ވިހަ ތީތު (51)

(22 ޑިސެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ)

( ދުނިޔޭގައި އުޅެ ، މައިދައިތަމެންނަށް ލިބިފައިވާ ތަޖުރިބާއިން އަޅަމުންދާ އެކަހަލަ ޙިކުމަތްތެރި ފިޔަވަޅުތަކެއް ، ދިލްނަޝީންމެންނަކަށް އަދި ނުވިސްނޭނެއެވެ.)

އޮފީސްނިމިގެން ޙައިދަރު ގެޔަށް އަންނަންވާއިރަށް ، ނަލަހެދި ، ރީތިވެގެން ޙައިދަރު ސިއްސުވައިލުމަށް ، މެހެމަލް ގެންދިޔައީ ތައްޔާރުވަމުންނެވެ. މެހެމަލްހުރީ އުފަލުން ފޮޅިފައެވެ. އޭނާއަށް އެލިބުނު ފަޚުރުވެރި ކާމިޔާބީއަށްޓަކައި މޮޔަވާވަރަށް އުފާވެފައެވެ.

މެހެމަލްއާ ބައްދަލުކޮށްލުމަށްޓަކައި އޮފީސް ނިންމާފައި ގެޔަށް އަންނަމުން ، މެހެމަލް ހުންނަ ހޮޓަލަށް ދިއުމަކީ ކޮންމެ ދުވަހަކުވެސް ޙައިދަރު ކުރަމުން އަންނަ ކަމެކެވެ. އެއީ އޭނާ އާދަކޮށް ކުރާކަމެއްކަން ދިލްނަޝީންމެންނަށް ނުއެންގުމަށްޓަކައި ، ތަންކޮޅެއް އަވަހަށް ، ކޮންމެ ދުވަހަކުވެސް އޮފީހުން ނުކުންނާނެއެވެ.

އެދުވަހު ، ހޮޓަލަށްގޮސް ، ޓަކިޖަހައިޖަހައި ދޮރެއް ނުހުޅުވިއެވެ. މެހެމަލްއަށް އެތައް ވަރަކަށް ގޮވައި ދޮރުގައި ތެޅިނަމަވެސް ، ދޮރެއް ނުހުޅުވިއެވެ. 914 ނަންބަރު ކޮޓަރީގައި ހުންނަ އޭނާގެ މެހެމާން ކޮޓަރީގައި ނެތްކަމަށް ރިސެޕްޝަނަށްގޮސް ، ރިޕޯޓް ކުރިއެވެ. ރިސެޕްޝަނުން ބުނީ ، 5:30 ހާއިރު ، އެމީހުން ކޮޓަރިން ނުކުމެގެން ހިނގައްޖެ ކަމުގައެވެ. މެހެމަލް ދާނީ ކޮންތާކަށް ހެއްޔެވެ ؟ އަމްދުން ، އޭނާގާތު ނުބުނެ ، މެހެމަލް އެއްވެސްތާކަށް ނުދާނެއެވެ. އޭނާގާތަށް މެހެމަލް އަންނާނީ  ހިތަށްއެރިކަމެއް ކޮށްފައި ، އެކަމެއް ގޯސްވީމައެވެ. މެހެމަލްއަށް ފޯނުކޮށްކޮށް ފޯނެއް ނުނެގިއެވެ. އެހެން ނޫނީ މެހެމަލް ހުންނާނީ ، ޙައިދަރުގެ ފޯނެއް ނައިސްގެން ލަސްވެފައެވެ. ފުރަތަމަ ރިންގާއެކީ ފޯނު ނަގާނެއެވެ.

ފޯނު ރިންގްވިޔަސް ، މެހެމަލް ގަސްތުކުރީ ފޯނުނުނަގާށެވެ. ފޯނުނަގައިފިއްޔާ ، އޭނާހުރީ ކޮންތާކުކަން ޙައިދަރުގާތު ބުނަން ޖެހިދާނެތީއެވެ. އޭނާދެކެ ، ޙައިދަރު ލޯބިވަނީ ކިހާވަރަކަށްކަން ، އޭނާއަށް ޙައިދަރުގުޅާ ފޯނުކޯލުގެ ޢަދަދުން އެނގޭނެއެވެ. މެހެމަލް ބޭނުންވީ ، ޙައިދަރުގެ ހިތްތަޅުވައިލާށެވެ.

