![Muhamma](https://aafathis.mv/wp-content/uploads/2025/02/Muhamma-678x381.jpg)
ބްރޯޑްކާސްޓިންގް ކޮމިޝަނުގެ މެމްބަރުކަމަށް ހޮވިވަޑައިގެންނެވި މުޙައްމަދު އަބްދުﷲ (މުހަންމާ) ގެ މައްޗަށް، ދަރަނި އަދާކުރުމުގެ ބޮޑު ހުކުމެއް ސިވިލް ކޯޓުން ކޮށްފިއެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރުކަން ވެސް މީގެކުރިން ކުރައްވާފައިވާ މުހަންމާއާ ދެކޮޅަށް ދައުވާކޮށްފައިވަނީ ބީއެމްއެލް އިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިސްކަންދެއްވި ތަރުތީބުން މަޖިލީހަށް ފޮނުއްވި ލިސްޓްގެ އެންމެ ކުރީގައި އޮވެ، ބްރޯޑްކޮމްގެ މެމްބަރަކަށް ހޮވުނު މުހަންމާ އާ ދެކޮޅަށް ބީއެމްއެލްއިން ދައުވާކުރީ، އެ ބޭންކުން ނަގާފައިވާ ލޯނަކަށް، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ..
ބޭންކުން އެދިފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ނުދައްކާ އޮތް 5.2 މިލިއަން ރުފިޔާއާއި އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާއާ އެކު ކޮންމެ މަހަކު މަދުވެގެން 83،000ރ. އަށް ވުރެ މަދު ނޫން އަދަދެއް ދައްކަމުން ގޮސް 2036 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދަރަނި ހަލާސްކުރުމަށެވެ.
ލޯނު ނެގުމަށް ރަހުނު ކޮށްފައި އޮތް ހ. ފުރާތު ވިއްކާލުމުގެ ހުއްދައަށް ބޭންކުން އެދުނަސް، ދަރަނީގެ ފައިސާ ދެއްކުމަށް މުހަންމާ އެއްބަސްވާތީ އެ ފުރުސަތު ދިނުމަށް ބޭންކުން ޝަރީއަތުގައި އެދުމުން ކޯޓުން ވަނީ އެގޮތަށް ހަމަޖައްސައިފަ އެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ސިވިލް ކޯޓުގެ ޤަޟިއްޔާ އަކުން ސާބިތުވެފައިވާ ދަރަންޏަށް މުހަންމާގެ ފަރާތުން ބީއެމްއެލް އަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް، ބީއެމްއެލްއިން މުޙަންމާއަށް ފުރުސަތުދީފައިވާ ގޮތުގެ މައްޗަށް، މަހަކު 83،000ރ. ދައްކާގޮތަށް ޖުމްލަ 5،023،106.21 ރ. (ފަސް މިލިއަން ތޭވީސްހާސް އެއްސަތޭކަ ހަ ރުފިޔާ އެކާވީސް ލާރި) އާއި، އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާ ބޭންކުން ބުނެފައިވާ މުއްދަތުގެ ނިޔަލަށް ދައްކައި ހަލާސްކުރުމަށް އަންގާ ކަމަށެވެ.
މިގޮތުގެ މަތިން މުހަންމާ ދަރަންޏަށް ފައިސާ ނުދައްކާނަމަ، ދަރަނީގެ ހުކުމް ތަންފީޛުކުރުމުގެ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ބީއެމްއެލް އަށް ލިބިދޭގޮތަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މި ޤަޟިއްޔާ ސިވިލް ކޯޓުގައި ބައްލަވައި ހުކުމްކުރެއްވީ ޤާޟީ އަބްދުއްނާސިރު ޝަފީގުއެވެ. މައްސަލައިގައި ހުކުމްކޮށްފައި ވަނީ ދެ ފަރާތުން އެދިގެން ދެ ފަރާތުގެ ވެސް ޣައިރު ހާޒިރުގަ އެވެ.