ވިހަ ތީރު (66)

( 11 ފެބުރުވަރީ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( " އަސްތާއެވެ ! ދިލްނަޝީންގެ ލޮލުން ކަރުނަ އައިއްސިއެވެ. ޙަމްޒާއާ ބައްދަލުވީމަ ކުރެވެނީ ކޮންކަހަލަ އިޙްސާސެއް ހެއްޔެވެ ؟ އަހަރެން ، ޙަމްޒާއާ ބައްދަލުކުރިއިރު ، އިނީ ވަރަށް ދެރަވެފައެވެ. ދިލްނަޝީން ފެނުނީމަ ، ޙަމްޒާ ވަރަށް އުފާވި ދޯއެވެ ؟ " މެހެމަލް ބުންޏެވެ. )

ޙަމްޒާއާ މެހެމަލް ބައްދަލުކުރީތޯ ދިލްނަޝީން ސުއާލު ކުރިއެވެ. މެހެމަލް އެކަމަށް އެއްބަސްވިއެވެ. ޙަމްޒާގެ ޙާލު މެހެމަލްއަށް އެނގުނީ އޭނާއާ ބައްދަލުވުމުން ކަމުގައި މެހެމަލް ބުންޏެވެ. ދިލްނަޝީނާހުރެ ، ޙަމްޒާ އެހުންނަނީ މޮޔަވެފައެވެ.

" މަޖުނޫނެއްފަދައިން ދިލްނަޝީން ދެކެ ޙަމްޒާ ލޯބިވެއެވެ. ޙަމްޒާގެ ލޯތްބަކަށް ބަދަލެއް ނާދެއެވެ. ޒުވާންކަމާއި ޖޯޝަކަށްވެސް ބަދަލެއް ނާދެއެވެ. ވާނީ އެހެންތާއެވެ ! ޙަމްޒާގެ ފުރަތަމަ ލޯތްބަކީ ދިލްނަޝީނެވެ. ސާފުސީދާ ލޯތްބެވެ. ދިލްނަޝީންގެ ޢާއިލާއިން ޙަމްޒާއަށް އެދިނީ ވަރަށް ބޮޑު ކެއްސެކެވެ. ދިލްނަޝީންގެ ކުށެއް ނެތެވެ. ޙަމްޒާއާ ދޭތެރޭ ގޯސްކޮށް ނުވިސްނާށެވެ. އަދިވެސް ޙަމްޒާ އެހުރީ ދިލްނަޝީނަށްޓަކައެވެ. " މެހެމަލް ބުންޏެވެ.

ދިލްނަޝީންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލުމަށް އުފުލައިލެވުނު މެހެމަލްގެ އަތުގައި ދިލްނަޝީން ހިފެހެއްޓިއެވެ. އަދި ، މެހެމަލްގެ ހަމްދަރުދީ އޭނާ ބޭނުންނުވާކަމަށް ބުންޏެވެ. ﷲ އަށްޓަކައި އޭނާގެ އަމިއްލަޙާލަށް ދޫކޮށްލަދިނުމަށް ދިލްނަޝީން ، މެހެމަލްއަށް އާދޭސް ކުރިއެވެ. އަދި ، ރޮމުންރޮމުން ، މައްޗަށް އަރައިގެން ދިޔައެވެ. ދިލްނަޝީން ކޮޓަރިޔަށް ވަތްއިރު ، ޙައިދަރު އޮތީ އެނދަށް އަރައެވެ. ދިލްނަޝީނާ އަނގައިންނެއް ނުބުނެއެވެ. ދިލްނަޝީނަކަށްވެސް ވާހަކަ ދައްކާކަށް ނުކެރުނެވެ.

