ވިހަ ތީރު (38)

(5 ނޮވެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ)

( ދިލްނަޝީން ކުއްލިޔަކަށް އަނގަ ގަދަވެއްޖެއެވެ. އެކަމާ މެހެމަލްވެސް ހުރީ ޙައިރާންވެފައެވެ. ހަމައެއާއެކީ ރުޅިވެސް އައިއްސައެވެ. ދިލްނަޝީން ބަދިގެއިން ނުކުމެގެން ދިޔައިރު ، މެހެމަލްހުރީ ދިލްނަޝީނާ ދިމާލަށް ކަޅިއަޅައި ރުޅިއައިސް ފުފިފައެވެ.)

މެންދުރުގެ ކެއުމުގެ ގަޑިޔަށް ، ޙައިދަރު މިއަދު އައީ ގެޔަށެވެ. ދިލްނަޝީންހުރީ ނަލަވެ ފަރިވެލައިގެންނެވެ. ޙައިދަރު ގެޔަށް ވަނުމާއެކީ ، އޭނާއަތަށް ލެޕްޓޮޕްބޭގް ދިނުމަށް ދިލްނަޝީން އެދުނެވެ. ދިލްނަޝީނަށް އެއަންނަމުންދާ ބަދަލަށް ޙައިދަރުހުރީ އަންތަރީސްވެފައެވެ. ކޮޓަރިޔަށްގޮސް ، އޭނާ އަމިއްލަޔަށް ދަބަސް ބަހައްޓާލަފާނަމޭ ޙައިދަރަށް ބުނެނުނިމެނިސް ، އަނބިމީހާވެސް ކޮންމެވެސް ޚިދުމަތެއް އަދާކޮށްދޭންޖެހޭނެކަން ، ދިލްނަޝީން ހަނދާންކޮށްދިނެވެ. އެއީ އަނބިމީހާގެ ފަރުޟެއްނޫންކަމަށް ޙައިދަރު ބުންޏެވެ. އެހެންނަމަވެސް ، އެއީ ، އިޙްތިރާމުން ފުރިގެންވާ އަދާއެއްކަމަށް ބުނެ ، ޙައިދަރުގެ އަތުން ދިލްނަޝީން ، އެދަބަސް އަތުލަން މަސައްކަތް ކުރިއެވެ. އެއީ މުސްކުޅި އާދައެއްކަމަށް ޙައިދަރު ބުންޏެވެ. ހަމައެއާއެކީ ، މީހާ މުސްކުޅިވިޔަސް ، ބައެއް އާދަޔަކީ ، ދޫކޮށްލައިގެންވާނެ އެއްޗެއްނޫންކަމަށް ދިލްނަޝީން ބުންޏެވެ.

މެހެމަލްއަށް މުށްކެވި ، އެތަނުގައި ހުރެވެނީކީ ނޫނެވެ. ޢީޝަލްއަށް ޢިޝާރާތްކޮށްލައި ޗޮކްލެޓްގެ ވާހަކަ ބޭބެކުރެން އެހުމަށް ޢީޝަލްއަށް ނަޞޭޙަތް ދިނެވެ. ޢީޝަލް އުރާލުމާއެކު ، ޗޮކްލެޓް ކޮބައިތޯ ޙައިދަރުގާތު އެހިއެވެ. ޙައިދަރުގެނައި ޗޮކްލެޓް ޢީޝަލްއަށް ދިއްކޮށްލިއެވެ. އިތުރު ޗޮކްލެޓެއް ޙައިދަރު ނުގެންނަންތޯ މެހެމަލް ސުއާލު ކުރިއެވެ. އެއީ ޙައިދަރުގެ އަންހެނުންނަށް ދިނުމަށެވެ. ޙައިދަރުގެ އަންހެނުންނަކީވެސް ކުޑަކުއްޖެއްނޫންހޭ ބުނެ މެހެމަލް ، ދިލްނަޝީނަށް މަލާމާތް ކޮށްލިއެވެ.

އައި ނުއައި ތަނެއް ނޭނގެއެވެ. ކުއްލިޔަކަށް އެތަނަށް ކުލްސޫމް އައިސް މެހެމަލް އަށް ޖަވާބުދިނެވެ.

