ޓެކްސީ ޑްރައިވަރުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެނައުމަށް ގޮވާލައިފި

ސަރުކާރުން މާލޭސިޓީގައި ޓެކްސީ ޚިދުމަތް ފެށުމާއި ދެކޮޅަށް ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ކުޅަ އިހުތިޖާޖާއި ގުޅިގެން، ޓެކްސީ ޑްރައިވަރުންގެ މައްޗަށް ކުޅަ ދައުވާތައް އަނބުރާ ގެނައުމަށް، ޤާނޫނީ ވަކީލް އަލްއުސްތާޛު މުޙައްމަދު ނިޝާން އިބްރާހިމް ދައުލަތައް ގޮވާލައްވައިވިއެވެ.

ވަކީލް ނިޝާނު ދައުލަތައް ގޮވާލައްވައިފަނީ ނިޝާންގެ ފޭސްބުކުގައި ކަންބޮޑުވުން ފާޅުކޮށް ހިއްސާކޮށްފައިވާ ފޯސްޓެއްގައެވެ. އެޕޯސްޓުގައި ބުނެފައިވަނީ،

ޓެކްސީ ޑްރައިވަރުން ކުޅަ އިހުތިޖާޖަކީ އަސާސީ ޤާނޫނުގެ 19 ވަނަ މާއްދާއާއި 27 ވަނަ މާއްދާއާއި 31 ވަނަ މާއްދާއާއި 32 ވަނަ މާއްދާއާއި ސުލްހަވެރިކަމާއިއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫން (1/2013) ގެ ދަށުން ލިބިދީފައިވާ ހައްޤުތަކާއި ރާއްޖެ ސޮއިކޮށްފައިވާ 2 މުވާހަދާކަމުގައިވާ އިންސާނީ ހައްޤުގެ ބައިނަލް އަޤްވާމީ ޤަރާރު (UDHR) ގެ 20 ވަނަ މާއްދާގެ 1 ވަނަ ނަންބަރާއި މަދަނީ އަދި ސިޔާސީ ހައްޤުގެ ބައިނަލް އަޤްވާމީ މުއާހަދާ (ICCPR) ގެ 21 ވަނަ މާއްދާއިން ލިބިދޭ ހައްޤުގެ ބޭނުން ހިފުމަށް ކުޅަ ހުއްދަ އިހުތިޖާޖެކަމަށެވެ. އަދި އަސާސީ ހައްޤެއްގެ ބޭނުން ހިފުމަށް ހުއްދަ ހޯދަން ނުޖެހޭ ފަދައިން އެހައްޤުގެ ބޭނުން ހިފުމަކުން ކުރެވެންވާނެ ދައުވާއެއްވެސް އޮވެގެންވާނެކަމަކަށް ނުދެކެމެވެ.

އެހެންނަމަވެސް މިއަދު މިފެނުނީ އެހައްޤުގެ ބޭނުން ހިފައިގެން ޖިނާއީ ތޫނު ދައުވާތަކާއި ކުރިމަތިލާން ނިކަމެތި ރައްޔިތުންގެ ތެރޭން ބަޔަކަށް ޖެހުނުތަންކަމަށް ޕޯސްޓުގައި ވެއެވެ.

އަސާސީ ހައްޤެއް ހަނިކުރެވޭނެ ގޮތް އަސާސީ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންވެގެންވާއިރު، މާނަކުރަންވާ ގޮތް 68 ވަނަ މާއްދާގައި މުތުލަޤަށް ކިޔާދީފައިވެސް އެބަ އޮތެވެ. އަދި ބަޔާންކުރެވުނު އަސާސީ ހައްޤެއް ހަނިވާގޮތަށް މާނަނުކުރުމަށް 69 ވަނަ މާއްދާ ވަޞިއްޔަތްކުރާއިރު، މި ހައްޤުތައް ޤައިދުވާ ގޮތަށް ނިންމާ ކޮންމެ ނިންމުމަކީ ބާތިލު ނިންމުމެއްކަން 268 ވަނަ މާއްދާގައި އިންޒާރުކޮށް ރަތްރޮގު ދަމާދީފައިވާކަން ފާހަގަކުރަމެވެ.

އެހެންކަމުން މިބުނެވުނު އިލްމީ ނަޒަރިއްޔާތަށް ރިއާޔަތްކޮށް ޓެކްސީ ޑްރައިވަރުން ކުޅަ އިހުތިޖާޖަކުން އުފަންކުރުވި ދައުވާތަކަކީ ކުރެވިގެންވާނެ ދައުވާތަކެއް ނޫންކަމާއި، އަސާސީ ހައްޤު ޤައިދުވާ ގޮތަކަށް މާނަކުރެވިފައިވާތަން އޮތްކަމަށް ދެކެމެވެ.

އަދި ޤާނޫނު އަސާސީއިން ކިޔާދީފައިވާ ހައްދުގެ ހަވާސާތައް އެގޮތުގައި ބާއްވައިދިނުމަށާއި، ޤާނޫނު އަސާސީއާއި އެއްގޮތަށް ދައުލަތް ބަދަލުވުމަށް ގޮވާލަމެވެ. އަދި ދައުލަތާއި އެއްގޮތަށް ޤާނޫނު އަސާސީ ބަދަލުކުރުމަށް ގެންގުޅޭ އައިބު ވިސްނުމުގެ ސަބަބުން ޤާނޫނީ މަގުފާރުތައްް ރަހަނުވެ ކަސިޔާރުވެ އޮޅުން ބޮޅުން ވެދެއެވެ.

ވަކީލްގެ ފޯސްޓު ނިންމާލަމުން ހިއްސާކޮށްފައިވަނީ، އެހެންކަމުން ބުނެވިދިޔަ ދައުވާތަކަކީ ޤާނޫނީ އިންފާރު ފަހަނައަޅާފައިވާ އައިބު ދައުވާތަކެއްކަމަށް ދެކޭތީ، ދައުވާތައް އަނބުރާ ގެނައުމަށް ދައުލަތަށް ގޮވާލަކަމަށެވެ.

ހުޅުމާލެ ފަޅިން ހައިވޭއަށް އަރަށް އޮންނަ މަގުގައި ގިނައަދަދެއްގެ ޓެކްސީތަކާއި އެކު ޑްރައިވަރުންތަކެއް ނިމިދިޔަ އަހަރުގެ ޑިސެންބަރު މަހުގައި ވަނީ އިހްތިޖާޖުކޮށްފައެވެ. މި އިހްތިޖާޖުގައި ފުލުހުންގެ ދައުރަށް ގުރަސްއެޅިކަމަށްބުނެ 5 ފެބްރުއަރީ 2025 ގައި، ތިން މީހަކަށްވަނީ ދައުވާކޮށްފައެވެ، އަދި ދައުވާއަށް ޖަވާބުދާރީ ވުމަށް ވަނީ އަންގާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.