މެހެމަލް ، ޙަމްޒާއަށް ފޯނުކުރިއެވެ. އަދި ދިލްނަޝީން ގެޔަށް އައިއިރު ، ޙަމްޒާގެ ލޯބި ދިލްނަޝީންގެ މޫނުމަތިން ފެންނަންހުރިކަން ފާހަގަ ކުރިއެވެ. ޙަމްޒާ ފެނުނީމަ ، ޙައިދަރުގާތު ހުންނާކަށް  ދިލްނަޝީނަކަށް ބޭނުމެއް ނުވެއެވެ. އެއީހަމަ ތެދެއްތޯ ޙަމްޒާ ސުއާލުކުރިއެވެ. މެހެމަލް ދޮގުހަދަންވީ ކީއްކުރަން ހެއްޔެވެ ؟ ދޮގުހަދާކަށް ތަނެއް ނުދެއެވެ. ދިލްނަޝީންގެ މޫނުމަތިންނާއި ޙައިދަރުގެ ޢަމަލުން ހުރިހާ ކަމެއް ސާފުކޮށް އެނގޭކަމަށް މެހެމަލް ބުންޏެވެ.

" ޙައިދަރުގެ އަންހެނުންނަކީ ، ނަމަކަށް ދިލްނަޝީން ބޭނުންކުރާ އެއްޗެކެވެ. މިއަދުވެސް ، ދިލްނަޝީންގެ ހިތުގައިވަނީ ޙަމްޒާގެ ނަމެވެ. އެންމެ ފުރަތަމަ އަހަރެން ހީކުރީ ، ޙައިދަރާއެކީގައިވުމަށް ދިލްނަޝީން އުފާކުރާ ކަމަށެވެ. އެކަމަކު ، ދިލްނަޝީންގެ ޙަޤީޤީ ކުލަ މިއެނގުނީ މިއަދުއެވެ. ގެޔަށް އައިއިރުވެސް ޙައިދަރަކާ އަޅައެއް ނުލައެވެ. މީހެއްގެ ހިތުގައި އުފެދޭ ފުރަތަމަ ލޯބި ހަނދާން ނައްތައިނުލެވޭނެކަން ، ރަނގަޅަށް މި އިޙްސާސްކުރެވުނީ މިއަދުއެވެ. " މެހެމަލް ދޮގުހަދަމުން ، ޙަމްޒާގެ ބޯކަމުން ގެންދިޔައެވެ.

ދިލްނަޝީނަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވާނެކަމަށް ޙަމްޒާ ބުންޏެވެ. ޙައިދަރާވެސް ދިމާކުރަން ފަހަކަށް ނުޖެހޭނެއެވެ. އަދި ކޮންމެ އަގެއްދީފައިވެސް ، ދިލްނަޝީން ޙާޞިލްކުރާނެކަމަށް ޙަމްޒާ ބުނަމުން ގެންދިޔައެވެ.

ރިދާއައިސް ކޮޓަރިޔަށް ވަނުމާއެކީ ، އޭނާފަހުން ގުޅާނެކަމަށް ބުނެ ޙަމްޒާ ވާހަކަ ދައްކަން އިން ، ފޯނުކަނޑައިލިއެވެ. އެއީ ކާކުގެ ފޯނެއްކަމެއް އަދި ކޮންމެ ޙާލެއްގައިވެސް ޙާޞިލްކުރާނެކަމަށް އެބުނަނީ ކާކުގާތުގައިކަމެއް ޙަމްޒާއެއް ނުބުންޏެވެ. އެހެނަސް ، ޙަމްޒާ އެ ބުނީ ކާކުގެ ވާހަކައެއްކަން ރިދާއަށް އެނގެއެވެ. ބައްޕަ ނިޔާވުމުގެ ހިތާމަ ފާޅުކޮށް ނިމުމުން ، ޙަމްޒާ އަނެއްކާވެސް ބޭރަށް ދިޔައިމަ ހުރިހާކަމެއް ހަމަޖެހޭނެއެވެ. އެހެނަސް ، އޭނާދެން އިންޑިއާއިން ބޭރަށް އެއްވެސް ތާކަށް ނުދާނެކަން ޙަމްޒާ ހާމަ ކުރިއެވެ. އެއީ އޭނާގެ ލޯތްބަށްޓަކައެވެ.  އަނެއްކާވެސް ޙަމްޒާ އެހަދަނީ ގޯހެއްކަމަށް ރިދާ ބުންޏެވެ. އެހެނަސް އެއީ ، ރިދާމެންނަށް ފެންނަގޮތް ކަމަށާއި އޭނާ އެހަދަނީ ގޯހެއްނޫންކަން ސާބިތުކޮށްދޭނެކަމަށް ޙަމްޒާ ބުންޏެވެ. އޭނާ އެކުރާ ކަމަކާ ދުރުގައިހުރުމަށް ރިދާއަށް ޙަމްޒާ އެންގިއެވެ. އަދި ،  އޭނާއަށް އުނދަގޫނުކޮށް ރިދާ އެތަނުން ނުކުމެގެން ދިއުމަށް ބުންޏެވެ. ޙަމްޒާ ހަޅޭއްލަވައިގަތްލެއް ބާރުކަމުން ، ސިއްސައިގެން ދިއުމާއެކީ ، ދެއަތަށް މޫނު އަނބުރަމުން ރިދާ އެތަނުން ނުކުތެވެ.