" މެހެމަލްއެވެ ! އެއީ ކޮންކަހަލަ ސަމާސާއެއް ހެއްޔެވެ ؟ ކުލްސޫމް ބުންޏެވެ.

އޭނާއަށް ގޯސްކޮށް ބުނެވުނީ ކޮން އެއްޗެއްތޯ މެހެމަލް ސުއާލު ކުރިއެވެ. ޙައިދަރާއި ދިލްނަޝީނާ ދެމެދު ، ޢުމުރުގެ ގޮތުން އެހާބޮޑު ތަފާތު އެބަހުއްޓެވެ.

" ޢުމުރު ތަފާތެވެ. އެކަމަކު ، އަހަރެމެން ދެމީހުންގެ ވިސްނުން އެއްގޮތެވެ. " ޙައިދަރާ ގާތަށްޖެހިލައި ދިލްނަޝީން ބުންޏެވެ.

ދިލްނަޝީން ހަތަރުކަޅިހަމަކޮށް ޙައިދަރާދިމާލަށް ބަލަހައްޓައިގެން ހުށްޓެވެ. ކުލްސޫމްވެސް ދިލްނަޝީނާ އެއްބައިވިއެވެ. އެދެމީހުންގެ ވިސްނުން އެއްގޮތެވެ. ހިތުގެ ގުޅުންވެސް އެއްގޮތެވެ. އާދަތައްވެސް އެއްގޮތެވެ. އެކުގައި އުޅެންވެސް އާދަވާނެއެވެ. ދެމަފިރިޔަކަށް އިތުރަށް ބޭނުންވަނީ ކޮން އެއްޗެއްތޯ މެހެމަލްކުރެން ކުލްސޫމް ސުއާލު ކުރިއެވެ. ކުލްސޫމްގެ ސުއާލަށް ޖަވާބުދޭކަށް މެހެމަލްއަކަށް ނޭނގުނެވެ.

" ޙައިދަރަށް އެނގޭ ހެއްޔެވެ ؟ ޙައިދަރަށް އެންމެ ކަމުދާ ކާނާ މިއަދު އެހުރީ ދިލްނަޝީން ތައްޔާރު ކޮށްފައެވެ. ބާބަރާގެ ބަދަލުގައި މިއަދު ، ބަދިގޭގައި އުޅުނީ ދިލްނަޝީނެވެ. " ކުލްސޫމް ބުންޏެވެ.

ހަމަ ރަނގަޅަށް ހެއްޔެވެ ؟ ޙައިރާންކަމާއެކީ ޙައިދަރު އަހައިލިއެވެ. ސަހަރުގެ އިރުމަތީ އަވަށަކުން އައި އަންހެންކުއްޖެއްގެ ފޮރުވިފައިވާ ހުނަރު ޙައިދަރަށް އަދި ، ވަޒަންނުކުރެވެނީކަމަށް ޙައިދަރު ބުންޏެވެ.

މެހެމަލްއަށް އެތަނުގައި ހުންނަން އެހާ ފަސޭހައެއް ނުވިއެވެ. އެމީހުންގެ މެދުގައި އެއޮތީ ޢާއިލީ ބަހުސެއްކަމަށާއި ، އެތަނުގައި އޭނާހުރުން އެހާ ރަނގަޅު ނޫންކަމަށްބުނެ ، މެހެމަލް އެތަނުން ދާން ނިންމިއެވެ. މެންދުރުކާން ބޭރަށް ދިއުމަށް ، ޙައިދަރާއެކީ ނިންމާފަ އޮތް ނިންމުންވެސް ދިލްނަޝީންގެ ސަބަބުން ، އެކޮޅުކޮޅުން ޖެހުނީއެވެ. މެހެމަލް އެންމެ ދެރަވީ މެންދުރުކެއުން ކެންސަލްވީމައެވެ. މައްސަލައެއް ނެތެވެ. މެންދުރުގެ އެކެއުންވެސް ބާކީކޮށްލެވޭނެ ގޮތްތައް ހުންނާނެއެވެ. އެކަން އެހެންނުވެ ، ކާންޖެހިއްޖިއްޔާ ، އެހެންދުވަހަކުން ، ޙައިދަރު އަތުއަޅުވާލައިގެން ދާނީއެވެ.

