މިމަހު ފަސްވަނަ ދުވަހު ރައީސް ޔާމީން 15 ދުވަހަކަށް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ ފާސްކުރުމާއި އަދި އެ ގަރާރުގެ މުއްދަތު އިތުރު ކުރުމުގައި މަޖިލީހުން އަމަލު ކޮށްފައިވާގޮތް ސައްހަ ކަމަށް ސްޕްރީމް ކޯޓުން ނިންމައިފިއެވެ.
ސްޕްރީމް ކޯޓުން އެގޮތަށް ނިންމެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން އެކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ދެއްވި ލަފާގައެވެ.
ސްޕްރީމް ކޯޓުން މިރޭ ދެއްވައފައިވާ ލަފާގައި ވިދާޅުވެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތާބެހޭ ގަރާރު ފާސްކޮށް އެ ގަރާރުގެ މުއްދަތު 30 ދުވަހަށް އިތުރު ކުރުމަށް ބޭއްވި ޖަލްސާއަށް މަޖިލީހުންގެ މެންބަރުންގެ އަޣުލަބިއްޔަތު ތަޅުމަށް ހާޒިރުވެ ތިބުމަކީ ލާޒިމް ކަމެއް ނޫންކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ސްޕްރީމް ކޯޓުގެ ލަފައަކަށް އެދުނީ ރައްޔިތުން އެއަށް އަމަލުކުރަންޖެހޭ ކަމެއް ނިންމާއިއިރު މަދުވެގެން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުން ތަޅުމުގައި ހާޒިރުވެ ތިބެން އޮންނަ ކަމަށްބުނެ ބައެއް މެންބަރުން ވާހަކަ ދެއްކުމުން އެކަމަށް ހައްލެއް ހޯދުމަށެވެ. އެ ގަރާރާރު ފާސްކޮށްފައިވަނީ ދެބައިކުޅަ އެއްބަޔަށްވުރެ މަދު މެންބަރުން ތިބެގެންނެވެ.
ސްޕްރީމް ކޯޓުގެ ލަފާގައި ވަނީ ރައްޔިތުންނަށް އެއަށް އަމަލުކުރަންޖެހޭ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު ނުހިމެނޭ ކަމަށެވެ. އެހެންކަމުން"“ރައްޔިތުންގެ މަޖިލީހުން އެ ގަރާރު ފާސްކޮށް އެ ގަރާރުގެ މުއްދަތަށް 30 ދުވަސް އިތުރުކޮށް ނިންމާފައިވާ ބަޔާންވެދިޔަ ނިންމުންތަކަކީ ދުސްތޫރީގޮތުން ސައްހަ ނިންމުންތަކެއްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ” ލަފާގައި ވެއެވެ.