ވިހަ ތީރު (48)

(10 ޑިސެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ)

( މެހެމަލް ހިންދެމިލައި ، މަކަރުން ފުރިގެންވާ ހިނިތުންވުމަކުން އޭނާގެ މޫނުމަތި ތާޒާ ކޮށްލިއެވެ. ފޮރުވިފައިވާ ސިއްރުތަކަކުންނާއި ، ނޭނގޭ ޙީލަތްތެރި ރޭވުންތަކުން ފުރިގެންވާ އެހިނިތުންވުމުގެ ހިތިކަން އެހެން އެއްވެސް މީހަކަށް ނޭނގޭނެއެވެ. ވާގޮތެއް އެނގިދާނެތާއެވެ !)

ދިލްނަޝީނާ ދިމާލަށް އެއްޗެތި ކިޔައިގަނެވުނަސް ، އަނީސާވެސްހުރީ ، ދިލްނަޝީނަށް ކުރިމަތިވެފައިވާ ޙާލަތާމެދު ކަންބޮޑުވެފައެވެ. އޭނާގެ ދަރިފުޅުގެ ދިރިއުޅުން އެހާއަވަހަށް ރޫޅި އެފަކީރުގެ ހިތަށް ތަކުލީފުތަކެއް ލިބޭކަށް އަނީސާވެސް ނޭދެއެވެ. އެހާ ހަރުކަށިކޮށް ދިލްނަޝީނާ ވާހަކަ ދެއްކުނީ ، ދިލްނަޝީން މައިތިރިކުރަން ވެގެންނެވެ. އެއްޗެތި ކިޔައިގަތީމަ ގޮތްދޫކޮށް ، ރުޅިއަރައިގަނެ ، އޭނާދެކެ ފޫހިވެގަނެގެން ނަމަވެސް ، ޙައިދަރުގެ ގެޔަށް ދިލްނަޝީން ފޮނުވައިލެވޭތޯ ބަލަން ވެގެންނެވެ. ދިލްނަޝީންގެ ގޮތް އެންމެބޮޑަށް އެނގޭނީވެސް އޭނާއަށެވެ. ވަކިކަމެއް ، ވަކިގޮތަކަށް ނިންމައިފިއްޔާ އެނިންމިގޮތެއްގައި ދިލްނަޝީން ހިފަހައްޓާނެއެވެ. ގޮތްދޫކުރާނީ ، ދެތިންދުވަސްފަހުން ، އެކުރެވުނުކަމެއްގެ ނަތީޖާ ވިސްނިގެންނެވެ.

އަނީސާހުރީ ދެކޮޅަށްދެކޮޅަށް ހިނގާލަހިނގާލައެވެ. ކާއެއްޗެތި އަޅާފައިހުރި ތަބަކެއް ހިފައިގެން ޢާފިޔާ އައިސް މޭޒުމައްޗަށް ޖަހާފައި ، ދިލްނަޝީން އެއްވެސް އެއްޗެއް ނުކޭކަމުގައި އަނީސާގާތު ބުންޏެވެ.

" އަޅައިނުލާށެވެ ! ގަދަކަމުން ކާންދޭން ، އެއީ ކުޑަކުއްޖެއްނޫނެވެ. ބަނޑުހައިވީމަ އަމިއްލަޔަށް އައިސް ކައިފާނެއެވެ. ބަނޑުހައިވެގެން މަރެއްނުވާނެއެވެ. " އަނީސާ ބުންޏެވެ.

ކުއްލިޔަކަށް ބޭރުދޮރުގެ ރަނގަބީލު ޖެހުނެވެ. އަނީސާއާއި އާފިޔާއާ ދެމައިން ދިޔައީ އެއްލިގެންނެވެ. އެގަޑީގައި ގެޔަށް އަންނާނީ ކާކު ހެއްޔެވެ ؟ ދިލްނަޝީނަށްވެސް ރަނގަބީލުގެ އަޑުއިވުނެވެ. އަދި އެއީ ޙައިދަރުކަން އޭނާއަށް އެނގި ކުއްލިޔަކަށް ކޮޅަށް ތެދުވިއެވެ. އެކަމަކު ކޮޓަރިން ބޭރަށް ނުކުންނާކަށް ނޫޅެއެވެ.

