![VihaTheeru](https://aafathis.mv/wp-content/uploads/2024/07/VihaTheeru.jpg)
( 9 ފެބުރުވަރީ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
( އެންމެފަހުން މެހެމަލް އެގެއިން ނުކުމެގެން އައީ ، ޙަމްޒާއަށް އަންގައިވެސް ނުލައި ، ވާހަކައިގެ ތެރެއިން ، ޙަމްޒާގެ ފޯނުނަންބަރުވެސް އަތުލައިގެންނެވެ. މެހެމަލްއަކީ ކިހާވަރެއްގެ ކާކުކަމެއް ޙަމްޒާޢަކަށް ނޭނގެއެވެ. )
ޙައިދަރުގެ ހިތަށް ތަޞާއްލީއެއް ހޯދައިދިނުމަށްޓަކައި ، ދިލްނަޝީން ކުރަމުންގެންދިޔަ ، އެއްވެސް މަސައްކަތެއްގެ ނަތީޖާއެއް ނުފެނެއެވެ. ޙައިދަރު މިހާރު އެހުރީ އެއްކޮށް ބަދަލު ވެފައެވެ. ދިލްނަޝީނާއެކުގައި ނޫނަސް ، ގޭގެ އެއްވެސް މީހަކާއެކީ ، އެއްމޭޒުމަތިން ކައިބޮއިހެދުމެއް ނެތެވެ. ހީލާ ސަމާސާ ކޮށްލުމެއް ނެތެވެ. އެއްވެސް މީހަކާ ، ހިނިތުންވެލައިގެން ވާހަކައެއް ދައްކައެއް ނުލައެވެ. ރުޅިއަންނާކަށްވެސް ނޭނގެއެވެ. ހުރިހާކަމެއް ހިތުގައި ފޮރުވައި ، ހުރިހާ ތަކުލީފެއް ހިތަށް އޮއްބާލައިގެން ، އަމިއްލަ ނަފްސަށް ގެއްލުންދެމުން ގެންދިޔައެވެ. އޮފީހުގައިވެސް އަދި ގޭގައިވެސް ، ޙައިދަރަކީ ދިރުމެއްހުރި މީހެއްނޫނެވެ.
ދިލްނަޝީންއަތުގައި މޮބައިލްފޯނެއް ނޯވެއެވެ. އެއީ ، ޙައިދަރުގެ ހިތުގައި ސުއާލުއުފެދުނު ކަމެކެވެ. އެކަމާބެހޭގޮތުން ދިލްނަޝީނާ ، ޙައިދަރު ސުއާލު ކުރިއެވެ. ދިލްނަޝީންދިނީ ވަރަށް ސާދާ ޖަވާބެކެވެ. އެއީ ، އޭނާ ބޭނުންނުވާކަމަކަށް ވާތީއެވެ. މޮބައިލް ފޯނެއް ގެންގުޅޭކަށް އޭނާ ބޭނުމެއްނޫނެވެ. އެއީ މަންމަވެސް ބޭނުންވާކަމެއްނޫނެވެ.
" ފޯނެއް ނުގެންގުޅެނީ ކީއްވެ ހެއްޔެވެ ؟ މާގިނައިރު ފޯނުގައި އިންނަން ޖެހޭނެތީ ހެއްޔެވެ ؟ ނުވަތަ އަތުގައި ފޯނެއް އޮންނަން ބޭނުން ނުވާތީ ހެއްޔެވެ ؟ " މެހެމަލްގެ އަނގަ ބާނައިގަތެވެ.
