(3 ޑިސެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ)
( މެހެމަލްގެ ކިބައިން ޙައިދަރަކަށް ސަލާމަތެއް ނުވެވޭނެއެވެ. މެހެމަލްއާ ދުރަށްދާކަށް ޙައިދަރު ބޭނުމެއް ނޫނެވެ. އޭނާއަށް ދެން ކެތްނުކުރެވޭނެކަމަށް ބުނެ ، އޭނާ ނުހުއްޓުވުމަށް އެދި ކުލްސޫމަށް ، ދިލްނަޝީން އާދޭސްކުރަމުން ގެންދިޔައެވެ. އަދި ބާބަރާއަށް ގޮވައިގެން ގެނެސް އޭނާގެ ފޮށި ، ކާރަށް ލައިދިނުމަށް ބުންޏެވެ.)
ކުލްސޫމްގެ ގައިގައި ބައްދާލައި ، ކޮނޑުގައި ބޯއަޅާލައިގެން އޮވެ އިރުކޮޅަކު ރޮއެލުމަށްފަހު ، ކޮޓަރިން ނުކުންނަން ދިލްނަޝީން ހިނގައިގަތުމާއެކު ، ކުލްސޫމް އޭނާއަށް ގޮވައިލިއެވެ. އަދި ، މައިދާން ދޫކޮށްލާފައި ދިލްނަޝީން ، އޭނާގެ ނަޞީބާ ފިލަންދަނީކަން ދިލްނަޝީނަށް ހަނދާން ކޮށްދިނެވެ. ކުލްސޫމަކަށް އެ މައިދާން ދޫކޮށްލާފައި ދެވޭކަށް ނެތެވެ. އެހެންނަމަ ، ކުލްސޫމްވެސް ދިލްނަޝީނާއެކީ އެގެއިން ނުކުމެގެން ދާނެއެވެ. ޙައިދަރަކީ ، ކުލްސޫމްގެ ހުރި ހަމައެކަނި ފިރިހެން ދަރިޔެވެ. ބިންމައްޗަށް ވެއްޓި ، ފަސްގަނޑުގެ ތެރެޔަށް ޙައިދަރު ވަދެގެންދާކަށް ކުލްސޫމް ދުލެއް ނުކުރާނެއެވެ. ޙައިދަރު ، އެ މުޞީބާތުން ސަލާމަތްކުރުމަށްޓަކައި ، ކުލްސޫމަށް ކުރެވުނު ކޮންމެ ކަމެއްވެސް ކުރާނެއެވެ. ދިލްނަޝީން ލައްވާ އެކަން ކުރުވަން އުޅެ ، ދިލްނަޝީންގެ ގައިގައި އެކަން ކުރެވޭނެ ހިތްވަރެއް ނެތްކަން އެނގިއްޖެއެވެ. މެހެމަލް ބަހައްޓާފައިހުރީ ކޮންހޮޓަލެއްގައިތޯ ކުލްސޫމް ސުއާލު ކުރިއެވެ.
ކޮޓަރީގެ ދޮރުގެ ރަނގަބީލުވުމާއެކު ، އެއީ ޙައިދަރުނޫން އެހެންމީހަކަށް ނުވާނެކަމަށް ބަލައި އުފަލުން ނަށަމުންގޮސް ، މެހެމަލް ދޮރުހުޅުވައިލިއެވެ. ކުރިމަތީގައި ހުރި ، އޭނާގެ ބޮޑުދައިތަ ކުލްސޫމު ފެނުމާއެކު ، މެހެމަލް ދިޔައީ ސިއްސައިގެންނެވެ. ކުލްސޫމަށް މެހެމަލް އެތަނުގައި ހުރިކަން އެނގުނީ ކިހިނެއް ހެއްޔެވެ ؟ ހަމަގައިމުވެސް ޙައިދަރެއް އެއްވެސް މީހެއްގެ ގާތަކު އެވާހަކައެއް ނުބުނާނެއެވެ. އެހާބޮޑު ޚަރަދެއްކޮށްގެން އެހޮޓަލުގައި ، މެހެމަލް ބެހެއްޓުމަކީ ، ޙައިދަރު ކޮށްގެންވާނެ ކަމެއްކަމަށް އެއްވެސް މީހަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. ބަލާކަށް ނުހުރެ ، ކުލްސޫމް އެކޮޓަރިޔަށް ވަނެވެ. މެހެމަލްގާތަށް އައިރުޅި މައިތިރި ކުރުމަށް މަސައްކަތް ކުރިނަމަވެސް ، އޭނާގެ ލޮލުން އެކަން ފިލައިގެންނެއް ނުދިޔައެވެ.