ރުޅިއިސްނުކޮށް ، ކެތްތެރިވެ ، ހިނިތުންވުމާއެކީ ، ޙައިދަރުގެ ހިތްހަމަޖައްސައިދެވޭތޯ ދިލްނަޝީން ކުރަމުންގެންދާ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ. ޙައިދަރުވެސް ރުޅިމޫނެއް ނުދައްކައެވެ. އެހެނަސް ، އޭނާހުންނަނީ ހިތްހަމަނުޖެހިފައިކަން ދިލްނަޝީނަށް އަންގައިދިނުމަށްޓަކައި ހުރިހާކަމެއްވެސް ކުރެއެވެ. ދިލްނަޝީން ކޮށްދެމުންގެންދާ ކަންކަމާމެދު ސުއާލު އުފައްދައެވެ. އެކުގައި އެއްވެސްތާކަށް ނުދެއެވެ. އެކަނިވާ ވަގުތު ، ދިލްނަޝީންގެ ހިތުގައި އޮބިއަޅައި އެހިތަށް ކެތްތެރިކަން ދެއްވާތޯ ދުޢާ ކުރެއެވެ. ހިތާމައާއި ހިތްދަތިކަމާ ތަކުލީފުން ، އެހިތް ހަލާކުވެގެންދާކަށް ދިލްނަޝީން ބޭނުމެއް ނުވެއެވެ.

ޙަމްޒާގެ ޢަމަލުތަކަށް ކުއްލިޔަކަށް އެއަންނަމުންދާ ބަދަލުތައް އެއީ ވަގުތީ ކަމެކެވެ. އެކަން ރިދާ ، އޭނާގެ މަންމަޔަށް ވިސްނައި ދެއެވެ. އެކަމާބެހޭގޮތުން ވާހަކަ ދެކެވޭ ކޮންމެ ވަގުތެއްގައިވެސް ، ރިދާވެސް އަދި މަންމަވެސް އޭނާއެކުރާ ކަމަކާ ނުބެހުމަށް ޙަމްޒާ ބުންޏެވެ. އެހެނަސް ، އެޢާއިލާގައިހުރި ހަމައެކަނި ފިރިހެންކުއްޖާ ، އަންހެނެއްގެ އަވައިގާޖެހި ، ދުނިޔެއިން ބޭކާރުވެގެންދާތަން ބަލަން އެމީހުންނަށް ތިބެވޭކަށް ނެތެވެ.