އަނީސާގޮސް ދޮރުހުޅުވައިލިއިރު ، ހުރީ ޙައިދަރެވެ. ޙައިދަރުގެ ސަލާމް ބަލައިގަތުމަށްފަހު ، ޙައިދަރަށް މަރުޙަބާ ކިޔެވެ. އަދި ގޭތެރެޔަށް ވަނުމަށް އެދުނެވެ. ދަރިފުޅާއޭ ކިޔައި ގޮވާލައި ، ސިޓިންގރޫމުގައި ޙައިދަރު ބައިންދައި ޙާލުއަޙުވާލު އޮޅުން ފިލުވައި މަންމަގެ ޙާލަކީ ކޮބައިތޯ އަނީސާ ސުއާލުކުރިއެވެ. އަނީސާ ގެންފައިއިން ލަދު ފޮރުވުމަށްޓަކައި އޭނާއަށް ކުރެވޭ ނުކުރެވޭކަމެއްވެސް ނޭނގެއެވެ. ޢާފިޔާގާތު ، އަވަހަށް ސައިތަށްޓެއް ހަދައިގެން ގެނެސްދިނުމަށް އަނީސާ އެދުނެވެ.

" މަސައްކަތް ކިހިނެއް ހެއްޔެވެ ؟ ވަރަށް ބުރަވާނެހެން ހީވެއެވެ. ވިޔަފާރީގެ ހުރިހާކަމެއް ތި ބަލަހައްޓަނީ ދަރިފުޅު އެކަނިމާ އެކަންޏެވެ. " އަނީސާއަށް ބުނާނެ އެއްޗެއް ނޭނގި އިނދެ ސުއާލުކުރަމުން ގެންދިޔައެވެ.

ޢާފިޔާވެސް ހުރީ ހަދާނެގޮތް ބޮޑުވެފައެވެ. ސައިތަށްޓެއްގެ ބަދަލުގައި ޢާފިޔާއަށް ގެނެވުނީ ފެންތަށްޓެކެވެ. ސައިތަށްޓަކަށްވުރެ ، ފެންތަށްޓެއްގެ ބޭނުން އެވަގުތު ޙައިދަރަށް މާމުހިންމެވެ. އެއްނޭވައިން ފެންތަށިދަމައިލުމަށްފަހު ، ދިލްނަޝީނާ ބައްދަލު ކުރެވިދާނެތޯ ޙައިދަރު ސުއާލު ކުރިއެވެ. އެއީ ، ސުއާލުކުރަންޖެހޭކަމެއް ނޫންކަމަށްބުނެ ، ދިލްނަޝީންގެ ކޮޓަރިޔަށް ޙައިދަރު ގެންގޮސްދިނުމަށް ޢާފިޔާގާތު އަނީސާ ބުންޏެވެ. ދިލްނަޝީން އޭރުހުރީ ކޮޓަރީގެ ދޮރުމަތީގައެވެ. މަންމަމެން ދައްކާ ވާހަކައިގެ އަޑު އޭނާއަށް އިވެއެވެ. ޙައިދަރު ، އެކޮޓަރިޔަށް އަންނަންވާއިރަށް ، އެތެރެޔަށް ވަދެ ، އެނދުގައި ދިލްނަޝީން އިށީނދެލިއެވެ. ކޮޓަރީގެ ދޮރުމަތިން ޙައިދަރަށް މަރުޙަބާކިޔާކަށް ދިލްނަޝީން ބޭނުމެއްނުވިއެވެ. ޙައިދަރު އެތެރެޔަށް ވަދެގެން ދިއުމާއެކީ ، އަނީސާ މާނޭވާއެއް ލިއެވެ. ޙައިދަރު އެއައީ ދިލްނަޝީން ބަލައެވެ. ކިހާ ރަނގަޅު ދަރިއެއް ހެއްޔެވެ ؟ މައްޗަށް މޫނު އުފުލާލައި ﷲ އަށް ޙަމްދު ކުރިއެވެ. އޭނާގެ ދަރިފުޅަށް ދެރަގޮތެއް ނުވުމަށްއެދި ﷲ އަށް ދުޢާ ދެންނެވިއެވެ.

ޙައިދަރުގޮސް ކޮޓަރިޔަށްވަތްއިރު ދިލްނަޝީންހުރީ ކުޑަދޮރުން ބޭރުބަލަހައްޓައިގެން ، ޙައިދަރަށް ފުރަގަސްދީގެންނެވެ. ޙައިދަރު ވަނުމާއެކީ ، އަނގައިންވެސް ނުބުނެ އައިސް ، އެނދުގައި ޖައްސާލައިގެން ދުރަށް ބަލަހައްޓައިގެން އިނެވެ. ޙައިދަރު ހުރީ ކޮޅަށެވެ.