" އަސްތާއެވެ. މިއޮއްއައީ މާމައެވެ. ތިއައީ ، މާމަމެންގެޔަށް އަހަރެމެން ގެންދަން ހެއްޔެވެ ؟ " ކުޑަކުޑަ ޢީޝަލް ، ކުލްސޫމާ ސުއާލު ކުރިއެވެ.
މާމައެއައީ ، ޢީޝަލް ގެޔަށް ގެންދަން ނޫންކަމުގައި ކުލްސޫމް ބުންޏެވެ. އޭގެ ބަދަލުގައި ، ޢީޝަލް ގެޔަށް ގެންދާނީ އޭނާގެ މަންމަ ނޫންހޭ ބުނެ ، މެހެމަލްއާ ދިމާލަށް ކުލްސޫމް ބަލައިލިއެވެ. ޢީޝަލް ގެޔަށް ގެންދާނީ މަންމައެވެ. ޢީޝަލްގެ ބައްޕަގެ ގެޔަށެވެ. ޢީޝަލްއަށް ލިބުނު އުފާވެރިކަމުގައި މެހެމަލްއަށް ގޮވާލައި ގެޔަށް ދަމާހޭ ބުނެ ، މެހެމަލްގާތަށް ޢީޝަލް އައެވެ. ގެޔަށްދާންވީ ކަމަށްބުނެ ، ކުލްސޫމާ ދިމާލަށް މެހެމަލް ލޯއަޅައިލިއެވެ. އަދި ، އިހަށް ކުޅެލަން އެނދުމަތީ މަޑުކޮށްލަން ޢީޝަލްގާތު ބުންޏެވެ. މައިންނަކީ ، އެމީހުންގެ ދަރިންނަށްޓަކައި ހުރިހާކަމެއް ޤުރުބާން ކުރާ ބަޔެއްކަމަށް ކުލްސޫމް ބުންޏެވެ. މެހެމަލްއަކީ ކޮންކަހަލަ މަޔެއް ހެއްޔެވެ ؟ ބައްޕަގެ ހިޔާވަހިކަމާއި އަޅައިލުމުން ދަރިފުޅު އެކަހެރިކޮށްގެން ގެންގުޅޭނީ ކޮން މަޔެއް ހެއްޔެވެ ؟
" ލޯބި ނުލިބޭތާގައި އަޅައިލުމާއި އޯގާތެރިކަން އެކަނި ލިބެން އޮތްނަމަވެސް ، އަހަރެން އެގެޔަށް ދާނަމެވެ. ހުސްފުރާޅެއްގެ ދަށަށް އެއްވެސް ދިރުމެއްނެތް އުއްމީދެއް ހިފައިގެން އަހަރެންނެއް ނުދާނަމެވެ. " މެހެމަލް ބުންޏެވެ.
އަމިއްލަ މިނިވަންކަމުގައި ، މެހެމަލް އެނިންމާ ނިންމުމަކީ އޭނާގެ ޙައްޤެކެވެ. ދިރިއުޅުމުގެ ޙަޤީޤަތްތަކުން ލިބުނު ފިލާވަޅުން ، މެހެމަލްއަށް ފެންނަ އެންމެ ރަނގަޅުގޮތަކަށް ، އޭނާގެ އަމިއްލަ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު ، މެހެމަލްއަށްވެސް ލިބެން ޖެހޭނެއެވެ. ފިރިމީހާގެ ގެޔަށްދާން ، މެހެމަލް ބޭނުންނޫންކަމަށް ވަންޏާ ، ނުދާންވީކަމުގައި ކުލްސޫމް ބުންޏެވެ. އެހެންނަމަވެސް ، އޭނާގެ ދަރިފުޅުގެ ދިރިއުޅުމަށް އެނބުރި އައުމަށް މަސައްކަތްނުކުރަން އަންގައި މެހެމަލްއަށް އިންޒާރު ކުރިއެވެ. ކުލްސޫމްގެ ކަނާތުގެ ޝަހާދަތް އިނގިލިހުރީ މެހެމަލްއާ ދިމާލަށް ދިއްކުރެވިފައެވެ.