" މެހެމަލްއެވެ ! މެހެމަލްއަކީވެސް މިޢާއިލާގެ މެންބަރެކެވެ. " ޙައިދަރު ބުންޏެވެ.

މެހެމަލްގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. ޙައިދަރު އެބުނީ ، އެތަނުން މެހެމަލްދާން ޙައިދަރު ބޭނުންނުވާކަމަށް ކަމުގައި މެހެމަލް ނިންމިއެވެ. ޢީޝަލްވެސް ގޮވައިގެން ، މެންދުރުކާން ބޭރަށްދާނެކަމަށް މެހެމަލްގާތު ބުނެވިފައި އޮތްކަން ޙައިދަރު ހަނދާން ހުށްޓެވެ. އެމީހުންނާއެކީ އެދުވަހު ، އެއްމޭޒެއްގައި ނުކެވިއްޖެނަމަ ، މެހެމަލް ވަރަށް ދެރަވާނެއެވެ. ޙައިދަރުގެ މަޤްޞަދަކީ ، މެހެމަލްއަށް ކަމެއްކޮށްދިނުމެއްނޫނެވެ. މެންދުރުގެ ކެއުމުގައި ޢީޝަލް ބައިވެރިކޮށް ، އެކުއްޖާފުޅުގެ ހިތް އުފާކޮށްދިނުމެވެ. އެކަމުގައި ޢީޝަލްގެ ކުށަކީ ކޮބައި ހެއްޔެވެ ؟ އެހެންނަމަވެސް ، އެތަނުގައި މެހެމަލް ހުންނާކަށް ކުލްސޫމު ބޭނުމެއްނޫނެވެ. މެހެމަލް އެތަނުންދާން ދޫކޮށްލުމަށް ޙައިދަރުގާތު ، ކުލްސޫމް ބުންޏެވެ. އެވާނީ ، ކޮންމެވެސް ކަމެއްކުރަންވެފައި އޮތީކަމަށެވެ. އޭނާގެ ކޮޓަރިޔަށްދާން ފޮނުވައިލާށޭބުނެ ، މެހެމަލްއާ ދިމާލަށް ބަލައިލިއެވެ. އެހިސާބަށްދިޔަތަނުން ، މެހެމަލްވެސް އެތަނުގައި ހުންނާކަށް ބޭނުމެއް ނުވިއެވެ. ޢީޝަލް ގޮވައިގެން ، ސިޑިންއަރައިގެން މައްޗަށް ދިޔައެވެ. ޙައިދަރުވެސް ހެދުން ބަދަލުކޮށްލައިގެން އައުމަށް ކުލްސޫމް ބުންޏެވެ. ޙައިދަރު ހިނގައިގަތުމާއެކީ ، ދިލްނަޝީންވެސް ޙައިދަރާއެކީ މައްޗަށް ދިއުމަށް ، ދިލްނަޝީންގާތު ކުލްސޫމް ބުންޏެވެ.

ޙައިދަރު ކޮޓަރިޔަށްގޮސް ވަތްއިރު ، ގޭތެރޭގައިލާނެ ހެދުންވެސް ދިލްނަޝީން ނަގައިދީފައި ހުށްޓެވެ.

" މީ ކިހިނެއްވާ ކަމެއްހެއްޔެވެ ؟ ދިލްނަޝީން މިއަދު ފެންނަނީ ، ވަރަށްބޮޑަށް ބަދަލުވެފައިހުރި ތަނެވެ. " ޙައިދަރު ބުންޏެވެ.

އޭނާވެސް ބަދަލުވާންޖެހޭނެކަމަށް ދިލްނަޝީން ބުންޏެވެ. ދިރިއުޅުމަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއްނޫނެވެ. ދުނިޔެ ބަދަލުވަމުންދާ ވަރަކަށް އިންސާނުންވެސް ބަދަލުވާންޖެހޭނެއެވެ. އެކީއުޅޭމީހުން ބަދަލުވާއިރު ، އެއަންނަ ބަދަލުގައި އެކުގައި އުޅޭމީހުން އެއްގޮތްވާންވެސް ޖެހޭނެއެވެ. ދިލްނަޝީނަކީ ، އެހާ ވިސްނުންތޫނު ކުއްޖެއްކަމަކަށް ، ޙައިދަރު ހިއެއް ނުކުރެއެވެ.