ދިލްނަޝީން ބޭނުންކުރުމަށް ޙައިދަރު ގެނެސްދިން ފޯނު ، ދިލްނަޝީނަށްދީ ، ފޯނުނަންބަރު ބުނެދީ ހެދީ މެހެމަލްގެ ޙާޟިރުގައެވެ. ދިލްނަޝީންގެ ފޯނުނަންބަރު ، މެހެމަލް ނޯޓުކޮށް ، ޙަމްޒާއަށް އެނަންބަރު ދިނެވެ. އަދި ، އެފޯނުންކުރާ ފުރަތަމަ ކޯލަކީ ޙަމްޒާއަށްކުރާ ފޯނެއްކަމަށް ވާން ދިލްނަޝީން ބޭނުންވާކަމަށް މެހެމަލް ބުންޏެވެ. އެއްފަހަރުން ދިލްނަޝީން ފޯނު ނުނަގާފާނެއެވެ. އެކަމަކު ، ލޯތްބަކީ އޭގެފަހަތުން ދުވާމީހުންނަށް ލިބޭއެއްޗެއްކަން ޙަމްޒާއަށް މެހެމަލް ވިސްނައި ދިނެވެ.

ހަމައެރޭ ، ދިލްނަޝީންގެ ފޯނު ބޭނުންކުރަން ސެޓްކުރެވުނެވެ. އެކަން ކޮށްދިނީ ޙައިދަރެވެ. އޭނާގެ ފޯނަށް ސޭވްކުރީ ހަމައެކަނި ޙައިދަރާއި ކުލްސޫމްގެ ނަންބަރެވެ. ދިލްނަޝީން އެރޭ ނިދިއިރު ބާލީސްކައިރީގައި ފޯނު ބޭއްވިފައި އޮތެވެ. ޙައިދަރު އޮތީ ދެބަދޭތެރެވެފައެވެ. ދިލްނަޝީންގެ ފޯނަށް ކުއްލިޔަކަށް ބަރިބަރިއަށް މެސެޖްތަކެއް އަންނަން ފެށިއެވެ. ޙައިދަރު ބަލައިލިއިރު ، ދިލްނަޝީން އޮތީ ގަދަޔަށް ނިދާފައެވެ. ޙައިދަރު ތެދުވެގެންގޮސް ފޯނުނެގިއެވެ. ހުރިހާ މެސެޖެއް އައީ އެއްނަންބަރަކުންނެވެ. ދިލްނަޝީނަށް ނިދީގައި ފުރޮޅިލެވުނުތަނާ އޭނާގެ ފޯނަށް އަންނަމުންދިޔަ މެސެޖްގެ އަޑަށް ލޯހުޅުވައިލެވުނެވެ.

ދިލްނަޝީނާ ދިމާލަށް ފޯނުދިއްކޮށްލައި ، އެއީ ކޮންކަމެއްތޯ ޙައިދަރު ސުއާލު ކުރިއެވެ. އެނަންބަރު އޭނާއަށް ނޭނގޭކަމަށް ދިލްނަޝީން ޖަވާބު ދިނެވެ.

" އަހަރެންނާ ސަމާސާކޮށް އޮޅުވައިލަން ނޫޅޭށެވެ ! " ޙައިދަރު އޭނާގެ އަޑުގެ ނެތްތަނަށް ދިލްނަޝީނާ ދިމާލަށް ހަޅޭއްލަވައިގަތެވެ.

ދިލްނަޝީނާ ދިމާލަށް ފޯނު ދިއްކޮށްލައި ، އެއީ ނަންބަރެއް ނޫންކަމަށާއި މީހެއްގެ ނަންކަމަށް ޙައިދަރު ބުންޏެވެ. އަދި އެނަން ދިލްނަޝީނަށް ކިޔަން އެނގޭތޯ ސުއާލު ކުރިއެވެ. ފޯނަށް ބަލައިލުމަށްފަހު ، ވަކިވަކި އަކުރުން ޙަމްޒާގެ ނަން ދިލްނަޝީނަށް ކިޔައި ލެވުނެވެ.

