(15 ޑިސެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ)
( މަންމަމެން ބޭނުންވާ ހުރިހާގޮތެއް ، ދިލްނަޝީން ލައްވާ ގަދަކަމަކުން ނުކުރުވޭނެއެވެ. އެކުއްޖާ ގޮވައިގެން ހޮޓަލުގެ ކޮޓަރިޔަށް ޙައިދަރު ވަދެގެން ދިޔަމަންޒަރު ، އަހަރެމެން ދެމީހުން ދުށީމެވެ. މަންމަމެންނަށް އެއީ ކަމަކަށް ނުވިޔަސް ، އަހަރެމެން ޒުވާނުންނަށް އެއީ ވަރަށްބޮޑު މައްސަލައެކެވެ. " ޢާފިޔާ ބުންޏެވެ.)
ލިބުނު ދެރަޔާއެކު ވީ މޮޅިން ، ޙައިދަރު ގޮސް ގެޔަށް ވަތްއިރު ، ކޮފީތަށްޓެއް ބޯލަން ، ބަގީޗާތެރޭގައި ޖައްސާލައިގެން ކުލްސޫމް އިނެވެ. ކާރުން ފައިބައިގެން ޙައިދަރު ހިނގައިގަތް ގޮތުންވެސް ، އެއައީ ކެހިލިބިގެންކަން ކުލްސޫމަށް އެނގުނެވެ. އެއްފިޔަވަޅު ކުރިޔަށް އެޅިއްޔާ ދެފިޔަވަޅު ފަހަތަށް އަޅަމުން ، މަންމަޔާ ދިމާލަށް ބަލަހައްޓައިގެން ހުރެ ، ގޭތެރެޔަށް ވަންނަން ޙައިދަރު ހިނގައިގަތެވެ. މަންމަ އެތާއިންކަން އެނގޭކަމަކަށް ޙައިދަރެއް ނުހެދިއެވެ. ލިބުނު މޮޅިންކަމެއް ، އައި ރުޅިންކަމެއް ނޭނގެއެވެ. ޙައިދަރު ، އޭނާގެ މަންމަޔާ ދިމާލަށް ބަލައިވެސް ނުލައެވެ. ޙައިދަރާއެކީ ކުލްސޫމް ނުގެންނަންތޯ ، މަލާމާތުގެ ރާގަކަށް ކުލްސޫމް ސުއާލު ކުރިއެވެ.
" އޭނާއެއް ނައެވެ. އެއްގޮތަކަށްވެސް އެއްބަހެއް ނުވިއެވެ. " ޙައިދަރު ބުންޏެވެ.
އެވާނީ ހިތްހަމަ ނުޖެހިފައި ހުރީކަމަށެވެ. އެކަމަކު ، ރުއްސާލައިގެން ގެނެވެންންޖެހޭނެކަމަށް ކުލްސޫމް ބުންޏެވެ. ދިލްނަޝީން ގެނެވޭތޯ ޙައިދަރަށް ކުރެވެން އޮތް ކަމެއްވިއްޔާ ކުރިއެވެ. އެއްގޮތަކަށްވެސް ދިލްނަޝީން ، އެއްބަސް ނުވީއެވެ. ހިތުގެ އަޑިން ، ލޯތްބާއެކީ ވާހަކަ ދެއްކިނަމަ ، ދިލްނަޝީން އަންނާނެކަމަށް ކުލްސޫމް ބުންޏެވެ.
" އެފަދަ ދަނޑިވަޅެއްގައި ، ބަހުސްކޮށް ، ދިފާޢުގައި ޙުއްޖަތް ދައްކައިގެންނެއް މީހުން ހައްލައެއް ނުލެވޭނެއެވެ. އެކަމަކު ، ކުރާނީ ކީއްހެއްޔެވެ ؟ ހިތްއޮތީ އެހެން ދިމާލެއްގައެވެ. އެހެންމީހެއްގެ ހިތްހަމަޖެހޭގޮތަށް ބަހެއް ބުނެވޭވަރަށްވުރެ ، އެހިތް ޚަރާބުވެފައި އޮވެގެން ، ހިތަށް އަންނަ އެއްޗެއް ، ހިތުންރުހުމުން ދުލުން ފާޅުކުރާނީ ކިހިނެއް ހެއްޔެވެ ؟ އަހަރެންނަށް ، ޙައިދަރު ވަރަށް ރަނގަޅަށް އެނގެއެވެ. އަދި ޙައިދަރުގެ ހިތުގައި މެހެމަލްއާމެދު އުފެދިފައިވާ ޖަޒުބާތުގެ އަސަރުވެސް އަހަރެންނަށް ސާފެވެ. " ކުލްސޫމް ބުންޏެވެ.
