![VihaTheeru](https://aafathis.mv/wp-content/uploads/2024/07/VihaTheeru.jpg)
( 4 ފެބުރުވަރީ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
( ކުރިން ވާހަކަ ދެއްކިގޮތަށް ، ދިލްނަޝީނާ ، ޙައިދަރު ވާހަކައެއް ނުދައްކައެވެ. ވާހަކަ ދައްކާލާނެ ފުރުޞަތެއް ތަނަވަސްވިޔަކަވެސް ނުދެއެވެ. ޙައިދަރު ވާހަކަ ނުދައްކަންޏާ ، އިސްވެ ، ދިލްނަޝީން ވާހަކަ ދެއްކުމަށް ކުލްސޫމް ލަފާދިނެވެ. )
ޙައިދަރު އެރޭ ގެޔަށްދިޔައީ ، މީހުންނިދާހާ އިރު ކޮށްފައެވެ. މަންމަގެ ކޮޓަރީގެ ދޮރުހުޅުވިފައި ހުރުމާއެކު ، ޙައިދަރު އެކޮޓަރިޔަށް ވަނެވެ. ކުލްސޫމަށް އޮތީ ނިދިފައެވެ.
" ދުވަސްތައް ފާއިތުވެ ، ޒަމާންބަދަލުވީއިރުވެސް މަންމަޔަކަށްވެސް އަދި މަންމަގެ ވިސްނުމާއި ފިކުރާ ، ޚިޔާލާތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެ މަޢުޞޫމިއްޔަތުކަމުގައި ، މުޅިއުމުރު ތިހޭދަކުރަނީ އެއްވެސް ބަދަލެއް ނައިހެވެ. އެކަމަކު ، ޒަމާނާ އެއްކޮށް އަހަރެންގެ ވިސްނުމާއި ފިކުރަށް ބަދަލުތަކެއް ގެންނަން އެބަޖެހެއެވެ. " ޙައިދަރަށް މަޑުމަޑުން ބުނެލެވުނެވެ.
މަންމަގެ ފައިތިލައިގާ ބޮސްދިނުމަށްފަހު ޙައިދަރު ކޮޓަރިން ނުކުތުމާއެކީ ، ކުލްސޫމް އޭނާގެ ލޯ ހުޅުވައިލިއެވެ. ކުލްސޫމް އޮތީ ނިދާފައެއްނޫނެވެ. އޭނާ ނިދާކަމަށް ހަދައިގެންއޮތީ ، ޙައިދަރު ހަދާއެއްޗެއް ބަލަންވެގެންނެވެ.
އޭނާގެ ކޮޓަރިޔަށް ވަތްއިރު ، ދިލްނަޝީނަށްވެސް އޮތީ ނިދިފައެވެ. ކޮޓަރިޔަށް ވަދެ ، ދިލްނަޝީނާ ދިމާލަށް ބަލަހައްޓައިގެންހުރެ ، އެނދާދިމާލަށް އައިއިރު ، ޙައިދަރުގެ ހިތުގައި އެތައް ވަސްވާސްތަކެއް އުފެދެމުން ދިޔައެވެ.