ފޮޓޯޝޮޕުން ފޮޓޯހަދައިގެންކަމަށް ބުނެ ،  މެހެމަލް އެދެއްކި ފޮޓޯއަކީ ފޭކު ފޮޓޯއެއްކަމަށް ދިލްނަޝީން ބުނެފައިވާކަން ޙައިދަރު ހަނދާން ކޮށްދިނެވެ. އަދި މެހެމަލް އެހެދީ ދޮގެއްނޫންކަން މިހާރު އޭނާއަށް އެނގިއްޖެކަމުގައި ޙައިދަރު ބުންޏެވެ. ޙައިދަރު ވާހަކަ ދައްކަމުން ގެންދިޔައީ ، ކޮންޓްރޯލެއްނެތި ، އަޑުގެ ނެތްތަނަށެވެ. ރުޅިއައިސް ރަތްވެފައި ހުރެއެވެ. ވަގުތާއި ޙާލަތަށް ވިސްނައިނުލާ ، އެއީ މެހެމަލްގެ ރޭވުމަކަށް ވެދާނެކަމަށް ދިލްނަޝީން ބުންޏެވެ. މެހެމަލްގެ މަޢުޞޫމިއްޔަތުކަން މިއަދަކު ޙައިދަރުގެ ހިތަކު ނެތެވެ.

" އަހަރެންނަކީ ތުއްތު ކުއްޖެއްނޫނެވެ. ހުރިހާކަމެއްވެސް އަހަރެންނަށް އެނގެއެވެ. އަނގަހިމޭނުންލައިގެން މަޑުން މިހުންނަނީ މަންމަޔަށް ޓަކައެވެ. ދޮގުހަދަނީ މެހެމަލްއެއް ނޫނެވެ. މަކަރާއި އޮޅުވައިލުމާ އަދި ދޮގުހަދަމުން ތިގެންދަނީ ދިލްނަޝީނެވެ. އެވަރުގެ ބޮޑު ދޮގެއްހަދަން ޚަތިމުގައި އަތްލައި ، އެ ޙަމްޒާއަކީ ދަންނަ މީހެއްނޫންކަމަށް ހުވާކުރަންވެސް ދިލްނަޝީން ބިރެއް ނުގަތީމުއެވެ. މީހަކަށް ދެވޭނީ މިވަރުގެ ލަނޑެކެވެ. އަހަރެންގެ އިޙްސާންތެރިކަމުގެ ބަދަލުގައި ތިދިނީ ހާދަ އަގުބޮޑު ހަދިޔާއެކެވެ. " ޙައިދަރު ، ދިލްނަޝީނާ ދިމާލަށް ހަޅޭއްލަވަމުން ގެންދިޔައެވެ.

އައިސްހުރި ރުޅިޔާއެކީ ، ޙައިދަރަށް ރޮވެންވެސް ފެށިއެވެ.

" އަހަރެން ދިލްނަޝީނަށް މިދެނީ އެންމެ ފަހު ފުރުޞަތެވެ. އާދޭސްކޮށްފައި ބުނަމެވެ. އަހަރެންގާތު ތެދަށް ބުނާށެވެ. " ޙައިދަރު ބުންޏެވެ.

" އެއީ އަހަރެންގެ ރަޙުމަތްތެރިޔެއްގެ ކޮއްކޮއެކެވެ. އޭނާ އަހަރެންނާ ގަޔާވާގޮތް ވީއެވެ. " ދިލްނަޝީން ރޮމުންރޮމުން ކިޔައިދިނެވެ.

ދިލްނަޝީންވެސް އޭނާއާ ގަޔާވީތޯ ޙައިދަރު ސުއާލު ކުރިއެވެ. އޭރުވެސް ޙަމްޒާގެ މެސެޖް މެދުނުކެނޑި އަންނަމުން ދިޔައެވެ. ޙައިދަރުގެ ސުއާލަށް ޖަވާބުދިނުމަށްޓަކައި ، ދިލްނަޝީން ބޯހޫރައިލިއެވެ.