މަންމަޔާއި ދިލްނަޝީނާ ދެމީހުންވެސް ، ޙައިދަރާމެދު އެދެކެނީ އެއް ނަޒަރިއްޔާއަކުންކަމަށް ޙައިދަރު ބުންޏެވެ. އަދި އޭނާގެ ހިތުގައި މެހެމަލްއާމެދު ، އެކަހަލަ އެއްވެސް ޖަޒުބާތެއް ނެތްކަމަށް ، ޙައިދަރު ބުނަމުން ގެންދިޔައެވެ. ޙައިދަރުގެ ހަމައެކަނި ބޭނުމަކީ ، ތިމާގެ ކުއްޖަކަށްވީމާ މެހެމަލްއަށް އެހީތެރިވުމެވެ. އެކަން ، އެހެންމީހުންނަށް ޤަބޫލު ނުކުރެވިގެން އެއުޅެނީ ކީއްވެ ހެއްޔެވެ ؟
މައްސަލައެއް ނެތެވެ. ޙައިދަރު އެބުނަނީ ތެދެއްކަމަށް ، އޭނާ އެއްބަސްވެދާނެކަމަށް ކުލްސޫމް ބުންޏެވެ. ދިލްނަޝީން އެގެޔަށް ގެންނާނީ ކުލްސޫމެވެ. ކުލްސޫމަށް އެކަން ކުރެވޭނެއެވެ. ފިރިމީހާއަށް ނުކުރެވުނުކަމެއް ، މަންމަޔަށް ކުރެވިދާނެތޯ ޙައިދަރު ސުއާލު ކުރިއެވެ. އެކަން ކުރެވޭނީ އޭނާއަށް ކަމުގައި ކުލްސޫމް ބުންޏެވެ. އެހެނަސް ، ޙައިދަރުވެސް ، ޙައިދަރު ހިނގަންވީ މަގުން ކައްސާލައިގެން ، ގޯޅިއަޅައިގެން ނުދާނެކަމުގެ ޔަޤީންކަން ދޭން ޖެހޭނެއެވެ. އެކަމަށް ޙައިދަރު ވަޢުދުވިއެވެ. ދުވަހެއްގެ ކޮޅުންވެސް ، އޭނާގެ މަގު ކަސިޔާރުވެގެން ނުދާނެކަމަށް ވަޢުދުވިއެވެ. އެކަމަކު ، ޙައިދަރުގެ ޢަމަލުތަކުން ކުލްސޫމަކަށް އެކަމެއް ސާފެއްނޫނެވެ. ދެންމެވެސް އެއައީ ، ހިތް އެހެންތާކު ބާއްވާފައި ، އެހިތް ހިފައިގެންނޭ ހިތާ ދިލްނަޝީންގާތަށްގޮސް އެހިތުންކަމަށް ބަލައިގެން ، ދިލްނަޝީނާ ވާހަކަ ދައްކާފައެވެ. އެފަދަ ޙާލަތެއްގައި ތިމާމީހާ ދައްކާ ވާހަކަ ޤަބޫލުކުރެވޭނީ ކާކަށް ހެއްޔެވެ ؟
" ޙައިދަރުގެ އަދާތަކުން ، ދިލްނަޝީން ޙައިދަރުގެ މައްޗަށް ލެނބިގެންދާން މަޖުބޫރުކުރުވަން ޖެހޭނެއެވެ. ދުނިޔެއަކީ ، ފޮނިފޮނި ވަޢުދުންނާއި ހިތްގައިމުބަސްތަކުން ، ހަކުރާޖަހައިގެން ކެވޭ އެއްޗެއްނޫނެވެ. ދިލްނަޝީނަކީ ރަނގަޅު ކުއްޖެކެވެ. އޭނާއާމެދު ، ރަނގަޅަށް ކަންތައް ކުރެވޭނަމަ ، ހިތްގޯސްވެގެންނެއް ނުދާނެއެވެ. ޙައިދަރު މިހާރު ތިހުރީ ދިލްނަޝީންގެ ހިތްހަލާކު ކޮށްލާފައެވެ. އެހިތް އަނބުރައި ހޯދުމަށް ، ޙައިދަރު މަސައްކަތް ކޮށްފިނަމަ ، އެއީ ނުވާވަރުގެ ކަމެއްނޫނެވެ. " ކުލްސޫމް ބުންޏެވެ.
