ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ވެރިކަމަށް ރައީސް ޔާމީން ނޫން އެހެން ބޭފުޅަކު އިންތިޚާބު ކޮށްފި ކަމަށްވާނަމަ އެބޭފުޅަކަށް ގައުމު ކޮންޓްރޯލް ނުކުރެވޭނެ ކަން ކަށްވަރު ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދޫގަސް ތަރައްގީ ކުރުމުގެ ކޮންސެޕްޓް ޑިޒައިން އިފްތިތާހު ކުރުމަށް ރޭ ދޫގަހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީން ނޫން އެހެން ބޭފުޅަކަށް މިގައުމުގެ މިނިވަންކަންވެސް ދިފާއު ނުކުރެވޭނެ ކަމަށެވެ. އޭގެ އިތުރަށް އިގްތިސާދުވެސް ހަލާކު ކޮށްލާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް ހަމަ ޔަގީން ކަށަވަރު ރައީސް ޔާމީން ނޫންބޭފުޅަކު މިގައުމުގެ ވެރިކަންކުރަން ހިއްޕަވައިފި ކަމަށް ވަންނާ އެބޭފުޅަކަށް މިގައު ކޮންޓްރޯލް ނުކުރެވޭނެ. އަދި މިގައުމުގެ މިނިވަންކަން ދިފާއެއްނުކުރެވޭނެ. ގައުމުގެ އިގްތިސާދު ހަމަ ހެޑަށް އޮޅުވާލާނީ. މީއީ ޝައްކެއް އޮތްކަމެއް ނޫން،" ސައީދު ވިދާޅުވިއެވެ.
މި ސަބަބުތަކަށްޓަކައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ފުރުސަތު ދެއްވައި ދެވަނަ ދައުރަކަށް އެމަނިކުފާނަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ޚާއްސަކޮށް އައްޑޫ ރައްޔިތުން ޔާމީނަށް ވޯޓު ދެއްވައި ބޮޑު އަޣުލަބިއްޔަތަކުން އެމަނިކުފާނު ހޮވަން ޖެހޭކަމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.
މިވަގުތަކީ ބައެއްގެ އަޅުވެތި ކަމަށް ރާއްޖެ ފޮނުވާލުމަށް ބަޔަކުކުރާ މަސައްކަތް (އަދި ނުކުރި ކަމަށްވިޔަސް) ކާމިޔާބު ވިޔަ ނުދިނުމަށްޓަކައި އެންމެން އަތުގުޅާލަންވީ ވަގުތު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށް ރައްޔިތުންނަށް ލިބޭނެ އެންމެފަހު ފުރުސަތު ކަމަށާއި، އެފުރުސަތު ބޭކާރު ނުކޮށް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓު ދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.