" އަހަރެންނަށް ހަމަވިސްނުން ލިބުނީ ، ކުރިންކަމެއް ނުވަތަ އަހަރެންގެ ކައިވެނީގެ ފަހުންނޫންކަމެއް ނޭނގެއެވެ. އަހަރެންނަކަށްވެސް އެކަން އެވީގޮތެއް ނޭނގެއެވެ. " ދިލްނަޝީން ބުންޏެވެ.

އެގޮތުގައި ، އުފަލުގައި ދިލްނަޝީން ހުރުމަށް ޙައިދަރު އެދުނެވެ. ދިލްނަޝީންގެ ފުރިހަމަކަން ލިބިގެންދާނީ އޭރުންނެވެ. ކުޑަކުޑަ ކުއްޖަކު ، ޢުމުރާ އެކަށީގެންނުވާ ވާހަކަދައްކަން ފެށީމަ ކޮންމެ މީހަކަށްވެސް ޙައިރާންކަން ލިބޭނެއެވެ. ދިލްނަޝީންގެ ދެލޯބޮޑުވިއެވެ. އޭނާއަކީ ، ކުޑަކުއްޖެއްނޫންކަމަށް ބުންޏެވެ. އޭނާގެ ޢުމުރަކީ ފުރިހަމަ އެކާވީސް އަހަރެވެ. އޭނާ މިހާރު އެހުރީ ތަޞައްރުފް ފުދިފައެވެ. ކޮންމެގޮތެއްވިޔަސް ، ޙައިދަރަށްވުރެ ޅަކަމުގައި ޙައިދަރު ބުންޏެވެ.

" ތިއީ ، އަހަރެންގެ ފިރިމީހާކަން އަހަރެންނަށް އެނގެއެވެ. އަހަރެންގެ ވިސްނުމުން ، ޙައިދަރުވެސް ވިސްނައިލަ ބަލާށެވެ ! މެހެމަލްގެ ވިސްނުމަކުން ނޫނެވެ. " ޙައިދަރުގެ ލޮލަށް ބަލަހައްޓައިގެންހުރެ ، ދިލްނަޝީން ބުންޏެވެ.

**************************

ދެފައިކޮއްޅަށް ޖަހައިގެން ސޯފާމަތީ އިށީނދެ ، ބޯތިރިކޮށްލައިގެން އަނީސާ އިންދާ ، ޢާފިޔާއަށް އެތަނަށް އާދެވުނެވެ. އަނީސާ އިންގޮތް ފެނިފައި ޢާފިޔާއަށްވެސް އުނދަގޫ ވިއެވެ. އަދި އެކަމާބެހޭގޮތުން ސުއާލު ކުރިއެވެ.

އަނީސާ ، ވިސްނަމުން  އެގެންދަނީ ދިލްނަޝީނާމެދުގައިކަމަށް ، އަނީސާ ބުންޏެވެ. ނަޞޭޙަތްދީފައި ފޮނުވައިލީމަ ، ދިލްނަޝީން އުޅޭނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. އަނީސާ ހުންނަނީ ބިރުންނެވެ. ދިލްނަޝީނަށް ކުރެވިފައިވާ ދެރަކަންކަމުގެ އަސަރުން ޙައިދަރަށް ތަކުލީފެއް ލިބިދާނެތީއެވެ. އަދިވެސް ، ރަނގަޅަށްވިއްޔާ ދިލްނަޝީނުގެ ހިތުގައި އޮންނާނީ ޙަމްޒާއެވެ. ޙަމްޒާގެ ނަން ، ދިލްނަޝީންގެ ހިތުން ނެރެ ، ބޭރުކުރުން އެއީ އުނދަގޫކަމަކަށް ވާނެއެވެ.

