސާފުވެރިކަމާއި، ހަމަހަމަކަމާއި، އަދާލަތު ކުރިއެރުވުމުގެ ޢަޒުމުގައި ހުންނެވިކަން ހާމަކުރައްވައި، އިޖުތިމާޢީ އަދާލަތާއި ދެމެހެއްޓެނިވި ވެއްޓެއްގެ މައްޗަށް އެކުލެވިގެންދާ ދުނިޔެއެއް ޤާއިމުކުރުމަށް ކުރައްވާ މަސައްކަތުގައި ސާބިތުކަންމަތީ ދެމިހުންނެވިކަން ހާމަކުރައްވާފައެވެ.

މި އަހަރުގެ ޝިޢާރު "ސްޓްރެންތެނިން އަ ޖަސްޓް ޓްރާންޒިޝަން ފޯ އަ ސަސްޓެއިނަބަލް ފިއުޗަރ" އަކީ، ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ، ކުޑަ، ޖަޒީރާ ޤައުމެއްގެ ޤައުމީ އަހަންމިއްޔަތުތަކާއި، ބައިނަލްއަޤުވާމީ އުންމީދުތަކާ ގުޅިލާމެހިފައިވާ ޝިޢާރެއްކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި އިޤްތިޞާދީ ތަރައްޤީގެ ހަލުވި ފިޔަވަޅުތަކާ އެއް ހަމައެއްގައި ދެމެހެއްޓެނިވި ވެއްޓެއް ކަށަވަރުކުރުމުގައި ހުރި ގޮންޖެހުންތަކަށް މި ޝިޢާރުން އިޝާރާތްކުރާކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

2024 ވަނަ އަހަރުގެ ޖުލައި މަހު، ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސްގެ މެންބަރުކަން ލިބިފައިވާ ދިވެހިރާއްޖެއިން މަސައްކަތްކުރާނީ، އިޖުތިމާޢީ ވިލުންތެރިކަން އިތުރުކޮށް، ސެކްޓަރތަކުގެ މެދުގައްޔާއި ސިޔާސަތުތައް އެކުލަވާލުމުގައި އެއްބާރުލުން އިތުރުކޮށްގެންނާއި މަޝްވަރާ އިސްކޮށްގެން އެކުގައި ކުރާ މަސައްކަތުން، އިޖުތިމާޢީ އަދާލަތު ކުރިއަރުވައި ތަމަންދުން ހިއްސާކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ތަރައްޤީގެ މިސްރާބާއި އިޤްތިޞާދީ ކުރިއެރުމަށް އުންމީދުކުރާ އިސްލާހުތަކަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ހުރިހާ ރައްޔިތުންގެ ދިރިއުޅުން ފަހިކުރުމަށް މަސައްކަތްކޮށް، މޫސުމީ ބަދަލުތަކުން މި ޖަޒީރާތަކަށް ހުރި ހިރާސް ދެނެގަނެ ތިބެގެން، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުން ކަމުގައެވެ. އެގޮތުން، ރަސްމާލެ މަޝްރޫޢު ވެގެންދާނީ ފުރަތަމަ އިކޯ- ސިޓީއަށް ކަމަށާއި، އެއީ، ގެދޮރުވެރިކަމާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށްދިނުމުގައި ދެމެހެއްޓެނިވި މިންގަނޑުތައް ގެންގުޅުމުގެ ނަމޫނާއަކަށް ވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ލޯ- ކާބަން އިކޮނޮމީއަކަށް ވާޞިލުވާން ކުރާ މަސައްކަތްތަކަކީ އެންމެން ޝާމިލުކުރާ އަދި އެންމެންނަށް މަންފާ ލިބޭ މަސައްކަތަކަށް ވާން ޖެހޭނޭކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، ރާއްޖޭގެ އެނަރޖީ ރޯޑްމެޕް 2024-2033 ގައިވާ ލަނޑުދަނޑިތަކަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން، މިންތީގެ ހަމަހަމަކަމާއި އިޖުތިމާޢީ ބައިވެރިވުން ކަށަވަރުކުރުމަށްޓަކައި، އިޤްތިޞާދީ، އިޖުތިމާޢީ، ތަޢުލީމީ، މަސައްކަތްތެރިކަން އަދި ތިމާވެއްޓާ ގުޅުންހުރި ސިޔާސަތުތަކުގައި ވެސް، މި ވިސްނުން އިސްކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޒުވާނުންނާއި، އިސްވާރުންގެ ބައިވެރިވުން ކަށަވަރުކޮށްދޭނޭ ފުރުޞަތުތައް އުފެއްދުމުގެ މުހިންމުކަން ދެނެވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޖުތިމާޢީ ރައްކާތެރިކަމުގެ ހަރުދަނާ ނިޒާމެއް އުފެއްދުމަކީ، އިންސާފުވެރި ބަދަލަކަށް ލާޒިމުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބޭރުން އަންނަ ލޮޅުންތަކާއި، އިޤްތިޞާދީ ހިރާސްތަކާއި މޫސުމީ ގޮންޖެހުންތަކުން މުޖުތަމަޢު ހިމާޔަތްކޮށްދިނުމުގައި މިފަދަ ހަރުދަނާ ނިޒާމުތަކުން އަދާކުރާނޭ ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައްޔިތުންނަށް އިސްކަންދީގެން، ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށް މި ސަރުކާރުން ދޭ ސަމާލުކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އާދަކާދަތަކުން ލިބޭ ޢިލްމާއި ހިލްމުގެ މައްޗަށް ބަރޯސާވާ ލާމަރުކަޒީ ހައްލުތަކެއް ހުރިހާ ފެންވަރެއްގައިވެސް ބޭނުންކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި މަސައްކަތްކުރައްވާނީ ޒަމާނީ ފަންނިއްޔާތުގެ އެހީގައި ސްމާޓް އަދި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރު ވާނޭ ފަދައިން، މި މުޖުތަމަޢަށް ޑިޖިޓަލް ބަދަލެއް ގެނެސްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެންނަށް އަދުލުވެރި މުސްތަޤުބަލެއް ކަށަވަރު ކުރެވޭނީ އެކުގައި މަސައްކަތްކޮށްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އާދަކާދައިން ފެންނަ ފަދަ އިޖުތިމާޢީ ރޫޙު އާލާކޮށް، މާޒީގެ ތަޖުރިބާތަކުން ދަރުސް ލިބިގަނެ، އެއިން ހިތްވަރު ހޯދައިގެން މާދަމާ އުޖާލާ ކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީސް މީޑިއާ، އެކްސްގެ ރަސްމީ އެކައުންޓުންވެސް އެމަނިކުފާނު ވަނީ، ދުވަހާ ގުޅޭ މެސެޖެއް ހިއްސާކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.