މެންބަރުން ނެރުނީ ގާނޫނާ ހިލާފަށް: ނާޒިލް

ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވާ މިއަދުގެ މަޖިލިސް ޖަލްސާގައި އެމްޑީޕީ މެންބަރުން ތަޅުމުން ނެރުނީ ގާނޫނާ ހިލާފަށް ކަމަށް  ހިތަދޫ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރުގެ މަގާމު ވެސް އަދާކުރައްވާ ނާޒިލް ވިދާޅުވީ ގަދަކަމުން މެންބަރުން ނެރުމުގެ ސަބަބުން އަނިޔާ ވެސްވި ކަމަށެވެ.

ރިޔާސީ ބަޔާން އިއްވަވަން ރައީސުލްޖުމްހޫރިއްޔާ ފެއްޓެވުމާއެކު އެމްޑީޕީ މެންބަރުން ދިޔައީ ޕޯސްޓަރު ހިފައިގެން އިހުތިޖާޖު ކުރަމުންނެވެ.

އެ އިހްތިޖާޖުގެ ތެރެއިން ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވުމަށް މަސައްކަތް ކުރެއްވި ނަމަވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދިޔައީ، އެ މަނިކުފާނު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، އެމްޑީޕީ މެންބަރުންނަށް މަޖިލީހުގެ ގައިވަދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ނަސޭހަތްތެރި ވަމުންނެވެ. ނަމަވެސް އިހްތިޖާޖު ހުއްޓާލުމުން އެމްޑީޕީގެ ތިން މެންބަރެއްގެ ނަން އަބްދުއްރަހީމް އިއްވިއެވެ. އަދި އެ މެމްބަރުން މަޖިލީހުން ވަނީ ނެރެފައެވެ.

މަޖިލީހުގެ ޔޫޓިއުބު ޗެނަލްއިން ލައިވް މެދުކަނޑާލި ފަހުން ތަޅުމުގައި ހިނގި މަންޒަރުތައް ބައެއް މެންބަރުން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވާއިރު، އެ ވީޑިއޯތަކުން ފެންނަ ގޮތުގައި، މަޖިލީހުގެ ސެކިއުރިޓީ މުވައްޒަފުން ވަނީ އެމްޑީޕީގެ ބައެއް މެންބަރުން އުފުލައިގެން ތަޅުމުން ބޭރުކޮށްފައެވެ.

ތަޅުމުން ބޭރުކުރުމުން އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ، މަޖީދިއްޔާ ސްކޫލްގެ މެދުޒިޔާރަތް މަގާވީ ފަޅީގައި މުޒަހަރާ ކުރަމުން ތިބި އެމްޑީޕީގެ އާންމު މެންބަރުންނާ ގުޅިވަޑައިގެން އަނެއްކާވެސް ޝުއޫރުތައް ފާޅުކުރައްވައި ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ.

ނާޒިލް ވިދާޅުވީ މަޖިލިސް ރައީސް ރިޔާސަތުގައި ނެތި، މެމްބަރުން ނެރުމަކީ މަޖިލީހުގެ ގަވައިދާއި ހެދިފައި ހުރި ގާނޫނުތަކާ ހިލާފަށް ކުރި ކަމެއް ކަމަށެވެ. އަދި އޭނާ އަށް ވަރަށް އަނިޔާވެ، ފައިން ލޭ ވެސް އައިކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.