" ކިހާރީތި ކެއްސެއް ހެއްޔެވެ ؟ ބޭވަފާތެރިކަމުގެ ޕެކެޖެކެވެ. މީނާ ހަމަޖެހި ، މަޑުކޮށްލައިގެން އެއޮތީ އަހަރެންނަށް އިންތިޒާރުކޮށްގެން އޮތް ، ވަފާތެރި އަދި މަޢުޞޫމް އަނތްބެއްގެ ސިފައިގައެވެ. "
ޙައިދަރަށް ކަރުކެހިލެވުނުތަނާ ދިލްނަޝީނަށް ހޭލެވުނެވެ. ކުލްސޫމް ބުނެފައި އޮތްގޮތަށް ، ހިނިތުންވެލައި ، ޙައިދަރާ އިސްވެ ވާހަކަ ދައްކަން ފެއްޓިއެވެ. ދިލްނަޝީންގެ ވާހަކަ ފެއްޓީ ޙާއިދަރު ލަހުން އައި ވާހަކައިންނެވެ. ހިނިތުންވެލައިގެން އިނދެ ވާހަކަ ދައްކަމުން އެގެންދިޔަ ދިލްނޝީންގެ މޫނަށް ބަލަހައްޓައިގެން ޙައިދަރުހުރީ ، ޙައިރާންކަންމަތީގައެވެ. ކަމެއްވެގެން އުޅޭހެންވެސް ދިލްނަޝީނަކަށް އިޙްސާސެއް ނުވެއެވެ. އޭނާއަށް ހުރިހާކަމެއްވެސް ކުރެވެނީ ލަހުންކަމަށް ޙައިދަރު ބުންޏެވެ. ފަހަރެއްގައި އެއީ ، އޭނާގެ ނަޞީބުގައި ލައްވާފައި އޮތްގޮތްކަމަށް ވެދާނެއެވެ. ޙައިދަރު އެބުނި ވާހަކައެއް ދިލްނަޝީނަކަށް ފަހުމްވާގޮތެއް ނުވިއެވެ. ދިލްނަޝީން ނުބުނާ ވާހަކައެއް އޭނާއަށް އެނގުނީކަމަށްވެދާނެކަމުގައި ޙައިދަރު ބުންޏެވެ. ޙައިދަރު އެބުނި އެއްޗެއްގެ އެއްބައި އޭނާއަށް މާނަކުރެވުނު ނަމަވެސް ، މިހާރަކު އެއިންކަމަކަށް ދިލްނަޝީން ސަމާލުކަމެއް ނުދެއެވެ. މަންމަ ބުނެފައި އޮތްގޮތަށް ، އިސްވެ ޙައިދަރާ ވާހަކަ ދައްކައިގެން ، އެދެމީހުންގެ ދެމެދުގައި އޮތް ދުރުކަން ގާތްކުރުމަށް ދިލްނަޝީން އިސްކަން ދިނެވެ. ޙައިދަރު ބުނާ ވާހަކަޔަކަށް ރައްދުދީ ، އިތުރަށް މައްސަލަ ގޯސްކުރާކަށް ދިލްނަޝީން ބޭނުމެއްނޫނެވެ.
ޙައިދަރަށް ކާއެއްޗެތި ގެނެސްދެންތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ކާއެއްޗެތި މިހާރު ހުންނާނީ ، ކާން ނުކެރޭވަރަށް ހިހޫވެފައިކަމުގައި ޙައިދަރު ބުންޏެވެ. އެއީ ، އެއްވެސްކަމެއްނޫނެވެ. ދިލްނަޝީން ހުރީ ޙައިދަރަށް ކާއެއްޗެތި ވަކިން ނަގާ ބަހައްޓާފައެވެ. ފަހަރެއްގައިވެސް ޙައިދަރު ، ކާންބޭނުންވެއްޖިއްޔާ ، ކާންދެވޭ ގޮތަށެވެ. ހޫނުކޮށްލައިގެންވެސް ދިލްނަޝީން ކާއެއްޗެތި ގެނެސްދީފާނެއެވެ.
" ކުރިންވެސް ، ލިބިދާނެ ގެއްލުމަކުން ހަލާކުނުވަނިސް ، ތިގޮތަށް ކޮންމެވެސް މީހަކު އަހަރެންގެ ހިތް ސަލާމަތްކޮށްދިންނަމަ ، ކިހާ ރަނގަޅު ހެއްޔެވެ ؟ ޙައިދަރު ބުންޏެވެ.
