ގާނޫނީ ސަރުކާރު ވައްޓާލަން އުޅުނު މީހުންގެ ބައެއް މައްސަލަތައް ޕީޖީއަށް ފޮނުވަނީ

ގާނޫނީ ގޮތުން ރާއްޖޭގައި އުފެދިފައިވާ ސަރުކާރުން ގާނޫނާ ޚިލާފަށް ވައްޓާލުމަށް މަސައްކަތް ކުރި މީހުންގެ ތެރެއިން ބައެއް ބައްސަލަތައް މި ހަފްތާގާއި ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ތަހުގީގަށް ލިބިފައިވާ ކުރިއެރުންތައް ހާމަކުރުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މައްސަލައިގެ ތަހުގީގަށް ވަރަށްބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން ބައެއް މައްސަލަތައް ނިންމައި މި ހަފްތާތެރޭގައި ޕީޖީ އޮފީހަށް އެ މައްސަލަތައް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ތަހުގީގު ކުރަމުންދާ މައްސަލައިގެ ބައެއް މައްސަލަތައް އަޅުގަނޑުމެން މި ހަފްތާތެރޭގައި އިރާދަ ކުރެއްވިއްޔާ ދައުވާ ކުރުމަށްޓަކައި ޕްރޮސެކިޔުޓަރޖެނެރަލް އޮފީހަށް ފޮނުވާނެ ވާހަކަ ދަންނަވަން،" ޝިފާން ވިދާޅުވިއެވެ.

ސަރުކާރު ވައްޓާލަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ބަންދަށް ގެންގޮސްފައިވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އެމަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫނާއި، ދަނބި ދަރިކަލުން މުހައްމަދު ނަދީމާއި، ޖުޑީޝަލް އެޑުމިނިސްޓްރޭޝަންގެ ވެރިޔާ ހަސަން ސައީދު ހުސައިނެވެ.

ޝިފާން މިއަދު ވިދާޅުވީ ރައީސް މައުމޫނާއި ފާރިޝް މައުމޫނާއި، ނަދީމް، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދީފައިވާ ކަމުގެ ހެކި ހޯދިފައިވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.