ޙައިދަރަށް އިތުބާރުކުރުން ވެގެން އެދިޔައީ ، އޭނާއަށް ހެދުނު ވަރަށްބޮޑު ގޯހަކަށް ކަމުގައި ބުނެ ، ދިލްނަޝީން ވާހަކަ ދައްކަން ފެއްޓިއެވެ. އޭގެ އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް ދިލްނަޝީން ބޭނުމެއް ނުވިއެވެ. އެއީ ، ދިލްނަޝީނަށް ފެންނަ ގޮތެވެ. އެ މައްސަލައިގެ ދެފުށަށް ނުބަލައި ، ދިލްނަޝީން ވަކިގޮތެއް ނިންމައިފިއްޔާ އެހެންވެދާނެކަމަށް ، ޙައިދަރު ބުންޏެވެ. އެކަމުގައި ދިލްނަޝީނަށް އެހެންގޮތަކަށް ވިސްނޭނެ އެއްވެސް ޙާލަތެއް އެބައޮތްތޯ ދިލްނަޝީން ސުއާލު ކުރިއެވެ.

" އަހަރެންގެ މާޒީގައި ގުޅުމެއް އުފެދިފައި އޮތް  ، އެހެން ފިރިހެނަކާއެކީ ފަސްތަރީގެ ހޮޓަލެއްގެ ބަންދު ކޮޓަރިއެއްގައި ، އަހަރެން އުޅޭކަން ޙައިދަރަށް އެނގިއްޖެނަމަ ، އަހަރެންނަށް މިވިސްނުނު ގޮތްނޫން އެހެން ގޮތަކަށް ވިސްނުމުގެ ފުރުޞަތު އޮންނާނެ ހެއްޔެވެ ؟ " ދިލްނަޝީން ސުއާލު ކުރިއެވެ.

ދިލްނަޝީން އެކުރި ސުއާލުން ޙައިދަރު ދިޔައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުކޮށްފައި ދިލްނަޝީނާ ދިމާލަށް ބަލައިލެވުނެވެ. އަދި ، އެގޮތަށްނޫން އެހެން ގޮތަކަށް އޭނާއަށްވެސް ނުވިސްނޭނެކަމަށް ، ޙައިދަރުވެސް އެއްބަސްވިއެވެ.

" އަހަރެންގެ އަންހެނުން އެހެންފިރިހެނަކާއެކީ ، ކައިވެނީގެ ކުރިން އަދި ކައިވެނީގެ ފަހުންވެސް ، އެއްވެސް ގުޅުމެއް އުފައްދާފައި އޮވެދާނެކަމަށް ވިސްނާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. އެއީ ، އެއްވެސް ފިރިހެނަކު ދެކެން ބޭނުންވާނެ ދުވަހެއްނޫނެވެ. އޭނާގެ އަންހެނުން ، ކުރިންވެސް އަދި ފަހުންވެސް ، އެއްވެސް ފިރިހެނަކާއެކީ ގުޅުމެއް ހިންގާފައި އޮވެއްޖެނަމަ ، އެއީ އެއްވެސް ފިރިހެނަކަށް ކެތްކުރެވޭނެ ކަމެއްނޫނެވެ. އެކަން ، ފިރިހެނުންނަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. " ޙައިދަރު ބުންޏެވެ.

ޙައިދަރުގެ ބަސްތަކުން ދިލްނަޝީންގެ އަނގަ ބަންދުވިއެވެ. އިތުރަށް ބުނާނެ އެއްޗެއް އޭނާގެ ހިތަކަށް ނުވަނެވެ. ޚުދު ، ދިލްނަޝީނަކީ ، އެފަދަ މާޒީއެއް އޮތްމީހެއްކަމެއް ، ޙައިދަރަކަށް އަދި ނޭނގެއެވެ. އެކަން އެނގޭދުވަހަކުން ވާނެގޮތަކާމެދު ދިލްނަޝީން ކަންބޮޑުވިއެވެ.

