ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ސަރުކާރު ވައްޓާލުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު، އަހުމަދު ފާރިޝް މައުމޫނާއި، ރައިސް މައުމޫންގެ ދަނބި ދަރިކަލުން މުހައްމަދު ނަދީމް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުދީފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ރިޝްވަތު ދީގެން ރާއްޖެގޭ ސަރުކާރު ވައްޓާލަން ބަޔަކު މަސައްކަތްކުރި ކަމަށް ބުނެ ފުލުހުން މިހާރު ހިންގަމުންދާ ތަހުގީގާބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް އިސްކަންދަރު ބިލްޑިންގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެ ހެކި ފެނުމުން އެބޭފުޅުންގެ މައްސަލަ އިތުރަށް ތަހުގީގު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ޝިފާން ވިދާޅުވީ އެ ތިންބޭފުޅުންވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށްވެސް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލުމަށް މަސައްކަތް ކޮށްފައި ކަމަށެވެ. އެކަމުގެ ހެކިވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ 2017 ޖުލައި 24 ވަނަދުވަހު "މިތިން ބޭފުޅުން އިސްވެތިބެ މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީގެން މަޖިސް މެދުވެރިކޮށް ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓަލަށް މަސައްކަތް ކޮށްފައިވާ ކަމުގެ ހެކިވެސް ލިބިފައިވޭ" ކަމަށެވެ.
އެމައްސަލަވެސް ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.