ޙައިދަރު އެބުނިވާހަކަޔަކުން ، ދިލްނަޝީނަށް ހުއްޓުން އެރިއެވެ. އެދިމާލަށް ނުދާން މަސައްކަތްކުރިނަމަވެސް ، ދިލްނަޝީންގެ ވިސްނުންގޮސް ގުޅުނީ އޭނާގެ މާޒީއާއެވެ. އެހެންނަމަވެސް ، ހިތްވަރު ކޮށްފައި ، ޙައިދަރަށް ވެފައި އެހުރީ ކީއްތޯ ، ދިލްނަޝީން ސުއާލު ކުރިއެވެ. އޭގެ ޖަވާބުގައި ޙައިދަރަށް ބުނެވުނީ ، އޭނާ ފަހަރެއްގައި މޮޔަވެ ، ހޭބުއްދި ފިލައި ހިނގައިދާނެ ކަމުގައެވެ. އެކަހަލަ ވާހަކަ ނުދެއްކުމަށް ޙައިދަރުގާތު ދިލްނަޝީން ބުންޏެވެ. ﷲ ގެ އިރާދަފުޅުން އެކަހަލަ ކަމެއް ނުވާނެއެވެ.
ދިލްނަޝީން ކުރި، އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވިއެވެ. އެކަމާ އޭނާ ކަންބޮޑުވެފައި އިންދައި ، ޙައިދަރުގޮސް ، ފާޚާނާއަށް ވަނެވެ. މޫނުދޮވެލައިގެން އައިސް ހަމަނުޖެހޭގޮތަކަށް ، ޙައިދަރު ޖައްސައިލިއެވެ. އޭނާ އަދިވެސް ހުރީ ބޫޓާ އެކީގައެވެ. ނިދަންލާ އެއްޗެހިވެސް ބަދަލެއް ނުކުރެއެވެ. އެކަމާ ދިލްނަޝީން ސުއާލު ކުރީމަވެސް ، ފަހުން ބަދަލުކޮށްލާނަމޭ ބުނެ ، ދިލްނަޝީން ނިދާށޭ ބުންޏެވެ.
ދިލްނަޝީން މަޑުމަޑުން ތެދުވެގެންގޮސް ، ޙައިދަރުގެ ބޫޓުބާލަން އުޅެނިކޮށް ، ސިއްސައިގެންގޮއްސައި ޙައިދަރު ދެލޯހުޅުވައިލިއެވެ. އަދި ، އޭނާގެ އާދަތައް ބަދަލުކުރަން ބޭނުންނުވާކަމަށް ބުންޏެވެ. އަލަށް އާދައެއް ދަސްކުރަން ބޭނުމެއްވެސް ނޫނެވެ. ދިލްނަޝީން ނިދުމަށް ، އަނެއްކާވެސް ޙައިދަރު ބުންޏެވެ.
ދިލްނަޝީންގެ ލޮލުން ފާއްދާލާފައިހުރި ކަރުނަ ، ޙައިދަރަށްވެސް ފެންނާނެއެވެ. އިރުކޮޅަކު ޙައިދަރާ ދިމާލަށް ބަލަހައްޓައިގެން އިނުމަށްފަހު ، ދިލްނަޝީން ގޮސް އެނދަށްއަރާ އޮށޯތެވެ.
ދިލްނަޝީނަށް ހެނދުނު ހޭލެވުނުއިރު ، ޙައިދަރު ތެދުވެގެން އޮފީހަށް ހިނގައްޖެއެވެ. ތައްޔާރުވެލައިގެން ދިލްނަޝީންގޮސް ކުލްސޫމްގެ ކޮޓަރިޔަށް ވަދެ ސަލާމް ގޮވައިލިއެވެ.
" އަދިވެސް ދެމީހުންގެ މެދުގައި އުފެދުނު މައްސަލަޔަށް ޙައްލެއް ނުގެނެވެނީ ހެއްޔެވެ ؟ އަހަރެންގެ ދަރިފުޅަކީ ، ދުރުވިސްނޭ ، ވިސްނުންތޫނު އަދި ކެތްގަދަ އިންސާނެކެވެ. ޙައިދަރުގެ ޙަޔާތުން މެހެމަލް ދިޔައިމަ ކެތްތެރިކަން އިސްކުރިއެވެ. މިއަދުވެސް އޮފީހަށް އެދިޔައީ ނާސްތާ ނުކޮށެވެ. ކޮންމެވެސް ބޮޑުކަމެއް އޭނާއަށް ކުރިމަތިވެގެން ނޫނީ އެގޮތަށް ، ދުނިޔެމަތިން ފޫހިވެފައެއް ނުހުންނާނެއެވެ. ދިލްނަޝީންގެ މައްސަލަވެސް ވިސްނުންތެރިކަމާއެކީ އެއޮތީ ޙައްލުކޮށްފައެވެ. " ކުލްސޫމް ބުންޏެވެ.