މެހެމަލްހުރީ ، ހަދާނެގޮތް ބޮޑުވެފައެވެ. ލިބުނު ޙާއިރާންކަން ނުފިލައި ހުއްޓައި ، ކުލްސޫމް އެކުރި އިންޒާރުން ލިބުނު ތަކުލީފުން ، މެހެމަލްގެ ލޮލުން ކަރުނަ ފާއްދައިލިއެވެ. ހޮޓަލާބެހޭ މަޢުލޫމާތު ކުލްސޫމަށް ދިނީ ކާކުތޯ މެހެމަލް ސުއާލު ކުރިއެވެ. މައިންގެ ލޯބި އެކުދިންގެ ހިތާ ހަމަޔަށް ފޯރާ ކުދިންގެ ސިއްރުތައް ، މައިންނަށް ނޭނގިއެއް ނުހުންނާނެއެވެ. އެއީ އެފަދަ ކުދިންނަށް ފޮރުވޭނެ އެއްޗެއްނޫނެވެ. އަދި ، އެކުދިންގެ ތަކުލީފުތަކުން ސަލާމަތްކުރުމަކީ މައިންގެ ވާޖިބެކެވެ. ޙައިދަރަކީ ހިތްބަލިމީހެކެވެ. މެހެމަލްގެ ބޭވަފާތެރިކަން ޙައިދަރު ހަނދާން ނެތުނީއެވެ. އެކަމަކު ، އެއިން އެއްވެސްކަމެއް ، ކުލްސޫމްގެ ހިތުން ފިލައިގެން ނުދާކަމަށް ކުލްސޫމް ބުންޏެވެ. ހުރިހާކަމެއްވެސް ދެންމެވީ ކަމެއްހެން ، ކުލްސޫމްގެ ހިތުގައި ހަރުލާފައި އެބަހުށްޓެވެ.
" އަހަރެންގެ ދަރިފުޅު ރޮއިރޮއި އަވަދިވާން ދޫކޮށްލިއިރު ، އެފަކީރުގެ ހިތުގައި އަޅާނެ ވޭން ، މެހެމަލްއަށް އިޙްސާސެއް ނުކުރެވޭނެއެވެ. އެކަމާ ކަންބޮޑުވެގެން ރޭގަނޑު ހަތަރުދަމު ، އަހަރެން ނުނިދާ އޮތީ ކިތައް ރޭކަމެއް މެހެމަލްއަކަށް ނޭނގޭނެއެވެ. އަލުން އަނބުރާ އަހަރެންގެ ދަރިފުޅުގެ ދިރިއުޅުމަށް އައިސް ، އެހިތާމަތަކާއި ތަކުލީފުތައް ޙައިދަރަށް ދޭން ނޫޅޭށެވެ. އިރާދަ ކުރެއްވިއްޔާ ، އަހަރެންނެއް އެކަން އެހެންވިޔަކަ ނުދޭނަމެވެ. މެހެމަލް އެހެން ހަދައިފިނަމަ ، އަހަރެންވަރުގެ ނުލަފާމީހެއް ނުހުންނާނެކަން ހަނދާން ކުރައްޗެވެ. އެނގިއްޖެ ހެއްޔެވެ ؟ " މެހެމަލްއާ ދިމާލަށް ކުލްސޫމް ހަޅޭއްލަވައިގަތެވެ.
ދެލޯބޮޑުކޮށްގެން މެހެމަލްއާ ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ، ކުލްސޫމް އެތަނުން ނުކުތެވެ.