ޙައިދަރު އަބަދުވެސް ހުންނާނީ ، އޭނާގެ ޙަލާލު އަނބިމީހާގެ ޙައްޤުގައި ކަމަށް ބުންޏެވެ. އެހެން އަންހެނަކު އޭނާގެ ޙަޔާތަށް ގެނައުމަކީ ، އޭނާގެ ޒަމީރު އޭނާއަށް މަޖުބޫރު ކުރުވިޔަސް ، އޭނާގެ ޢަމަލުން ކުރާނެކަމެއްނޫނެވެ. އެކަމުގެ ޔަޤީންކަން ލިޔުމުން ދޭންވެސް ޙައިދަރު އެހުރީ ތައްޔާރަށެވެ.
މޭޒުމަތީ ބާއްވާފައިއޮތް ރަނގަބީލަކަށް ކުލްސޫމް ފިތައިލުމާއެކީ ، ވަޤުތުން އެތަނަށް ނޯކަރަކު އައެވެ. ޙައިދަރުގެ ސްޓަޑީ ރޫމަށް ގޮސް ، އެތަނުން ގަލަމަކާއި ފޮތެއް ގެނެސްދިނުމަށް ކުލްސޫމް އެދުނެވެ. ނޯކަރުގޮސް އިސާހިތަކު ފޮތަކާއި ގަލަމެއް ގެނެސްދިނެވެ. އޭނާ އެބުނިވާހަކައެއް މަންމަޔަށް ލިޔުމުން ދޭންޖެހުނީކަން ޙައިދަރަށް އެނގުނެވެ. އަދި މަންމަގާތު ހުރި ގޮނޑިއެއްގައި ޙައިދަރުވެސް ޖައްސައިލިއެވެ.
" އަހަރެން މިބުނާ ވާހަކައެއް މަންމަޔަށް ޤަބޫލު ނުކުރެވނީދޯއެވެ. އަހަރެން އަތުން އެކަމުގެ ލިޔުމެއް ހޯދަން މަންމަ ބޭނުންވަނީ އެހެންވެގެންނެވެ. " ޙައިދަރު ބުންޏެވެ.
ޙައިދަރު އެބުނި ވާހަކައެއް ހަނދާން ނައްތާލަން ވަރަށް ފަސޭހަވާނެކަމަށް ކުލްސޫމް ބުންޏެވެ. އެކަމަކު ، ޙައިދަރުގެ އިޤްރާރު ލިޔުމުން އޮވެއްޖެނަމަ ، އެކަން ޤަބޫލުނުކުރަން ލޮލަކަށްވެސް އަދި ހިތަކަށްވެސް ފަސޭހައެއް ނުވާނެއެވެ. ކުލްސޫމް އަތުގައި އޮތް ފޮތާއި ގަލަން ޙައިދަރަށް ދިއްކޮށްލުމުން ޙައިދަރު ލިޔަން ފެއްޓިއެވެ. އެވަރަކުން އަދި ކުލްސޫމަކަށް ނުފުދުނެވެ. ލިޔާއެއްޗެއް ކިޔަމުން ލިޔެފިއްޔާ ، ހިތަށާއި ސިކުނޑިއަށް އެއެއްޗެއް ވައްދަން ފަސޭހަވާނެކަމަށް ކުލްސޫމް ބުންޏެވެ.