ދިލްނަޝީނާ ، ޙައިދަރު ކައިވެނި ކުރުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ، ޙައިދަރުގެ މާޒީގައި ހިނގާފައި އޮތްކަމެއް ހަނދާނުން ފިލުވާލައި ، ދިލްނަޝީނާއެކީ އުފާވެރި ޙަޔާތެއް ފެށުމެވެ. ދިލްނަޝީންގެ ޙަޔާތަށް އަންނާނެ އެންމެ ފުރަތަމަ އަދި އެންމެ ފަހުމީހާކަމަށް އޭނާވުންކަމުގައި ޙައިދަރު ބުންޏެވެ. އަނެއްކާވެސް ، ދިލްނަޝީނަށް ސިހުން ލިބިގެންދިޔައެވެ. އިސް އުފުލާލައި ޙައިދަރާ ދިމާލަށް ބަލައިލެވުނެވެ. އަދި ، އޭނާއަށް ލިބުނު ހާސްކަމާއި ކަންބޮޑުވުން ، ދިލްނަޝީނަށް ފޮރުވަން މަސައްކަތް ކުރިއެވެ.

" އަހަރެންގެވެސް ކުށެއް އޮތްކަމަށް އަހަރެން ޤަބޫލު ކުރަމެވެ. މެހެމަލްއާބެހޭ އެއްވެސް ވާހަކައެއް ދިލްނަޝީންގާތު ނުބުނުމަކީ އަހަރެންނަށް ކުރެވުނު ކުށެކެވެ. ޙަޤީޤަތަކީ ، ދިލްނަޝީނަށް އެވާހަކަތަކުން އެއްވެސް ތަކުލީފެއް ނުދިނުމެވެ. އެއީ އަހަރެންގެ ހިތުން ފިލުވައިލާފައިވާ ކަމެއްގެ ގޮތުގައި ބަލައި ، ބޭކާރުވާހަކަތަކެއް ނުދެއްކުމެވެ. އަހަރެންގެ ހިތުގައި މެހެމަލްއާމެދު އެއްވެސް ވަރެއްގެ ޖަޒުބާތެއް ނެތެވެ. އަހަރެންގެ ބޭނުމަކީ ، އެހުރިހާ ތަކުލީފުތަކުން ދިލްނަޝީން ސަލާމަތް ކުރުމެވެ. " ޙައިދަރު ބުންޏެވެ. އެހެން ފަހަރުފަހަރެކޭ އެއްގޮތަށް ، މިފަހަރުވެސް ، މެހެމަލްގެ ދިފާޢުގައި ދައްކާނެ އެތައް ވާހަކައެއް ޙައިދަރަށް ފެނިއްޖެއެވެ. މައްސަލައިން ދިފާޢުވުމަށްޓަކައި ޙައިދަރުގެ ފަރާތުން ހެކިތަކެއް ދެއްކިއްޖެއެވެ. އޭގެ ދޮގުތެދު ދެނެވޮޑިގެންވާނީ ކީރިތި ﷲ ކަމުގައި ދިލްނަޝީން ބުންޏެވެ. އެހެންކަމަށްވިޔަސް ، އެކަމުގައި ގޮތެއް ނިންމުމުގެ ޙައްޤުއޮތީ ހަމައެކަނި ދިލްނަޝީނަށެވެ.

އެހެންކަމަށް ވަންޏާ ، ދިލްނަޝީންގެ ނިންމުމަކީ ކޮބައިތޯ ޙައިދަރު ސުއާލު ކުރިއެވެ.

" އަހަރެންނެއް ޙައިދަރާއެކީ އެގެޔަކަށް ނުދާނަމެވެ. " ދިލްނަޝީން އޭނާގެގޮތް އަންގައި އިއްވައިލިއެވެ.

ސަބަބަކީ ކޮބައިތޯ ޙައިދަރު ، ވަގުތުން ސުއާލު ކުރިއެވެ.

" އަހަރެންގެ ހިތެވެ. " ދިލްނަޝީންވެސް ވަގުތުން ޖަވާބު ދިނެވެ.