މައްސަލަ ޙައްލުކުރީއެއްކަމެއް ނޫނީ ހިތުގައި ބާއްވައިގެން އުޅޭނީނޫންކަމެއް ނޭނގޭކަމުގައި ދިލްނަޝީން ބުންޏެވެ. ޙައިދަރުގެ ހިތުތެރޭ ، ދިލްނަޝީނާމެދު ހިތްހަމަ ނުޖެހުމެއް އޮތްނަމަ ، މިވަގުތުވެސް ދިލްނަޝީން އޭނާގާތު އިށީނދެ ނުއިންނާނެކަމަށް ކުލްސޫމް ބުންޏެވެ. އެއްވެސް ފިރިހެނެއްގެ ހިތުގައި ނުވަތަ ސިކުނޑީގައި ބުރަކަމެއް ބާއްވައިފިނަމަ ، ދެކަމުގެ ގެއްލުންވެސް ލިބޭނީ އަންހެނާއަށްކަމަށް ކުލްސޫމް ބުންޏެވެ.
ދިލްނަޝީނާ ޙައިދަރު ވާހަކަ ނުދައްކާކަމަށް ، ކުޑަކުއްޖެއްހެން ދިލްނަޝީން ބުންޏެވެ. އެހެނަސް ، މަޑުފުއްގަނޑަކަށް ވެގެން ނުއިދެ ، ދިލްނަޝީން އިސްވެ ، ޙައިދަރާ ވާހަކަ ދެއްކުމަށް ކުލްސޫމް ލަފާދިނެވެ. ފިރިހެނުން ބޭރުފުށުން ފެންނައިރު ކިތަންމެ ވަރުގަދަހެން ހީވިޔަސް ، އެތެރެ އެއީ މަޢުޞޫމު ކުޑަކުއްޖެއްފަދަ ނިކަމެތިކަމެއް އޮންނަ ބަޔެކެވެ. ބޮޑެތި ކަންކަން ކަމަކަށް ނުހަދާއިރު ، ކުޑަކުޑަ ކަމަކާވެސް ރުޅިއިސްކޮށްފާނެއެވެ. ޙައިދަރަށް ރަނގަޅަށް ރުޅިވެސް ނާދެވޭކަމަށް ، ރޮވިފައި އިނދެ ދިލްނަޝީން ބުންޏެވެ.
" ޙައިދަރަށް ރަނގަޅަށް ރުޅިއަންނަން ނޭނގެނިއްޔާ ދިލްނަޝީން އޭނާ މަސަލަސް ކުރާށެވެ. ހިތްހަމަ ނުޖެހިފައި ހުރެވޭނީ ކިހާދުވަހަކު ހެއްޔެވެ ؟ ތިއީ ، ޙައިދަރުގެ އަނބިމީހާ ނޫންހެއްޔެވެ ؟ " ކުލްސޫމް ބުންޏެވެ.
ޙަމްޒާމެންގޭގެ ކާމޭޒުދޮށުގައި ހެނދުނުގެ ނާސްތާކުރަން އައިސް ، ޙަމްޒާއާއި ރިދާ ތިއްބެވެ. ރޮމުން ގިސްލަމުން ކަހަލަ ގޮތަކަށް ، ބުޝްރާ އެތަނަށް އައެވެ. މަންމަ ރޯތަން ފެނުނީމަ ، މަންމަ މަސަލަސް ކޮށްލަން ރިދާގާތު ޙަމްޒާ އެދުނެވެ. ރިދާ އައިސް ބުޝްރާއަށް ހިތްވަރުދޭން ފެށުމާއެކީ ، އެކަމާ އަޅައިނުލުމަށް ބުޝްރާ ބުންޏެވެ.