މެހެމަލްދާނީ ކޮންތާކަށްކަމެއް ވިސްނާވިސްނާވެސް ޙައިދަރަކަށް ނޭނގުނެވެ. ހަމަގައިމުވެސް އަންޞާބުގާތަކަށް ނުދާނެއެވެ. އެކަމަކު ، އެއީ އެކަމުގައި ފައިދާއެއް އޮތިއްޔާ މެހެމަލް ކޮށްފާނެވެސް ކަމެކެވެ. އެހެންވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. ޙައިދަރުގެ ޒިންމާއިން ހުރިހާކަމެއް އެހިސާބުން ނިމޭނެއެވެ. އެހެނަސް ، އަންޞާބުގެ ގެޔަށްދިއުން އެއީ ރަނގަޅުކަމަކަށް ވެދާނެކަމަކަށް ޙައިދަރަކަށް ނުނިންމުނެވެ. ހަދާނެގޮތެއް ނޭނގިފައިހުރެ ، ޙައިދަރު އައީ ގެޔަށެވެ. ކޮންމެގޮތެއްވިޔަސް ، އަމިއްލަ ނަފުސަށް ގެއްލުމެއްވެދާނެކަމެއް މެހެމަލް ނުކުރާނެކަން ޙައިދަރަށް އެނގެއެވެ.

ޙައިދަރު އައިސް ގޭޓްހުޅުވަން ކާރުގެ ބަރުގޮނު އެޅުމާއެކީ ، މެހެމަލްގެ ހިތް ތެޅިގަތެވެ. ޙައިދަރާ ކުރިމަތިލުމަށްޓަކައި ، ގޭތެރެޔަށް ނުކުތުމަށް ހިނގައިގަތެވެ.

ގޭތެރެޔަށް ވަދެގެން އައިއިރުވެސް ، ޙައިދަރު ގެންދިޔައީ މެހެމަލްއަށް ފޯނުން ގުޅަމުންނެވެ. ގެޔަށް ވަންނަމުން އިސްއުފުލައި ބަލައިލިއިރު ، ކުރިމަތީގައި އެހުރީ މެހެމަލްއެވެ. ޙައިދަރަށް ލިބުނު ޙައިރާންކަމަށްވުރެ ، ހިތަށްލިބުނު ހަމަޖެހުން ބޮޑުވެގެން ދިޔައެވެ.

" ތިއީ ކޮންފަދަކަމެއް ހެއްޔެވެ ؟ ތިއީ މީހުންކުރާކަހަލަ ކަންކަން ހެއްޔެވެ ؟ މެހެމަލް ވީތަނެއް ނޭނގިގެން އަހަރެންމިހުރީ ކަންބޮޑުވެގެންގޮސް އަވަދިވާ ވަރުވެފައެވެ. ފޯނުކޮށްލާފައި ބުނެނުލައި ހޮޓަލުން ނުކުތްއިރު ، އަހަރެން ކަންބޮޑުވާނެ ވަރެއް މެހެމަލް   ވިސްނައެއް ނުލަމުއެވެ. މެހެމަލް އުޅޭތޯބަލަން އަންޞާބުގެ ގެޔަށްވެސް ނުދެވުނީ ކިރިޔާއެވެ.  " ޙައިދަރު ބުންޏެވެ.

ޙައިދަރު ކަންބޮޑުވާނެކަން މެހެމަލްއަށް އެނގޭކަމުގައި މެހެމަލް ބުންޏެވެ. ޙައިދަރު ކުރި ފޯނުކޯލްތަކުގެ ޢަދަދުން ، އޭނާދެކެ ޙައިދަރު ލޯބިވާވަރު އެނގިއްޖެއެވެ. މެހެމަލް ބޭނުންވީ އެކަން ޔަޤީންކޮށްލުމަށެވެ. ޙައިދަރުގެ ހިތުގައި އެންމެ ގަދަކޮށްއޮތީ ކާކުގެ ލޯތްބެއްކަން ކަށަވަރު ކުރުމަށެވެ. ދިލްނަޝީން ބަލިލޮށްލެވޭނެ ޙުއްޖަތެއް ހޯދުމަށްޓަކައެވެ. އޭނާގެ މަޤްޞަދު ވަރަށް ރަނގަޅަށް ޙާޞިލް ވެއްޖެއެވެ. ޙައިދަރުގެ ހިތުގައި ދިލްނަޝީނަށްވުރެ އެތައް ގުނައެއްގެ ބޮޑުޖާގައެއް އޭނާއަށް ލިބިގެންވާކަން ، މެހެމަލް އަށް އެނގިއްޖެއެވެ. އެއީ ކުރިންވެސް ، ޙައިދަރުގެ ހިތުގައި މެހެމަލްގެ މައްޗަށް އޮތް ލޯބީގެ ނިޝާންތަކެވެ. އެލޯތްބަށް އެއްވެސް ބަދަލެއް ނާދެއެވެ. ޙައިދަރުގެ ޢަމަލުތައް މިހާރުވެސް އެހުރީ ، ކުރިންވެސް މެހެމަލްއަށް ކަމޭހިތައި އަޅައިލަމުން ގެންދިޔަގޮތަށެވެ. މީހަކާ އިނަކަސް ، ޙައިދަރުގެ ހިތުގައި މެހެމަލްގެ މައްޗަށް އޮތް ޖަޒުބާތަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