ޙައިދަރާއެކީ އެގޭގައި ދިރިއުޅެން ދާކަށް ދިލްނަޝީންގެ ހިތެއް ނޭދެއެވެ. ޙައިދަރުވެސް ، އޭނާގެ ހިތްބުނާގޮތް ޤަބޫލުކުރާގޮތަށް ، ދިލްނަޝީންވެސް އެނިންމީ ، އޭނާގެ ހިތް ބުނާގޮތެވެ. މަންމަ އެވަރަށް ނަޞޭޙަތްދިނީމަވެސް ، މަންމަގެބަސް ޤަބޫލުނުކޮށް ، މެޙެމަލްއަށް އެހީތެރިވާން ޙައިދަރު ނިންމިއެވެ. ކުރިޔަށް އޮތްތާނގައިވެސް ، ޙައިދަރަށް ، މެހެމަލް ދޫކޮށްނުލެވޭނެކަމުގައި ދިލްނަޝީން ބުންޏެވެ.

ޙައިދަރާއި ދިލްނަޝީނާ ދެމެދަށް ، އިރުއިރުކޮޅުން މެހެމަލް ގެންނާތީ ، ޙައިދަރު ހިތްހަމަނުޖެހޭގޮތް ވިއެވެ. އެހެނަސް ، ދިލްނަޝީން ޤަބޫލުކުރާގޮތުގައި އެދެމަފިރިންގެ މެދަށް މެހެމަލް ގެންނަނީ ، އޭނާއެއް ނޫނެވެ. ޙައިދަރެވެ. އެކަމަކުވެސް ، ޙައިދަރަކަށް އެކަން ޤަބޫލެއް ނުކުރެވެއެވެ. އެކަމަކު ، ދިލްނަޝީން އެކަން ޤަބޫކުރާކަށް ނުޖެހެއެވެ. ޙައިދަރުގެ ޢަމަލުތަކުން މިހާތަނަށް ފެންނަންއޮތް މަންޒަރަކީ އެއީއެވެ. މެހެމަލް ޖަހާހާ މަޅިއެއްގައި ޙައިދަރު ޖެހެމުން އެބަދެއެވެ. ވަކި މަޤްޞަދެއްގައި މެހެމަލް ކުރާ އެއްވެސްކަމެއް އެއީ ވަކިކަމެއް ޙާޞިލްކުރުމަށް މެހެމަލް ކުރަމުންގެންދާ ކަންތައްތަކެއްކަމެއް ޙައިދަރަކަށް ނުވިސްނެއެވެ. މެހެމަލްއަކީ ކިހާވަރެއްގެ ކާކުކަން ނޭނގޭމީހަކަށް ، މެހެމަލްގެ ކުށެއް ނުފެންނާނެއެވެ. މެހެމަލްއާ ބެހޭވާހަކައެއް ބުންޏަސް ޤަބޫލެއް ނުކުރާނެއެވެ.

ދިލްނަޝީން ، އޭނާގެ ގޮތްދޫނުކުރާނެކަން ޙައިދަރަށް އެނގުނެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، އެކޮޓަރިން ޙައިދަރު ނުކުތެވެ. އަދި ، ތިރިޔަށްގޮސް ، އޭނާ ދިއުމުގެ އިޒުނަޔަށް ދިލްނަޝީންގެ މަންމަގެ ކިބައިން އެދުނެވެ. ސައިތަށްޓެއްހާ ހިސާބުވެސް ނުދީ ، އެގެއިން ޙައިދަރު ފޮނުވައިލާކަށް އަނިސާ ބޭނުމެއް ނޫނެވެ. ދިލްނަޝީން ތައްޔާރުވެލަން ކުޑައިރުކޮޅެއް ނަގާނެކަމަށާއި ދިލްނަޝީން ތިރިޔަށް ފައިބަންވާއިރަށް ސައިތަށްޓެއް ބޮއިލެވިދާނެކަމަށް އަނީސާ ބުންޏެވެ.

ޙައިދަރާއެކީ ދިލްނަޝީން ނުގޮއްސާނެކަމަކަށް އަނީސާއަށް ޚިޔާލުކޮށްލެވިފައެއް ނެތެވެ. ޚުދު ޙައިދަރު ، ދިލްނަޝީން ބަލައި އައިމަ ، ދިލްނަޝީނަށް ޙައިދަރާއެކީ ނުގޮސް ހުންނަން ކެރިދާނެކަމަކަށް އަނީސާއަކަށް ޤަބޫލެއް ނުކުރެވުނެވެ.

" ދިލްނަޝީން ، މިއަދަކު ނުދާނެއެވެ. ކުޑަދުވަސްކޮޅަކު މިގޭގައި މަޑުކޮށްލާނީއެވެ. " ޙައިދަރު ބުންޏެވެ.