" މި ރޮވެނީ ، ހިތަށް ތަދުވެގެންނެވެ. އެކަމަކު ، ޙަމްޒާގެ ހިތުގައި އޮތީ އެހެން މީހެކެވެ. އަހަރެމެން މިއީ އެއްވެސް ބައެއްނޫނެވެ. އަހަރެންނާއި އަހަރެންގެ ފިރިމީހާގެ މައްޗަށް ، ޙަމްޒާގެ ހިތުގައި އޮތީ ރުޅިޔާއި ނަފްރަތެވެ. އަހަރެމެން ދެމަފިރިންކުރެ އެކަކަށްވެސް ޙަމްޒާއެއް އަދި މާފެއް ނުކުރެއެވެ. ޞާދިޤް ދުނިޔެއާ ވަކިވެގެން އެދިޔައީ ، ޙަމްޒާކިބައިން މާފަށް އެދެމުން އެދެމުންގޮހެވެ. އެހެންވީމާ ، އަހަރެންނަށް އަދި މާފުކުރާނެ ހެއްޔެވެ ؟ " ބުޝްރާ ބުންޏެވެ.
އެހުރިހާކަމެއްގެ ޒިންމާ ރިދާވެސް އެޅުވީ ދިލްނަޝީންގެ ބޮލުގައެވެ. އެހެނަސް ، އެކަމުގެ ތެރެޔަށް ދިލްނަޝީން ނުވެއްދުމަށް ޙަމްޒާ އެދުނެވެ. އެކަމުގައި ދިލްނަޝީންގެ އެއްވެސް ކުށެއް ނެތެވެ. ހުރިހާވެސް ގޯހެއްހެދީ ، މަންމައާއި ބައްޕަކަމަށް ޙަމްޒާ ބުންޏެވެ.
ރިދާއާއި ބުޝްރާއާ ދެމައިންވެސް ޙަމްޒާގެ ފަރާތުން އެމީހުންނަށް މާފުނުލިބޭވާހަކަ ކިޔަމުން ގެންދިޔައެވެ. ޙަމްޒާ ކޮޅަށް ތެދުވެ ، ބޭކާރު ވާހަކަ ދެއްކުމުގެ ބޭނުމެއްނެތޭ ބުނެ ހަޅޭއްލަވައި ގަތެވެ. އަދި އެ އެންމެންނަށް އޭނާ މާފުކޮށްފިކަމަށް ބުންޏެވެ. އެކަމަކު ، އެމީހުންނަށް ކުރިން ފެނުނު ޙަމްޒާއެއް ދެނެއް ނުފެންނާނެއެވެ. ދިލްނަޝީންގެ ކައިވެނި ކުރެވުނު ދުވަހު ، އެ ޙަމްޒާ ކަށްވަޅަށް ގެންދެވިފައިވާކަމުގައި ޙަމްޒާ ބުންޏެވެ. އަލުން އަނބުރާ އެ ޙަމްޒާއެއް ނާންނާނެއެވެ.
ކާމޭޒުދޮށުގައި ބުޝްރާއާއި ރިދާ ރޯން ބައިތިއްބާފައި ، ޙަމްޒާ ނާސްތާވެސް ނުކޮށް އޭނާގެ ކޮޓަރިޔަށް ދިޔައެވެ. އެވަގުތު ރިދާއަށް ފޯނެއް އައެވެ. އެއީ މެހެމަލްގެ ފޯނެކެވެ. މެހެމަލް ބޭނުންވީ ބުޝްރާއާ ބައްދަލުކޮށްލުމަށެވެ. އޭނާގެ ބައްޕަ ނިޔާވެގެން އެކަމުގެ ތެރޭގައި އުޅެން ހަދައިގެން މެހެމަލްގެ ފޯނަށް ޖަވާބު ނުދެވުނީއެވެ. ދެމީހުން ވާހަކަ ދެއްކުމަށްފަހު ، ރިދާމެންގެ ގެ ހުންނަ ތަން މެހެމަލްއަށް ރިދާ ފޮނުވިއެވެ.