ﷲ އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެކަމަށް ޢާފިޔާ ބުންޏެވެ. ދިލްނަޝީނަކީ ކުޑަކުދިން އުޅޭހެން އުޅޭ ކުއްޖެއްނަމަވެސް ، ވިސްނުންތޫނު ކުއްޖެކެވެ. މަންމަ ދެރަވާނެ އެއްވެސްކަމެއް ، ދިލްނަޝީނެއް ނުކުރާނެއެވެ. ކުލްސޫމުގެ ފަރާތުން ޢާފިޔާއަށް އެނގިފައި އޮތްގޮތުގައި ، އެގެޔަށް ކޮންމެވެސް އެހެން އަންހެނަކު އަތުވެއްޖެއެވެ. ކުލްސޫމް ހުންނަނީ އެކަމާ ވަރަށް ކަންބޮޑުވެފައެވެ. އެހެން އަންހެނަކާއެކީ ، ފިރިމީހާހުންނަތަން ދުށުމަކަށް އެއްވެސް އަންހެނަކު ނޭދޭނެއެވެ. ޙައިދަރާއި ދިލްނަޝީންގެ ގުޅުން އެހާބޮޑަށް ޤާއިމްވެފައިނެތަސް ، ދިލްނަޝީނަށް އެއީ މައްސަލަޔަކަށް ވާނެއެވެ. އެކަން އެއީ ޙައިދަރާއި ދިލްނަޝީން ، ގާތްކޮށްދީފާނެކަމަކަށްވެސް ވެދާނެއެވެ.

އަނީސާގެވެސް ދުޢާއަކީ އެއީއެވެ. ދިލްނަޝީނަށް ލެއްވި ރަޙުމަތުގައި ، އޭނާގެ ދަރިފުޅުގެ ދިރިއުޅުން ބާއްޖަވެރިވެގެން ދިއުމެވެ.

ކާމޭޒުދޮށަށްދިޔަތަނުން ދުވި މީރުވަހުން ، ޙައިދަރު ނޯއްދަމައިލިއެވެ. އެހުރިހާ އެއްޗެއް ތައްޔާރުކުރީ ދިލްނަޝީންތޯ ، ކުލްސޫމާ ސުއާލު ކުރިއެވެ. ހެނދުނުގެ ގިނަވަގުތު ދިލްނަޝީން ހޭދަކުރީ ބަދިގޭގައެވެ. ބާބަރާއަށް މިއަދަކީ ޗުއްޓީ ދުވަހެކެވެ. އޭނާ ، ބަދިގެއާވީ ފަރާތް ބަލައިވެސް ނުލައެވެ. މޭޒުމަތި ފުރެންދެން އަތުރާފައިވާ އެހުރިހާ އެއްޗަކީ ، ދިލްނަޝީންގެ ދެއަތުން ތައްޔާރުކުރި ތަކެއްޗެވެ. ކާންފެށުމަށް ކުލްސޫމް ބުނުމާއެކީ ،  އޭނާ މަޑުކޮށްގެން އެއިނީ މެހެމަލްއަށްކަމުގައި ޙައިދަރު ބުންޏެވެ. ޙައިދަރު އެބުނި ވާހަކަޔަކުން ، ދިލްނަޝީންގެ ހިތަށްވެސް އުނދަގޫވި ކަމެކެވެ. އެކަމަކު ދިލްނަޝީން ވަކިއެއްޗެއް ނުބުނެއެވެ. އެހެނަސް ، އެކަމަށް ޖަދަލުނުކޮށް މަޑުން އިންނާކަށް ކުލްސޫމު ގަސްތެއް ނުކުރިއެވެ. މެހެމަލް ނަޔަސް ކާންފެއްޓުމަށް ކުލްސޫމް އެދުނެވެ. އެހެންނޫނީ ، އެއެއްޗެތި މާބޮޑަށް ހިހޫވެދާނެއެވެ. އެއީ ، މެހެމާނެއްކަމަށާއި ، މެހެމާނަކު ގޭގައި ހުއްޓާ ، އެމީހަކާނުލައި އެމީހުން ކެއުން އެއީ ރަނގަޅުނޫންކަމެއް ކަމަށް ޙައިދަރު ބުންޏެވެ. ކުލްސޫމް ، ނޯކަރަކަށް ގޮވައިލިއެވެ. ތަންކޮޅެއް އަވަހަށް އައުމަށް މެހެމަލްގާތު ބުނަން އޭނާ ފޮނުވިއެވެ. ނޯކަރުވަނީ ކުރިންވެސް ، މެހެމަލްގާތު އެވާހަކަ ބުނެފައެވެ. އެއީ މާމުހިންމު ކަމަކަށް މެހެމަލްއެއް ނުހަދައެވެ. އެންމެން އެތިބީ ، މެހެމަލްއަށް އިންތިޒާރު ކޮށްގެންނެވެ.