" އިންސާނާގެ މަޤްޞަދު ރަނގަޅުވެފައި ، ހިތްސާފުނަމަ ، އެހިތަށް ބޭނުންވާ ކަންކަން ފުރިހަމަވަމުން ދާނެކަމަށް  ، މުސްކުޅިން ބުނެއުޅޭނޫން ހެއްޔެވެ ؟ އަހަރެންނަށް މިއަދު އެކަން ކަށަވަރު ވެއްޖެއެވެ. އަހަރެން މިހުރީ ޙައިދަރުގެ ގޭގައެވެ. ޙައިދަރުގެ ކުރިމަތީގައެވެ. އެއީ އަހަރެން އެދޭގޮތެވެ. ޙައިދަރު ބޭނުން ނުވިޔަސް އަހަރެން ބޭނުންވާގޮތް މިއޮތީ ޙާޞިލްވެފައެވެ.  " މެހެމަލް ބުންޏެވެ.

މެހެމަލް ވާހަކަ ދައްކަދައްކާ ހުއްޓައި ، ހިތްހަމަ ނުޖެހިފައިހުރެ ، މެހެމަލްއާ ދިމާލަށް ލޯއަޅަމުން ޙައިދަރު ، ގޭތެރެޔަށް ވަދެގެން ދިޔައެވެ.

ކޮޓަރިޔަށް ވަތްތަނުން ، ޙައިދަރުގެ ދަބަސް އަތުލައި ދިލްނަޝީން ހިނގައިގަތްގޮތުން ، ދިލްނަޝީން އެހުރީ ހިތްހަމަ ނުޖެހިފައިކަން ޙައިދަރަށް އެނގުނެވެ. ދިލްނަޝީން އަނގައިންވެސް ބުނެނުލައެވެ. އޭނާ ބުނާނީ ކީކޭ ހެއްޔެވެ ؟ ޙައިދަރުހުރީ ދިލްނަޝީން ކޮންމެވެސް އެއްޗެކޭ ބުނޭތޯ އިންތިޒާރުކޮށްގެންނެވެ. ހެދުން ބަދަލުކޮށްލައިގެން ކާން އަންނާށޭ ބުނަމުން ކޮޓަރިން ނުކުންނަން ދިލްނަޝީން ހިނގައިގަތެވެ. ޙައިދަރު ، ކުއްލިޔަކަށް ދިލްނަޝީންގެ އަތުގައި ހިފަހައްޓައި އޭނާ ހުށްޓުވިއެވެ.

" މުސްކުޅިން ބުނެއުޅޭގޮތުގައި ، ފިރިމީހާ މަސައްކަތުގައި އުޅެ ވަރުބަލިވެގެން ގެޔަށްއައިމަ ، އަނބިމީހާގެ މޫނުމަތިން ފެންނަ އެންމެ ހިނިތުންވުމަކުންވެސް ، އެފިރިހެނާގެ ވަރުބަލިކަން ފިލައިގެންދާނެއެވެ. " ޙައިދަރު ބުންޏެވެ.

