ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔޫއޭއީއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، "ވޯލްޑް ގަވަމަންޓް ސަމިޓް 2025"ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފިއެވެ.

‎ޔޫއޭއީގައި ފެބްރުއަރީ މަހުގެ 11 އިން 13އަށް ބާއްވަން ހަމަޖެހިފައިވާ މި ސަމިޓް ޝިޢާރަކަށް ކަނޑައަޅާފައި ވަނީ، "ޝޭޕިންގ ފިއުޗަރ ގަވަމަންޓްސް" އެވެ. މި ސަމިޓްގެ މަގުސަދަކީ ސަރަޙައްދުގެ ޤައުމުތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި، ވަކި ވަކި ފަރުދުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތައް ހޯދުމެވެ.

‎މި ސަމިޓްގެ މޫސުމީ ބަދަލުތަކާއި ބެހޭ ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އެމަނިކުފާނު ސަމިޓްގެ ބައެއް ބައިވެރިންނާއެކު ބައްދަލުވުންތައް ބޭއްވެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

‎"ވޯލްޑް ގަވަމަންޓް ސަމިޓް 2024" ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން، ރާއްޖޭގެ ކުރިމަގުގެ ތަސައްވުރާއި، އެ ތަސައްވުރުގައި ދެމެހެއްޓެނިވި ތަރައްޤީގެ ދައުރާއި ބެހޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.