ދެކަންތައްވެސް ބޭނުންނުވާތީކަމަށް ދިލްނަޝީން ބުންޏެވެ. މާގިނައިރު ފޯނުގައި އިންނާކަށްވެސް ބޭނުމެއްނޫނެވެ. އަތުގައި ފޯނެއް ބާއްވާކަށްވެސް ބޭނުމެއްނޫނެވެ. މެހެމަލްއަށް ދިލްނަޝީން ޖަވާބުދިނީ ، މެހެމަލްއާ ދިމާލަށް ބަލަހައްޓައިގެން އިނދެ ، އޭނާއާ ދިމާލަށް މެހެމަލް ފޮނުވި ޙަމަލާއަކުން ދިފާއުވުމަށް ދިން ޖަވާބެއްގެ ގޮތުގައެވެ.
ކޮލެޖްގެ ރައްޓެހިންނާ ވާހަކަ ދައްކައި އުޅެނީ ކިހިނަކުންތޯ ޙައިދަރު އަނެއްކާވެސް ސުއާލު ކުރިއެވެ. ފޯނުގެ ވާހަކައިން ދިލްނަޝީނަށް ދުރަށް ދެވޭގޮތެއް ނުވިއެވެ.
އިތުރަށް ވިސްނާކަށް ދިލްނަޝީން ވަގުތެއް ނުނަގައެވެ. ކޮލެޖްގައި ދައްކާ ވާހަކަޔަށްވުރެ އިތުރު ވާހަކައެއް އޭނާ އެކުދިންނާ ނުދައްކާކަމަށް ދިލްނަޝީން ބުންޏެވެ. ކޮންމެހެން ގުޅާލަން ޖެހިއްޖިއްޔާ ޢާފިޔާގެ ފޯނުން ، އެހެންނޫނީ ލޭންޑްލައިނުން ގުޅާލަނީއެވެ. ފަހަރިޔަށް އެއީ މައްސަލަޔަކަށް ނުވެއެވެ. މަންމައަށްވެސް ރަނގަޅީ އެގޮތެވެ.
" އެއީ ، މާކުރީގެ ވާހަކައެއް ނޫންހެއްޔެވެ ؟ ﷲ ގެ އިރާދަފުޅުން ، މިހާރު ދަރިފުޅު ތިހުރީ ބޮޑުވެގެން މީހަކާ އިނދެގެންނެވެ. ޙައިދަރެވެ ! ދިލްނަޝީނަށް ފޯނެއް ގަނެދޭށެވެ. " ކުލްސޫމް ބުންޏެވެ.
އެހެންނަމަވެސް ، ދިލްނަޝީން ފޯނެއް ބޭނުމެއް ނުވެއެވެ. ކުލްސޫމަކަށް އެގޮތެއް ކަމަކު ނުދެއެވެ. މިހާރުވެސް ދިލްނަޝީން ޙައިދަރާ ގުޅަނީ ލޭންޑްލައިނުންނެވެ. އެހެން ނޫނީ ކުލްސޫމްގެ ފޯނުންނެވެ. ޙައިދަރުވެސް ، ދިލްނަޝީނާ ވާހަކަ ދައްކަން ބޭނުންވާނެއެވެ. ކޮންމެ ފަހަރަކު ލޭންޑްލައިން ކައިރިޔަކު ނުހުރެވޭނެއެވެ.
ހެނދުނުގެ ސައި ނިމިގެން މެހެމަލް ދިޔައީ ކޮޓަރިޔަށެވެ. ކޮޓަރިޔަށްގޮސް ، ޙީލަތްތެރި ރޭވުމެއް ރާވާނެގޮތަކާމެދު ވިސްނަމުން ގެންދިޔައެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު . ޙަމްޒާއަށް މެސެޖެއް ފޮނުވިއެވެ. ދިލްނަޝީންގެ ފިރިމީހާގެ ދެބެންގެ ދެދަރިމީހެއްގެ ގޮތުގައި ތަޢާރުފް ވުމަށްފަހުގައެވެ. މެހެމަލް ބޭނުންވީ ޙަމްޒާއާ ބައްދަލުކޮށްލާށެވެ. ބައްދަލުކޮށްލަން ބޭނުންވީ ދިލްނަޝީނާ ބެހޭކަމެއްގައިކަމަށް މެހެމަލް މެސެޖް ކުރިއެވެ. އެންމެ ފަހުން މެހެމަލްގެ މަސައްކަތް ކާމިޔާބު ކުރިއެވެ. ޙަމްޒާވެސް ، މެހެމަލްއާ ބައްދަލުކުރުމަށް އެއްބަސް ވިއެވެ.
