ނޭޕާލްގެ ކޮންސްޓިޓިއުޝަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ނޭޕާލްގެ ކޮންސްޓިޓިއުޝަން ދުވަހުގެ މުނާސަބަތުގައި، ނޭޕާލްގެ ރައީސް ރާމްޗަންދްރަ ޕޯޑެލް އަދި ބޮޑުވަޒީރު ކޭ.ޕީ. ޝަރްމާ އޮލީއަަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

މިދެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ރާއްޖެއާއި ނޭޕާލާއި ދެމެދުގައި އޮތް ގުޅުމަކީ ދެޤައުމުގެ މެދުގައި އޮންނަ އިޙްތިރާމާއި، ރައްޔިތުންގެ މެދުގައި އޮތް ދެމެހެއްޓެނިވި ގުޅުމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ޒަމާނުއްސުރެ ދެ ޤައުމުގެ މެދުގައި އޮތް މި ގުޅުން ދެގައުމަށް ލާބައާއި މަންފާވާނެހެން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ނޭޕާލްގެ ކޮންސްޓިޓިއުޝަން ދުވަހަކީީ 20 ސެޕްޓެންބަރު 2015 ގައި އެ ޤައުމުގެ އާ ޤާނޫނު އަސާސީ ތަންފީޒުކުރަން ފެށި ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.