މެހެމަލްގެ ފަރާތުން ޙައިދަރަށް އެ ހިނިތުންވުން ލިބިއްޖެނޫންހޭ ބުނެ ، ދިލްނަޝީންގެ ހިތުގެ އުދާސްތައް ބޭރުކޮށްލިއެވެ. އޭނާގެ އަނބިމީހާއަކީ ، ދިލްނަޝީންކަން ޙައިދަރު ހަނދާން ކޮށްދިނެވެ. އެހެނަސް ، މެހެމަލްއަށް އެކަން ޤަބޫލުނުކުރެވޭކަމުގައި ދިލްނަޝީން ބުންޏެވެ. އެކަމަކު ، ދިލްނަޝީން އެގޮތަށް ޤަބޫލުކުރަންނޫންހޭ ބުނެ ، ޙައިދަރާގާތަށް ދިލްނަޝީން ދަމައިލިއެވެ. ދިލްނަޝީން އެކަން ޤަބޫލުކުރިޔަސް އެކަމަށް އަންނާނެ ތަފާތެއް އޮތްކަމަކަށް ދިލްނަޝީނަކަށް ނުފެނެއެވެ. ސަބަބަކީ ، ޙައިދަރުގެ ޢަމަލުތައް ހުންނަނީކީ އޭނާއާ އެއްފިކުރެއްގައެއް ނޫނެވެ.

" ދިލްނަޝީނެވެ ! އަހަރެމެން ދިރިއުޅޭ މިގޭގެ ހަމަހިމޭންކަމާއި ބާއްޖަވެރިކަން އޮތީ ދިލްނަޝީންގެ އަތްމަތީގައެވެ. ދިލްނަޝީންގެ ވިސްނުން ގެންގުޅޭ ގޮތެއްގެ މައްޗަށެވެ. މުޅިމިގެއާއި އަހަރެންގެ ޢާއިލާވަނީ ދިލްނަޝީންގެ ބަރޯސާއަށް ދޫކޮށްލެވިފައެވެ. މެހެމަލްއަކީ މެހެމާނެކެވެ. އަހަރެމެން ދެމައިން ފިޔަވައި ، މެހެމަލްއަށް އަޅައިލާނެ އެއްވެސް އިންސާނަކު މިދުނިޔެއަކު ނެތެވެ. " ޙައިދަރު ބުންޏެވެ.

މެހެމަލްއާ ބެހޭގޮތުން ، ޙައިދަރު އިރުއިރުކޮޅުން އެ ތަކުރާރުކުރަމުންދާ ހަމްދަރުދީގެ ބަސްތައް ، ދިލްނަޝީނަށްވެސް ޤަބޫލު ކުރެވެއެވެ.

" ﷲ ގަންދީ ހުވާކޮށްފައި އަހަރެން ބުނަމެވެ. މެހެމަލް މިގޭގައި ހުރުމަކީ އަހަރެން އެއްގޮތަކަށްވެސް ދެކޮޅުހަދާ ކަމެއްނޫނެވެ. މިގެއަކީ ، އަހަރެންގެ ގެއެވެ. މިއީ މެހެމަލްގެ ގެއެއްނޫނެވެ. ޙައިދަރަކީ އަހަރެންގެ މީހެކެވެ. މެހެމަލްގެ މީހެއްނޫނެވެ. އެކަމަކު ، މެހެމަލް މަސައްކަތްކުރަމުން އެގެންދަނީ ، އަހަރެންގެ އަތުން މި ގެއާއި އަހަރެންގެ ފިރިމީހާ ދަމައިގަތުމަށެވެ. އެކަމަށް އަހަރެންނަށް ކެތްކުރެވޭނީ ކިހިނެއް ހެއްޔެވެ ؟ " ދިލްނަޝީން ބުނަމުން ގެންދިޔައެވެ.

އެއްއަތްތެޅިޔަކަސް އެއްވެސް އަޑެއް ނުނުކުންނާނެކަމަށް ޙައިދަރު ބުންޏެވެ. ލޯތްބަކީ އެއްފަރާތުން ލިބިގެން ، އަނެއްފަރާތުގެ ލޯތްބާނުލައި ދިރުމެއް ހުންނާނެ އިޙްސާސެއްނޫނެވެ. އެހެނަސް ، ހަމްދަރުދީއަކީވެސް ބަދަލުގައި ލޯބި ލިބިގެން ހިނގައިދާނެ އިޙްސާސެއްކަން ދިލްނަޝީން ، ޙައިދަރަށް ހަނދާން ކޮށްދިނެވެ. ބޭނުން ނުވިޔަސް ، އެއީ ވެދާނެ ކަމެކެވެ. މެހެމަލްގެ މައްސަލައިގާ ދިލްނަޝީން ބިރުގަންނަ ސަބަބަކީ އެއީއެވެ. އެ ސަބަބަށް އޮތް ޙުއްޖަތަކީ ، ޙައިދަރުގެ ހިތުގައި މެހެމަލްގެ މައްޗަށް އޮންނަ ލޯތްބެވެ. ދިލްނަޝީން އެހުންނަނީ އެކަމާ އިންތިހާއަށް ކަންބޮޑުވެފައެވެ. އޭނާގެ ކައިވެނި ކޮންމެ ގޮތަކަށް ކުރެވިފައި އޮތްނަމަވެސް ، ދިލްނަޝީން މިހާރު އެހުރީ އެކައިވެނި ދަމަހައްޓަން ކުރަންޖެހުނު ކޮންމެކަމެއްކުރަން ކުރިމަތިލައިގެންނެވެ. މެހެމަލްއާ އޭނާއާ ދެމެދު އުފެދިގައިވާ ގޮންޖެހުމާގުޅިގެން ، ޙައިދަރުގެ މައްޗަށް ދިލްނަޝީންގެ ހިތް ލެނބެމުންދާކަން ، ދިލްނަޝީނަށް މިހާރު އެބަ އިޙްސާސް ކުރެވެއެވެ.

