"ކާވާ ވިމެންސް ވޮލީ ބޯލް ޗެލެންޖު 2024" ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
ސޯޝަލް ސެންޓަރުގައި ރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ ރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމާއި ކިރިގިސްތާންގެ ޓީމެވެ. މި މެޗް ދެ ސެޓު ތިންސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކިރިގިސްތާންގެ ޓީމެވެ.
ކާވާ ވިމެންސް ވޮލީ ބޯލް ޗެލެންޖު 2024" ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ޗެމްޕިއަން ޓީމަށް ރަން މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އަދި ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.
ދިވެހި ޤައުމީ ވޮލީޓީމް ކާވާ އަންހެން ވޮޅީ ބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅުނު މިއީ ދެވަނަ ފަހަރެވެ. މި ސެޕްޓެމްބަރު މަހުގެ 6 އިން 11 އަށް ކުރިއަށްދިޔަ މި މުބާރާތުގައި ވާދަކުރީ ދިވެހިރާއްޖެ، އަފްޣާނިސްތާން، ކިރްގިސްތާން އަދި ތަޖިކިސްތާނެވެ.