އޮފީސް ނިމިގެން ، ޙައިދަރަށް ގެޔަށް އާދެވުނުއިރު އިރުއޮއްސެން ކައިރި ވެއްޖެއެވެ. އެއްވެސް މީހަކު ގެޔަކު ފެންނާކަށް ނެތެވެ. އެހެން ދުވަސްދުވަހު ، ގެޔަށް އައުމާއެކީ ފުރަތަމަވެސް އޭނާއާ ބައްދަލުވާނީ ދިލްނަޝީނެވެ. މިއަދަކު ، ދިލްނަޝީނެއްވެސް ނުފެނެއެވެ. މަންމައެއްވެސް ނުފެނެއެވެ. އެމީހުން ކޮބައިތޯ ނޯކަރެއްގެ ގާތު ޙައިދަރު ސުއާލު ކުރިއެވެ.
ފޮށްޓެއް ހިފައިގެން ބޭރަށް ނުކުތްގޮތަށް ، ދިލްނަޝީނެއް އަދި ގެޔަކަށް ނާދެއެވެ. ކުލްސޫމްވެސް އެދިޔަތާކަށްގޮސް އަދި ނާދެއެވެ.
ކުލްސޫމް ހޮޓަލުން ނުކުތުމާއެކު ، ޙައިދަރަށް ފޯނުކުރެވޭތޯ މެހެމަލް ބަލަމުން ގެންދިޔައެވެ. މެހެމަލްގެ ކޯލް ޙައިދަރަށް ލިބުނީ ، ގެޔަށް އައިސް ކޮޓަރިޔަށް ވަތްތަނާއެވެ. ފޯނާދިމާލަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު ، ފޯނުކަނޑާލައި ، ނިންވާލުމަށްފަހު ، އެނދުމައްޗަށް ފޯނު އެއްލައިލިއެވެ. އޭނާގެޔަށް އައިއިރު ، ދިލްނަޝީން ގޭގައި ނެތީމަ ، ޙައިދަރުހުރީ ކަންބޮޑުވެ ހިތްހަމަ ނުޖެހިފައެވެ.
ސްޓަޑީރޫމުގައި ސިނގިރޭޓެއްބޯން ޙައިދަރު ޖައްސާލައިގެން އިންދާ ، ކުލްސޫމް އައިސް ސިނގިރޭޓް އަތުލައި ބޭރަށް ހޫރައިލިއެވެ. ކޮންކަމަކާ ކަންބޮޑުވި ދުވަހެއްތޯ ކުލްސޫމް ސުއާލު ކުރިއެވެ. މަންމަޔަށް ފެންނަތަނުގައި ސިނގިރޭޓު ބުއިމަކީ ޙައިދަރު ކުރާކަމެއްނޫނެވެ. ފުންމައިގެން ތެދުވެ ، މަންމަޔާ ދިމާލަށް ޙައިދަރަށް ބަލައިލެވުނެވެ.
އޮފީހުގައި ދިމާވި މައްސަލައެއްގައި ، ތަންކޮޅެއް ބޮޑަށް ފިކުރުކުރަން ޖެހުނީކަމަށް ޙައިދަރު ބުންޏެވެ. ޙައިދަރު އެހަދަނީ ބުހުތާން ދޮގުކަން ކުލްސޫމަށް އެނގެއެވެ. ތެދަކަށް ވާގޮތަށް ދޮގެއް ހަދާކަށްވެސް ޙައިދަރަކަށް ނޭނގުނެވެ. ދުވާލު ހަތަރުދަމު އޮފީހުގައި އުޅެއުޅެވެސް ، އެ ދިމާވި މައްސަލަ ޙައްލު ނުކުރެވުނީތޯ ކުލްސޫމް ސުއާލު ކުރިއެވެ. އެއްވެސް ޖެހިލުމެއްނެތި ޙައިދަރު އާނއެކޭ ބުންޏެވެ.
