ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ އިފްތިތާޙްކުރައްވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކޮމިޓީގެ މެންބަރުންނަށް ބެޖު ޙަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތަށްފަހު ބޭއްވެވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ އެކުލަވާލެއްވުމުގެ މައިގަނޑު މަގުސަދުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ޤައުމުގެ އާބާދީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރާ ބަޔަކީ ޒުވާނުން ކަމަށާއި ޒުވާނުންގެ ފަރާތުން ޤައުމެއް އަދި ސަރުކާރެއް ހިންގުމުގައި އަދި ދަޢުލަތުގެ އެހެން ހުރިހާ ކަމެއްވެސް ބައްޓަންކުރުމުގައި ބަސްބުނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ މަސައްކަތެއް ފެށިގެން ދިއުމުން ޒުވާނުންގެ ފަރާތުން އެ ޒުވާނުންގެ ވިސްނުން ހިއްސާކޮށް، ކަންކަމުގައި ފެންނަގޮތް ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެ ކޮމިޓީގެ ފަރާތުން ވަނީ މިފަދަ ފުރުޞަތެއް ފަހިކޮށްދެއްވައި، ކަންކަމުގައި ޒުވާނުންގެ ޚިޔާލު ހޯއްދެވުމަށް މިފަދަ ފުރުޞަތެއް ފަހިކޮށްދެއްވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި އެއްގޮތަށް ކޮމިޓީގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ޒުވާނުންގެ ކަންބޮޑުވުންތަކާއި އިޙުސާސްތައް އަޑު އިއްވައިދިނުމަށް ރާވާފައިވާގޮތް ކޮމިޓީގެ ފަރާތުން އެމަނިކުފާނާއި ހިއްސާކުރެއްވިއެވެ.