އެއް އަހަރު ވީއިރުވެސް ސަރުކާރުން ކިޔައިދެނީ އަލިފުލައިލާ ވާހަކަ: ރައީސް ޔާމީން

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރިގެން ދިޔައިރުވެސް ސަރުކާރުން ގެންދަނީ ރައްޔިތުންނަށް އޮޅުވާލަން ޚިޔާލީ ފްލޯކު ވާހަކަ ކިޔައިދެމުން ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

ރައީސް ޔާމީންގެ ފާޑުކިޔުމާ ނުރުހުން ސަރުކާރަށް އަމާޒުކުރެއްވީ އާދިއްތަ ދުވަހުގެރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ގައުމުގެ އިގްތިސޯދާ ގުޅިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވަނީ އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދު ގައުމުގެ އިގްތިސޯދީ ހާލަތާ ގުޅުވާ "އަހާ" ފޯރަމްގައި ދެއްކެވި ބައެއް ވާހަކަތަކަށް އިޝާރާތްކުރައްވާ އެއީ ރައްޔިތުންނަށް އޮޅުވާލަން ދައްކަމުން ގެންދާ ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މީގެ އިތުުރުން ރިޔާސީ ކެމްޕެއިން ދުވަސްވަރު ރައީސް މުއިއްޒު ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވީ ގައުމުގައި ހުރި މައްސަލަތަކުގެ ހައްލު ހޯދައިދޭން ނަމަވެސް ސަރުކާރަށް އެއް އަހަރު ވެގެންދިޔައިރު ވެސް އެއްވެސް ކަމެއް ނުވާ ކަމަށާއި، އަދިވެސް ރައީސް މުއިއްޒު ގެންދަނީ ސަރުކާރަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ވާހަކަތައް ދައްކަވާ ބަހަނާ ދައްކަވަމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުން ނުކުމެ ރައީސް މުއިއްޒު ވެރިކަމަށް އިންތިޚާބު ކުރީ މައްސަލަތަކުގެ އަޑު އަހަން ނޫން ކަމަށެވެ.

ހަމައެހެންމެ ރައްޔިތުންނަށް ޚިދުމަތްކޮށްނުދިނުމަށް ބަހަނާ ދައްކަވާ އަލިފުލައިލާ ވާހަކަ ފަދަ ޚިޔާލީ ވާހަކަތައް ރައީސް މުއިއްޒު ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖެ ނުދަރާ ސަލާމަތްކުރެވިއްޖެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވާއިރު ގައުމު ނުދަރާ އޮތީ ކޮން ގޮތަކުން ކަމާ މެދު އެމަނިކުފާނަށް ސުވާލު އުފެދޭ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީއިން ގައުމު ދެރުވި ވާހަކަވެސް ދައްކަން ޖެހޭ ކަމަށާ އަދި އެ ނުރަނގަޅު ރަގަޅު ކުރަން އައިސް ޕީއެންސީއިން ގެންދަނި އެއަށް ވުރެ ގޯސްކޮށް ކަންކަންކުރަމުންކަމަށްވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.