ރައީސުލްޖުމްހޫރިއްޔާ އެމެރިކާއަށް ވަޑައިގެންފި

އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފިއެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސުލްމުޖްހޫރިއްޔާ އެމެރިކާއަށް އަދި އދ.އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އެމެރިކާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާވިދާޅުވީ، ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ ޢަލީ ނަސީރު މުޙައްމަދެވެ.

މި ދަތުރުފުޅުގައި އދ.ގެ އާންމު މަޖިލީހުގެ އެކި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އދ.ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ ބަހުސެއްގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ "ސަމިޓް އޮފް ދަ ފިއުޗަރ"ގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.