ދިލްނަޝީންގެ ކަންބޮޑުވުން ޙައިދަރަށްވެސް އިޙްސާސް ކުރެވެއެވެ. ދިލްނަޝީން އެހީކުރާކަހަލަ އެއްވެސްކަމެއް ނުވާނެކަމުގައި ތަކުރާރުކޮށް ، ޙައިދަރު ބުނަމުން ގެންދިޔައެވެ. އެއީ އެއްވެސް ޙާލެއްގައި ވާނެ ކަމެއްނޫނެވެ. އޭނާގެ ހިތް ދިލްނަޝީންގެ ފަރާތުން ކަސިޔާރުވެގެންދާނެ އެއްވެސްކަމެއް ޙައިދަރެއް ނުކުރާނެއެވެ.

" އަހަރެންނަށް އިތުބާރު ނުކުރެވޭކަމަށް ވަންޏާ ، ދިލްނަޝީންގެ އަމިއްލަ ނަފްސަށް އިތުބާރު ކޮށްބަލާށެވެ. " ޙައިދަރު ބުންޏެވެ.

ޙައިދަރު އެބުނާ ވާހަކައެއް ދިލްނަޝީނަކަށް ޤާބޫލެއް ނުކުރެވެއެވެ. ޙައިދަރުގެ އަތުތެރެއިން ދެމިގަނެގެން ދިލްނަޝީން ބޭރަށް ނުކުތެވެ.

ދިލްނަޝީންގެ ޅަކަމާއި ދިރިއުޅުމުގައި ލިބިފައިވާ ތަޖުރިބާގެ އުނިކަމުން ، ޙައިދަރު އެދައްކާ ވާހަކައެއް އަދި ، ޤަބޫލެއް ނުކުރެވޭނެއެވެ. އެއީ ޙައިދަރުގެ ހިތަށް ތަކުލީފުތަކެއް ލިއްބައިދޭ ކަމެކެވެ.

ކަންބޮޑުވެފައިހުރެ ، މަންމަގެ ކޮޓަރިޔަށް ޙައިދަރު ގޮސްވަނެވެ. މެހެމަލް އެގެޔަށް ގެނައި ސަބަބެއް އޮޅުންފިލުވަން ، އޭނާގާތަށް ޙައިދަރު އަންނާނެކަން ކުލްސޫމަށް އެނގެއެވެ. އޭނާ އެހުންނަނީ އެކަމަށް ތައްޔާރުވެގެންނެވެ. އެއީ ޙައިދަރު ކުރަންވެސް ޖެހޭނެ ސުއާލެކެވެ. މެހެމަލް އެގެއިން ނެރެ ބޭރުކޮށްލީވެސް ކުލްސޫމެވެ. އަދި އަލުން އަނބުރާ އެގެޔަށް ގެނެސް މެހެމަލް އެވެއްދީވެސް ކުލްސޫމެވެ. މެހެމަލް އަލުން އަނބުރާ އެގެޔަށް އެގެނައި ސަބަބު އޮޅުންފިލުވަން ޙައިދަރު ބޭނުންވާނެއެވެ. އަނބުރާ ގެންނަން ޖެހޭނެކަން އެނގޭއިރު އެގެއިން މެހެމަލް ބޭރުކޮށްލީ ކީއްވެގެންތޯ ސާފުކުރަން އޭނާ ބޭނުންވާކަމުގައި ޙައިދަރު ބުންޏެވެ.