" އަހަރެމެންނަކީ އެއްޢުމުރެއްގެ މީހުންނެވެ. އެކުގައި މަޖާކޮށް ވަގުތު ހޭދަވެސް ކުރެވުނެވެ. ރިދާއާވެސް އެކީގައެވެ. އަހަރެންގެ ކައިވެންޏަށް ޙައިދަރު އެދުމުން ، މަންމަމެން ޙައިދަރުގެ ކައިވެންޏަށް ރުހި އެއްބަސްވީއެވެ. އޭނާގެ ޢާއިލާއިން އަހަރެންގެ ކައިވެންޏަށް އެދުނީ ، އަހަރެމެންގެ އެންގޭޖްމަންޓްގެ ޙަފުލާ ކުރިޔަށް ދަނިކޮންނެވެ. އެހެންވީމަ ، މަންމަމެން އެކައިވެންޏަށް އިންކާރު ކުރީއެވެ. އޭގެފަހުން ، އޭނާ އަހަރެންނަށް އުނދަގޫކޮށް ، އަހަރެންގެ ފަހަތުން ދުވަންފެށީއެވެ. އަހަރެމެންގެ ޢާއިލާގެ ދުވަސްދުއްވާލަން މަސައްކަތް ކުރިއެވެ. " ދިލްނަޝީނަށް ބާރަށް ރޮވެން ފެށިއެވެ.

ރޮމުން ގިސްލަމުން އަދި ހުއްޓެމުން ، ދިލްނަޝީނަށާއި އޭނާގެ ޢާއިލާއަށް ދިމާވި ނުރައްކަލާއި ތަކުލީފުތަކުގެ ވާހަކަ ބައިގަޑިއެއްހާއިރުވަންދެން ޙައިދަރަށް ކިޔައިދިނެވެ. ޕޮލިހަށް ގެންދިޔަ ވާހަކަޔާއި އެ ޢާއިލާއަށް ޙަމްޒާގެ ފަރާތުން ކުރިމަތިވަމުންދިޔަ ހުރިހާކަމެއްހެން ކިޔައިދިނެވެ. ދިލްނަޝީނަށް ނުބުނެވުނީ ހަމަ އެންމެ ވާހަކަ އެކެވެ. ޙަމްޒާދެކެ ދިލްނަޝީނަށް ލޯބިވެވުނު ވާހަކައެވެ. ޙައިދަރުގެ އަޅައިލުމާއި ލޯބިން ، ޙައިދަރުގެ މަންމަގެ އޯގާތެރިކަމުން ، އެލޯތްބަށް ފަސްއެޅި ، ފޮރުވި ، ދިލްނަޝީންގެ ހިތުގައި މިހާރު ލޯބި އުފެދިފައިވަނީ ޙައިދަރުގެ މައްޗަށެވެ. ޙައިދަރުގެ މައްޗަށް ދިލްނަޝީންގެ ހިތުގައި އުފެދިފައިވާ ލޯތްބަށް އެއްވެސް މިންވަރެއްގެ އުނިކަމެއް އަތވެދާނެ ކަމެއް ކުރާކަށް ދިލްނަޝީން ބޭނުމެއް ނޫނެވެ. ޙަމްޒާދެކެވީ ލޯތްބަކީ ސިއްރެއްގެ ގޮތުގައި ދިލްނަޝީންގެ ހިތުތެރޭގައި ބޭއްވިއެވެ.

އެވާހަކަތައް އޭނާގާތު ކުރިން ނުބުނީ ކީއްވެތޯ ޙައިދަރު ސުއާލު ކުރިއެވެ. އަދި ދިލްނަޝީންގެ ފޯނުނަގާ ޙަމްޒާއާ ގުޅިއެވެ. ދިލްނަޝީންގެ ފޯނު އައުމާއެކީ ، ޙަމްޒާގެ މޫނުމައްޗަށް ހިނިތުންވުން ވެރިވިއެވެ. މެހެމަލް އެބުނީ ރަނގަޅަށެވެ. ލޯބި ޙާޞިލް ކުރެވޭނީ ލޯބީގެ ފަހަތުން ދުވެގެންނެވެ. އޭނާ ގޮތްދޫނުކޮށް ފުލުފުލުން މެސެޖްކުރަން ފެށީމަ ، ފިރިމީހާއާ ދުރަށްޖެހިލައި ، ދިލްނަޝީން އެ ގުޅީއެވެ. ޙަމްޒާ ފޯނުނަގައި ދިލްނަޝީނަށް ގޮވައިލިއެވެ.