" އަހަރެން ، ޙައިދަރު ސަލްމާން ، ދިލްނަޝީނަށް ދެރަގޮތެއް ނުހަދާނަންކަމަށް ، ﷲ ގަންދީ ހުވާކުރަމެވެ. އިންސާފުންބޭރުން ދިލްނަޝީނަށް އެއްވެސް ތަކުލީފެއް ނުޖައްސާނަމެވެ. " ޙައިދަރު އެފޮތުގައި ލިޔުނެވެ.
އެއީ އަދި އެންމެ ފުރިހަމަ ހުވައެއްނޫންކަމަށް ކުލްސޫމް ބުންޏެވެ. އެހުވާ އަދި ފުރިހަމައެއް ނުވެއެވެ. މެހެމަލްގާތަށް ދުވަހަކުވެސް ނުދާނެކަމަށާއި ، ޙައިދަރުގެ ނަން މެހެމަލްގެ ނަމާގުޅުވިގެންދާނެ އެއްވެސްކަމެއް ނުކުރާނެކަމަށްވެސް ލިޔާށެވެ.
މަންމަ އެބުނި ވާހަކަތައް ލިޔެ ، ތާރީޚު ޖަހާފައި އޭގައި ޙައިދަރު ސޮއިކުރިއެވެ. އަދި ، މިއަދުންފެށިގެން އޭނާގެ ތެދުވެރިކަމާމެދު މަންމައާއި ދިލްނަޝީން ، ސުއާލެއް ނުއުފައްދާނެކަމަށް ހީކުރާކަމުގައި ބުންޏެވެ. ޙައިދަރު އެކުރިހުވާމަތީ ހުރުމަކީ ޙައިދަރުގެ ޒިންމާއެކެވެ. އެލިޔުން ޙައިދަރަށް ދައްކައި ، އޭނާކުރި ހުވާގެމަތިން ހަނދާންކޮށްދޭންޖެހޭނެ ދުވަހެއް ނާންނާނެކަމަށް އުއްމީދުކުރާކަމުގައި ކުލްސޫމް ބުންޏެވެ.
ހުވާކޮށް ، ލިޔުންލިޔެ މަންމަޔާ ޙަވާލުކުރުމަށްފަހު ، ޙައިދަރު އޭނާގެ ކޮޓަރިޔަށްގޮސް ވަނުމާއެކު ، މެހެމަލްގެ ފޯނެއް އައެވެ. އިރުކޮޅެއް ކޮށްލުމަށްފަހު ، ޙައިދަރު ފޯނުނެގިއެވެ. ފުރަތަމަވެސް ކުރިމަތިލާންޖެހުނީ މެހެމަލްގެ ޝަކުވާތަކާއެވެ. ފޯނުނުގައި ގިނައިރުކޮށްގެންނެވެ. މެހެމަލް ފޯނުކުރީމަ ، ފުރަތަމަވާ ރިންގގެ އަޑާއެކު ފޯނުނެގުމަށް އޭނާ އެއްވެސް ވަޢުދެއްވީ ހަނދާން ނެތްކަމުގައި ޙައިދަރު ބުންޏެވެ.
" އަންހެނުން ބަލައިދިޔައިމަ ގެޔަށް އަންނަން ދެކޮޅުހެދިކަން ، ޙައިދަރުގެ އަޑުގައިވާ ހިތިކަމުން އަހަރެންނަށް އެނގެއެވެ. އަޅައިނުލާށެވެ. އަހަރެން މިހުރީއެވެ. " މެހެމަލް ބުންޏެވެ.
