އައްޑޫ މުޒާހަރާއިން، ޑެޕިޔުޓީ މޭޔަރު ޔަސްރިފް ބަންދުކޮށްފި

އައްޑޫސިޓީގައި މިއަދު ހަވީރު ބޭއްވި  މުޒާހަރާގައި ބައިވެރިވި އެސިޓީގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި، އެމްޑީޕީ ހިތަދޫ މެދުދާއިރާގެ ރައީސާއި، އެމްޑީޕީ އައްޑޫ ދާއިރާގެ ނާއިބު ރައީސް އިބްރާހީމް ރަޝީދު (އިބުރޭ) އާއި އާންމުންގެ 3 މީހަކު ހައްޔަރު ކޮށްފިއެވެ.

މިއަދު ހަވީރު ބޭއްވި މުޒާހަރާއަކީ މިހިނގާ ފެބުރުއަރީމަހު ފުރަތަމަ ދުވަހު ސްޕްރީމްކޯޓުން ނެރެފައިވާ އަމުރު ނުވަތަ ހުކުމް ތަންފީޒު ކުރުމަށް ގޮވާލައި ބޭއްވި މުޒާހަރާއެކެވެ.

ސްޕްރީމްކޯޓުގެ އެ އަމުރުގައި ވިދާޅުވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ނާއިބު ރައީސް އަހުމަދު އަދީބާއި، ގާސިމް އިބްރާހީމާއި، ފާރިސް މައުމޫންނާއި، ޝައިޚު އިމްރާނާއި މިހެންގޮސް 9 ބޭފުޅަކު މިނިވަން ކުރެއްވުމަށެވެ.

އެއަމުރު ނެރުމުގައި އުއްތަމަފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދު ރިޝްވަތު ހިއްޕަވައިފައިވާ ކަމަށް ވިދާޅުވެ އެބޭފުޅުން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދުކޮށްފައެވެ.

އެ ދެބޭފުޅުން ހައްޔަރު ކުރުކުރެއްވުމަށްފަހު ސްޕްރީމްކޯޓުގެ ތިން ފަނޑިޔާރަކުވަނީ އެ އަމުރު ބާތިލް ކުރައްވައިފައެވެ. އެހެން ނަމަވެސް މުޒާހަރާއަށް ނުކުތް ރައްޔިތުން ބުނަނީ އެމީހުން ގަބޫލުކުރަނީ ފެބުރުއަރީ އެކެއްގެ އަމުރު ކަމަށެވެ. ސަބަބެއް ކަމަށް ބުނަނީ އެ އަމުރުގައި ސްޕްރީމްކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވާތީއެވެ. ތިން ފަނޑިޔާރުން ނެރޭ އަމުރަށްވުރެ ސްޕްރީމްކޯޓުގެ ފުލް ބެންޗުކަމަށްވާ ފަސްފަނޑިޔާރުން ނެރޭ އަމުރުގެ ސައްހަކަން ބޮޑުވާނެ އެމީހުން ބުނެއެވެ.

މާދަމާވެސް މުޒާހަރާއަށްނުކުންނާނެ  ކަމަށް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ. މާދަމާ އޮންނާނީ ވެހިކަލް ބުރެއް ކަމަށްވެސް އެފަރާތުން ބުންނެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.