މެހެމަލް ކޮޓަރިތެރޭ އެއިނީ ބޮޑާހާކައި ކުނިމޫނު ދައްކައިގެންނެވެ. ޢީޝަލްވެސް ބަނޑުހައިވެގެން ކިތަންމެ ފަހަރަކު ކާންދާން ބުނެފިއެވެ. މެހެމަލްގެ މަޤްޞަދަކީ ، އޭނާގާތު ކާން އަންނާށޭ ބުނުމަށް ޙައިދަރު ، އެކޮޓަރިޔަށް ގެނައުމެވެ. ނޯކަރަކު އައިސް ކޮޓަރިޔަށްވަދެ ، މެހެމަލްގެ އިންތިޒާރުގައި ކާމޭޒުދޮށުގައި އެންމެން ތިބިވާހަކަ ބުންޏެވެ. މެހެމަލްގެ ފުރަތަމަ ސުއާލަކަށްވީ ، ޙައިދަރު އެތާ އެބައިންތޯއެވެ ؟ ޙައިދަރުވެސް އައިސް އެތަނުގައި އިންނަތާ އެތައް އިރެކެވެ. ދިލްނަޝީންވެސް އައިސް އެބައިނެވެ. ކާއެއްޗެތި ހިހޫވެދާނެތީ އެންމެންތިބީ ކަންބޮޑުވެފައެވެ. ޢީޝަލްވެސް އެއުޅެނީ ބަނޑުހައި ވެގެންނެވެ. ބޮޑާ ނުހާކައި މެހެމަލްވެސް ދެން ، ކާން އައުމަށް ނޯކަރުވެސް ބުންޏެވެ.

މެހެމަލް އެނދުން ތެދުވިއެވެ. އަތުކުރި އޮޅައިލިއެވެ. އަދި ނޯކަރުގާތަށް ، ޢީޝަލް ފޮނުވައިލައި މާނޭވާއެއް ލިއެވެ. މެހެމަލްގެ ޢަމަލުތައް ހުރިގޮތުން ނޯކަރުވެސް ކަންބޮޑުވިއެވެ. މެހެމަލް އެހުރިގޮތުން ، ހަނގުރާމައިގެ މައިދާނަކަށް ދާން ތައްޔާރުވިހެން ހީވާކަމަށް ނޯކަރު ބުންޏެވެ.

" އެއީ ، ހަނގުރާމައެކެވެ. އެ ހަނގުރާމައިން އަހަރެން ބަލިވީ ، އަމިއްލަޔަށް ކުރިކަމަކުންނެވެ. އަހަރެން ބަލިވެގެން ދޫކޮށްލި ހަނގުރާމައިގެ މައިދާން ، އަހަރެން ކާމިޔާބު ކުރާނެކަން ، ކަލޭމެން ހަނދާން ކުރާށެވެ ! މަޑުކޮށްލައިގެން ބަލަން ތިބޭށެވެ ! " މެހެމަލް ބުންޏެވެ.

ސިޑިން ފައިބައިގެން މެހެމަލް އަންނަމުން ، ކުލްސޫމްގެ ކިބައިން މަޢާފަށް އެދުނެވެ. ބޯ އަނބުރައިގަނެގެން އެނދުގައި ، ކުޑަކޮށް ޖައްސައިލަން ހަދައިގެން ލަސްވީކަމަށް މެހެމަލް ބުންޏެވެ. މެހެމަލް އެހެދީ ކަނޑައެޅިގެން ދޮގެއްކަން ނޯކަރަށް އެނގުނެވެ. އެކަމަކު ، މެހެމަލް ކުރާހާކަމަކަށް އޭނާ އަނގަ ބާނައިގެން ނުވާނެކަން އެނގުނެވެ. ކުއްލިޔަކަށް އަރިއަޅައިގަނެ ސިޑިމަތިން ވެއްޓޭކަމަށްހަދައި ރޭލިންގައި މެހެމަލް ހިފަހައްޓައިލިއެވެ. ކުލްސޫމާއި ޙައިދަރު ކުއްލިޔަކަށް ތެދުވެ ، މެހެމަލްއާ ދިމާލަށް ދުއްވައިގަތެވެ. ދިލްނަޝީންވެސް ތެދުވެގެން ގޮސް ، މެހެމަލް ކޮޅަށްނަގަން މަސައްކަތް ކުރިއެވެ. ފަޔަށް ތަދުވެގެން މެހެމަލް އޭރު ރޮމުންގެންދިޔައެވެ. ހޮސްޕިޓަލަށް ގެންގޮސް މެހެމަލްއަށް ފަރުވާދިނުމަށް ، މެހެމަލްއާއެކީ ހޮސްޕިޓަލަށްދާ ވާހަކަ ކުލްސޫމް ބުންޏެވެ. އެހެންނަމަވެސް ، މަންމަ ދާނެކަމެއްނެތޭ ބުނެ ، މެހެމަލް ގޮވައިގެން ހޮސްލިޓަލަށްދާނީ އޭނާކަމަށް ޙައިދަރު ބުންޏެވެ.