އަނީސާއާއި ޢާފިޔާއާ ދެމައިންގެ މޫނުމަތިން ފާޅުވާންހުރި ހިނިތުންވުން ޙައިރާންކަމަކަށް ބަދަލުވިއެވެ. އެއީ ކީއްވެތޯ އަނީސާކުރި ސުއާލަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ، އަނެއްކާވެސް އަނީސާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

" މަންމަ މިބުނީ ، ދިލްނަޝީން މިހާތަނަށް އުޅެމުން އައީ މިގޭގައެވެ. ކައިވެންޏަށްފަހު ، އަންހެންކުދިން އަބަދުވެސް ދާނީ ފިރިމީހާގެ ގެޔަށެވެ. ދިލްނަޝީންވެސް ދާޏްޖެހޭނީ ޙައިދަރުގެ ގެޔަށެވެ. ދޭތެރެޔަކުން މަންމަ ދެކިލަން އަންނާނީއެވެ. ދިލްނަޝީން ގޮވައިގެން ، ޙައިދަރު ދާށެވެ. ދިލްނަޝީން ގޮވައިގެން އަހަރެން އަންނާނަމެވެ. " އަނީސާ ބުންޏެވެ.

ދިލްނަޝީން ގޮވައިގެން އަންނަން އަނީސާ ހިނގައިގަތްތަނާ ، ޙައިދަރު އެކަން މަނާކުރިއެވެ.  އަދި ، ދިލްނަޝީން ގޭގައި މަޑުކުރީ އޭނާގެ ހުއްދަ އޮވެގެންކަމަށް ބުންޏެވެ. އެއީ ، ޙައިދަރަށް އެއްވެސް މައްސަލައެއް ނޫނެވެ.

" ދިލްނަޝީން ބަލައި އަންނަ ދުވަހު ، ހަމަޖެހިލައިގެން މަންމަގާތު އިނދެގެން ސައިބޯނަމެވެ. އެކަމަކު ، މިއަދަކު ސަޔެއް ނުބޯނަމެވެ. " ޙައިދަރު ބުންޏެވެ.

އަނީސާގެ އިޒުނަލިބިގެން ، ޙައިދަރު އެގެއިން ނުކުތުމާއެކީ ، އަނީސާގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ. ދިލްނަޝީނާ ދިމާލަށް އެތިވަރު ގޮވައިގަންނަން ދާން ހިނގައިގަތްތަނާ ޢާފިޔާ އަނީސާ ގައިގާ ބައްދައިގަނެ ، ގަދަކަމުން އަނީސާ މައިތިރި ކުރިއެވެ. ޢާފިޔާއަށް އަނީސާ ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ.

" ދިލްނަޝީން މިގެޔަށް އައިފަހުން ، އައްވަލާއި މަންމަޔާ ދެމީހުންވެގެން ، އެފަކީރާދިމާލަށް ނުގޮވާކަ އެއްޗެއް ނެތެވެ. ދިލްނަޝީން ހަމަޖެހިލަން ވަގުތުކޮޅެއް ދިނިއްޔާ ވާނީ ކީއްހެއްޔެވެ ؟ މަންމަމެން ބޭނުންވާ ހުރިހާގޮތެއް ، ދިލްނަޝީން ލައްވާ ގަދަކަމަކުން ނުކުރުވޭނެއެވެ. އެކުއްޖާ ގޮވައިގެން ހޮޓަލުގެ ކޮޓަރިޔަށް ޙައިދަރު ވަދެގެން ދިޔަމަންޒަރު ،  އަހަރެމެން ދެމީހުން ދުށީމެވެ. މަންމަމެންނަށް އެއީ ކަމަކަށް ނުވިޔަސް ، އަހަރެމެން ޒުވާނުންނަށް އެއީ ވަރަށްބޮޑު މައްސަލައެކެވެ. " ޢާފިޔާ ބުންޏެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

4 ޚިޔާލު

  1. ދެމަލުން ބިންނަންވީ ކޮންމަލެއްކަން ނޭނގިހުއްޓައި ، ޙައިދަރަށް ދެމާވެސް ގެއްލިގެން ދާތަން މިފެންނަނީ. ޙައިދަރުގެ ދުނިޔެ އާބާދުވާނީ ކުލްސޫމް ދެންހަދާ އެއްޗަކުން. ދިލްނަޝީނަކީ ކުލްސޫމަށް ވަރަށް ކަމުދާ ޅީދަރިޔެއް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.