ދިލްނަޝީން ހުރީ ޙައިދަރުދެކެ ހިތްހަމަ ނުޖެހިފައިކަމަށް ޙައިދަރުވެސް އެއްބަސްވިއެވެ. އެހެންނަމަވެސް ، ދިލްނަޝީންގެ އަމިއްލަގެޔަށް މާދަމާ ، އެނބުރި އަންނާނެކަމަށް ޙައިދަރު ބުންޏެވެ. މެހެމަލް ދާނެ ގެޔެއް ނެތީމަ އެކަން ހަނދާންކޮށްދީ ، އޭނާ ދެރަކޮށްލަން ޙައިދަރު ބޭނުންވަނީތޯ މެހެމަލް ސުއާލު ކުރިއެވެ. ނޫނެކެވެ. ޙައިދަރުގެ މަޤްޞަދަކީ އެއީއެއްނޫނެވެ. ޙައިދަރު ބޭނުންވީ ، ކައިވެންޏެއްގެ ޙިމާޔަތުގައި އިންއަންހެނަކަށް އޭނާގެ ފިރިމީހާގެ ގެޔަކީ ، އެއަންހެނާގެ ގެކަން ، މެހެމަލްއަށް ހަނދާން ކޮށްދިނުމެވެ.
އެހެންކަމަށް ވަންޏާ އޭނާގެ ފިރިޔަކަށް ވާން ޙައިދަރުގާތު މެހެމަލް އެދުނެވެ. މީހުންގެ ކުރިމަތީ ، މެހެމަލްއަށް ޙައްޤު މަޤާމް ދިނުމަށް ޙައިދަރުގެ ކިބައިން އެދުނެވެ. ޙައިދަރު ، މެހެމަލްއާ އެވާހަކަ ދައްކަނީ ، މެހެމަލްގެ ކައިވެނި ސަލާމަތްކުރާށެވެ. މެހެމަލްއާ ކައިވެނި ކުރާކަށް ނޫނެވެ. އެހެންނަމަވެސް ، މެހެމަލްގެ ކައިވެނި މިހާރުއެއޮތީ ރޫޅިގެންގޮސް އެކުނުވާ ހިސާބުގައެވެ. އެކަން ކުރަން ނޫޅުމަށް ޙައިދަރުގާތު ، މެހެމަލް އެދުނެވެ. މެހެމަލްގެ ކައިވެނި ރޫޅައިނުލުމަށް ޙައިދަރު އެދުނެވެ. އޭނާ ޙާޞިލްކުރުމަށް އަދި މެހެމަލްގެ ޖަޒުބާތުގައި އޭނާ ޖެހިދާނެކަމަށް ހީކޮށްގެން އެކަން ނުކުރުމަށް ޙައިދަރު ބުންޏެވެ. އަދި އިތުރު ވާހަކައެއް ނުދައްކައި ފޯނު ކަނޑައިލިއެވެ.
އޭގެ ފަހުދުވަހު ، ހެނދުނުހެނދުނާ ، ކުލްސޫމް ދިޔައީ އަނީސާމެން ގެޔަށެވެ. ދިލްނަޝީން ގެނެވޭތޯ ބެލުމަށްޓަކައެވެ. އަނީސާއާއި ކުލްސޫމް ، ސިޓިންރޫމުގައި ތިބެގެން ވާހަކަ ދައްކަމުން ގެންދިޔައެވެ. ދިލްނަޝީން އަދި ތިރިޔަކަށް ނާދެއެވެ. ދެމީހުންނަށްވެސް އެއްބަސްވެވުނު އެއްކަމަކީ ، މިޒަމާނުގެ ކުދިން ސިނގުރުޅި އައިސް ، މާއަވަހަށް ޖަޒުބާތުގައި ޖެހުމެވެ. ދިރިއުޅުމުގެ މައްސަލަތައް ރަނގަޅަށް ވިސްނައިނުލާ ، މާއަވަހަށް ނިންމުމެވެ. އެމީހުންނަށް ނުވިސްނޭ ކަންކަން ވިސްނައިދީ ، އެކުދިން ހަމަމަގަށް އެޅުވުމަކީ މައިންގެ މައްޗަށް ލާޒިމްވެފައި އޮންނަ ކަމެކެވެ. ޚާއްޞަކޮށް އަންހެންކުދިންނަށް ކުރިމަތިވާ މައްސަލަތަކުގައެވެ.