" ކުޑައިރުއްސުރެ ، އަހަރެން ދަސްކޮށްދެމުން އައި ރީތި އުޅުން ، މެހެމަލްއަށްޓަކައި ދޫކޮށްލީ ހެއްޔެވެ ؟ މަންމަޔަށް ދޮގުހަދަނީ ހެއްޔެވެ ؟ " ކުލްސޫމް ބުންޏެވެ. އޭނާގާތަށް ހުރީ ރުޅިއައިއްސައެވެ.
ކިހިނެއްވީތޯ އާއި މަންމަ އެހާބޮޑަށް ރުޅިއައީ ކޮންކަމެއް ދިމާވެގެންތޯ ޙައިދަރު ސުއާލު ކުރިއެވެ. ކުލްސޫމް ގާތަށް ރުޅިއައިމަ ، ޙައިދަރު ކަންބޮޑުވިއެވެ. އެހާބޮޑަށް ރުޅިއައިއްސިއްޔާ މަންމަގެ ލޭވެސް މައްޗަށް ދާނެއެވެ. ބަލިވެދާނެއެވެ. މަންމަޔަށް ވެގެންއުޅޭގޮތެއް އޭނާއަށް ނޭނގޭކަމަށް ޙައިދަރު ބުންޏެވެ.
" މައްސަލަޔަކީ ތިއީ ނޫން ހެއްޔެވެ ؟ ޙައިދަރަކަށް އެއްވެސްކަމެއް ނޭނގެއެވެ. ދުވާލު ހަތަރުދަމު ހޮޓަލެއްގެ ކޮޓަރިތެރޭގައި ، މެހެމަލްގާތު ތެޅިތެޅިފައި އައިސް ތިބުނަނީ ، ތިމަންނަޔަށް އެއްވެސްކަމެއް ނޭނގޭކަމަށް ހެއްޔެވެ ؟ ތިއީ ކޮންކަހަލަ ފިރިހެނެއް ހެއްޔެވެ ؟ ތިމާގެ ޙަލާލު އަނބިމީހާ ގޭގައި ބައިންދާފައި ގޮސް ، ހިލޭ އަންހެނަކާއެކީ ، ދުވާލުހަތަރުދަން ހޭދަކުރިއިރު ، ތިމާއަށް އެކުރެވެނީ ކީއްކަން ނޭނގުމަކީ ޢަޖައިބެކެވެ. ނުވިތާކަށް ، އޮފީހުގެ މައްސަލައެއް ޙައްލުނުވެގެން އުޅުނީކަމަށް ބުނެ ، ދޮގުވެސް ހަދައިފިއެވެ. " ކުލްސޫމް ، ޙައިދަރާ ދިމާލަށް އެއްޗެތި ކިޔަމުން ގެންދިޔައެވެ.
އޮފީހުގެ މައްސަލަ ޙައްލުވެއްޖެތޯ ކުލްސޫމް ސުއާލު ކުރިއެވެ. ނޫނީ ، ދުވާލު ދެދަޅަޔަށް އެހޮޓަލަށްގޮސް ، މައްސަލަ ޙައްލުކުރަން ޖެހެނީ ހެއްޔެވެ ؟ އެއޮށްބޮޑު އޮފީސް ޢިމާރާތް އަޅާފައި ، އެތަން ދޫކޮށް ، ހޮޓަލަކަށްގޮސް ، އޮފީސް މައްސަލަ ޙައްލުކުރަން ޖެހެންޏާ ޙައިދަރުގެ ވިޔަފާރި ހުއްޓައިލަންވީނޫންތޯ ކުލްސޫމް ސުއާލު ކުރިއެވެ.