" އަހަރެން މިއުކާ ވިހަތީރުތަކުން ރެކުމަށްޓަކައި ހާސް ޙުއްޖަތް ދެއްކިޔަސް ، ދިލްނަޝީނަށް ސަލާމަތެއް ނުވެވޭނެއެވެ. ދައްކާ ކޮންމެ ޙުއްޖަތަކަށް ، ވިހަގަދަ އެއްހާސް ތީރު އަހަރެން އެއްލާނަމެވެ. ނިކަން ސަލާމަތްވެ ބަލާށެވެ ! ހެދޭނެ އެހެންގޮތެއްނެތި ، ޙަމްޒާއާއެކީ އޮތްގުޅުމުގެ ވާހަކަ ދިލްނަޝީންގެ އަނގައިން ޙައިދަރުގެ ކުރިމަތީ ހާމަކުރުމަށް އަހަރެން މަޖުބޫރު ކުރުވާނަމެވެ. " މެހެމަލް ހިތާހިތާ ކިޔައިލިއެވެ.
މެހެމަލް ނަލަހެދި ، ތައްޔާރުވެގެން ޙަމްޒާމެންގެޔަށްދާން ނުކުތްތަނާ ދިލްނަޝީނަށްވެސް ގޭތެރެޔަށް ނުކުމެވުނެވެ. މެހެމަލް މަޑުކޮށްލައި ، ދިލްނަޝީން ހުއްޓުނީ ކީއްވެތޯ ސުއާލު ކުރިއެވެ. ދުޝްމަނަކު ކުރިމަތީ ހުރިއްޔާ ހިނގަންވާނީ ބަލައިގެންކަމުގައި ބުނެ ދިލްނަޝީން ޖަވާބު ދިނެވެ. ނަޞީބުގައި ލިޔުއްވާފައި ނެތްގޮތަކަށް ، ކިތަންމެ ތަދުބީރެއްކުރިޔަސް އަންނާނެ ބަދަލެއް ނޯންނާނެކަމަށް މެހެމަލް ބުންޏެވެ.
" އެހެންވީމާ ، އަހަރެންގެ ނަޞީބުގައި ލިޔުއްވާފައި އޮތްގޮތެއް މެހެމަލް ތިހުރީ އުޑަށްއަރައިގެން ބަލާފައި ދޯއެވެ. މެހެމަލްގެ މާޒީގައި ހިނގާފައިހުރި ކަންކަންވެސް މެހެމަލްއަށްވެސް އެނގޭނެއެވެ. މީސްމީހުންނަށް ދީފައިހުރި ލަނޑުވެސް އަދި ، ހިތުން ފިލައިގެންނެއް ނުދާނެދޯއެވެ ؟ " ދިލްނަޝީން ބުންޏެވެ.
ދިލްނަޝީން އެހުރީ ، ބޮޑުދައިތައާއި ޙައިދަރުގެ ކުރިމަތީ ، އޭނާއަކީ ދޮގުވެރިޔެއްކަން ސާބިތުކޮށްދީ އޭނާގެ އަގުވައްޓާލައިފާ ކަމުގައި މެހެމަލް ބުންޏެވެ. ދެންއޮތީ އޭނާގެ ފުރުޞަތެވެ. ދިލްނަޝީންގެ ބޭވަފާތެރިކަން ސާބިތުކޮށްދިނުމަށްޓަކައި ، ނަރަޔަކަށް ދާންޖެހުނަސް ، އޭނާ އެތަނަށް ދާނެކަމަށް މެހެމަލް ބުންޏެވެ. ޙައިދަރަށް އޭނާގެ އަނބިމީހާގެ ޙަޤީޤަތާއި ގޮތެއްފޮތެއް ނެތްކަން ސާބިތުކޮށްދިނުމަށްޓަކައި ، ނުފުރޮޅާ އެންމެ ގާކޮޅެއްވެސް ނުބާއްވާނެއެވެ.