ކުލްސޫމަކީ ދިރިއުޅުމުގެ އެތައް ތަޖުރިބާއެއް ލިބިފައިވާ ދުވަސްވީ އަންހެނެކެވެ. އޭނާއަކީވެސް އިންސާނެކެވެ. އިންސާނެއްގެ ހަށިގަނޑުގައި ހުންނާނެ ހުރިހާ އިޙްސާސްތަކެއް އޭނާގެވެސް ހުންނާނެއެވެ. ކޮންމެ އިންސާނަކަށްވެސް ކުށްކުރެވޭފަދައިން ، ކުލްސޫމަށްވެސް ކުށް ކުރެވޭނެއެވެ. މެހެމަލް އެގެއިން ބޭރުކޮށްލުމަކީ ، ކުލްސޫމަށް ކުރެވުނު ކުށެއްކަމަށް ކުލްސޫމްވެސް ޤަބޫލު ކުރެއެވެ. ގެއިން ނެރެލީމަ އެކަނި ހޮޓަލެއްގައި ހުންނަން ޖެހުނީމަ ، މެހެމަލްއަށް އެތައް ތަކުލީފުތަކެއް ލިބޭނެއެވެ. މެހެމަލް އެގެޔަށް ގެނެސް އެވެއްދީ ، އެކަމަށް ކުލްސޫމުގެ ހިތަށް ކެތްނުކުރެވިގެންނެވެ.

ކުލްސޫމް އެކަމާ ކުރިން ނުވިސްނީތީ ، ޙައިދަރުއިނީ ދެރަވެފައެވެ. މެހެމަލް އެގެއިން ބޭރުކޮށްލުމުން ، އޭނާގެ ދަރިފުޅު މެހެމަލް ފަހަތުން ދުއްވައިގަންނާނެކަމެއްވެސް ކުރިޔަކުން ކުލްސޫމަށް އެނގިފައެއް ނުވެއެވެ. މެހެމަލް އެގެއިން ބޭރުކޮށްލާފައި ފޮނުވައިލީ އޭނާގެ ފިރިމީހާގެ ގެޔަށެވެ. އެކަމަކު ، ޑްރައިވަރަށް އޮޅުވާލައިގެން ، މެހެމަލް އެކުރިކަމެއްކޮށް ، ޙައިދަރުގެ ޙަމްދަރުދީ ހޯދައިގެން ހޮޓަލަކަށް ބަދަލުވީއެވެ. މެހެމަލްގެ ފިރިމީހާގެ ގެޔަށް މެހެމަލް ގެންދިއުމުގެ ބަދަލުގައި ، ފަސްތަރީގެ ހޮޓަލެއްގައި ، މެހެމަލް ބަހައްޓައިގެން އޭނާއާ ބައްދަލުކުރުމަށް ، ޙައިދަރު ގޮސްއުޅެފާނެކަމެއްވެސް ކުލްސޫމަށް ކުރިޔަކުން ހީކުރެވިފައެއް ނުވެއެވެ. ކުލްސޫމްގެ ބަސްތަކުން ޙައިދަރުގެ އަނގަ ބެދުނެވެ. އަދި ، މަންމަ އިންފަރާތްނޫން އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ.

މޫނަށް ބަލަހައްޓައިގެންހުރެ ވާހަކަ ދައްކަން ނުކެރިގެން އަނެއްފަރާތަށް މޫނު އަނބުރާލައިފިނަމަ އޭގެ މާނަޔަކީ ، އެމީހަކަށް ގޯހެއް ހެދިފައި އޮތުމެވެ.

" މަންމާއެވެ ! މެހެމަލް ހޮޓަލަކަށްގެންގޮސް ބެހެއްޓުމަކީ ، އަހަރެންނަށް ހެދުނު ގޯހެއްކަމަކަށް އަހަރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ. އެކަމަކު ، މަންމަޔާއި ދިލްނަޝީނަށް ސިއްރުން އެކަންކުރުން އެއީ އަހަރެންނަށް ހެދުނު ގޯހެއްކަމަށް އެއްބަސްވަމެވެ. " ޙައިދަރު ބުންޏެވެ.

ގޯހެއް ހެދުނުކަމަށް ޙައިދަރަށް އެއްބަސްވެވުނުކަން އެއީވެސް ލައްކަ ވަރެކެވެ. އެކަމަށް ޙައިދަރު އެއްބަސް ނުވިޔަސް ކުލްސޫމްމެންނަށް ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. މެހެމަލްގެ ފަހަތުން ނުދުވެއެއް ޙައިދަރަކަށް ނުހުރެވޭނެއެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.