ރިޝްވަތު ހިފައި ސަރުކާރު ވައްޓާލަން މަސައްކްތް ކުރެއްވި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައި މިހާރު ތިއްބެވެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވައި މުޅި ނިޒާމް ވަކިގޮތަކަށް ބައްޓަން ކުރެއްވުމަށް މަސައްކަތް ކުރައްވައިފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެބޭފުޅުންގެ ތަހުގީގާބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ އެދެބޭފުޅުންވަނީ އަމިއްލަ މަސްލަހަތު އިސްކުރައްވައި ޖުޑިޝަރީއަށް ނުފޫޒު ފޯރުވައިފައި ކަމަށެވެ. "ދެފަނޑިޔާރުން އިސްވެ ތިއްބަވައި ޖުޑިޝަރީއަށް ނުފޫޒުފޯރުވައި ޖުޑިޝަރީގެ މުޅި ނިޒާމް ވަކިގޮތަކަށް ބައްޓަން ކުރުމަށް އެބޭފުޅުން ވަނީ މަސައްކަތް ކުރައްވައިފައި،" ޝިފާން ވިދާޅުވިއެވެ.
އޭގެ ތެރޭގައި ބައެއް ބޭފުޅުން ނުވަތަ ބައެއް ފަރާތްތަކުގެ ހިނގަމުންދިޔަ މައްސަލަތަކުގައި "ފުލުހުން ހޯދައިފައިވާ ހެކި ތަހުލީލް ކުރެވެމުންދިޔަ ދަނޑިވަޅެއްގައި ނުވަތަ އެތަކެތި ތަހުލީލް ކުރުމުގެ ސްޓޭޖުގައި ހުއްޓައި އެފަރާތްތަކަށް އެ އެއްޗެހި ރައްދުކުރުމަށް އަމުރުނެރެ އަދި އެކަހަލަ ބޮޑެތި މަސައްކަތްތަކެއް ޖުޑިޝަރީ ތެރެއިން ތަފާތު ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން މަސައްކަތްތަކެއް ކުރަމުން ދިޔަކަން އަޅުގަނޑުމެން ފާހަގަ ކުރަން،" ޝިފާން ވިދާޅުވިއެވެ. އެ ނުފޫޒުގެ ތެރެއިން އެބޭފުޅުންވަނީ ގާޒީންނަށް ނުފޫޒު ފޯރުވައި ބައެއް ފަރާތްތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް މަސައްކަތްތަކެއް ކޮށްދީފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެދެބޭފުޅުންގެ އިތުރަށް އެ މައްސަލައިގައި ބަންދުކޮށްފައިވާ ހަސަން ސައީދު ހުސައިން ހިމެނޭ ގޮތަށް އެތިންބޭފުޅުންނަށް ރާއްޖެއިން ބޭރުން އަގުބޮޑެތި ފުލެޓް ގަތުމަށް ރާއްޖޭގެ އެހެން ކުންފުންޏަކުން (ކުރިން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފާހަގަކޮށްފައިވާ ކުންފުނި ނޫން ކުންފުންޏެއް) ގިނަ އަދަދެއްގެ ޑޮލަރު ތުހުމަތުތަކެއް އެކުލެވޭ ގޮތަށް އެތިން ބޭފުޅުންނަށް ދީފައިވާ ކަމުގެ ހެކިވެސް ލިބިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.
މި މައްސަލަތައް މިހާރުގެންދަނީ އިތުރަށް ތަހުގީކުރަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ތަހުގީގަށް ބޭނުންވާ ހެކިހޯދުމަށް ބޭރުގެ ބައެއް ގައުމުތަކަށްވެސް ފުލުހުން ފޮނުވާފައިވާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.