މެހެމަލްގެ ބޭނުމަކީ ކޮބައިތޯ ދިލްނަޝީން ސުއާލު ކުރިއެވެ. މެހެމަލް ބޭނުންވެގެން އެއުޅެނީ ކޮންކަމެއް ހެއްޔެވެ ؟ ޙައިދަރާ ކައިވެނިކުރަން ހެއްޔެވެ ؟
" ވަގުތާއެކީ އަހަރެން އިސްކަންދޭ ތަރުތީބުވެސް ބަދަލު ވެއްޖެއެވެ. ޙައިދަރާ ކައިވެނި ކުރުމަކީ އަހަރެން ދެވަނަޔަށް އިސްކުރާނެ ކަންތަކެވެ. ފުރަތަމަ ކަމަކީ ، ދިލްނަޝީންގެ ޙަޤީޤަތް ހާމަކޮށް ، އެންމެންގެ ކުރިމަތީ ދިލްނަޝީން ބޭޒާރުކޮށްލުމެވެ. ޙައިދަރާ ކައިވެނިކުރުމަށްޓަކައި ، އަހަރެން އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ ، ދިލްނަޝީން މިގެއިން ބޭރުކޮށްލުމެވެ. އޭގެފަހުން ، އަހަރެން ޙައިދަރާ ކައިވެނި ކުރާނަމެވެ. ޙައިދަރުގެ ހިތްބަލިވެގެންވާ ދަނޑިވަޅުގެ ބޭނުންހިފައި ، އަހަރެން ޙައިދަރު އަތުއަޅުވައިލާނަމެވެ. ބަލަން ހުންނާށެވެ. ދިލްނަޝީނަށް ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. " މެހެމަލް ބުނަމުން ގެންދޔައެވެ.
މެހެމަލް އެދިޔަގޮތަށް ނުކުމެގެންގޮސް ދިޔައީ ރިދާމެންގެޔަށެވެ. ރިދާއާ ވާހަކަ ދެއްކުމުގެ ތެރޭގައި ، ޙަމްޒާވެސް ކޮޓަރިން ނުނުކުމެ އޮންނަވާހަކަ ރިދާ ބުންޏެވެ. މެހެމަލް ހީކޮށްގެންހުރީ ޙަމްޒާވީ ރަށުންބޭރުގައި ކަމަށެވެ.
އެވަގުތު ޙަމްޒާވެސް އެތަނަށް ނުކުތެވެ. ޙަމްޒާ އައިސް މެހެމަލްއަށް ސަލާމް ގޮވައިލިއެވެ. ހަމައެއާއެކީ ، ނޯކަރަކު އައިސް ، ރިދާއަށް ބުޝްރާ އެބަގޮވާކަމަށް ބުނުމާއެކީ ރިދާ ގޭތެރެޔަށް ވަދެގެން ދިޔައެވެ. މެހެމަލްއާއި ޙަމްޒާ އެކަނިވުމާއެކު ، އޭނާއަކީ ކާކުތޯ މެހެމަލްކުރެން ޙަމްޒާ އެހިއެވެ. އެއީ ރިދާގެ ރަޙުމަތްތެރިއެއްކަމަށް މެހެމަލް ބުންޏެވެ. ޙަމްޒާއަށް އެނގިފައި އޮތްގޮތުގައި އެއީ ރިދާގެ ރަޙުމަތްތެރިންގެ ލިސްޓުގައި އޮތްނަމެއްނޫނެވެ. ޢުމުރުގެ ތަފާތު ބޮޑުވިޔަސް ރިދާއާއި އޭނާއަކީ އިހަކަށްދުވަހު ރައްޓެހިކަން އުފެދުނު ދެރައްޓެހިންކަމަށް މެހެމަލް ބުންޏެވެ.
އެންމެފަހުން މެހެމަލް އެގެއިން ނުކުމެގެން އައީ ، ޙަމްޒާއަށް އަންގައިވެސް ނުލައި ، ވާހަކައިގެ ތެރެއިން ، ޙަމްޒާގެ ފޯނުނަންބަރުވެސް އަތުލައިގެންނެވެ. މެހެމަލްއަކީ ކިހާވަރެއްގެ ކާކުކަމެއް ޙަމްޒާއަކަށް ނޭނގޭނެތާއެވެ. ( ނުނިމޭ )
އިހުނަށްވުރެ ރީތިވަމުން އެބަދޭ މިވާހަކަ. ޝުކުރިއްޔާ.
ވަރަށްރީތި ޝުކުރަން