" ވާހަކަ ދައްކަނީ ޙައިދަރެވެ. މީގެ ފަހުން އޮޅުމަކުންވެސް ، އަހަރެންގެ އަންހެނުންނަށް ނުގުޅައްޗެވެ. އަހަރެން އިތުރު ވާހަކައެއް ބުނާކަށް ނެތީމެވެ. " ޙައިދަރު ވަގުތުން ފޯނުކަނޑައިލިއެވެ. އަދި އެނަންބަރު ބްލޮކްކުރުމަށް ދިލްނަޝީނަށް އެންގިއެވެ.

ޙަމްޒާ ބޯންއިން ޖޫސްތަށި އަތުގެކޮޅަށް ހޫރައިލިއެވެ. އަދި ސިނގިރޭޓެއް ނަގައި ރޯކުރަން އުޅެއުޅެ ލައިޓަރު ރޯނުވުމުން އެވެސް އަތުގެކޮޅަށް ހޫރައިލިއެވެ.

ހެނދުނު ނާސްތާ ކުރުމަށް ތިރިޔަށް ފޭބީ ޙައިދަރާއި ދިލްނަޝީނާ ދެމީހުން އެކީގައެވެ. އެތަން ނުފެންނަކަމަށް ހަދަންވެގެން ، މެހެމަލް ފަހަތަށް އެނބުރިލިއެވެ. މެހެމަލްހުރީ ކާމޭޒުދޮށުގައި ދެއަތަށް ހޫރިހޫރިއެވެ. މަންމަ ނާސްތާކުރަން ގެންނާށޭބުނެ ދިލްނަޝީން ފޮނުވައިލުމަށްފަހު ، ޙައިދަރު ، މެހެމަލްއާ ގާތަށް ޖެހިލިއެވެ.

" އަހަރެންނާއި ދިލްނަޝީން އެކުގައިތިބިތަން ފެނިފައި ތިހުރީ ޙައިރާންވެފައި ދޯއެވެ ؟ މެހެމަލް ތިހުރީ ގޯސްގޮތަކަށް އުއްމީދުކޮށްގެން ނޫންހެއްޔެވެ ؟ " މެހެމަލްއާ ދިމާލަށް ޙައިދަރު ބުންޏެވެ.

އޭނާ ގޯސްގޮތަކަށް އުއްމީދުކުރަންވީ ސަބަބަކީ ކޮބައިތޯ މެހެމަލް ސުއާލު ކުރިއެވެ. މެހެމަލް ހުރީ އެއްމިޔަކަނުން ހެވިފައެވެ. އޭނާ ކަމެއްކުރިކަމުގެ އެއްވެސް އަސަރެއް މޫނުމަތިންނެއްވެސް ނުދައްކައެވެ. މެހެމަލް އަށް ހީވަނީ ، އޭނާއަށް މެހެމަލް ދަސްނުވާކަމަށްތޯ ޙައިދަރު ސުއާލު ކުރިއެވެ. ޙައިދަރަށް ހުރިހާކަމެއްވެސް އެނގެއެވެ. އަދި ހުރިހާ ތަނެއްވެސް ފެނެއެވެ.