" އެހެންގޮތެއް ހަދާށެވެ ! އޮފީސް ޢިމާރާތް ދޫކޮށްލާފައި ، ހޮޓަލުގެ އެކޮޓަރިޔަށްގޮސް ، ރަސްމީ މަސައްކަތްތަކާއި ލޯތްބާ ދެކަންތައް އެހޮޓަލުގައި ކުރިޔަށް ގެންދާށެވެ. އޭރަށް މާ ޚަރަދު ކުޑަވެފައި ހަށްޓަށް ފަސޭހަވާނެއެވެ. " ކުލްސޫމްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
މަންމަޔަށް އެއުޅެނީ އޮޅުމެއް އަރައިގެންކަމުގައި ޙައިދަރު ބުންޏެވެ. ޙައިދަރު މަސައްކަތް ކުރަމުންއެގެންދަނީ ، މެހެމަލްއަށް އެހީތެރި ވުމަށެވެ. އެނޫން އެހެން ބޭނުމެއް އޭނާގެ ނެތްކަމަށް ޙައިދަރު ބުންޏެވެ. އެއީ ޙައިދަރަށް އޮތް ކޮން މަޖުބޫރަކުން ، ކީއްވެތޯ ކުލްސޫމް ސުއާލު ކުރިއެވެ. ޙައިދަރަކީ ، މެހެމަލްއަށް އެހީތެރިވުމަށް ﷲ މިދުނިޔެމައްޗަށް ފޮނުއްވި އިންސާނެއް ހެއްޔެވެ. މެހެމަލް ކޮންމެ ގޮތަކަށް އުޅުނަސް ، މެހެމަލްގެ ޒިންމާ ، ޙައިދަރުގެ ބޮލުގައި އެޅެންވީ ކޮންހަމައަކުން ހެއްޔެވެ. ކުލްސޫމްގެ ރުޅިގަނޑު ހައްތާ ދިޔައީ ގަދަވަމުންނެވެ.
" ބުނަންވެސް ލަދުގަނެ ، ދެރަވެސް ވެއެވެ. ޙައިދަރަކީ ، މެހެމަލް ގޮވައިގެން ބަންދު ކޮޓަރިއެއްގައި ، މިނިވަންކަމާއެކު ކުރާނެކަމެއްކުރުމުގެ ހުއްދަ ލިބިފައި އޮތް މީހެއް ހެއްޔެވެ ؟ " ކުލްސޫމްގެ ވާހަކަ ނިންމައިލިއެވެ.
ﷲ އަށްޓަކައި އެހެން ނުބުނުމަށް ޙައިދަރު ، އޭނާގެ މަންމަގެ ކިބައިން އެދުނެވެ. އެބާވަތުގެ އެއްވެސްކަމެއް އޭނާގެ ފަރާތަކުން ނުހިނގާނެއެވެ. ކުލްސޫމްގެ ވިސްނުން އޭނާއާ އިދިކޮޅަށް ހުރީތީ ، ޙައިދަރު ކަންބޮޑުވިއެވެ. އެހެނަސް ، ކުލްސޫމްގެ ކަންބޮޑުވުން ޙައިދަރަކަށް ނޭނގެއެވެ. އޭނާގެ ޅީދަރިފުޅު ގެއިން ނުކުމެގެން ދިޔައިމަ ، އެކަމާ ކަންބޮޑުނުވާނެ މަޔަކީ ކޮބައިތޯ ކުލްސޫމް ސުއާލު ކުރިއެވެ. އޭނާ އެގެއިން ނުކުމެގެން އެދިޔައީ ، ފިރިމީހާގެ ކުރީގެ ލޯބިވެރިޔާއާއެކީ ، ގުޅުމެއް ބާއްވާތީ ، އެކަމާ ހިތާމަ ކުރަމުންނެވެ. ފިރިމީހާގެ ޢަމަލުތައް އަމިއްލަ ލޮލަށް ފެނުމުން ، އެކަމާ އަތްޖަހައި ހިންދިރުވާލައިގެން ހުންނާނީ ކޮން އަންހެނެއް ހެއްޔެވެ ؟
މެހެމަލް ހުރީ ކޮންތާކުކަން ދިލްނަޝީނަށް އެނގުނު ގޮތަކާމެދު ، ޙައިދަރު އަޖައިބުވިއެވެ. އަދި އެކަމާ އޭނާގެ މަންމަޔާ ސުއާލު ކުރިއެވެ.