ދެމީހުން އެއްބަސްވި ގަޑިޔަށް ، އެއްބަސްވިތަނަށް މެހެމަލްއަށް އާދެވުނުއިރު ، ޙަމްޒާއިނީ މާކުރިން އެތަނަށް އައިހެވެ. ލޯބީގެ ޖަޒުބާތުގައި ކެތްތެރިކަން ކޮޅުންލާފަދޯއޭ ބުނެ ، ޙަމްޒާއާ ސަމާސާ ކޮށްލަމުން މެހެމަލްވެސް އިށީނެވެ.
އިށީނުމާއެކީ ، މެހެމަލްގެ ވާހަކަ ފެއްޓިއެވެ. ޙަމްޒާގެ ލޯތްބަށް ބޭވަފާތެރިވެގެން ، ދިލްނަޝީން އެކުރީ ރަނގަޅުކަމެއް ނޫންކަމަށް މެހެމަލް ބުންޏެވެ. ޙަމްޒާ ދިޔައީ ސިއްސައިގެންނެވެ. މެހެމަލްއަށް އެކަން އެނގުނީ ކިހިނެއްތޯ ޙަމްޒާ ސުއާލު ކުރިއެވެ. އެވާހަކަ މެހެމަލްގާތު ބުނީ ކާކުތޯ ބަލަން ޙަމްޒާ ބޭނުންވިއެވެ. އަދި ، އެއީ ރިދާތޯވެސް ޙަމްޒާ ސުއާލު ކުރިއެވެ. ޙަމްޒާގެ ސުއާލަށް މެހެމަލް އަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ، ރިދާ އެވާހަކަ ދައްކައިގެން ނުވާނެކަމަށް ޙަމްޒާ ބުންޏެވެ. ދިލްނަޝީނަށް އެކަމުން ލިބޭނީ ތަކުލީފެވެ. ދިލްނަޝީން މިހާރު މަސައްކަތްކުރަމުން ގެންދާނީ އޭނާކުރި ކައިވެނި ދެމެހެއްޓުމަށެވެ.
ދިލްނަޝީން އެކުރި ކައިވެންޏަށް ހިތްހަމަ ނުޖެހޭކަމަށާއި ، ރިދާ އެވާހަކަ ދެއްކުމަކުން ، ދިލްނަޝީނަށް ތަކުލީފެއް ނުލިބޭނެކަމަށް މެހެމަލް ބުންޏެވެ. ޙަމްޒާއަށް ބޭވަފާތެރިވުމަށްފަހު ، ދިލްނަޝީން އެހުންނަނީ ވަރަށް އުފަލުގައެވެ.
ދިލްނަޝީން ، އޭނާއަށް ބޭވަފާތެރި ނުވާކަމަށް ޙަމްޒާ ބުންޏެވެ. ވަގުތާއި ޙާލަތުން އަދި މީހުންގެ ނުފޫޒުން ދިލްނަޝީނަށް އެކަންކުރަން މަޖުބޫރުވީއެވެ. ޙަމްޒާގެ ވާހަކައިން ، ވާހަކަ ބަދަލުކޮށްލައިގެން ޙަމްޒާގެ ހިތަށް ވަސްވާސް ވެއްދޭތޯ މެހެމަލް މަސައްކަތް ކުރަމުން ގެންދިޔައެވެ. ހިތްއެދިގެން އުފަލުގައި އުޅުމާއި ގަދަކަމުން އުފަލުގައި އުޅުމަކީ މުޅިންތަފާތު ދެކަމެއްކަން ، ޙަމްޒާއަށް ސާފުކޮށްދެވޭތޯ މެހެމަލް މަސައްކަތް ކުރިއެވެ.
