
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބ. މާރިކިލުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ނުވަ މީހުން ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. ޖަވާހިރުވާދީ، މާލެ، އަލްޙާން ރަޝީދު ޙުސައިން (49އ) އާއި ޏ. ފުވައްމުލައް / ދިގުވާނޑު، ހޮލެންޑް، މަރްޔަމް ރިފާޢު ( (25އ) އާއި ރ. އިނގުރައިދޫ / ވަފާ، ޢަބްދުލް މުޙްސިން ޙަސަން (65އ) އާއި ކުމަރެސަން ޗިންނައިއަ، އިންޑިއާ (20އ) އާއި ދިނޭޝް ސައްމިޔައްޕަން، އިންޑިއާ (29އ) އާއި އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް، ސްރީލަންކާ (39އ) އާއި ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ، ސްރީލަންކާ (46އ) އާއި މުޙައްމަދު މައްސޫދު، ބަނގުލަދޭޝް (46އ) އަދި ސަބެޝަން ނަހާރަޖަ، ސްރީލަންކާ (31އ) އެވެ.
މާރިކިލުގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު އަދި ބ. އަތޮޅު ފުލުހުން ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި މާރިކިލު ބަލައިފާސްކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުންނެވެ.
މި ފެބުރުވަރީ މަހުގެ 15 ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާރިކިލުން މި ނުވަ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 162 ދަޅު ބަނގުރާއާއި ފަސް ފުޅި ބަނގުރާ އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 12.8 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރ. އިނގުރައިދޫ / ވަފާ، ޢަބްދުލް މުޙްސިން ޙަސަން (65އ) ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލައި އަދި ދެންތިބި އަށް މީހުން ވެސް 15 ދުވަހަށް ބަނދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.