ހިނިތުންވެލައިގެންހުރެ ، ދިލްނަޝީން އައިސް ކުލްސޫމާ ސަލާމް ކުރިއެވެ. ރުޅިއިސްނުކޮށް ، ކުލްސޫމާ ބައްދަލުކޮށްލަން ދިލްނަޝީން ތިރިޔަށް އައީތީ ޝުކުރު އަދާކުރަމުން ކުލްސޫމް ، ދިލްނަޝީންގެ ސަލާމް ބަލައިގަތެވެ.
ދިލްނަޝީނާއި ކުލްސޫމަށް ވާހަކަ ދައްކަން ފުރުޞަތުދީފައި ، އަނީސާ އެތަނުން ދުރަށް ދިޔައެވެ. ދިލްނަޝީންހުރީ މަންމަދެކެ ރުޅިއައިސްނޫންކަމަށް ދިލްނަޝީން ބުންޏެވެ.
" މަންމަދެކެ ރުޅިއައިސްނޫންކަން މަންމަޔަށްވެސް އެނގެއެވެ. ޙައިދަރު ދެކެވެސް ، ދަރިފުޅު ރުޅިއަންނާނެކަމެއް ނެތެވެ. އެއީ ސަބަބެއް އޮތްކަމެއްނޫނެވެ. ޙައިދަރުގެ އަތުން ދިލްނަޝީން އަތްދޫކޮށްލައިފިނަމަ ، އެހެންމީހަކު އައިސް އެއަތުގައި ހިފަން ފުރުޞަތު ދެވެނީކަން ހަނދާން ކުރާށެވެ. މެހެމަލް އައިސް ، ޙައިދަރުގެ އަތުގައި ހިފާކަށް ލަހެއްފަހެއް ނޯންނާނެއެވެ. ދަރިފުޅުގެ ކައިވެންޏާއި ޙައިދަރުގެ ދިރިއުޅުމުގެ ސަލާމަތްކަން އޮތީ ދަރިފުޅުގެ އަތްމަތީގައެވެ. ޙައިދަރުގެ އަތުގައި ބާރަށް ހިފަހައްޓައި އެއަތް ދޫކޮށްނުލައިފިނަމަ ، ޙައިދަރަށް ހުރިހާކަމެއް ވިސްނޭނެއެވެ. މިމަންމަޔަށް ދިލްނަޝީން އެކަން ނުކޮށްދިނަސް ، ދަރިފުޅުގެ އެއްވެސް ޝަކުވާއެއް މިމަންމައެއް ނުކުރާނަމެވެ. " ކުލްސޫމް ، ދިލްނަޝީނަށް ނަޞޭޙަތްދެމުން ގެންދިޔައެވެ.
ދަރިފުޅާއެވެ ! ދަރިފުޅުގެ ދިރިއުޅުމުގެ ހުރިހާ ޙައްޤުތަކެއް ދަރިފުޅަށް ކަށަވަރުވެގެން ވެއެވެ. އެއްވެސްމީހަކު ، އެއްވެސްކަމެއް ދަރިފުޅު ލައްވައި ގަދަކަމުން ކުރުވާކަށް ނޫޅޭނެއެވެ. ޚުދު ، ދަރިފުޅުގެ މަންމަވެސް ދަރިފުޅު ލައްވާ ގަދަކަމުން އެއްވެސްކަމެއް ކުރުވިޔަކަ ނުދޭނަމެވެ. އެއްވެސްކަމެއް ގަދަކަމުން ކުރާކަށް ނުވެސް ޖެހޭނެއެވެ. ގަދަކަމުން ކަންކަން ކުރުވަންޖެހޭނީ ، ދެއުޅިއެއްނުވާ މީހުންގެ އުޅިތައް ބުރިބުރިވެ ވަކިވާ ޙާލަތުގައެވެ. ދިލްނަޝީން އެމީހުންގެ ދިރިއުޅުމުން ނެތިދިއުމުގެ ގެއްލުމާ ކުރިމަތިލުމަކީ ކުލްސޫމަށްވެސް އަދި ޙައިދަރަށްވެސް ކުޅަދާނަވެގެންވާނެ ކަމެއްނޫނެވެ. ޚާއްޞަކޮށް ، ޙައިދަރަށް އެއީ ކެތްކުރެވޭނެ ޙާލަތެއްނޫނެވެ. ޙައިދަރަކީ ގޯސް މީހެއްނޫނެވެ. ޙައިދަރުގެ މައްސަލަޔަކީ ، މީހުންނަށް މާބޮޑަށް ހެޔޮކޮށް ހިތުމެވެ. އަނެކާއަށް އޮޅޭވަރަށް މީހުންނަށް އަޅައިލުމެވެ. އެއީ ޙައިދަރުގެ މިޒާޖެވެ.