" ދިލްނަޝީން އެއްވެސް ޙާލެއްގައި ޙަމްޒާދެކެ ލޯތްބެއް ނުވެއެވެ. އަދި ޙަމްޒާގެ ލޯބިވެސް ދިލްނަޝީނަށް ބަލައިގެންފައެއް ނުވެއެވެ. " މެހެމަލް ބުންޏެވެ.
ކޮންމެގޮތަކަށް އެކަން އޮތަސް ، ދެންކުރެވޭނެ ކަމެއް ނެތްކަމަށް ޙަމްޒާ ބުންޏެވެ. އަދި އެދިޔަގޮތަކަށް އެކަން ނިމި ހިނގައްޖެކަމަށާއި ، އޭނާ އެހުރީ އެކަން އެގޮތަށް ނިންމައިގެންކަމަށް ޙަމްޒާ ބުންޏެވެ.
ކޮންމެގޮތަކަށް ވެގެންގޮސްފައި އޮތްނަމަވެސް ، ޙާލަތު ބަދަލުކުރެވިދާނެކަމަށް މެހެމަލް ބުންޏެވެ. ޙަމްޒާ ބޭނުންކަމަށް ވަންޏާ ، އަދިވެސް ޙަމްޒާއަށް ދިލްނަޝީން ލިބިދާނެއެވެ. މެހެމަލް އެކަން އެހެންވާން ބޭނުންވަނީ ކީއްވެތޯ ޙަމްޒާ ސުއާލު ކުރިއެވެ.
އެކަން އެހެންވާން މެހެމަލް ބޭނުންވަނީ ، ދިލްނަޝީންގެ ފިރިމީހާ އޭނާ ބޭނުންވާތީކަމަށް މެހެމަލް ބުންޏެވެ. ޙަމްޒާއަށް ލިބުނު ޙައިރާންކަން އިތުރުވެގެން ދިޔައެވެ. ދިލްނަޝީންގެ ފިރިމީހާއަކީ ، މެހެމަލްގެ ފުރަތަމަ ލޯބިކަމަށް މެހެމަލް ބުންޏެވެ. ލަދުވެތިކަމުގެ އެއްވެސް އަސަރެއް ، މެހެމަލްގެ މޫނުމަތިން ފާޅެއް ނުވެއެވެ. މެހެމަލްއަށް ޙައިދަރުދެކެ ލޯބިވެވުނުކަން އެނގުނުއިރު ، އެހެން އަންހެނެއްގެ ޙައްޤަކަށް ޙައިދަރުވެއްޖެކަމަށްބުނެ ، މެހެމަލް ދޮގުހަދަމުން ގެންދިޔައެވެ.
މެހެމަލް ބޭނުންނަމަ ، ޙަމްޒާހެން ރޯލަރޯލާ ގޭގައި އިނދެވިދާނެކަމަށް މެހެމަލް ބުންޏެވެ. އެހެނަސް ، ނަޞީބާމެދު ރޮއިގެން ޙާޞިލްކުރެވޭނެ މަންފާއެއް ނޯންނާނެއެވެ. އޭގެބަދަލުގައި ، ނަޞީބު ބަދަލުކުރުން މާ ބުއްދިވެރިއެވެ. ތަޤްދީރާ ކުޅެލަނިކޮށް ފަހަރެއްގައި ތަދުބީރާ އެއްމިސްރާބަކަށް ތަޤްދީރުވެސް އެނބުރިދާނެއެވެ. މެހެމަލް ، ޙަމްޒާއަށް ގޮވައިލިއެވެ.