" މެހެމަލްއާއި ޙައިދަރާ ދެމީހުން ހޮޓަލުގެ ކޮޓަރިޔަށް ވަދެގެން ދިޔަތަން ، ދިލްނަޝީންގެ އަމިއްލަ ލޮލަށް ފެނުނެވެ. ދިލްނަޝީނާއެކީ ، ޢާފިޔާވެސް ހުށްޓެވެ. ދިލްނަޝީން މިގެއިން ނުކުމެގެން އެދިޔައީ ، ގިސްލައި ރޮމުންނެވެ. އަހަރެމެންނާމެދު ، ދިލްނަޝީންގެ ގޭގެމީހުން ދެކޭނީ ކޮންގޮތަކަށް ހެއްޔެވެ ؟ ދެން ، ޙައިދަރު ބުނާނީ ކީކޭ ހެއްޔެވެ ؟ " ކުލްސޫމް ، ޙައިދަރުގާތު އެހިއެވެ.
ފިރިމީހާގެ ގެއިން ނުކުމެގެން ދިލްނަޝީން އެއައީ ކީއްވެތޯ ، ޢާފިޔާކުރެން އަނީސާ އެހިއެވެ. އެކަމާ ބެހޭގޮތުން ދިލްނަޝީން ދެއްކީ ކޮން ސަބަބެއް ހެއްޔެވެ ؟
" މަންމާއެވެ ! ތިމާގެ ކުއްޖަކާއެކީ ޙައިދަރު ގުޅުމެއް އެބަ ހިންގައެވެ. އެކުއްޖާއާއެކީ ، ހޮޓަލެއްގެ ކޮޓަރިޔަށް ވަދެގެންދިޔަތަން ދިލްނަޝީނަށް ފެނުނީއެވެ. އަހަރެންވެސް އެތަން ދުށީމެވެ. ދިންލަޝީން ދެކެ ، ޙައިދަރު ލޯތްބެއް ނުވެއެވެ. ދިލްނަޝީނާއެކީ ، ޙައިދަރު އެއުޅެނީ ، އެއީ އޭނާގެ މަސްއޫލިއްޔަތެއްކަމަށް ބަލައިގެންނެވެ. އަނތްބަކު ދެކެ ވާންޖެހޭ ލޯބިދީގެންނެއް ނޫނެވެ. " ޢާފިޔާ ބުންޏެވެ.
އެއީ އެހާ ބޮޑުކަމެއްތޯ އަނީސާ ބުންޏެވެ. ދިލްނަޝީނަށް އެމަންޒަރު ފެނުމުން އެކަމާ ކަންބޮޑުވާންވީ ކީއްވެ ހެއްޔެވެ ؟ ދިލްނަޝީނަކީ އޭނާގެ މަސްއޫލިއްޔަތެއްކަމަށް ބަލައިގެން ، ދިލްނަޝީނާއެކީ ދިރިއުޅޭކަން ރަނގަޅު ނޫންހެއްޔެވެ ؟ އެވަރު ދިލްނަޝީނަށް ނުފުދެނީތޯ އަނީސާ ސުއާލު ކުރިއެވެ. އެމިންވަރަކީވެސް ، މިޒަމާނުގައި ކޮންމެ ކޮންމެ އަންހެނަކަށް ލިބޭނެ ރަޙުމަތެއްނޫނެވެ. އެކަމާ ދިލްނަޝީން އުފާކުރަންވީ ނޫން ހެއްޔެވެ ؟ ޙައިދަރުވަރުގެ ފިރިޔަކު ، ދިލްނަޝީނަށް ނުލިބޭނެކަމަށް އަނީސާ ބުންޏެވެ. ( ނުނިމޭ )
ވަރަށް ރީތި ޝކުކުރަން
ދިލްނަޝީން ތިޔަހެދީ ހަމަ އެންމެ ރަނގަޅަށް . މިހާރު ހުންނާނެ ޙައިދަރަށް ރާކަނިމަސް ކެވިފަ. ކުލްސޫމްގެ ހިތުގައި ދިލްނަޝީންގެ މައްޗަށް އުފެދިފައިވާ ލޯބި އެއީ ، ދިލްނަޝީން އަނބުރާ އެގެޔަށް ގެނެސްދޭނެ ކަމެއް. އަނީސާވެސް މީ ހާދަ ފާޑެއްގެ މަޔެކޭދޯ ؟