" އަހަރެން މީ ދިލްނަޝީންގެ މައިދައިތައެއް ނޫނެވެ. ދިލްނަޝީން އަހަރެން ބަލަނީ އަހަރެންގެ އަންހެންދަރިއެއްގެ ގޮތުގައެވެ. ސާރާއާ އެއްދަރަޖައެއްގައެވެ. އަހަރެންނަށް އަޑުއިވިފައި އޮންނަ ގޮތުގައި ، މަންމަ ބުނީމަ ، އަންހެންދަރިން ފަސޭހައިން ކަންކަން ޤަބޫލުކުރާނެއެވެ. " ކުލްސޫމް އޭނާގެ ވާހަކަ ނިންމައިލިއެވެ.
ދިލްނަޝީން އިސްއުފުލައިލިއެވެ. އަދި ، ހިނިތުންވުމާއެކު ކުލްސޫމާ ދިމާލަށް ބަލައިލިއެވެ. ދިލްނަޝީންގެ މޫނުމަތިން ފާޅުވާންހުރި އުފާވެރިކަމުގެ އިޙްސާސްތައް ކުލްސޫމް ދެނެގަތެވެ. އަދި ، ﷲ އަށް ޙަމްދާއި ޝުކުރު ކުރިއެވެ.
އަންހެން ދަރިންނާމެދު ، މަންމަޔަށް އަޑުއިވިފައި އެއޮތީ ރަނގަޅަށް ކަމުގައި ދިލްނަޝީން ބުންޏެވެ. ކުލްސޫމްގާތަށް ދިލްނަޝީން ގެނެސް ބައްދާލައި ދިލްނަޝީންގެ ނިތްކުރީގައި ބޮސްދިނެވެ. ކުލްސޫމް އުއްމީދުކޮށްގެން އައި ކަންތައް އެ ފުރިހަމަވީއެވެ. އޭނާގެބަސް ދިލްނަޝީން ބޮލައިލާ ނުޖަހާނެކަން ކުލްސޫމަށް އެނގެއެވެ. އަނީސާއާއި ޢާފިޔާއާ ދެމައިންތިބީ ، ކުލްސޫމްމެން ދައްކާ ވާހަކައިގެ އަޑުއިވޭ ހިސާބު ދުރުގައި މަޑުކޮށްލައިގެންނެވެ. މަޑުމައިތިރިކަމާއި ލޯތްބާއެކީ ދަރިންނާ ވާހަކަ ދެއްކުމުގެ ނަތީޖާ ، އަނީސާއަށް ފެނިގެންއެދިޔައީ އޭނާގެ ލޯ ކުރިމަތީގައެވެ. ލޯކުރިމަތީ ފެނިގެން އެދިޔަ މަންޒަރުން މަންމަޔަށް އެއްޗެއް ވިސްނޭނެނަމައޭ ޢާފިޔާގެ ހިތަށްވެސް އެރިއެވެ.
ދިލްނަޝީން ގޮވައިގެން ކުލްސޫމް އެގެއިން ނުކުތްއިރު ، ކާރުގައި ލެނގިލައިގެން ޙައިދަރު ، ބޭރުގައި ހުށްޓެވެ. ޙައިދަރު ގޭތެރެޔަށް ނުވަނީ ، މަންމަ ކުރާކަމެއް ކުރަން މަންމަޔަށް ފުރުޞަތު ދޭން ވެގެންނެވެ. ( ނުނިމޭ )