" ގޮތްބަލައިލައިގެން ވާނެ ގެއްލުމެއް އެބައޮތް ހެއްޔެވެ ؟ ނުވެ އޮތްކަމެއް ފުރިހަމަވެއްޖިއްޔާ ކިހާ އުފާވެރިވާނެ ހެއްޔެވެ ؟ ނުވިކަމެއް ނުވާނޭކިޔާފަ ، ލޮލުން ކަރުނަ ބާލާނީ މޮޔައިންނެވެ. ދިލްނަޝީނަކީ ޙަމްޒާގެ ލޯތްބެވެ. އެލޯބި ގައިމުވެސް ޙަމްޒާގެ ހިތަކުން ފިލުވައެއް ނުލެވޭނެއެވެ. ޙައިދަރުވެސް ، އަހަރެން ދެކެ ލޯބިވެއެވެ. އެހެނަސް ، ޙައިދަރަށް ހީވާގޮތުގައި ދިލްނަޝީންވެސް ޙައިދަރުދެކެ ލޯބިވެއެވެ. ދިލްނަޝީން ދޫކޮށްލައިފިއްޔާ ، ދިލްނަޝީންގެ ހިތް ހަލާކުވެދާނެއެވެ. ޙައިދަރަށް ޔަޤީންކޮށްދޭންޖެހޭ ކަމަކީ ، ދިލްނަޝީން ، ޙަމްޒާދެކެ ލޯބިވިކަމެވެ. އޭރަށް ، އޭނާ ދިލްނަޝީން ދޫކޮށްލާނެއެވެ. އެހިސާބުން އަހަރެމެން ދެމީހުންގެ މަޤްޞަދުވެސް ޙާޞިލްވާނެއެވެ. " މެހެމަލް ބުންޏެވެ.
ދިލްނަޝީންވެސް ޙައިދަރުދެކެ އިންތިހާއަށް ލޯބިވެއެވެ. ޙައިދަރަށްޓަކައި ޖާނުދޭން ދިލްނަޝީން އެހުންނަނީ ތައްޔާރަށްކަމަށް މެހެމަލް ބުންޏެވެ. ޙަމްޒާ އިނީ މެހެމަލް އެދެއްކި ވާހަކަތަކުން ތެދުދޮގު ނޭނގޭވަރަށް ވާވަދެފައެވެ. މެހެމަލްގެ ކުޅާދާނަކަމުން ، ޙަމްޒާގެ ހިތަށް ވައްދަން ބޭނުންވި އިޙްސާސްތައް ވައްދައިފިއެވެ. އެހެންނަމަވެސް ، އެބައްދަލުވުން ނިމިގެންދިޔައީ ދެންކުރާނެ ކަމަކާމެދު އެއްވެސް ގޮތަކަށް ދެމީހުންނަށް އެއްބަސް ނުވެވިއެވެ.
ޙަމްޒާގެ ބައްޕަ ނިޔާވެގެން ހަތްދުވަސްވެގެން ، ވިޔަފާރީގެ ބައިވެރިންނަށްދިން ރޭގަނޑުގެ ކެއުމަކަށް ޙައިދަރަށް ދާން ޖެހުނެވެ. އެތަނަށް ދާން ، ޙައިދަރު ނިންމީ ، ނުގޮސްވާންނެތިގެންނެވެ. ކުލްސޫމް ބާރުއަޅައިގެން ، އެކެއުމަށް ޙައިދަރު ދިޔައީ ދިލްނަޝީންވެސް ގޮވައިގެންނެވެ. އެތަނަށްވަތްތަނުން ޙަމްޒާއަށް ދިލްނަޝީން ފެނުނެވެ. އަދި ، ދިލްނަޝީނަށްވެސް ޙަމްޒާ ފެނުނެވެ. ދެމީހުން ދެމީހުންނަށް އިރުކޮޅަކު ބަލަހައްޓައިގެން ތިބެވުނެވެ. ޙަމްޒާ އައިސް ޙައިދަރަށް މަރުޙަބާ ކިޔައި ސަލާމް ކޮށްލިއެވެ. ދިލްނަޝީންހުރީ ހަދާނެގޮތް ބޮޑުވެފައެވެ.