" ޙަމްޒާގެ ދައްތަޔަކީ ކުއްލިޔަކަށް މެހެމަލް ގެ އެންމެ ގާތް އަދި އެންމެ ގިނައިން ބައްދަލުކުރާ ރަޙުމަތްތެރިޔަކަށް ވެއްޖެއެވެ. ޙަމްޒާ އާއި ދިލްނަޝީނާ ދެމެދު ކަނބާ ބޮއްކުރަޔަކަށް މެހެމަލް ވެއްޖައީމުއެވެ. ޙަމްޒާއަށްޓަކައި ދިލްނަޝީން ފިދާވާންހުރިކަން ޙަމްޒާއަށް ވިސްނައިދޭން މަސައްކަތް ކޮށްފީމުއެވެ. މެހެމަލް އެވެ ! އަހަރެންގެ ކުރިމަތީ ދިލްނަޝީންގެ އަގުވައްޓާލަން މަސައްކަތް ކުރުމަކުން މެހެމަލްއަށް ލިބޭނެ ކުޑަވެސް މަންފާއެއް ނޯންނާނެއެވެ. " ޙައިދަރު ބުންޏެވެ.

މެހެމަލްވެސް އޭނާގެ ގޮތެއް ދުލެއް ނުކުރިއެވެ. ދިލްނަޝީންގެ އަގުވައްޓާލަން މެހެމަލްއަށް ކަމެއްކުރަން ނުޖެހޭނެކަމަށް މެހެމަލް ބުންޏެވެ. ދިލްނަޝީންގެ އަގު ޙައިދަރުގެ ކުރިމަތީ ވައްޓާލާނީ ދިލްނަޝީން އަމިއްލަޔަށް ކަމުގައިވެސް ބުންޏެވެ. އެކުއްޖާއާ އެކީގައި ދިލްނަޝީންގެ ގުޅުމެއް އޮތެވެ.

" އެކަހަލަ އެއްވެސްކަމެއް ނެތެވެ. " ދަތްކުނޑިވިކައިގެންފައި ޙައިދަރު އެބަސް ތަކުރާރު ކުރިއެވެ.

" ދިލްނަޝީނަކީ އަހަރެންގެ އަނބީހާއެވެ. މިގޭގެ އަލިކަމެވެ. އިޙްތިރާމް ލިބިގެންވާ އަނތްބެކެވެ. މިގޭގެ ޢިއްޒަތާއި ޤަދަރު ދުއްވައިލަން މަސައްކަތް ކޮށްފިނަމަ ، އަހަރެންނާއި މެހެމަލްއާ ދެމެދުއޮތް ޢާއިލީ ގުޅުމުގެމަތިން އަހަރެން ހަނދާން ނައްތައިލާނަމެވެ. " ޙައިދަރު އިތުރަށް ބުންޏެވެ.

އެގޭގެ އަބުރާއި ޢިއްޒަތަށް އަރައިގަތުމަށް އޭނާއަށް ކަމެއްކުރަން ނުޖެހޭނެކަމަށް މެހެމަލް ބުންޏެވެ. އެކަން ކުރާނީ ޚުދު ދިލްނަޝީން އަމިއްލަޔަށެވެ. އެތަން އޭނާ ދައްކާނެކަމަށް މެހެމަލް ބުންޏެވެ.

އެކަން އެހެން ނުވާނެކަމަށް ތަކުރާރުކޮށް ޙައިދަރު ބުނަމުން ގެންދިޔައެވެ. އެއީ ދިލްނަޝީންގެ މާޒީއެވެ. މެހެމަލްއާއި ޙައިދަރުގެ ވާހަކަ އެހިސާބަށް ދިޔަތަނާ ކުލްސޫމްވެސް އެތަނަށް އައެވެ. މަންމަޔާ ސަލާމް ކޮށްލުމަށްފަހު ކުލްސޫމަށް ޚާއްޞަކުރެވިފައިހުންނަ ގޮނޑީގައި ޙައިދަރު ، އޭނާގެ މަންމަ ބޭންދިއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. ކުރިންވެސް ރަނގަޅަށް ތެދަށް ދިލްނަޝީން ބުނިނަމަ ، ޙައިދަރު ހަމަޖެހުނީސް. އެކަމަކު އަދިވެސް މެހެމަލް ދޫނުކުރާނެކަން ހަނދާން ކުރަންޖެހޭނެ ދިލްނަޝީން. މެހެމަލްއަކީ ދިލްނަޝީނަށް ކުރިމަތިވެފައި އޮތް މުސީބާތެއް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.