ކާރަށް އަރަން ބޭރަށް ނުކުތްއިރު ، މެހެމަލްގެ ފަޔަށް ތަދުވާވަރުން ، ނުހިނގިގެން އޭނާއޮތީ ޙައިދަރުގެ ކޮނޑުގައި އެލިގަނެގެންނެވެ. ތަދުވާވަރުން ރޮމުންގެންދެއެވެ. އެމީހުންނާއެކީ ދިލްނަޝީންވެސް ދިއުމަށް ކުލްސޫމް ބުންޏެވެ. ދިލްނަޝީންވެސް ހުރީ ހަދާނެގޮތް ބޮޑުވެފައެވެ. ދާންނުދާން ހުރެފައި އެމީހުންގެ ފަހަތުން ދިލްނަޝީންވެސް އައެވެ. ޙައިދަރުގެ ގައިގައި ބައްދަމުން އަރިއަޅަމުން މެހެމަލް ދިޔައިރު ، ދިލްނަޝީނަށް އެތަން ފެނެއެވެ. ދިލްނަޝީން ކަރުކެހިލުމުން ، ޙައިދަރު ބަލައިލައި ކިހިނެއްވީތޯ ސުއާލު ކުރިއެވެ. ދިލްނަޝީން އެއައީ ، މަންމަ ބުނެގެން އެމީހުންނާއެކީ ހޮސްޕިޓަލަށް ދާށެވެ. ހޮސްޕިޓަލްގައިވާނީ ކިހާއިރެއްކަމެއްވެސް ނޭނގެއެވެ. މާބޮޑަށް ކަންބޮޑު ނުވުމަށް ދިލްނަޝީންގާތު ޙައިދަރު ބުންޏެވެ. އޭނާއަށް މަޑުނުކޮށް ދިލްނަޝީންމެން ކައިގެން ، ގޭގައި މަޑުކޮށްލުމަށް ބުނަމުން ، ޙައިދަރު ކާރަށް އަރައި ދުއްވައިލިއެވެ. މެހެމަލްއިނީ ، މަކަރުވެރި ހިނިތުންވުމަކުން ، ދިލްނަޝީނާ ދިމާލަށް ބަލަހައްޓައިގެންނެވެ.

ޙައިދަރު އެދިޔައީ ، އެދުވަހު ހަތަރުދަމު ބަދިގޭގައި އުޅެ ، އޭނާ ޙައިދަރަށް ކައްކައިދިން އެއްވެސް އެއްޗެއްގެ ރަހަވެސް ބަލައި ނުލައެވެ. ކުރި ހުރިހާ މަސައްކަތެއް އެވީ ބޭކާރެވެ. އެއީ އިއްތިފާޤެއް ބާވައެވެ ؟ ނުވަތަ މެހެމަލްގެ މަކަރުވެރި ރޭވުމުން އުފެއްދި ޑްރާމާއެއް ބާވައެވެ ؟ ދިލްނަޝީންގެ ހިތުގައި ، އެކަހަލަ ވަސްވާސްތަކެއް އުފެދިގެން ދިޔައެވެ.( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. Mi mehemal ves haadha haadha foohi vahtharu kahshey aulhenee
    Haidharu ves mehemal jahaa haasakaraathuga
    Aba byveri vevey
    Haidharu anhenunge agu vazan nukuraathee vv foohi
    Aslu haidharah ahen avanee maa .muskulhiveema lobi vaan neygi maadhan muskulhi veema

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.