އޭނާގެ އަންހެނުން ތަޢާރުފްކޮށް ނުދޭނަންތޯ ޙަމްޒާ ސުއާލު ކުރިއެވެ. ދިލްނަޝީނާ ގާތަށް ޖެހިލައި އެއީ އޭނާގެ އަންހެނުން ދިލްނަޝީންކަމުގައި ބުންޏެވެ. ސަލާމް ގޮވައިލުމަށްފަހު ، ދިލްނަޝީނާ ވައްތަރު މީހަކާ ކުރިން ދިމާވެފައިވާކަމުގައި ޙަމްޒާ ބުންޏެވެ. ހަމައެއާއެކީ ، ދިލްނަޝީންވެސް ، އޭނާގެ މޫނަކީ ގިނަބަޔަކާ ވައްތަރު މޫނެއްކަމަށާއި ، އޭނާހެންހީވާ މީހުންނާ ދިމާވެފައި އޮތުމަކީ އެކަށީގެންވާކަމެއްކަމުގައި ބުންޏެވެ.
ދިލްނަޝީން އެތަނުން ދުރަށްޖެހިލަން ބޭނުންވިއެވެ. އަދި އެހެންމީހުންނާވެސް ބައްދަލުކޮށެއް ނުލާނަންތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ޙައިދަރުގެ ނަޒަރުގައި ދިލްނަޝީން ބައްދަލުކުރަން އެތަނުގައި މާގިނަބަޔަކު ނޫޅޭނެއެވެ. އެތަނަށް އެއްވެފައި އެއޮތީ ހުސް ވިޔަފާރިވެރިންނެވެ. އެވަރަކުން ، ދިލްނަޝީން ހުއްޓައެއް ނުލިއެވެ. އޭނާގެ އަންހެނުންނޭ ދިލްނަޝީނަށް ބުނެވުނުތަނުން ، އޭނާގެ އަންހެނުން ، އެތާ ކޮންމެވެސް ތަނެއްގައި އުޅޭފާނެކަމަށް ޙަމްޒާ ބުންޏެވެ.
އެހެންކަމަށް ވަންޏާ އެއީ ހާދަ އަޅައިލުންކުޑަ އަންހެނެއްކަމަށް ބުނެ ޙަމްޒާއާ ސަމާސާ ކޮށްލިއެވެ.
" އެއީ އަޅައިނުލުމެއް ނޫނެވެ. އޭނާ އަބަދުވެސް ހުންނާނީ އޭނާއާ ގާތުގައެވެ. ކޮންމެ ތާކުހުއްޓަސް ، އެނބުރި އޭނާގާތަށް އަންނާނެއެވެ. " ޙަމްޒާ ބުންޏެވެ.
ދިލްނަޝީންހުރީ ދަތްކުނޑި ވިކާލަވިކާލައެވެ. އެހެންމީހުންނާ ބައްދަލުކުރުވާނަމޭ ބުނެ ، ޙައިދަރު ދިލްނަޝީންގެ އަތުގައި ހިފައިގެން ، އެތާތިބި މެހެމާނުންނަށް ދިލްނަޝީން ތަޢާރުފް ކޮށްދެމުން ގެންދިޔައެވެ.
" އޭނާ އަހަރެންގާތަށް އެނބުރި އަންނާނެއެވެ. ކޮންމެ އަގެއް ދައްކަން ޖެހުނުނަމަވެސް އަންނާނެއެވެ. ވަގުތު އައިސް ޖެހުނީމައެވެ. " ޙަމްޒާގެ ދުލުން ބޭރުވި ބަސްތައް ދިލްނަޝީނަށް އިވުނެވެ. ޙަމްޒާގެ ބޭނުމަކީވެސް ، އެވާހަކަ ދިލްނަޝީނަށް އަންގައިލުމެވެ.
ޙައިދަރު ، ދިލްނަޝީން ގޮވައިގެންގޮސް ، މޭޒެއްކައިރީގައި ބަހައްޓާފައި އިށީނުމަށް ބުނެ ، ދުރަށް ޖެހިލައި ބައެއް ރައްޓެހިންނާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ޙައިދަރުގެ އަޞްލު ބޭނުމަކީ ، މިޔަރަށް އެންގަނޑު ދައްކައިލުމެވެ.
ޙަމްޒާ ދުރުގައި ހުރުމަށްފަހު ، ދިލްނަޝީނާ ދުރަށް ޙައިދަރު ދިޔަތަނުން ، ދިލްނަޝީން އިށީނދެއިން މޭޒުކައިރިޔަށް އައިސް ހުއްޓުނެވެ. ކުރިމަތީ މީހަކު ހުރިހެން ހީވެގެން އިސްއުފުލައި ބަލައިލިއިރު ، ދިލްނަޝީންގެ ކުރިމަތީ ހުއްޓިއެހުރީ ޙަމްޒާއެވެ. ކަންބޮޑުވެގެންގޮސް ، ޙައިދަރާދިމާލަށް ދިލްނަޝީނަށް ބަލައިލެވުނެވެ. ޙައިދަރުވެސް ހުރީ އެދިމާލަށް ބަލަހައްޓައިގެންނެވެ. ދިލްނަޝީން އެތަނުން ތެދުވެގެން ޙައިދަރާދިމާލަށް ދިޔައެވެ. ޙައިދަރުގާތަށް ގޮސް ދިލްނަޝީން ހުއްޓިލިތަނާ ، އެއްވެސް އެއްޗެކޭ ނުބުނެ ، ބޭރަށް ނުކުންނަންހުރި ދޮރާދިމާލަށް ޙައިދަރު ހިނގައިގަތެވެ. ދިލްނަޝީންވެސް ޙައިދަރުގެ ފަހަތުން ނުކުތެވެ.
ގެޔަށް އައިއިރު ޙައިދަރު ކާރުދުއްވަމުން އައީ ވަރަށް ބާރަށެވެ. ގޭގެ ޕޯޓިކޯތެރެޔަށް ކުއްލިޔަކަށް ކާރުހުއްޓާލައި ، ކާރުންފައިބައިގެން ޙައިދަރުގެޔަށް ވަނެވެ. ދިލްނަޝީނަކާ ދިލްނަޝީނެކެވެ. އެއްވެސް އަޅައިލުމެއް ބަލައިލުމެއް ނެތެވެ. ދިލްނަޝީން ގޭތެރެޔަށް ވަދެގެން އައިއިރު ، ގޭގެ ތަނބެއްގައި ލެނގިލައިގެން ، މަކަރުވެރި ހިނިތުންވުމެއްގައި މެހެމަލް ހުއްޓެވެ. މެހެމަލް ދިލްނަޝީނާ ގާތަށް ޖެހިލައި ކޮނޑުގައި އަތްބާއްވައިލިތަނުން ، ދިލްނަޝީން ސިއްސައިގެން ދިޔައެވެ.
" އަސްތާއެވެ ! ދިލްނަޝީންގެ ލޮލުން ކަރުނަ އައިއްސިއެވެ. ޙަމްޒާއާ ބައްދަލުވީމަ ކުރެވެނީ ކޮންކަހަލަ އިޙްސާސެއް ހެއްޔެވެ ؟ އަހަރެން ، ޙަމްޒާއާ ބައްދަލުކުރިއިރު ، އިނީ ވަރަށް ދެރަވެފައެވެ. ދިލްނަޝީން ފެނުނީމަ ، ޙަމްޒާ ވަރަށް އުފާވި ދޯއެވެ ؟ " މެހެމަލް ބުންޏެވެ. (ނުނިމޭ )